ގދ. ކާޑެއްދޫ އެއާޕޯޓް: ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރަން ވަނީ ނިންމައިފައި.
04 މެއި 2025 - 11:59
ގދ. ތިނަދު އާއި ގދ. ކާޑެއްދޫ ބްރިޖަކުން ގުޅާލައި، ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރަން ނިންމައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ދެއްވި ޕްރެޒެންޓޭޝަންގައި ވިދާޅުވީ ތިނަދު އާއި ކާޑެއްދޫއާ ދެމެދުގައި ބްރިޖެއް އަޅަން ނިންމައި، އެ މަޝްރޫއުގެ ޓެކްނިކަލް ޕްރޮޕޯސަލް ހެދުމަށް ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
"ގދ. ކާޑެއްދޫގައި ފެންވަރު ރަނގަޅު އިންޓަނޭޝަނަލް އެއާޕޯޓެއް އަޅައި ބްރިޖަކުން ތިނަދުއާ ގުޅާލުން އެއީ އަޅުގަނޑުމެން ކުރިއަށް ގެންދަން ނިންމާފައި އޮތް ކަމެއް،" ރައީސް ވިދާޅުވި އެވެ.
ތިނަދު އާއި ކާޑެއްދޫ ގުޅާލުމަށް 3.7 ކިލޯމީޓަރުގެ ބްރިޖެއް އަޅަން ޖެހެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ޕްރެސް ކޮންފަރެންސްގައި އެމަނިކުފާނު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތުގެ އަޕްޑޭޓެއް ރައީސްގެ ޕްރެޒެންޓޭޝަންގައި ނެތުމުން ނޫސްވެރިޔަކު އެ ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެ މަސައްކަތުގެ އަޕްޑޭޓެއް މިވަގުތު ނެތް ކަމަށެވެ.
"އެކަމަކު އެތަނުގައި، ތިނަދޫގެ ބަދަލުގައި ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލްއެއް ގޮތަށް، މުޅިން އާ އެއާޕޯޓެއް ގޮތަށް ޑިވެލޮޕްކުރުމާ އެއްކޮށް، ބްރިޖަކުން ތިނަދޫއާ ގުޅުވާލުން އެއީ އަސްލު އަޅުގަނޑު ވީ ވައުދަކީ ވެސް،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ކުރިން އިއުލާންކޮށްފައި ވަނީ ތިނަދޫ ފަޅުން ބައެއް ހިއްކައިގެން އެއާޕޯޓެއް އެޅުމަށެވެ. އެ އެއާޕޯޓު ހެދުމުގެ މަޝްރޫއުގެ އެމްއޯޔޫގައި ތައިލެންޑުގެ ކުންފުންޏާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވީ ނަމަވެސް ކޮންޓްރެކްޓް އެއްބަަސްވުމުގައި ސޮއިކުރާނީ އެ ކުންފުނީގެ ފަންނީ އަދި މާލީ ގާބިލްކަން ކަށަވަރުކުރުމަށް ފަހު ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އޭރު ބުނެފައިވެ އެވެ.
ބައިނަލްއަގުވާމީ ފެންވަރުގެ އެއާޕޯޓެއް ތިނަދޫގައި ހެދުމުގެ އެމްއޯޔޫއެއްގައި ތައިލެންޑުގެ ޕޭން ޕެސިފިކް ކުންފުންޏާ އެކު ދިވެހި ސަރުކާރުން ސޮއިކުރީ ރައީސް މުއިއްޒު މިދިޔަ އަހަރު ތިނަދުއަށް ކުރެއްވި ދަތުރުފުޅުގަ އެވެ. ސަރުކާރުގެ ފަރާތުން، 600 އެއްހާ މިލިއަން ޑޮލަރުގެ އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ. އަދި ތައިލެންޑު ކުންފުނިން ސޮއިކުރެއްވީ ސީއީއޯ ޒިރާޓް ޕެތުނުންތަވޮންގެވެ.
ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއިރު، ރާއްޖޭގެ ވައިގެ ދަތުރުފަތުރު ހިދުމަތުގެ ތަސައްވަރު ކިލަނބުވާ ދަރަޖައަށް ކާޑެއްދޫ އެއާޕޯޓުގެ ފެންވަރު ދަށްވެފައިވާ ކަމަށް ވިދާޅުވެ، ވިލާ އެއާގެ އަތުން އެ އެއާޕޯޓު އަތުލަން ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގެ ބައެއް މެމްބަރުން މިދިޔަ ފެބްރުއަރީ މަހު ވަނީ ގޮވާލައިފަ އެވެ.
ވިލާ އެއާއާ ކާޑެއްދޫ އެއާޕޯޓް އެންމެ ފުރަތަމަ ހަވާލުކުރީ 2013 ވަނަ އަހަރު 50 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ޖެނުއަރީ 2017 ގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ އެތަނުގެ އެއްބަސްވުން ބާތިލްކޮށް، އެއާޕޯޓް އަތުލައިފަ އެވެ. އެކަމަކު، އެ އެއާޕޯޓް ވިލާއަށް އަނބުރާ ދޭން ސިވިލް ކޯޓުން 2018 ވަނަ އަހަރު ވަނީ ހުކުމްކޮށްފަ އެވެ. އަދި އެ ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ. އެހެންވެ، އެ އެއާޕޯޓު ވިލާ އެއާއާ އަލުން ހަވާލުކޮށްފައިވަނީ މާޗް، 2022 ގަ އެވެ.
ނަމަވެސް، އޭގެ ފަހުން އެއާޕޯޓުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެ، އެ މައްސަލަ ވަނީ މަޖިލީހުގެ އިގުތިސާދީ ކޮމިޓީން ވެސް ބަލަން ފަށައިފަ އެވެ. ވިލާ އެއާ އިން 2022 ގައި ކާޑެއްދޫ އެއާޕޯޓު ހިންގުމާ ހަވާލުވުމަށް ފަހު، ހަތް އަހަރު ދުވަހުގެ ތެރޭގައި އެތަން އިންޓަނޭޝަނަލް އެއާޕޯޓެއްގެ ފެންވަރަށް ތަރައްގީކުރަން ވެސް އޮތީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާއިލް އުޝާމް
05 May 2025
މިޔާއެކު ރައީސް މުއިއްޒްގެ ނަން ތާރީހުގައި ލިޔެވޭނެ. ރައީސް ގެ ނަން ހަމަ ހަގީގަތުގައިވެސް ރަންއަކުރުން ފަވާލެވޭނެ. ތިނަދޫ ރައްޔިތުން މިތިބީ މިކަން ވަންދެން އުފަލުން.
ނޫހް އިބްރާހިމް
05 May 2025
އެމްޑީޕީ އިން ހުސްވައުދު ވިޔަސް ރައީސް މުއިއްޒް ހުސްވައުދެއް ނުވާނެ. އެކަން މިދަނީ ސާފްވަމުން. އައްޑޫ ބްރިޖްވެސް އަޅާނެ ރައީސް މުއިއްޒް.
އަދުހަމް ހަލީމް
05 May 2025
ފައްކާ އިގޭ. ވިލާ އަތުން ނަގާ ހަމަ އެހެން ލެވެލްއަކަށް ގެންދަންވީ. މިހާރު ދެކުނުގެ ޓޫރިޒަމް ދަނީ ވަރަށް ބާރު ސްޕީޑުގައި ކުރިޔަށް.
ސަމާޒް ހަލީމް
05 May 2025
މީ އަހަރުމެންގެ އުއްމީދުތަކާ ގުޅިފައިވާ ކަމެއް. މިކަން ލަސްވެސް ކުރާނެ ކަމެއް ނެތް. އަވަސްކޮށްދެއްވާ ރައީސް. ޝުކުރިއްޔާ ރައީސް.
ޝަހުމް އާދަމް
05 May 2025
މީ ވަރަށް ރަނގަޅު ކަމެއް. ކާޑެއްދޫ އެއާޕޯޓަށް ބަދަލް އަންނަން ޖެހޭ.
ތިނަދޫ ސިޓީގެ ދަތްނެތް މިޔަރު
04 May 2025
"އެމްޑީޕީ ސަރުކާރުން ވައުދު ވެފައިވާގޮތަށް ތިނަދޫގައި ނޫންތަނެއްގައި އެއާޕޯޓު އެޅިގެން ނުވާނެއެވެ.. ތިކަން ތިހެން ވިޔަކަވެސް ނުދޭނަމެވެ" ގަޑި 14:15 ޒިމަމަން 04/05/2025
ބިގަރު ސިޓީގެ މިޔަރު ލޯޔަރު
04 May 2025
ބިގަރު ސިޓީގެ މިޔަރު އަންގަނީ ހޮޅިޖަހައިގެން ބުރިޖެއް ނޭޅޭނެކަމަށެވެ. ބަލަ މިހިރަ ކަށިހަރުނުވާ ބޮލުގަ ތެއްކަމެއް ނެތް ޅަމިޔަރާއެވެ. ދުނިޔޭގެ އެއްވެސް ތަނެއްގައި ހޮޅި ނުޖަހާ ބުރިޖުއަޅާފަ ހުރިތަނެއް ދުށިންހެއްޔެވެ. ބިގަރު ސިޓީ އަށް ލިބޭ ހުރިހާ ބަޖެޓެއް ހިތުހުރިގޮތަކަށް ބަނޑުއަޅާލާ ތަޖުރިބާ ދަތުރޭ ކިޔައިގެން އަޑިންނާއި މަތިން ދަތުރު ކުރާއިރުވެސް ހޮޅި ޖަހައިގެން ހަދާފަ ހުރި ބުރިޖެއް ހަމަ ނުފެނުނީހެއްޔެވެ. ކަލޯ މިޔަރާއެވެ. ބުރިޖު އަޅާނެ ދެން ލަލަލާ
ޑެބީ
04 May 2025
ރާއްޖެތެރޭގެ ތަރައްގީއަށް ރައީސް ތިޔަ ކުރައްވާ ބުރަ މަސައްކަތަށް ޝުކުރު ހައްގު. ގއ.ވިލިނގިލި އިންޓަނޭޝަނަލް އެއަޕޯޓުގެ މަސައްކަތްވެސް ބާރު އިސްޕީޑުގައި އެނިމެނީ. އަންނަންހުރި އިންޓަނޭޝަނަލް ފުލައިޓުތައް ގިނަކަމުން ކާޑެއްދޫވެސް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރަން ނިންމިނިންމުމަކީ ރައީސްގެ ދުރުވިސްނުންފުޅު. ތިނަދުއާއި ކާޑެއްދޫ ބުރިޖަކުން ގުޅާލުމަށްފަހު އިތުރު އެއަޕޯޓެއް ތިނަދޫގައި އެޅުމަށް ލޮބުވެތި ރައީސްއަށް ގޮވާލަން
ސުހާނާ
04 May 2025
ކޮންމެ މީހެއްގެ ގޯތީގައި އެއަރޕޯޓެއް އަޅަންވީނު. ހާދަހާ ހިތްމޮޅު ބަޔެކޭ މިއީ.
ރަންނަ
04 May 2025
ތިބުރިޖު ބިއްލޫރި ޓަނަލަކަށް ބަދަލުކުރަން ނިންމާފަ އޮތީމަ މަސައްކަތް ނުފެށިއޮތީކަމަށް ނުބުނާނެކަމުގެ އެއްވެސް ޔަގީންކަމެއްނެތް އިންތިހާބާ ކައިރިކޮށްފަ. ތިބުރިޖަކީ ފީސަބަލް ކަމެއްނޫންކަން ކުޑަކުއްޖަކަށަވެސް ސާފުވާނެ. އެކަމަކު މިވާހަކައަށް އަތްޖަހާ ދުވާނެ ތިނަދޫމީހުން މަދެއްނުވާނެ
ރަގީ
04 May 2025
ކޮމެންޓު ކިޔާލީމަ އެބަ އެނގޭ ގައްދޫ މީހެއްކަން. ފީސަބަލް ނުވާ ސަބަބު ވެސް ކިޔައި ދިންނަމަ ދޯ.
ރަންނަ
05 May 2025
ނޭނގޭމީހަކަށް ކިތަންމެ ވަރަކަށް ކިޔައިދިނަސް ނޭނގޭނެކަމަށް ހަރުމީހުން ބުނަނީ
ހަން ކެޑަ އެއަރޕޯރޓު
04 May 2025
އައްޑޫ އާޢި ފުވައްމުލަކާއި ކާޑެއްދޫ ބްރިޖަކުން ގުޅާލައި ފުވައްމުލަކު އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކޮށް ދިނުމަކީ ވެސް އެދޭ އެދުމެއް