ޚަބަރު

ގާ ހުދުވުން: ދުނިޔޭގެ ފަރުތަކުގެ 84 ޕަސެންޓަށް ފެތުރި ނާޒުކު ހާލަތަކަށް ވެއްޓިއްޖެ

2014 ވަނަ އަހަރުގެ ގާ ހުދުވުމުގެ ބޮޑު ހާދިސާގައި ސަމޯއާގެ ފަރެއް ހުދުވެފައި.-- ފޮޓޯ: އެކްސްއެލް ކެޓްލިން ސީވިއު ސާވޭ

ދުނިޔޭގެ ފަރުތަކުގެ 84 ޕަސެންޓު ހުދުވާން ފަށައި ވަރަށް ނާޒުކު ހާލަތަކަށް ވެއްޓިފައިވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

އޭއެފްޕީން މިއަދު ރިޕޯޓްކުރި ގޮތުގައި، ދުނިޔޭގެ ފަރުތަކުގެ 84 ޕަސެންޓް ހުދުވާން ފަށައި، މި ބޮޑު ނުރައްކަލުގެ ސަބަބުން ކަނޑުގެ ދިރުންތަކަށާއި އިންސާނުންނަށް ވެސް މިކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމުގެ އިންޒާރު ސައިންސްވެރިން ވަނީ މިދިޔަ ހޯމަ ދުވަހު ދީފަ އެވެ.

މިއީ މިހާތަނަަށް ހިނގާ ގާ ހުދުވުމުގެ އެންމެ ބޮޑު ހާދިސާއަށް ވެދާނެ ކަމުގެ އިންޒާރު، 2023 ވަނަ އަހަރުގެ ކުރީ ކޮޅުން ފެށިގެން ސައިންސްވެރިން އައީ ދެމުންނެވެ. ޕެސިފިކް ކަނޑާއި އިންޑިއާ ކަނޑާއި އެޓްލާންޓިކް ކަނޑުގެ ފަރުތައް މިހާރު ވެސް ވަރަށް ބޮޑަށް ވަނީ ހުދުވެފައި ކަމަށް ރިޕޯޓްތައް ބުންޏެވެ.

ގާ ހުދުވުމަކީ ކަނޑުގެ ހޫނުމިން މައްޗަށް ދިޔުމާ ގުޅިގެން ހިނގާ ހާދިސާއެކެވެ. ދުނިޔެ ހޫނުވެ، އެކަމުގެ އަސަރު ކަނޑުގެ ލޮނުގަނޑަށް ކުރުމުން، ގާ ހުދުވަނީ ގަލުގައި ނުވަތަ މުރަކައިގެ ޓިޝޫގައި ދިރިއުޅޭ، ގަލަށް ދިރުން ގެނެސްދޭ ކުޑަކުޑަ ސޫތްޕެއް ކަމަށްވާ އަލްގީ ޒޫޒަންތަލޭ ގަލުން ނުކުތުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މުރަކައަށް ހުދުކަން އާދެ އެވެ.

އޭއެފްޕީން ބުނީ މީގެ ކުރިން ދުވަހަކު ވެސް ކަނޑުގެ ހޫނުމިން ނުދާހާ މައްޗަށް މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ގޮސްފައިވާ ކަމަށެވެ.

ފަރުތައް ރިކަވާ ވާނެ ކަމުގެ އުއްމީދު ކުޑަ

ސައިންސްވެރިން އޭއެފްޕީއަށް ބުނެފައިވާ ގޮތުގައި ކަނޑުގެ ހޫނުމިން ދިގު މުއްދަތަކަށް މަތީގައި ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ފަރުތައް ރިކަވާ ވުމުގެ ފުރުސަތު ވެސް ދަނީ ކުޑަވަމުން ކަމަށެވެ.

ޔޫއެސް ނެޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (އެންއޯއޭއޭ) އިން ބުނި ގޮތުގައި، ބައެއް ސަރަހައްދުތަކުގައި މި ހާލަތު ނުރައްކާތެރި ދަރަޖައަކަށް އަރާފައި ވާތީ، ފަރުތައް އެއްކޮށް މަރުވެ، އެ ފަރުތަކުގައި އުޅޭ ދިރުންތައް ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ވަރަށް ބޮޑުވެފަ އެވެ.

ގާ ހުދުވުމުގެ ހާދިސާގެ ސަބަބުން މުރަކައަކަށް އައިސްފައިވާ ބަދަލު.-- ފޮޓޯ: އެކްސްއެލް ކެޓްލިން ސީވިއު ސާވޭ

ކެރިބިއަން ސަރަހައްދުގައި ހިންގާ ހެލްތީ ރީފްސް ފޯ ހެލްތީ ޕީޕަލް އިނީޝިއޭޓިވްގެ ބައިވެރިއެއް ކަމަށްވާ މެލަނީ މެކްފީލްޑް ބުނި ގޮތުގައި، ގާ ހުދުވުމުގެ މި ހާދިސާ މިހާ ބޮޑުވެ، ދިގުލައިގެން ދިއުމުގެ ސަބަބުން، މި ކަހަލަ ހާދިސާތަކަށް މީގެ ކުރިން ނުގުޑާ ފަރުތައް ވެސް މިހާރު ވަނީ މަރުވާން ފަށައިފަ އެވެ.

"ހޫނުގަދަ މޫސުމުގެ އަސަރު ތަކުރާރުކޮށް ދިމާވަމުންދާ ނަމަ، ފަރުތައް ރިކަވާ ވާނެ ކަމަށް ގަބޫލުކުރަން ދަތި،" ފަރުތަކާ ގުޅޭ ދިރާސާތައް ކުރާ މި ސައިންސްވެރިޔާ ބުންޏެވެ.

ސައިންސްވެރިން ލަފާކުރާ ގޮތުގައި، ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތިވެއްޖެ ނަމަ، ދުނިޔޭގެ ފަރުތަކުގެ 70 ނުވަތަ 90 ޕަސެންޓް މަރުވާނެ އެވެ. މިކަމުގެ ނޭދެވޭ އަސަރު އިންސާނުންނަށާއި މުޅި ދުނިޔެއަށް ވެސް ކުރާނެ އެވެ.

ދުނިޔޭގެ ފަރުތައް މުހިންމު ވަނީ ކަނޑުގައި އުޅޭ ދިރުންތަކަށް އެކަންޏެއް ނޫނެވެ. ގޮނޑުދޮށްތަކާ ކައިރީގައި ދިރިއުޅޭ ސަތޭކަ އެތައް މިލިއަން މީހުން ކާނާއަށް ބަރޯސާވަނީ ވެސް މި ފަރުތަކަށެވެ. ގުދުރަތީ ހާދިސާތަކުން ހިމާޔަތް ހޯދަނީ ވެސް މި ފަރުތަކުންނެވެ. އަދި މަސްވެރިކަމާއި ޓޫރިޒަމުން އާމްދަނީ ހޯދުމަށް ވެސް ބަރޯސާވާން ޖެހެނީ މި ފަރުތަކަށެވެ.

މުޅި ދުނިޔޭގައި ގާ ހުދުވުމުގެ ހާދިސާއެއް، ފުރަތަމަ ފަހަރަށް އެންމެ ބޮޑަށް ފާހަގަކުރެވުނީ 1980ގެ އަހަރުތަކުގަ އެވެ. މިއީ އޭގެ ފަހުން ހިނގާ ހަތަރުވަނައަށް އެންމެ ބޮޑު ގާ ހުދުވުމުގެ ހާދިސާ އެވެ. އަދި މިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ހިނގާ މިފަދަ ދެވަނަ ހާދިސާ އެވެ.

ގދ. އެހިވަކާގެ ގޮނޑުދޮށް: ގާ ހުދުވުމުގެ އަސަރު ރާއްޖޭގެ ފަރުތަކަށް ވެސް ދަނީ ވަރަށް ބޮޑަށް ކުރިމަތިވަމުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މީގެ ކުރިން 2014-2017 ވަނަ އަހަރާ ދެމެދުގައި ހިނގި ހާދިސާއަށް ވުރެ ބޮޑު ސަރަހައްދަކަށް މިހާރު ވެސް ވަނީ ގާ ހުދުވުމުގެ އަސަރުކޮށްފަ އެވެ. އެ ފަހަރު ވަނީ ދުނިޔޭގެ ފަރުތަކުގެ 75 ޕަސެންޓް ހުދުވެފަ އެވެ.

އެންއޯއޭއޭ އިން މިދިޔަ ހޯމަ ދުވަހު ބުނި ގޮތުގައި، ޖެނުއަރީ 1، 2023 އިން ފެށިގެން މި މަހުގެ 20 ވަނަ ދުވަހާ ދެމެދުގައި، ދުނިޔޭގެ ފަރުތަކުގެ 83.7 ޕަސެންޓަށް ވަނީ ގާ ހުދުވުމުގެ އަސަރުކޮށްފަ އެވެ.

ރާއްޖޭގެ ފަރުތައް ހުދުވުމުގެ ހާދިސާއެއް ފުރަތަމަ ފަހަރަށް 1998 ގައި ފާހަގަކުރެވުނު ފަހުން އެ ކަހަލަ ހާދިސާތަކުގެ ދޭތެރެ ދަނީ ކައިރިވަމުންނެވެ. އެ އަހަރުގެ ފަހުން ހިނގި އެންމެ ބޮޑު ހާދިސާއަކީ 2016 ގައި އައި ގާ ހުދުވުމެވެ. ގާ ހުދުވުމުގެ ހާދިސާއެއް އެންމެ ރަނގަޅަށް ދިރާސާކުރެވުނީ ވެސް އެ ފަހަރެވެ. އެ ދިރާސާއަށް ފަހު މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓުން ނެރުނު ރިޕޯޓުގައިވާ ގޮތުން، 2016 ގައި ރާއްޖޭގެ ފަރުތަކުގެ 73 ޕަސެންޓް ހުދުވި އެވެ.

3 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮރަލް

23 April 2025

ތިޔަ މައުލޫއުގަ ވާހަކަ ދައްކާލަން އެންމެ ފަރިތަރަ ވާނީ ކުރީގެ ރައީސް މައުމޫން އެވެ. އޭނަ ދެއްކިވާހަކަ ތަކަށް އަމަލީ ސިފައެއް ބޮޑެތި ގައުމުތަކުން ގެނެވިފަ އެއް ނެތެވެ.

The name is already taken The name is available. Register?

ތަންދޮރު

23 April 2025

އަވަހަށް ސަރުކާރުގެ ހުރިހާ ޕޮރޮޖެކްޓްތަކެއް ހުއްޓާލާފަ 30 ދުވަހުގެ ޗުއްޓީއެއް ނަގާ.

The name is already taken The name is available. Register?

ބާރުލާފަ ކޮންމެސް ކޮންފަރެންސެއް

23 April 2025

އެހެންވީމަ ަވަހަލަށް ބާރުލާފަ ކޮންމެވެސް ކޮނފަރަންސެއް ބާއްވާފަ ދަތުރުތައް އަޅާލާ ދުނިޔެ ބަލައިލަން ދޭ. އޭރުން ފަރުތައް އިސާހިތަކު ކުލެޖެހިލާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454