އަންހެން މީހާ ވެއްޓުނު ހާދިސާ ހިނގި ގެ ކަމަށްވާ ހ. ފެންޓޯނިއާ.-- ފޮޓޯ: މިހާރު
24 އެޕްރީލް 2025 - 17:59
އަންހެން މީހާ ވެއްޓުނު ހާދިސާ ހިނގި ގެ ކަމަށްވާ ހ. ފެންޓޯނިއާ އަށް ނޫސްވެރިން ވަންނަން އެ ގެގޭ ވެރިފަރާތުން ހުއްދަ ނުދިން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިއާ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ ނޫސްވެރިންނަށް އެ ގެއަށް ވަދެވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް މިއަދުގެ ޕްރެސް ކޮންފަރެންސްގައި ފުލުހުން ބުނި ނަމަވެސް، އެ ގެގޭ ވެރިފަރާތުން އެކަމަށް އިންކާރު ކޮށްފައިވާ ކަމަށެވެ.
"މިއަދުގެ ޕްރެސްގައި ދެންނެވި ގޮތަށް ހާދިސާ ހިނގި ގެއަށް ނޫސްވެރިންނަށް ވަދެވޭނެ ފުރުސަތު ހޯދުމުގެ ގޮތުން އެ ގޭގެ ވެރިފަރާތާ މަޝްވަރާކުރުމުން އެ ގެއަށް މީޑިއާ ވެއްދުމުގެ ހުއްދަ ދެވެންނެތް ކަމަށް ވަނީ ދަންނަވައިފަ އެވެ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، އެ އަންހެން މީހާ ވެއްޓުނީ އެ ގޭގެ 9 ވަނަ ފުލޯގެ ސިޑިގޮޅީގައި ހުރި ފެންލައިޓުންނެވެ.
އިމާރާތުން ވެއްޓުނު އަންހެން މީހާ، 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދާއި އޭނާއާ އެކު އުޅުނު ފިރިހެން މީހާ ކަމަށްވާ 21 އަހަރުގެ ރައުދު އަހްމަދު ޒިލާލް ހަރަކާތްތައް އެ ރޭ ހުރި ގޮތް ފެންނަ ސީސީޓީވީ ވީޑިއޯ ފުޓޭޖުތައް ވެސް ފުލުހުން މިއަދު ވަނީ އާންމުކޮށްފަ އެވެ.
ހ. ފެންޓޯނިއާގެއާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މި މައްސަލައިގެ ތަހުގީގުގައި މިހާރު ވަނީ އޭނާއާ އެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ، އެ އެންމެންގެ ބަޔާން ނަގައި، އެ އެންމެން ފުރުން ވެސް މަނާކޮށްފަ އެވެ. އަދި ފުލުހުން ވަނީ އެ އެންމެންގެ ވަނަވަރު ވެސް އާންމުކޮށްފަ އެވެ.
މި މައްސަލާގައި މއ. މާންދޫގޭ ދެކުނުގެ ޓެރަސް އާއި ދެވަނަ އަދި ހަތަރުވަނަ ފްލޯގެ އިތުރުން ގ. ކަށިވެލިގެ ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން މިއަދު ވިދާޅުވި ގޮތުގައި، ޔުމްނު ވެއްޓުނު ކަމަށް ބެލެވޭ ފެންލައިޓްގެ އެލުމިނިއަމް ފްރޭމުން ފޮރެންސިކް ސާމްޕަލްތައް ނަގައި، އެހެން މީހެއްގެ ބައިވެރިވުމެއް އޮތްތޯ ވެސް ބަލާނެ އެވެ. އަދި ފެންލައިޓުން ވެއްޓުނު ކަމާ މެދު އުފައްދާ ސުވާލުތަކާ އެކު، ތަހުގީގުގައި އެކަން ވެސް އިތުރަށް ކަށަވަރުކުރަން ސީން ރިކޮންސްޓްރަކްޓްކޮށްގެން ވެސް ބެލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
24 April 2025
ހާމަ ކަން ބޮޑު ގޮތެއްގަ ޑްރަގް ގަނެ ބޮއި ހަދާ ތަންތަން މާލޭގައި ބައިވަރެވެ. ނުހުއްޓުވެނީ ކީއްވެ ހެއްޔެވެ؟
މިއައު
24 April 2025
އަހަރެންގެ ސައިކަލް ސްޓިކާތައް ހަމަތޯ ބަލަންވެސް މީގެ ފަހުން ހުއްދައެއް ނެތް އިނގޭ
ރާއްޖެ
24 April 2025
ނޫސްވެރިން އެ ގެޔަށް ވައްދައިގެން މައްސަލަ ބަލަން އިތުރު އެހީއެއް ވަނީތަ؟ ތި މައްސަލަ ތަހުގީގު ކުރަނީ ނޫސްވެރިންތަ؟
އަޅި އަލި
24 April 2025
އެއްގޮތޔަކަށްވެސް ވައްދާނެ ކަމެއް ނެތް!
ހުސެން ރަހާ
24 April 2025
ދިވެހި ފުލުހުންނޭވެ! އިމާރާތެއްގެ 9 ވަނަ ބުރިން ދިވެއްސަކު ވެއްޓުމަކީ، ފުލުހުންނަށް މާ ބޮޑު ކަމަކަށް ނުވަނީ ހެއްޔެވެ؟ ނޫނީ ހިމާޔަތްކުރަން ޖެހޭ ސިޔާސީ މީހުންގެ ދަރިން އެ ހާދިސާގައި މާ ގިނައީ ހެއްޔެވެ؟ ރައްޔިތުން ތިޔަ މުއައްސަސާއަށް އިތުބާރު ކުރާނެ ގޮތެއް ނިކަން ބުނެބަލާށެވެ! ތުހުމަތުވާ މީހުންގެ ފޮރެންސިކް ސާމްޕަލް ނަގަންވީ ސޯޝަލް މީޑިއާ ކެކިގަތީމާ ހެއްޔެވެ.
ހުސެން ރަހާ
24 April 2025
ދިވެހި ފުލުހުންނޭ! ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން، މުޅި މާލެ އާއި ހުޅުމާލޭގައި ހުރިހާ ސީސީޓީވީ ފުޓޭޖްތައް ހޯދައިގެން، އެކަން ކުރި މީހުން ޖެހި ކުޅުތަކުން އެރި ފޮނުގެ އަދަދަށް ދާންދެން ހޯދައި އާންމުކުރި އިރު، ހައްވާ ޔުމްނު ވެއްޓުނު ހާދިސާގެ ވަށައިގެންވާ ކަންތައް ބަލަން ނުކެރުނީ، ޔުމްނުގެ ސިޔާސީ ބުރަދަނެއް ނެތީމާ ހެއްޔެވެ؟ "ޕްރޮޓެކްޓް އެންޑް ސާވް" ކިޔުން ހުއްޓާލާފައި އެހެން ކޮންމެވެސް ސްލޯގަންއެއް ހޯދާށެވެ!
ޢައްބާސްބެއްޔާ
24 April 2025
ޔުމްނުގެ ބުރަދަން ވީޑިއޯގަ ފެނޭ.
ހުސެން ރަހާ
24 April 2025
ދިވެހި ފުލުހުންނޭ! ތި ހުރިހާ ކަމެއް ކުރަންވީ އާންމުން ރަތަށް އަރައި، މުޅި ގައުމު ހަލަބޮލިވީމާ ހެއްޔެވެ؟ ފުލުހުންގެ ޕްރޮފެނަލިޒަމް ކޮބައިތޯއެވެ؟ އެވަރުގެ ޖިނާއީ ހާދިސާއެއް ހިނގީމާ، އެކަމުގައި އެއްވެސް މީހެއްގެ ބައިވެރިވުމެއް އޮތްތޯ ބެލުމަށްޓަކައި، އެންމެ ފުރަތަމަ ހިނދުން ފެށިގެން، ފޮރެންސިކް ސާމްޕަލްތައް ނަގައި ތަހުގީގުކުރަންޖެހޭނެ ނޫންހެއްޔެވެ؟ ފެންލައިޓްގެ އެލުމިނިއަމް ފްރޭމުން ފޮރެންސިކް ސާމްޕަލްތައް ނަގަން ތި ވިސްނީވެސް އެއް ހަފުތާ ފަހުންނެވެ.