"ވާނުވާ ބަންދުގައި" ތިބި މީހުންގެ ހައްގުގައި ވަކާލާތުކުރާ މީހުންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް
07 މެއި 2025 - 19:33
ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުން މޮނީޓާކުރެވޭނެ އިންތިޒާމެއްގެ ދަށުން ޖަލުން ދޫކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެ މީހުންގެ ހައްގުގައި ވަކާލާތުކުރާ މީހުން މިއަދު އެދިއްޖެ އެވެ.
"ވާނުވާ ބަންދު" ގެ ގޮތުގައި މަޝްހޫރުވެފައިވާ މި ބަންދުގައި ތިބޭ މީހުންނާ ގުޅޭ ގޮތުން ވަކާލާތުކުރާ މީހުންނާއި ރައީސް މުއިއްޒު މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ވަނީ ބައްދަލުކުރައްވައިފަ އެވެ.
ރައީސް އޮފީހުން ބުނީ "ވާނުވާ ބަންދު"ގައި ތިބި މީހުންގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް މި ސަރުކާރުން މަސައްކަތްކޮށް، ރަނގަޅު ނަތީޖާއެއް ފެނުމުގެ އުންމީދު އެބައޮތް ކަމަށް، އެ މީހުންގެ ހައްގުގައި ވަކާލާތުކުރާ މީހުން މި ބައްދަލުވުމުގައި ބުނެފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، މި މައްސަލަ ހައްލުކުރަން އެ މީހުން ވަނީ ބައެއް ކަންކަން ވެސް ރައީސަށް ހުށަހަޅުއްވައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ؛
• "ވާނުވާ ބަންދު"ގައި ތިބި މީހުން ވަކި ހަމައެއްގެ މަތިން މޮނިޓާކުރެވޭނެ އިންތިޒާމެއް ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއްގެ އެހީގައި ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެއްސުމަށް ފަހު ދޫކޮށްލުން.
• މައްސަލަތައް އަވަހަށް ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކޯޓުތަކަށް އިދާރީ ގޮތުންނާއި ޖާގައިގެ ގޮތުން ބޭނުންވާ ކަންކަން ހަމަޖައްސައިދިނުން.
"ވާނުވާ ބަންދުގައި" ތިބި މީހުންގެ ހައްގުގައި ވަކާލާތުކުރާ މީހުންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް
އިންސާނީ ކަރާމާތް ގެއްލޭ ފަދަ ކަންކަމަށް "ވާނުވާ ބަންދު"ގައި ތިބި މީހުން ހުށަހެޅިފައިވާ ކަމަށާއި އިސްލާމް ދީނުގައި އެ ކަންކަމަށް އޮންނަ ރިވެތި އުސޫލުތައް ފާހަގަކޮށް، އެ މީހުންނަށް އިހުސާންތެރިވުމަށާއި އަދުލުވެރިކަން އިސްކުރުމަށާއި އަނިޔާވެރިކަމާ ދެކޮޅަށް ދީނުގައި އައިސްފައިވާ ކަންކަން ވެސް، އެ މީހުންގެ ހައްގުގައި ވަކާލާތުކުރާ މީހުން މި ބައްދަލުވުމުގައި ފާހަގަކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖޭގައި ފުރިހަމަ ކަފާލާތުގެ ނިޒާމެއް ގާއިމްކުރުމަކީ ސަރުކާރުގެ މައި ސިޔާސަތެއް ކަމަށް ރައީސް އެ ބައްދަލުވުމުގައި ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ޕްރޮސިކިއުޓާ ޖެނެރަލް އާއި އެޓާނީ ޖެނެރަލްއާ މަޝްވަރާކުރައްވައިގެން މޮނިޓާ ކުރެވޭނެ ނިޒާމެއްގެ ދަށުން "ވާނުވާ ބަންދު"ގައި ތިބި މީހުންނަށް އެ ފުރުސަތު ދިނުމުގައި އެއްވެސް މައްސަލައެއް އުޅޭނެތޯ ބައްލަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި ކަމަށެވެ.
ކޯޓު ކޮމްޕްލެކްސް އެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި ވަގުތީ ގޮތުން ވެސް މައްސަލަތައް ބެލޭނެ އަވަސް އިންތިޒާމެއް ހަމަޖެއްސުމަށް މިހާރު ވެސް މަސައްކަތްކުރައްވާ ކަމަށް ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"މީގެ އިތުރުން ޖަލުތަކުގެ ހާލަތު ބައްލަވާނެ ކަމަށާއި އަދި ބައްދަލުވުމުގައި ފާހަގަކުރެއްވި އެހެނިހެން ކަންކަން ވެސް، ހާއްސަ އިސްކަމެއްދެއްވައިގެން ބައްލަވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ،" ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ "ވާނުވާ ބަންދު"ގައި ތިބި މީހުންގެ މައްސަލައަށް މިހާރުން މިހާރަށް ގެނެވޭނެ ކަމަށް ބެލެވޭ ބައެއް ހައްލުތައް ހިމަނާފައިވާ ކަރުދާހެއް ވެސް އެ ބައްދަލުވުމުގައި ރައީސަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ކަރުދާހުގައި "ވާނުވާ ބަންދު"ގެ ތަފާސްހިސާބުތަކާއި އެކި މައްސަލަތަކުގެ މައުލޫމާތު ހިމަނާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
08 May 2025
ޓެރަރިޒަމްއާ ގުޅޭ މައްސަލަތަކާ، މަރުގެ މައްސަލަތަކާ، ނުރައްކާތެރި އަމަލުތަކުގެ ތުހުމަތު،ގަޔާ، ކުޑަ ކުދިންނަށް އަނިޔާ ކުރުމުގެ ތުހުމަތާ، އަންހެނުންނަށް އަނިޔާ ކުރުމުގެ ތުހުމަތާ، ޑްރަގު ވިޔަފާރީގެ މައްސްލަތަކުގަ ބަންދުކޮށްފަ ތިބޭ މީހުން ތިގޮތަށް ދޫކޮށްގެން ނުވާނެ. އެއީ މުޖުތަމުގެ ދެންތިބި މީހުންގެ ރައްކަލަކަށް. އެހެން ނުން ކުދި ކުދި މައްސަލަތަކުގަ ވާނުވާ ޖަހާފަ ތިބި މީހުންނަށް ކޮންމެވެސް ލުޔެއް ލިބުން އެންމެ ރަގަޅު.
ހަސަންބޭ
08 May 2025
ވާނުވާ ބަންދަށް ދަނީ އާދައިގެ ގޮތަކަށް ނޫނެވެ. އެއީ އެއްވެސް ހާލެއްގައި އާދައިގެ ކުށްތައް ކުރާ މީހުންނެއް ނޫނެވެ. ދެން އޮތް ސުވާލަކީ މޮނީޓަރ ކުރެވޭނެ ހެއްޔެވެ. މޮނީޓަރ ކުރެވޭނީ ނުބީހެންޏާ ކަނޑާހަމަ އުސޫލުންނެވެ. ލޮލުގަ ނާޅަހާ ހިނދަކު ކިތަންމެ ކުށެއް ކޮށްކޮށް ވެސް ހުރެދާނެއެވެ. އެކަމް ދަޢުލަތުގެ ހަރަދުން ބައެއް ޗަލާނެއެވެ..
ތުއްރަވާސް
08 May 2025
ވާނުވާ އުވާލުމުގެ ވަޢުދަކީވެސް އެހެން މީހުން ދެއްކި ވާހަކައެއްވީމަ ރައީސް ދެއްކި ވާހަކައެއް. އޭރަކު ނޭނގެ މީ ކިހިނެއް ވާކަމެއްކަން. ވެރިކަމަށް އައިސް މިކަންކަން ހިނގާގޮތް ބަލާލީމަ މިއެނގުނީ މީ ފަސޭހަ ކަމެއް ނޫންކަން. ދޫކޮށްލަން ބަލާއިރު ބޮޑެތި ކުށުގެ ރެކޯޑުތައް ހުންނަމީހުން ވާނުވާގަ ތިބެނީ. މައްސަލަތައް އަވަސްކުރަން ބަލއިރު ކޯޓުތަކުގައި ޖާގައެއްނެތް. ބޭނުންވާވަރަށް ފަނޑިޔާރުންނެއްނެތް. މިހާރު މިއެނގުނީ ކޯޓުތަކަށް އަތްބޭނުން ނައްތާލާފަމިއޮތީ.
ގަބުޅިސްތާން
08 May 2025
ވާނުވާ ބަންދުގައި ތިބީ ކޮން ކަހަލަ ކުށްތަކަކަށް އަރައިގަތްކަމުގެ ތުހުމަތުގައި ތިބި ބަޔެއްތޯ؟ ކޮބާތޯ ތަފާސް ހިސާބު؟ ހަމަ އެކަނި ވާނުވާ ބަންދުގައި ތިބި މީހުނޭ ބުނެ ޖެނެރަލައިޒް ކުރެވިގެން ނުވާނެ! ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުން، ފޭރުން، ވައްކަންކުރުން، ސިޔާސީ ކުށްވެރިން، މުޒާހަރާކުރުން، މަސްތުވާތަކެތީގެ ވިޔަފާރިކުރުން، ރާއްޖޭގެ ސަލާމަތަށް ނުރައްކާވާފަދަ ކުށްތައް ކުރި މީހުން މިހެން ގޮސް އެތައް ކުށެއް. އެއްވަރެއް ނުވާނެ!
މަޤާމެއް ދޭތޯ އުޅޭ ބައިގަނޑެއް
08 May 2025
ބަލަމާ ބަހީ!
ސީރިޔާ
08 May 2025
ތަސްވީރު ބަލާނީ ތަސްވީރު ބުނާހެންނޭ
ވަރަށް ނުރައްކާ
08 May 2025
ޖިހާދައް ދިޔަ ގުރޫޕް މީހުންގެ ތެރެއަށް ނެރެން އެއުޅެނީ
އަޖައިބެއް
08 May 2025
ތިމާމެންގެ މަސްލަހަތާ ޖެހުނީމާ އިސްލާމް ދީނުގައި ކަންކަން އޮންނަ ގޮތޭ އިންސާނީ ކަރާމާތޭ ކިޔައިގެން ވާހަކަދައްކަން ހަމަ ބަރާބަރު. އެކަމަކު ބަންދުގައި ބަހައްޓަން ޖެހުނު ކުށުގެ ސަބަބުން ހައްގުގެއްލިގެން ދިޔަ މީހުންގެ ފަރާތުން ވަކާލާތުކޮށްލާނެ ކަތަކު މިނުވަނީ ކީއްވެބާ؟ ކުށެއްގެ ތުހުމަތުގައި ބަންދުގައި ބެހެއްޓުން މިހާބޮޑުކަމަކަށްވާ އިރު އެކުށުގެ ސަބަބުން ގެއްލުން ލިބުނު މީހާގެ ހައްގެއް ނޯންނަކަމަށްތާ މިވަނީ.
ވާނުވާގައި
07 May 2025
ވާނުވާގައި ތިބެން ނުޖެހޭގޮތަށް އުޅެން އެމީހުންގާތު ރައީސް އެދިވަޑައިގެންނެވިތޯ؟
ކާނުވަ
08 May 2025
ހައްޔަރު ކުރާ އެންމެންނަކީ އުޅުން ގޯސްވެގެން ނޫނީ ކުށެއް ކޮށްގެން ހައްޔަރު ކުރާ ބައެއް ކަމަށް ތިބާއަށް ހީވިޔަސް އެއީ އެކަން ހިނގާ ގޮތެއްނޫން. ޝައްކުވެގެން ވެސް ހައްޔަރު ކުރޭދޯ؟ ހައްޔަރުގައި ބަހައްޓަން ޝަރީޢަތަށް ނުފެންނާތީ ކިތައްމެ ބަޔަކު ދޫވެސް އެބަކުރޭ.
އެހެން މީހެއް
08 May 2025
"ހައްޔަރުގައި ބަހައްޓަން ޝަރީޢަތަށް ނުފެންނާތީ ކިތައްމެ ބަޔަކު ދޫވެސް އެބަކުރޭ." އެހެންވީމާ މިހާރު ބަންދުގައި އެތިބެނީ ބަންދުގައި ބަހައްޓަންޖެހޭ ހާލަތުގައި ތިބި މީހުންތާ ދޯ
ދާނުދާ
08 May 2025
ވާނުވާ ޖަހަނީ ތަަޙުޤީޤު ނިމިގެން ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕީޖީއަށް މައްސަލަ ފޮނުވީމަ. އޭގެ މާނައަކީ ދަޢުވާ ކުރެވޭވަރުގެ ހެކި ގަރީނާ ހުރީމައޭ ވާނުވާޖަހަނީ. ދަޢުވާ ކުރުމަށް ފޮނުވުމުގެ ކުރިން ފުލުހުން ޕީޖީއާ މަޝްވަރާ ކުރޭ. އަދި ދަޢުވާ ކުރެވޭވަރުވާކަމަށް ޕީޖީން ވިދާޅުވީމަ މައްސަލަ ޕީޖީއަށް ފޮނުވަނީ. އެހެންވީމަ ކުށެއް ނުކުރާ މީހަކު ވާނުވާ ޖަހާފަ ނުބަހައްޓާނެ. އެހެންނަމަވެސް ކޯޓުން މައްސަލަ ސާބިތު ވުމާއި ނުވުން އަދި އެހެންކަމެއް.
ރާވެރިބެ
07 May 2025
"ވާނުވާ ބަންދު" ގަ ތިބި މީހުން ދޫކޮށް ދިނުމަށް އެދި ރައީސްއަރިހަށް ދިޔަ ފަރާތުގެ ނަމެއް ނެތްތޯ؟ އެއީ ކޮން ބައެއް ކަން ނުވަތަ ޖަމްއިއްޔާ އެއްކަން ހާމަކޮށް ދިނުމަށް އެދެން. އެހެން މިބުނީ ހަމަ ކޮންމެ މީހަކާ މިގޮތަށް މުޅި ސަރުކާރުގެ ވެރިންލައިގެން ރައީސް ބައްދަލު ކުރައްވާނެހެން ހީނުވާތީ.