ދުނިޔޭގެ ދުވަހުގެ މުނާސަބަތު ހަދައިފައިވާ ގޫގުލްގެ ޑޫޑުލް.
22 އެޕްރީލް 2025 - 23:29
މިއަދު ފާހަގަކުރާ "އާތު ޑޭ" ނުވަތަ ދުނިޔޭގެ ދުވަހުގެ މުނާސަބަތުގައި ގޫގުލްގެ ޑޫޑުލްގައި ރާއްޖޭގެ ރީތި ރަށެއް ކަމަށްވާ ށ. އެރިޔަދޫ ހިމަނައިފި އެވެ.
ދުނިޔޭގެ ދުވަހާ ގުޅުވައިގެން، ގޫގުލްގެ ހޯމް ޕޭޖުން ފެންނަ ޑޫޑުލް މިއަދު ހަދާފައިވަނީ ދުނިޔޭގެ އަޖައިބެއް ކަހަލަ ރީތި ހަ ތަނެއްގެ މަންޒަރުތައް ބޭނުންކޮށްގެންނެވެ. ޑޫޑުލްގައި ހިމަނާފައި ވަނީ އިނގިރޭސިބަހުން ގޫގުލް ކިޔާއިރު އޮންނަ ހަ އަކުރުގެ ބައްޓަން ސިފަވާ ގޮތަށް އޮންނަ ތަންތަނެވެ.
ޑޫޑުލްގައި، ހިތްގައިމު އެރިޔަދޫ އޮތީ ގޫގުލްގެ "ޖީ" އަކުރުގެ ގޮތުގަ އެވެ.
އެރިޔަދޫއަކީ ހުއިފިލަނޑާ އާލާކުރުމަށް ސަރުކާރުން ވަރަށް ކުރީއްސުރެ އަމިއްލަ މީހަކަށް ކުއްޔަށް ދޫކޮށްފައި އޮންނަ ރަށެކެވެ. އެ ރަށުގެ ހާއްސަ، ރީތި ނޫފެހި ވިލު ބޭނުންކުރަމުން އަންނަނީ ހުއިފިލަނޑާ އަލާކުރުމަށެވެ.
ޑޫޑުލްގައި އެ ރަށް ހިމެނުމަށް ފަހު ގޫގުލް އިން ބުނީ މިފަހަރު "ޖީ" އަކުރު ހާއްސަކުރީ ރާއްޖެއަށް ކަމަށެވެ.
"ބިން ތިރިކޮށް ހެދިފައި އޮންނަ ސުވަރުގެއް ފަދަ ރާއްޖެ. މި ރީތި ޖަޒީރާ ގައުމު އެކުލެވިގެންވަނީ ވައް ބައްޓަމަށް އޮންނަ، މުރަކަ ފަރުތަކެއްގެ މަތީގައި އުފެދިފައިވާ ވިހި އަތޮޅުގެ މައްޗަށް. މި އަތޮޅުތަކުގައި ރީތި ފަޅުތައް ހުރޭ. އަދި 'އެޓޯލް' މި ބަސް އައިސްފައި ވަނީ ވެސް ދިވެހިބަހުން،" ގޫގުލް އިން ބުންޏެވެ.
އެރިޔަދޫ
ޑޫޑުލްގައި "އޯ" އަކުރުގައި ހިމަނާފައި ވަނީ ފްރާންސްގެ އެލްޕްސް ފަރުބަދަތަކެވެ. އެއީ ހިލަ ފަރުބަދަތަކާއި ރީތި ފެހި ގަސްތަކުން ޖަރީވެފައި އޮންނަ ރީތި ސަރަހައްދެކެވެ.
ދެވަނަ "އޯ" އަކުރުގައި ހިމަނާފައި ވަނީ ރީތި ކޯރަކާ އެކު އޮންނަ، ގަސްގަހާގެއްސާއި ދިރުންތަކުން މުއްސަނދި ސަރަހައްދެއް ކަމަށްވާ ކެނެޑާގެ ކޯޓް-ނޯޑެވެ.
ދެވަނަ "ޖީ" އަކުރުގައި އާޖެންޓީނާ ދެކުނުގެ ސަރަހައްދެއް ކަމަށްވާ މެންޑޯޒާގެ މަންޒަރެއް ހިމަނާފައިވާއިރު، "އެލް" އަކުރުގައި ހިމަނާފައި ވަނީ އެމެރިކާގެ ޔޫޓާގެ ހަނަފަސް ސަރަހައްދެކެވެ. އަދި "އީ" އަކުރު ހާއްސަކޮށްފައި ވަނީ އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގައި އޮންނަ ހިކިފަސް ސަރަހައްދަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާފެއްނޫން
23 April 2025
2ވަނަ ޖީ އެއީ ޖީއެއްކަން އެހާ ސާފެއް ނޫން. އެހެންވެ ރާއްޖޭގެ ޖީ މާ ބޮޑަށްވެސް ރީތި.
ބަބްސް
23 April 2025
ގޫގުލް އަށް މިރަށް ވިއްކާލާ .. 'G' އަކުރެއްގެ ސިފައިގަ މިއޮތް ރަށަށް އެމީހުން ބޮޑު އަގެއް ދީފާނެ.
ޤަރީބް
23 April 2025
ދުވަސްކޮޅަކުން ހިއްކާލާފަ، ރިސޯޓެއް ނޫނީ އެއަރޕޯޓެއް އަޅާލީމަ އޯކޭ ވާނެ
އަސްލުވެސް
24 April 2025
ރާއްޖޭގެ ރީތި ރައްތައް މުޅިން ހަލާކު ކޮށްލައިފި ތަރައްގީގެ ނަމުގަ.
ޢަލިކިލެގެފާނު
23 April 2025
ސޯ ވަޓް؟؟ ވީ ޑޯންގެޓް އެނީ ބެނެފިޓް
އައްލާބެއްޔާ.
23 April 2025
ސޯ ވަޓޭ! ކިލެގެފާނުގެ ނެތެއްނޫން މިކިޔާ ނެޝިނަލް ޕްރައިޑެއް، އިމޯސަނަލް ފީލިން އެއް. ހިއްސުސަލާމަތުންބާ. އަހަރުމެން މިތިބީ އުފަލުން ފޮޅިފަ، ފަހުރުވެރިވެ ދެފަރާތުން ޗޯފައިބާފަ. ބެނެފިޓަކީ އަތަށް ދިހަރުފިޔާ ލިބުން އެކަނިބާ؟
އައިމިނާބީ
23 April 2025
ޔޫ ވިލްގެޓް މޯރ ޓޫރިސްޓްސް