އެމްއެންޑީއެފްގެ މަނަވަރު "ހުރަވީ"ގެ މަރާމާތަށް ފަހު މުމްބާއީން ފުރުމުގެ ކުރިން ބޭއްވި ހަފުލާއެއް.-- ފޮޓޯ: އިންޑިއާގެ ނޭވީ
22 އެޕްރީލް 2025 - 11:29
ރާއްޖޭގެ ކަނޑުގެ އަސްކަރިއްޔާގެ އެންމެ ބޮޑު އުޅަނދު ކޯސްޓްގާޑް "ޝިޕް ހުރަވީ" މަރާމާތަށް އިންޑިއާގައި ހަތަރު މަސްދުވަހު އޮތުމަށް ފަހު އެނބުރި ރާއްޖެ އައުމަށް އިއްޔެ ފުރައިފި އެވެ.
މި އުޅަނދަކީ 2006 ވަނަ އަހަރު އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި މަނަވަރުގެ ބަދަލުގައި 2023 ވަނަ އަހަރު ހަދިޔާކުރި މަނަވަރެކެވެ. ކުރިން ދުއްވި މަނަވަރު ބޭނުންކުރުން ހުއްޓާލުމަށް ފަހު، ހަމަ "ހުރަވީ"ގެ ނަމުގައި މި އާ އުޅަނދު ވަނީ ހިދުމަތަށް ނެރެފަ އެވެ. އޭގެ ފަހުން މި އުޅަނދު މަރާމާތަށް އިންޑިއާއަށް ފޮނުވި މިއީ ފުރަތަމަ ފަހަރެވެ.
އެ އުޅަނދަކީ ކުރީގެ "ހުރަވީ"އަށް ވުރެ ބޮޑު އަދި އޮޕަރޭޝަނަލް ގާބިލުކަން އިތުރު، ފަހުގެ އުޅަނދެކެވެ.
އެމްއެންޑީއެފްގެ މަނަވަރު "ހުރަވީ"ގެ މަރާމާތުގެ މަސައްކަތް ކުރިއަށް ދިޔައިރު ނަގާފައިވާ ފޮޓޯތަކެއް.-- ފޮޓޯ: އިންޑިއާގެ ނޭވީ
އިންޑިއާގެ ނޭވީން ފޭސްބުކްގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ މުމްބާއީގެ ނޭވަލް ޑޮކްޔާޑުގައި ދިވެހި ކޯސްޓްގާޑުގެ އުޅަނދު "ހުރަވީ" ފުރަތަމަ ފަހަރަށް މަރާމާތުކުރުމަށް ފަހު އެނބުރި ރާއްޖެ އައުމަށް ފުރާފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު މަރާމާތަށް ގެންދިޔަ އެ އުޅަނދުގެ ހުރިހާ މެޝިނަރީތަކާއި ހަތިޔާރުތަކާއި ސެންސަރުތައް މަރާމާތުކޮށް، އުޅަނދުގެ އެހެން ބައިތައް ވެސް ވަރަށް ރަނގަޅަށް މަރާމާތުކޮށްފައިވާ ކަމަށް އިންޑިއާގެ ނޭވީން ބުންޏެވެ.
އިންޑިއާގެ ނޭވީން ބުނި ގޮތުގައި، އެ އުޅަނދު މަރާމާތުކުރުމަށް ފަހުގައި ބަނދަރާއި ކަނޑުމަތީގައި ޓެސްޓުތައްކޮށް، އިކުއިޕްމަންޓްތަކުގެ އޮޕަރޭޝަނަލް ޗެކްތަކާއި ސަލާމަތީ އޮޑިޓްތައް އަދި އޮޕަރޭޝަނަލް ސީ ޓްރޭނިން ވެސް ކުރިއަށް ގެންދިޔަ އެވެ.
"އެމްއެންޑީއެފް ހުރަވީ ކާމިޔާބުކަމާ އެކު މަރާމާތުކުރެވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ހާރިޖީ އަދި ދިފާއީ ގުޅުން ފާހަގަކޮށްދޭ ކަމެއް. އަދި މި ސަރަހައްދުގައި އިންޑިއާއަކީ އިތުބާރު ހުރި ބައިވެރިއެއްގެ ގޮތުގައި ހުރުމުގެ އަޒުމް އަލުން ކަށަވަރުކޮށްދިން ކަމެއް،" އިންޑިއާގެ ނޭވީން ކުރި ޕޯސްޓުގައި ބުންޏެވެ.
އެމްއެންޑީއެފްގެ މަނަވަރު "ހުރަވީ"ގެ މަރާމާތަށް ފަހު މުމްބާއީން ފުރުމުގެ ކުރިން ބޭއްވި ހަފުލާއެއް.-- ފޮޓޯ: އިންޑިއާގެ ނޭވީ
ކުރީގެ "ހުރަވީ"ގެ ބަދަލުގައި އިންޑިއާ ސަރުކާރުން ދިން އާ މަނަވަރު ރަސްމީކޮށް ދިވެހި ސަރުކާރާ ހަވާލުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މެއި 2، 2023 ގަ އެވެ. އެ އުޅަނދު ރަސްމީކޮށް ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނާތު ސިންހް އޭރު ރާއްޖެ ވަޑައިގެންނެވެ.
އެމްއެންޑީއެފުން ކުރިން ބުނެފައިވާ ގޮތުގައި، 2006 ވަނަ އަހަރު ފުރަތަމަ "ހުރަވީ" މަނަވަރު ހަދިޔާކުރި ފަހުން ކޮންމެ ދެ އަހަރަކުން އެ އުޅަނދު މަރާމާތުކުރުމުގެ މަސައްކަތް އިންޑިއާ އިން ހިލޭ ކޮށްދެ އެވެ. އިންޑިއާގެ ނޭވަލް ޑޮކްޔާޑްގައި ހަ ފަހަރެއްގެ މަތިން އެ އުޅަނދު މަރާމާތުކޮށްދީފައިވެ އެވެ.
އެމްއެންޑީއެފްގެ މަނަވަރު "ހުރަވީ"ގެ މަރާމާތަށް ފަހު އެނބުރި ރާއްޖެ އައުމަށް މުމްބާއީގެ ނޭވަލް ޑޮކްޔާޑުން ފުރަނީ.-- ފޮޓޯ: އިންޑިއާގެ ނޭވީ
މީގެ ކުރިން 2019 ގައި ވެސް އިންޑިއާ އިން ވަނީ ރާއްޖެއަށް ކަނޑުގެ އަސްކަރީ އުޅަނދެއް ހަދިޔާކޮށްފަ އެވެ. އެ އުޅަނދަށް އެމްއެންޑީއެފުން ނަން ދީފައި ވަނީ ކޯސްޓްގާޑް "ކާމިޔާބު"ގެ ނަމުންނެވެ. ސިފައިން އަންނަނީ އިންޑިއާ އިން ހަދިޔާކުރި ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ވެސް ބޭނުންކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
23 April 2025
ގައްސާނު، ހިލްމީ އަދި ގިޔާއްޓޭގެ ޒައާމަތުގައި އެބަ ފެނޭ ދިފާއީބާރު ކުރިއަރަމުންދާ ވަރު. ތިޔަ ތިން ބޭފުޅުން ދިވެހިރާއްޖޭގެ ދިފާއީބާރު ހަރުދަނާ ކޮށް ވަރުގަދަ ކުރަން ތިޔަ ކުރައްވާ މަސައްކަތަށް މާތްﷲ ރަހްމަތް ލައްވާށި އާމީން.
ތެފައާސާ.
22 April 2025
މަރުހަބާ. ރައީސްގެ އިސްނެންގެވުމާއި އިރުޝާދާއި މަޝްވަރާގެ މަތިން ސިފައިންގެ ބޮޑު މަނަވަރު "ހުރަވީ" މަރާމާތަށް ފަހު އެނބުރި ރާއްޖެއައުމަކީ ގައުމަށާއި ރައްޔިތުންނަށް ލިބިގެންދިޔަ ނުހަނު ބޮޑު އުފަލަކާއި ޝަރަފެއް. އަދިވެސް އެއްފަހަރު މަރުހަބާ.
ޕުނާނީ
22 April 2025
ދިވެހިރާއްޖޭގަ މަނަވަރު ބަންނަން ފަށަންޖެހޭ މިހާރު. ނުޖެހޭ އިންޑިއާ ތުރުކީން ބާދަގަނޑަށް ކިރަންޖެހުނީމަ "ހަދިޔާ" ކުރާ އުޅަނދުތަކެއް ހޯދާ ކޮންމެ އަހަރަކު 5 ފަހަރު މެއިންޓެނަންސަށް އެގައުމުތަކަށް މިލިއަނުން ލާރިދޭން.
ކަމްބްލަރ
22 April 2025
ތީ މަނަވަރެއްތަ. ތީ ލޯންޗެއްނު. ތިއަށްވުރެ ބޮޑު ލޯންޗް ހުރޭ ރިސޯޓްތަކުގަވެސް.
ފޮނިމަޑު
22 April 2025
ބޭނުން ހިފޭ އެއްޗެއް ނޫން، ތިވެސް ތުރުކީ މަނަވަރާ އެކޮށް ބާ ދަގަނޑަށް ކިރާފަ ލިބޭ ލާރި ދައުލަތުގެ ހަޒާނާޔަށް ލާ.
ލުބްލާ2025
22 April 2025
ތިސައިޒުގެ ކުދި އުޅަނދުފަހަރަށް "މަނަވަރު" ކިޔާތަ. ނޭނގޭތީ އަހާލީ.
މަހަލްދީބު
22 April 2025
ތީގަ ހުންނާނެ މިހާރު އިންޑިޔާ މީހުން ޖާސޫސުކުރަން ބޭނުންވާ އެކިޒާތްޒާތުގެ ވަޞީލަތްތައް ހަރުކޮށްފަ. ދިވެހިންގެ ތެރޭ މިފަދަ ކަންކަން ދެނެގަނެ މި ވަޞީލަތްތައް ޑިސްއޭބަލްކުރުމުގެ ޤާބިލުކަން އެބަހުރިބާ؟ ނުވީތާކަށް ރާއްޖޭގެ މައި ދޮރާށި ކަމުގައިވާ އިމިގްރޭޝަން ކައުންޓަރުތަކުގައި ބޭނުންކުރާ އެމެރިކާގެ "ހިލޭ އެހީގެ ދަށުން ދިން" ސޮފްޓްވެއަރ އިން ރާއްޖެ އެތެރެވާމީހުންނާ ބޭރުވާމީހުންގެ މަޢުލޫމާތު ބަރާބަރަށް އެމީހުންނަށް ލިބެމުން ދާނީ.!!!
ފޫހި
22 April 2025
އަބަދު ތިޔަ އުޅަދު އޮންނަނީ މަރާމާތަށް އިންޑިޔާއަށް ގެންގޮއްސަ
ފޫހި އަމާ
22 April 2025
ފިތުނަ....