ރޯޒްވުޑް ރަންފަރު ރިސޯޓުގައި 1.4 މިލިއަން ގަސް އިންދުމުގެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް އިފްތިތާހުކޮށްދެއްވަނީ.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
13 މެއި 2025 - 12:43
މާލެ އަތޮޅުގައި ހަދަމުން އަންނަ ރޯޒްވުޑް ރަންފަރު ރިސޯޓުގައި، މި ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން 1.4 މިލިއަން ގަސް އިންދަން ނިންމައިފި އެވެ.
ޓޫރިޒަމާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ "ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމު" ރޯޒްވުޑް ރަންފަރު ރިސޯޓުގައި، މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު އިފްތިތާހުކޮށްދެއްވާފައިވާ ކަމަށެވެ.
ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
މިނިސްޓްރީން ބުނީ އަލަށް ހަދަމުން އަންނަ ރަންފަރު ރިސޯޓަށް ތޯރިގް ވަޑައިގަތީ އެ ރިސޯޓުން ދިން ދައުވަތަކަށް ކަމަށެވެ. އެ ދަތުރުގައި ރިސޯޓުގެ ފަރާތުން އެތަނުގައި 1.4 މިލިއަން ގަސް އިންދުމަށް އަހުދުކުރެވިފައިވާ ލިޔުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތެއް ބޭއްވި ކަމަށާއި ގަސް އިންދުމުގެ ހަރަކާތް ވެސް އެ ރަސްމިއްޔާތުގައި ފެށި ކަމަށް މިނިސްޓްރީން ބުންޏެވެ.
ރޯޒްވުޑް ރަންފަރު ރިސޯޓުގައި 1.4 މިލިއަން ގަސް އިންދުމުގެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
ތޯރިގް ވިދާޅުވި ގޮތުގައި، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އެކި ފަރާތްތަކުން، ޖުމްލަ 5.2 މިލިއަން ގަސް އިންދުމުގެ އަހުދު މިނިސްޓްރީއަށް މިހާތަނަށް ލިބިފައިވެ އެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުޅުމާލޭގައި 55،000 އަކަފޫޓުގެ ޒަމާނީ ނާސަރީއެއް އެޅުމަށް ނިންމައި، ޑިޒައިންކުރުމުގެ މަރުހަލާ ވެސް މިހާރު ނިމިފައިވާ ކަމަށް ތޯރިގް ވިދާޅުވި އެވެ.
މިނިސްޓްރީން ބުނީ އެ ނާސަރީގައި ލެބޯޓެރީއަކާއި ތަމްރީނުދޭ ކޮޓަރިތަކާއި އޮފީސް ބަޔަކާއި ގްރީންހައުސްއެއް ހުންނާނެ ކަމަށެވެ. އެ ނާސަރީގައި ރާއްޖޭގެ މާހައުލާ ގުޅޭ ގަސްތައް ހައްދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މާލެ އަތޮޅު ފަޅެއް ހިއްކައިގެން ހަދާ ރަންފަރު ރިސޯޓުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި އެތަން ހުޅުވަނީ 2027 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރީނާ
13 May 2025
ކުދިބަތް ބަސްތާ އެއް އޮއްސާލަނީ ތޯ
ތިމާވެށި
13 May 2025
1.4 މިލިއަން އިންދީމަ ސިއްރު އެކައުންޓް ތަކަށް ފައިސާ ޖަމާ ވާ ވަރު ބަލާލަ ބަލާށެވެ. ރިސޯޓް ތަކުން ގަސް ގަންނަނީވެސް ވ އަގު ބޮޑު ކޮށެވެ.
ކޮރަލް
13 May 2025
ރާއްޖެ އަށް ބޭނުންވަނީ މޭވާ އަޅާ ގަސްތައް ގިނަ އިން އިނދާށެވެ. ރާއްޖެ އަކީ ގިނަ އަދަދަކަށް މޭވާ އިމްޕޯރޓް ކުރާ ގައުމެކެވެ. ހުޅުމާލޭގަ މޭވާ އަޅާ ގަހެއް ހަމަ އިންދާ އިރަށް އެޗްދީސީ އިން ކަނޑާ ވައްޓާ ލާނެ އެވެ. ބިން މައްޗަށް ވެއްޓި ހަލާކު ވިއަސް ދަނބު ގަހުން ދަނބު ބިނުން މަނާ ވާނެ އެވެ. އަދި އަތުން ދަނބެ ނުބިދެވޭ ވަރަށް ގަސް ތައް ހުންނާނީ ކޮށާ ލާފަ އެވެ.
ނާޑުވާ
13 May 2025
ފަސް މިލިއަން ވޯޓަރ ބަނގަލޯގެ ނަމުގަ ތިޔަ ރިސޯރޓަށް ސަރުކާރު ޚަރަދުގަ ހިލޭ ވޯޓަރ ބަންގަލޯ ކޮޅެއް ވެސް އަޅާދޭން ފެނޭ. ކާކުގެ ނަމުގަ އޮތް ރަށެއްބާ??
އޮނަރަބްލް އަފީފު ދީދީ
13 May 2025
ރިސޯޓަށް އަންނަ ފަތުރު ވެރިންނަށް ކިޔާދޭނެ ރަނގަޅު ވާހަކަ އެއްވެސް ތީގެ ތެރެއިން އީޖާދު ކޮށްލުން ރަގަޅު ވާނެ. އެގޮތުން ކުރިން ތިއީ ވަރަށް ބޮޑު އެތައް ސަރަޙައްދަކަށް ފެތުރިފައިވާ އެތައް ލައްކަ އަކަކިލޯ މީޓަރުގެ ބޮޑު ރަށެއް ކަމަށާއި، ކުރީ ޒަމާނުގައި މާލޭސަރުކާރުން ހިންގި 5 މިލިޔަން ގަސް އިންދުމުގެ ޕްރޮޤްރާމެއްގެ ތެރެއިން ތިރަށަށް އަރާ ފާލަމާއި ދިމާލުގައި 1.4 މިލިޔަން ގަސް އިންދި ކަމަށް ވެސް ވާހަކަ ހަދައިގެން ދައްކާ ލެވިދާނެ. އޭރުން ވަރަށް ސަޅިވާނެ.
އޮނަރަބްލް އަފީފު ދީދީ
13 May 2025
މަކަރާއި ޙީލަތް ނަހަދާ ހަމަ އެއްވެސް ކަމެއް ކުރާން އަހަރުމެން ދިވެހިންނަށް ނޭގެނީތޯ؟! ސަބަބު ވެރި އިންސާނަކަށް އިގޭނެ ތިޔަ ފިނޮޅުގައި 1.4 މިލިޔަން ގަސް އިންދުމަކީ ކުރެވޭނެ ކަމެއް ނޫންކަން. އެހެނެއްނޫން ދިވެހިން ދަންނަ ބިންބި އަދި Wolffia Globosa ފަދަ ވިނަ ނުވަތަ ފެހި އަކީވެސް ގަހުގެ ގޮތުގައި ބަލައިގެން ގަސް އިންދާބަލަ އެތައް ހާސް ބިލިޔަން ގަސް ތިރަށުގައި ވެސް އިންދިދާނެ. އަދި އެކަމާއި ދެކޮޅު ވާނެ މީހެއްވެސް ނުހުންނާނެ. ވަޒީރަށް ވެސް ސަލާމް.
އިސްމާލި
13 May 2025
5 މިލިއަން ގަހުގެ ޕޮރޮގުރާމުގައި ސްޓެލްކޯ ގެ ފަރާތުން ވެސް ވަރަށް ގިނަ ގަސް އިންދައިފި. ސްޓެލްކޯ ގެ ވަށާ ފާރުގައި ޕުލާސްޓިކު ގޮށި ހަރުކޮއް އޭގައި ޒާތެއްގެ ވިނައެއް އިންދައި ދުނިޔެ ހޫނުވާ މިންވަރު ކުޑަކޮއްދީފި. އަހަރެންވެސް މިއަދު ގެއަށް ދަމުން ލަގުޒަރީއިން ކުދިބަތް ކިލޯއެއް ގެންގޮސް މަގުމަތީ ފާރުކައިރީ އިންދާނަން. ދެން އެތަނަށް ބުޅާ ސީލައި ހީސްލުމުން ވަރަށް ރަނގަޅަށް ހެދޭނެ.
އިސްމާލި
13 May 2025
މާލެ އަތޮޅުގައި އޮތް ފަރެއް ހަލާކުކޮއްލައިގެން ހަދާ، ތިމާވެއްޓާއި ރައްޓެހި ރިސޯޓުގައި އެއް މިލިއަނަށްވުރެ ގިނަ ގަސް އިންދުމަކީ މަމެން އުފާވާ ކަމެއް. އޭގެ ސަބަބުން އެ ރިސޯޓު ހެދުމަށް ހަލާކުކުރި ފަރުތަކާއި ގިރި، ފަރު ތަކާއި މަސްމަހާމެހީގެ އާބާދީއަށް ދިން ގެއްލުން ފޫބެދި އިޔާދަ ވާނެ.
މަބުނީ
13 May 2025
ވިނަގަހާއެކުތޯ؟
ދަބަރޭ
13 May 2025
ތިއީ އަމާބުނީތީ ފަރަށްދާ އުސޫލުން ހިންގާ ޕްރޮގްރާމެއް. ތި އަދަދު ހަމަކުރާނީ އޮފީސްތަކުގެ މޭޒުމަތީ ބަހައްޓާ ކުދި ކުދި ގަސްތައްވެސް ލައިގެންހެން ހީވަނީ.