މަސްޖިދުއް ނަބަވީގެ އިމާމު ރާއްޖެ ވަޑައިގަތުން.
21 އެޕްރީލް 2025 - 15:36
ކީރިތި ރަސޫލާ ﷺ ގެ މިސްކިތް ކަމަށްވާ މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލްބުދައިރު، ރަސްމީ ދަތުރެއްގައި މިއަދު ރާއްޖެ ވަޑައިގަތުމުން ރަތް ދޫލައިގެ މަރުހަބާއެއް ދަންނަވައިފި އެވެ.
ފަސް ދުވަހުގެ ދަތުރެއްގައި އިމާމު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިހް މުހައްމަދު ލަތީފު އަދި އެ މިނިސްޓްރީގެ އިސްވެރިންނެވެ.
މި ދަތުރުގައި ހަރަމްފުޅުގެ އިމާމުގެ ދަރުސް ބާއްވާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:15 ގައި އިސްލާމީ މަރުކަޒުގަ އެވެ. އެ ދަރުސް ދިވެހި ބަހަށް ތަރުޖަމާ ކޮށްދެއްވާނީ މިނިސްޓަރު ޝަހީމެވެ.
މަސްޖިދުއް ނަބަވީގެ އިމާމް ޑރ. ސަލާހުލްބުދައިރާއި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް މިއަދު ވެލާނާ އެއާޕޯޓުގައި.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ނަބަވީގެ އިމާމް، އަންނަ ބުދަ ދުވަހުގެ ރޭ ސަލްމާން މިސްކިތުގައި އިމާމުވެ މަޣުރިބް ނަމާދާއި އިޝާ ނަމާދުކުރައްވާނެ އެެވެ. ބުރާސްފަތި ދުވަހުގެ ރޭ އިޝާ ނަމާދު، އިސްލާމީ މަރުކަޒުގައި ވެސް އިމާމުވެ ކުރައްވާނީ އެ އިމާމެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު އިމާމުވެ، ކުރައްވާނީ ވެސް ޑރ. ސަލާހުލްބުދައިރު އެވެ.
ޑރ. ސަލާހުލްބުދައިރަކީ މަދީނާގެ ހަރަމްފުޅުގައި އިމާމުވެ، ތަރާވީހް ނަމާދު ވެސް ކުރައްވާ އަދި އިސްލާމީ ދުނިޔޭގެ އިހްތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ އިލްމުވެރި ބޭފުޅެކެވެ.
ހަރަމްފުޅުގެ އިމާމަކު އެންމެ ފުރަތަމަ ރާއްޖެ ވަޑައިގަތީ މީގެ 40 އަހަރު ކުރިންނެވެ. މައްކާގެ ހަރަމްފުޅުގެ އިމާމު ޝައިހު މުހައްމަދު އައްސުބައްޔިލު އޭރު ރާއްޖެ ވަޑައިގަތީ މާލޭގެ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސެލަރު...
21 April 2025
މިފަދަ އިމާމުންގެ ނަސޭހަތް މިކަހަލަ ދަތުރްކަށްވުރެ މުހިންމު. ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންގެ ދިފާޢުގައި މިފަދަ އިމާމުން ބަހެއް ބުނެލަދެއްވާ. އާދޭސްކުރަން!
ބައިކޯ ފު
21 April 2025
އެ ބޭފުޅާ ބޭނޫމެއް ނުވެދާނެ މި ދެއްކި ކުޅިވަރު؟ އެކަމަކު އުޅޭނެއުތަ ދެއްކުން ތެރިކަން ދައްކަން އުޅޭ ބޭކަލުން ާ
މަރްޙަބާ
21 April 2025
ރައީސްކަމަށް ދޮންވެ ފައްކާވަނީ، އުސްތާޒް ޝަހީމް.
ޕޫރުބެ
21 April 2025
އިމާމުގެ ދަތުރުގެ ބޭނުމެއް ނެތް! ފަލަސްތީނު އެއްމެ މީހެއްގެ ބޭނުން މާބޮޑު
އިސްލާމީ އުންމަތަށް މިހާ ނިކަމެތި ދުވަސްވަރެއްނެތް!
21 April 2025
މިއަދު އިސްލާމީ އުންމަތް މިއޮތްހާލު ފެނިފަ ގިސްލަން؟ މަތީފާސްތަކާ ދީނީ އެތަށް ނަމެއް، ހައްގަށް ބަހެއް ބުނަން ޖެހުނީމަ، ފިނޑިވެފަ، ވަޒީފާ ފަހަތުން ދުވަނީ؟
އަންހެނެއް.
21 April 2025
ނަބަވީ މިސްކިތުގެ އިމާމުގެ ފަހަތުގައި ނަނާދުކުރަން މިސްކިތަށް ހިނގައްޖެނަމަ އަނެއްކާ ބިދުޢައަކަށް ވެދާނެބާ؟ ހަމައަހާލެވުނީ.
ފިރިހެނެއް
21 April 2025
ވަކިމީހެއްގެ ފަހަތުގަ ނަމާދު ކުރުމުގެ ނިޔަތުގަ ގޮސްފިނަމަ އެއީ ބިދުއަކަށް ވެދާނެ. ވަﷲ އައުލަމް..
ކޮއްކޮބެ
21 April 2025
ނިޝާނު އިއްޒުއްދީނުގެ ލަގަބު އެބޭފުޅާއައް ހައްގެއް ނުވޭތޯ... މީގެ 2 މަހެއްހާ ދުވަސް ކުރިންް ރާއްޖެއައި އަރައްބަކައްވެސް ލަގަބު ދީފައޮތީ...
އަހުމަދު ކަލޯ
21 April 2025
މި ވަގުތު މާލޭ ގަ ނުހުރެވުމުން ހިތާމަ ކުރަން. ލޮބުވެތި ރަސޫލާ އަށް އޮތް ލޯބި އެމާތް މިސްކޮޅަށާއި އިމާމަށް އެބައޮޮތް. ޚަބަރު ކިޔާފަ ވީ ދެރައެއް ކަމެއް ނުވަތަ ވީ އުފަލެއް ކަމެއްވެސް ނޭގުނު. ރޮވިއްޖެ.