ހައްވާ ޔުމްނު ރަޝީދާއި ރައުދު އަހްމަދު ޒިލާލް ހ. ފެންޓޯނިއާގޭގައި.-- ފޮޓޯ: ފުލުހުން
24 އެޕްރީލް 2025 - 13:15
އިމާރާތުން ވެއްޓުނު އަންހެން މީހާ އާއި އޭނާއާ އެކު އުޅުނު ފިރިހެން މީހާގެ ހަރަކާތްތައް އެ ރޭ ހުރި ގޮތް ފެންނަ ސީސީޓީވީ ވީޑިއޯ ފުޓޭޖުތައް ފުލުހުން މިއަދު އާންމުކޮށްފި އެވެ.
ފުލުހުން މި ފުޓޭޖުތައް މި އާންމުކުރީ މި މައްސަލައިގެ ތަހުގީގު ތެދުވެރިކަމާއި އިންސާފުވެރިކަމާ އެކު ކުރިއަށް ނުގެންދާ ކަމަށް ބުނެ އާންމުންގެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. މި ފުޓޭޖުތައް މިއަދު އާންމުކުރުމުގެ ކުރިން މިދިޔަ އަންގާރަ ދުވަހުގެ ރޭ ފުލުހުން ނޫސްވެރިންނާ އެކު ބޭއްވި "ސިއްރު" ޕްރެސް ކޮންފަރެންސްއެއްގައި ވެސް ފުޓޭޖުތައް ދައްކާފައިވެ އެވެ.
މިއަދު އާންމުކުރި ވީޑިއޯ ފުޓޭޖުތަކުން ގ. ރަނައުރާމާގެއާގެ، ހައްވާ ޔުމްނު ރަޝީދު، 21 އާއި ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް، 21، ހ. ފެންޓެނޯއީގެއަށް ވަންނަ ތަނާއި އެ ގޭގެ ސިޑިގޮޅީގެ ތެރޭގައި ދެމީހުން އުޅޭ ގޮތް ފެނެ އެވެ. އެ ރޭ ފަތިހު 4:30 ހާއިރު އެ ގެއަށް ފުރަތަމަ ވަންނަނީ ޔުމްނު އެވެ. އެ ގެއަށް ވަންނަން އުޅެނިކޮށް، އޭނާ ބިން މައްޗަށް ވެއްޓުމުން އިރުކޮޅަކު އެ ތަނުގައި މަޑުކޮށްގެން އިނދެ އެވެ. ރައުދު އެތަނަށް ދަނީ އޭގެ އިރުކޮޅެއް ފަހުންނެވެ.
ރައުދު އެ ގެއަށް ވަނުމުގެ ކުރިން، މަގުމަތިން ސައިކަލެއްގައި ދިޔަ މީހަކު އޭނާއަށް ގޮވުމުން އޭނާ ކައިރީގައި މަޑުކޮށްގެން ވާހަކައެއް ދައްކަން އިރުކޮޅަކު މަޑުކޮށްގެން ހުރެ އެވެ.
އެ ސައިކަލުގައި އިން މީހާއަކީ އެ މީހުން އުޅުނު ގޮތުގެ މަންޒަރު ބަލަން ތަންކޮޅެއް ދުރުގައި ހުރެފައި އެތަނަށް ދިޔަ މީހެއް ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސައިކަލުގައި އިން މީހާ ދިއުމުން ޔުމްނު ހޯދަން ރައުދު އުޅޭތަން ފެނެ އެވެ. އޭރު ފެންޓޯނިއާގެ ދޮރު ކައިރިއަށް ވެއްޓިފައި އިން ޔުމްނު އެތަނުން ތެދުވެ، ރައުދުއަށް ގޮވައި އޭނާ ގެނެސް ދެ މީހުން އެ ގެއަށް ވަދެ އެވެ.
ރައުދާއި ޔުމްނު ވެސް ތިބީ މަސްތުގެ ހާލަތުގައިކަން މި ފުޓޭޖުތަކުން ޔަގީންވެ އެވެ.
އެ ދެމީހުން ފުރަތަމަ އަރަނީ އެ ގޭގެ އެންމެ މައްޗަށް، 9 ވަނަ ފުލޯ އަށެވެ. އެއަށް ފަހު ހަތްވަނަ ފުލޯއަށް ފައިބައި ދެ މީހުން ވަރަށް ގައިގޯޅިވެ، ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެނެ އެވެ. އަދި ފަހުން ރައުދު ލައިގެން ހުރި ޓީޝާޓު ބަލައި ޔުމްނު އަށް ދެ އެވެ. ޔުމްނު ލައިގެން ހުރި ޓީޝާޓު އޭރު އޮތީ ހަތްވަނަ ފުލޯގެ ބިންމަތީގަ އެވެ. އޭގެ ފަހުން ރައުދު އުޅުނީ ހުސްގަޔާ އެވެ.
އަންހެން މީހާ ވެއްޓުމާ ހަމައަށް އޭނާ އާއެކުގައި އުޅުނު ކަމަށް ފާހަގަވި ރައުދު އަހުމަދު ޒިލާލް: އޭނާ ހައްޔަރުކުރުމުގެ އަމުރަކަށް ވަނީ އެދިފައި-- ފޮޓޯ: ފުލުހުން
އޭގެ ފަހުން ދެ މީހުން އެކުގައި 8 ވަނަ ފުލޯއަށް އަރަ އެވެ. އެ ވަގުތު އެ ގޭގައި ހުރި އިންޓްރޫޑާ އެލާމް ސިސްޓަމަކުން އެލާމްގެ އަޑު އިވުމާ އެކު، ދެމީހުން 9 ވަނަ ފުލޯއަށް އަރަ އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ރައުދު އެކަނި އަލުން ތިރިއަށް ފައިބަ އެވެ. އެ އިމާރާތުގެ 9 ވަނަ ފުލޯގައި ސީސީޓީވީ ކެމެރާ ނުހުރެ އެވެ.
އޭގެ އިރުކޮޅެއް ފަހުން ޔުމްނު އަލުން 8 ވަނަ ފުލޯއަށް ފައިބާ އެ ފުލޯގައި ހުރި އެޕާޓްމަންޓެއްގެ ދޮރުގައި ހިފަ އެވެ. އަދި ހަމަ އެ ބާރުމިނުގައި އަނެއްކާވެސް އެ ގޭގެ 9 ވަނަ ފުލޯއަށް އޭނާ އަރަ އެވެ. އޭގެ ފަހުން އެއްވެސް ފުޓޭޖަކުން ޔުމްނު ނުފެނެ އެވެ.
ޔުމްނު ހޯދަން ރައުދު ހަތްވަނަ ފުލޯއަށް ފައިބާއި އެ ފުލޯގައި ހުރި އެޕާޓްމަންޓެއްގައި ޓަކިޖަހަ އެވެ. އެކަމަކު، އެތަނުން އެއްވެސް މީހަކު ނުނިކުމެ އެވެ. ރައުދު އެ އެޕާޓްމަންޓުގެ ބޭރުގައި އިރުކޮޅަކު މަޑުކޮށްގެން ހުރުމަށް ފަހު އަނެއްކާވެސް ސިޑިން މައްޗަށް އަރަ އެވެ. އަދި ލިފްޓުން ވެސް އޭނާ އެ ފުލޯތަކަށް އަރައި ފައިބާ، ޔުމްނު ހޯދަން އުޅެ އެވެ. އަދި 8 ވަނަ ފުލޯއަށް އަރާ ސިޑިގޮޅީގައި ހުރި ފެންލައިޓުން ބޭރަށް ބޯދިއްކޮށް، "ލޫލޫ" އޭ ކިޔައިފައި އޭނާ ގޮވާ އަޑު އިވެ އެވެ.
ރައުދަށް ޔުމްނު ނުފެނުމުން އޭނާ އެ ގޭގެ އެންމެ ތިރިއަށް ފައިބައި، ގެއިން ބޭރަށް ނުކުމެ މަގުމަތީގައި ހުރެގެން އިރުކޮޅަކު މައްޗަށް ބަލަން އުޅޭ މަންޒަރު ވެސް ސީސީޓީވީ ފުޓޭޖުތަކުން ފެނެ އެވެ. އަދި އަލުން އެ ގެއަށް ވަދެ، ޔުމްނު ހޯދަން އޭނާ އުޅެ އެވެ. އަދި އެ ފަހުން ވެސް ޔުމްނު ނުފެނުމުން އޭނާ އެތަން ދޫކޮށް ދެ އެވެ.
ޒުވާން އަންހެނަކު ގުދަނެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މި މައްސަލައިގެ ތަހުގީގުގައި މިހާރު ވަނީ އޭނާއާ އެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ، އެ އެންމެންގެ ބަޔާން ނަގައި، އެ އެންމެން ފުރުން ވެސް މަނާކޮށްފައި ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ވިދާޅުވި އެވެ.
ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވީ މއ. މާންދޫގޭ ދެކުނުގެ ޓެރަސް އާއި ދެވަނަ އަދި ހަތަރުވަނަ ފްލޯގެ އިތުރުން ގ. ކަށިވެލިގެ ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ.
ނަވީން ވިދާޅުވީ އަންހެން މީހާ ވެއްޓުނު ކަމަށް ބެލެވޭ ފެންލައިޓްގެ އެލުމިނިއަމް ފްރޭމުން ފޮރެންސިކް ސާމްޕަލްތައް ނަގައި، އެހެން މީހެއްގެ ބައިވެރިވުމެއް އޮތްތޯ ވެސް ބަލާނެ ކަމަށެވެ. އަދި ފެންލައިޓުން ވެއްޓުނު ކަމާ މެދު އުފައްދާ ސުވާލުތަކާ އެކު، ތަހުގީގުގައި އެކަން ވެސް އިތުރަށް ކަށަވަރުކުރަން ސީން ރިކޮންސްޓްރަކްޓްކޮށްގެން ވެސް ބެލުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޭކް
25 April 2025
މަސްތުވެގެން ދީނާހާފު އެތައް އަމަލެއްކޮށް އުޅުނުބަޔަކަށް ބަޔަކު މިހާ ހަމްދަރުދީމިވަނީ ކީއްވެބާއޭ ބުނާއިރު ކުރީ ދުވަހަކު ކޮންމެވެސް ރަށެއްގެ ބައިވަރު ބަޔަކު ނިކުމެ "ރޭޕިސްޓެއް" ފަހަތުން ނިކުތީ. ދެމީހުންވެސް "ޒިނޭކުރި" އެމީހުން ބުނާގޮތުން. އެކަމަކު ހަމްދަރުދީވީ އެ ފިރިހެންމީހާއަށް. ކަލޭމެން ހިތަށް އެރިގޮތަކަށް ހުރިހާ ކަމެއްވެސް. އަބަދުވެސް ވިކްޓިމް ބްލޭމިންގ
ސަންޑޭ
25 April 2025
ސުވާލަކީ ޓެރަސް ހުރީ ތަޅުލާފަހޭ ނޫނީ ނޫންހޭ. ޖަވާބަކީ ޓެރަސް ހުރީ ތަޅުލާ ފަ. އެހެންނަަމަވެސް ޓެރަހުގެ ތަޅުދަނޑި ރައުދު އަތުގައި އޮތް.
raajje
25 April 2025
ފުލުހުންނަށް މީހުންއިތުބާރުނުކުރަންދިމާވާ ބައެއްސަބަބުތަކަކީ، މައްސަލަތަކުގައި ރަނގަޅަށްތައްޔާރުނުވެ ޕުލޭނެއްނެތި މައުލޫމާތުހާމަކުރުން އަދި ފަހުން ވާހަކަބަދަލުކުރުން (ފުލުހުންގެ އާންމުކަމެއް) ތަހުގީގުކުރަނީޔޭބުނެ އެއްވެސް މައުލޫމާތެއްހާމަނުކޮށް އެކަށީގެންވާވަރަށްވުރެން ދިގުމުއްދަތުނެގުން، އަދި ކަންކަންއޮއްބާލަންއުޅޭހެން ވާހަކަދެއްކުމަށްފަހުން ރައްޔިތުން ކެކެންފެށީމާ އާވާހަކަތައްދެއްކުންވެސް މީ ފުލުހުންގެ އަގުވެއްޓި އިތުބާރުގެއްލެންދިމާވާސަބަބެއް،
ސަލީމު އިދުރީސް
24 April 2025
ފުލުހުން ދައްކާނީ ބޭނުވާބައި ފުހުންދައްކާ އެއްޗަކައްއް އިތުބާރެއްނެއް
ހަލާކު
24 April 2025
ރޭޕްކުރިއްޔޭ ބުނާއިރު ފުޓޭޖުން ފެނޭ 2 މީހުން އުޅުނު ވައްތަރު. ދެން ތިޔަ ބުނާ ވައްޓާލީތޯ ވެއްޓުނުތޯ ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތް
ޓްރޫ
25 April 2025
އާނ. ކީކޭ ބާ ދެންކިޔާނީ މި މީހުން
އަސްލު މައްސަލަ
25 April 2025
މައްސަލަ އަކީ ފުލުހުން ފުލުފުލުން ދޮގު ހެދުން. ގެޓު ވެބަލަ
ހިއްމަތު
24 April 2025
މިދުވަސްކޮޅު ކޮންމެ ދިވެއްސަކީވެސް އިސްވެސްޓިގޭޓަރެއް. ޑިޓެކްޓިވްއެއް. ކުރިއަށް މިއޮތް 14 ދުވަހު މި ރާއްޖޭގައި އޮންނާނީ މި ވާހަކަ. އޭގެ ފަހުން ދިވެހީންގެ "ގޯލްޑް ފިޝް" މެމޮރީން މި ވާހަކަ ގެއްލޭނެ.
ވޭއްޓޭބަލި
24 April 2025
މަސްތުވި މީހަކު އަލަށްތަ ވެއްޓިގެން މިއުޅެނީ؟
އައިމިނާ
24 April 2025
ކޮންބައެއްގެ ޒިއްމާއެއް؟؟ ޒިއްމާ ނަގަންވީ ކޮން ބައެއް؟؟ ޒިއްމާ ވާންވީ ކޮންބައެއް؟؟ ރޭގަނޑު 4 ދަމު ބޭރުގަ އުޅޭއިރު ފުލުހުންތޯ އުޅޭ ނޫޅޭގޮތް ބަލަންވީ؟ ނޫނީ ޖެންޑަރ މިނިސްޓްރީންތޯ؟؟؟؟؟
ަރައްޔިތުން
24 April 2025
ހުސް ދޮގޭ ބަލަ... ދެބައިކުޅަ އެެއްބައި ކަފުނަށްލާފަ ދެއްކީ އެ ފުޓޭޖުވެސް....
އަރާމަގު ދޮންކަމަނަ
24 April 2025
އެ ސޮރު ފެންލައިޓުން ބޭރަށް ބޯދިއްކޮށްގެން ގޮވަނީ “ލޫލޫ” އޭތަ ނޫނީ “ޔުމްނޫ”އޭ ތަ؟ މަށަށް އިވެނީ ޔުމްނުއޭ ކިޔާފަ ގޮވާ އަޑު..