ރައީސް ޑރ. މުހައްމަދު މުއިއްޒު: ތެެލެސީމިއާ ކުދިންގެ ބޮއްސުންލާފައިވާ ހުރިހާ ކަމެއް ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި.-- ފޮޓޯ: ރައީސް އޮފީސް
08 މެއި 2025 - 10:10
ރާއްޖޭގައި ބޮއްސުންލާފައިވާ ތެލެސީމިއާ ފަރުވާގެ ކަންކަން ހަމަ މަގަށް އަޅުވައި، އާއިލާތަކަށް ހިތްހަމަޖެހުމާއި ފާގަތިކަން ގެނެސްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި، ހެޔޮ ދުއާ ފޮނުއްވައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި ތެލެސީމިއާ ކުދިންނަށް ވީ ވައުދުތައް ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށެވެ.
"ތެލަސީމިއާ ކުދީންނާއި އާއިލާތަކާއި ސީދާ އަޅުގަނޑު ބައްދަލުވެ، އަޑުއަހައި، އަދި އެ ކުދިންނަށް ފަރުވާ ދޭ ގޮތް ސީދާ ލޮލުން ދުށުމަށް ފަހު، އެތައް އަހަރެއް ވަންދެން ބޮއްސުންލާފައިއޮތް ކަންކަން ހަމަމަގަށް އަޅުވަން، އަޅުގަނޑުމެން މިކުރާ މަސައްކަތުން އިރާދަކުރެއްވިއްޔާ މިކުދީންނާއި އާއިލާތަކަށް ހިތްހަމަޖެހުމާއި ފާގަތިކަން ގެނަސްދޭނަމެވެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އާބާދީގެ ނިސްބަތުން ތެލެސީމިއާ ކުދިންގެ އަދަދު އެންމެ ގިނަ އެއް ގައުމަކީ ރާއްޖެ ކަމަށާއި އާބާދީގެ ކޮންމެ އަށާރަ މީހުންގެ ތެރެއިން އެކަކީ ތެލެސީމިއާ ވާރުތަވުމުގެ ފުރުސަތު އޮތް ކެރިއަރުން ކަމަށެވެ.
އެހެންވެ ތެލެސީމިއާ އާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމާއި ފަރުވާދެވޭނެ ވަސީލަތްތައް ފަހިކުރުމަށް ރާއްޖޭގައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެއްވެސް ތަފާތު ކުރުމެއް ނެތި، ދިވެހި މުޖްތަމަޢުން ލިބެން އޮތް ކޮންމެ ފުރުޞަތެއް ތެލެސީމިއާ ކުދީންނަށް ފަހިކޮށް ދޭން ޖެހޭ. އެ ކުދީން އުފާފާގަތި ދިރިއުޅުމަކަށް ކުރާ އުންމީދު ހަގީގަތަކަށް ވުމަކީ، ޤައުމަށް ލިބޭނެ އިތުރު ކުރިއެރުމަކާއި ކާމިޔާބީއެއް. pic.twitter.com/GSB5GCfcwa
— Dr Mohamed Muizzu (@MMuizzu) May 8, 2025
ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ތެލެސީމިއާ ތަހައްމަލު ކުރަމުންދާ ކޮންމެ ކުއްޖަކީ ވެސް އުނދަގޫ އެތައް ކަމެއް ތަހައްމަލުކުރަމުންދާ ކުދިން ކަމަށާއި ސިއްހަތު ސަލާމަތުން ބޭތިއްބުމާއި އެކުދިންނަށް ގަވާއިދުން ފަރުވާ ދިނުމަށް އިސްކަން ދިނުމަކީ ކަމާ ބެހޭ އިދާރާތަކުގެ ޒިންމާއެއް ކަމަށެވެ.
ރައީސް ވަނީ ތެލެސީމިއާ ކުދިންނަށް އޯގާތެރިކަމާ އެކު މުއާމަލާތްކުރުމުގެ މުހިއްމު ކަމާ ގުޅޭ ގޮތުން ވެސް ހިތާބުގައި ވާހަކަފުޅު ދައްކަވައިފަ އެވެ. އަދި އުނގަންނައިދިނުމާއި އާމްދަނީ ހޯދޭނެ މަގުތައް އެ ކުދިންނަށް ވެސް ހޯދައިދޭންޖެހޭ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ތެލެސީމިއާގެ އުނދަގޫ ބަރުދާސްތުކުރާ ކުދީންގެ ކެތްތެރިކަމާއި ހިތްވަރުގަދަކަމުން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށާއި އެ ކުދިން ދިރިއުޅުމެއް ހޯދުމަށް އުފުލާ ބުރަ ލުއިކޮށްދިނުމަށް ކުރާ ކޮންމެ ކަމަކީ، ސަވާބު ލިބޭނެ ހެޔޮ އަމަލެއް ކަމަށެވެ. އެގޮތުން އެކުދިންގެ ފުރާނައިގެ ހައްގުގައި ލޭ ހަދިޔާކުރުމަކީ ލިބޭނެ ދަރުމައެއް ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ ތެލެސީމިއާގެ އުނދަގޫ ތަހައްމަލުކުރާ ކުދިންނަށް އެހީތެރިވުމުގައި ސަރުކާރާއި މުޅި މުޖުތަމައު ބައިވެރިވުމަށް ވެސް އެދިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރިޔަމް މިޝްޔާ
08 May 2025
ޤައުމީ މަސައްކަތެއްގެ ގޮތުގައި ރައީސް މުޢިއްޒު، ސިފައިންނާ ހަވާލުކުރެއްވި ތެލަސީމިއާ ސެންޓަރު، ހުޅުމާލޭގައި ހުންނަ އޮރެންޖް ހިޔާއަށް ބަދަލުކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ނިންމާލާފަ. މި ރައީސް މިއީ ހަމަ އެއްވަން
ހަސަން ސިޔާމް ( ހަސަނޭ )
08 May 2025
އެހެން ސަރުކާރުތަކުން އަޅާނުލާ ދޫކޮށްލާފައި އޮންނަ ދާއިރާތަކަށް މި ސަރުކާރުން ވަރަށް އަޅާލާކަން ފާގަހަ ކުރެވޭ
އަލީ ނައީމް
08 May 2025
ތި ރައީސްއަށް ފަހުރުވެރިވޭ އަހަރެމެން ދިވެހީން
މައިދާ ނައީމް
08 May 2025
ރައީސް މުޢިއްޒު އަކީ ރައްޔިތުންގެ އިހުސާސްތައް ދަންނަ ރައީސްއެއް
ނިއުމަތް އަލީ
08 May 2025
ވަރަށް ބަރާބަރު ތިހެން ބވާނެ ޖެހޭނެ ރައީސް
ޑރ. ރާމީ ޙަސަން (ޕީ.އެން.އެފް)
08 May 2025
އެއްޗެސް ކަމެއް "ކުރެވިއްޖެ" މިހެން ބުނާ ތަނެއް އަދި މިވީ ދޮޅު އަހަރު ތެރޭގައި ނުފެނޭ! މުޅިން ވެސް، "އަންނަނީ އަންނަނީ އަންނަނީ!".