އެޗްއާރުސީއެމްގެ ރައީސާއި މެމްބަރުން އަދި އިސްވެރިން ބައްދަލުވުމެއްގައި: ފަނޑިޔާރުން ވަކިކުރަން ނިންމި ނިންމުމާ މެދު އެ ކޮމިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި --- ފޮޓޯ/އެޗްއާރުސީއެމް
13 މެއި 2025 - 16:00
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި އެ ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމި ނިންމުމާ މެދު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ދެ ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވާފައިވަނީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ.
އެ މައްސަލަ ދިރާސާ ކުރުމަށްފަހު ޖުޑިޝަރީ ކޮމިޓީން ސިއްރުކޮށްގެން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވަނީ އެ ދެ ފަނޑިޔާރުން ވަކިކުރަން ފެންނަ ކަމަށެވެ. އެހެންވެ، އެ ބޭފުޅުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވާނެ އެވެ.
އެ މައްސަލައާ ގުޅިގެން އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރާޏޤ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް، އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ސަސްޕެންޑްކުރަން ޖޭއެސްސީން ނިންމުމަކީ އެ މަައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އެޅޭނެ އަދި ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ. އަދި ފަނޑިޔާރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ ވަކިކުރަން ނިންމުމުގައި އަމަލުކުރި ގޮތާ މެދު ކަންބޮޑުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ފަނޑިޔާރު އަލްއުސްތާޒު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރުމަށް ނިންމެވުމުގައި ޖުޑީޝަލް ސާވިސް ކޮމިޝަނުންނާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އަމަލުކޮށްފައިވާ ގޮތާއި އިޖުރާއަތުތައް ތަރުތީބުކުރެވުނު ގޮތުގެ ސަބަބުން މި ކޮމިޝަނުން ނުހަނު ކަންބޮޑުވާކަން ފާހަގަކުރަމެވެ،" އެ ބަޔާނުގައިވެ އެވެ.
އެ ކޮމިޝަނުން ބުނިގޮތުގައި ބައިނަލްއަގްވާމީ ގާނޫނީ ހަމަތަކާއި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި އދ. ގެ ރިޒޮލިއުޝަންތަކުގައި ފަނޑިޔާރުންގެ މިނިވަންކަން ކަށަވަރުކުރަން ބާރު އަޅާއިރު، އެކަންކަން ދެމެހެއްޓުމަކީ ކޮންމެ ދައުލަތެއްގެ ވެސް ޒިންމާއެއް ކަމަށެވެ.
މީގެ އިތުރުން އެއްވެސް މީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރެވިއްޖެ ނަމަ، އިންސާފުގެ އުސޫލުތަކާއި ހަމަތަކާ އެއްގޮތަށް އިންސާފުވެރި ޝަރީއަތެއް ހިންގައި އަދި ގާނޫނީ ގޮތުން ބުރަދަންހުރި ހެކީގެ މައްޗަށް ބުރަވެގެން ނޫން ގޮތަކަށް ކަންކަން ނިންމައިގެން ނުވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ކޮމިޝަނުން ބުނީ އަދުލުވެރި އަދި އިންސާފުވެރި ޝަރީއަތެއްގެ އުންސުރުތަކުގެ ތެރޭގައި އެމީހެއްގެ މައްޗަށް ކުރެވުނު ތުހުމަތަކީ ކޮބައިކަން ސާފުކޮށް އެނގުމާއި އެމީހެއްގެ ދިފާއުގައި ލިޔުމުންނާއި އަނގަބަހުން ޖަވާބުދާރީވުމުގެ ހައްގު ލިބިދޭން ޖެހޭ ކަމަށެވެ. އަދި އިދާރީ ނިންމުންތައް ނިންމުމުގައި ވެސް އަދުލު އިންސާފުގެ ހަމަތަކާ އެއްގޮތަށް ނިންމުންތައް ނިންމުމަށް ގާނޫނުއަސާސީގައި ލާޒިމުކުރާ ކަމަށެެވެ.
"ފަނޑިޔާރުގެ މަގާމުން ވަކިކުރުމުގެ ބޭނުމަށް ކުރެވޭ ތަހްގީގުގައ، އެފަނޑިޔާރެއް މަގާމުން ވަކިކުރުމަށް ނިންމާ ނިންމުމުގެ އެންމެހާ އިޖުރާއަތުތައް ތަރުތީބުކުރަންވާނ،ީ ތަބީއީ އިންސާފުގެ ހަމަތަކާއި އުސޫލުތަކާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމުގައި ތަތުބީގުކުރުން ލާޒިމު ހަމަތަކުގެ މައްޗަށެވެ،" އެ ބަޔާނުގައިވެ އެވެ.
ފަނޑިޔާރުން ވަކިކުރަން ނިންމި ނިންމުމާ ގުޅިގެން އދ. ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ މެދު މަންދޫބުގެ ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާކަން ފާހަގަކޮށް، އެ ބަޔާނުގައިވަނީ ޖޭއެސްސީން ކުރިއަށް ގެންދިޔަ ތަހުގީގުތަކުގައި ޖަވާބުދާރީވުމުގެ ފުރުސަތު އެކަށީގެންވާ ގޮތުގައި ލިބިފައިނުވާ ކަމަށާއި ތުހުމަތު ކުރެވޭ މައްސަލަ ބިނާކުރި ސަބަބުތައް ސާފުކޮށް އޮޅުންފިލުވައިދީފައިނުވާ ކަމަށާއި ވަކީލުންގެ އެހީތެރިކަން ހޯދައި ލިބިގަތުމަށް ހުރަސްއަޅާފައިވާ ކަމުގެ ކަންބޮޑުވުންތައް އެބަ ހުރި ކަމަށެވެ.
އެ މައްސަލާގައި މަޖިލީހުގައި ޖަވާބުދާރީވާން ފަނޑިޔާރުން އެދުނު ނަމަވެސް އެ ފުރުސަތު ވެސް ފަނޑިޔާރުންނަށް ދިނުމަކާ ނުލައި ކޮމިޓީ ސިއްރުކޮށްގެން ބާއްވައި، އެ ބޭފުޅުން ވަކިކުރަން ނިންމުމުން ކަންބޮޑުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
"އިސްވެ ދެންނެވުނު ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގައި ޖަވާބުދާރީވުމުގެ ފުރުސަތަކަށް ފަނޑިޔާރުން އެދިވަޑައިގެންފައި ވީނަމަވެސް އެފަދަ އެއްވެސް ފުރުސަތެއް ދެއްވުމަކާ ނުލައި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުންތައް ވެސް ސިއްރުކޮށް ގެންގޮސް ފަނޑިޔާރުން ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކި ކުރުމަށް އެ ކޮމިޓީން ފާސްކޮށްފައިވުމަކީ މި ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައި ދަންނަވަމެވެ،"
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އަކުން 5 އަކަށް މަދުކުރުމަށް ކޯޓުތަކުގެ ގާނޫނަށް ގެންނަން ފާސްކުރި އިސްލާހާ ގުޅިގެން ވެސް އެ ބަޔާނުގައި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި އެއީ ގާނޫނުއަސާސީއާ ހިލާފް އިސްލާހެއް ކަމަށް ދެކޭތީ އެކަމުގެ ކަންބޮޑުވުންތައް ވެސް ރައީސް އޮފީހާ ހިއްސާކޮށްފައިވާ ކަމަށާއި އަދި އެ އިސްލާހު ތަސްދީގު ނުކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އިސްލާހު އަނބުރާ އަނބުރާ ފޮނުއްވާލެއްވުމުން އެކަމަށް މަރުހަބާ ކިޔާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެޗްއާރުސީއެމުން ވަނީ ދިމިގްރާތީ އުސޫލުތަކާއި ގާނޫނުގެ ވެރިކަން ނަގަހައްޓައި ދައުލަތުގެ ތިން ބާރު ވަކިވެފައިވާ ނިޒާމަށް އިހްތިރާމް ކުރުމާ އެކު ބައިނަލްއަގްވާމީ ހަމަތައް ކަށަވަރުކުރުމަށް ގޮވާލައިފަ އެވެ. އަދި ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު، މަގާމުން ވަކިކުރުމާ މެދު މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިން ހާމަކަމާއެކު ކުރިއަށް ގެންދެވޭ އިޖުރާއަތުގެ ތެެރެއިން އަދުލު އިންސާފުގެ ހަމަތަކާ އެއްގޮތަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް ގޮވާލާ ކަމަށް އެ ބަޔާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
14 May 2025
އާދައިގެ ރައްޔިތެއްގެ އިންސާނީ ހައްގު ގެއްލިގެން ދާއިރު އަނގައިން ނުބުނެ އެވެ.
ޖެން ޒީ
14 May 2025
އެޗްއާރުސީއެމް ގާނޫނޫގައި އޮވޭ ގަވައިދުން ނޫސް ކޮންފަރެންސް ބާއްވާ މެންބަރުން މީޑިއާއަށް ދާން. ސުވާލަކީ އެންމެ ފަހުން މީޑިއާ އާ ކޮމިސަނުން ބައްދަލު ކުރީ ކޮން އިރަކުތޯ އެއީ ކޮން މީޑިއާތަކެއް ތޯ.
ޔޫނި
14 May 2025
ކޮމިޝަންގެ ބަޖެޓު ތަޅާލަނީ މެންބަރުންނަށް އެންމެ ފަހުގެ އެޕަލް އައިޕެޑާ ސިސްޓަމް ގަނެ ބޭރު ގައުމުތަކަށް ބޭކާރު ދަތުރު އަޅާ މެންބަރުންގެ ކޮޓަރިފުޅުތަކުގެ އިއްޒަތް މަތިކުރަން. ރައްޔިތު މީހާ ލާ މައްސަލަ ބަހަބަރު، ދުވަހަކު ބަލާ ނުނިމޭ.
އެނިމަލް ރައިޓްސް
14 May 2025
ފަނޑިޔާރެއް ވީމާ ވަގުތު ފާއިތުވީމަ ވެސް ޗަސްޕެއް ނެތް ބަޔާން ގަނޑެއް ނެރެފި. ޔުމްނު ކަންތަކުގައި ހަރުކަށި އިބާރާތުން ސުޓާފުންނަށް އެންގީ އެކަމާ ނޫޅެން. އޭގެ ސަބަބު ސްޓާފުންނަށް ވަރަށް ސާފު.
ޒުބޭރު
14 May 2025
ޗިލްރަންސް އޮމްބަޑުސްމަންގެ ވެރިންނާ މުވައްޒަފުން ގެންގޮސް މަޖުލިހުގެ ހިއުމާން ރައިޓްސް ކޮމިޓީއިން ސުވާލު ކުރިގޮތައް އެޗްއާރުސީއެމްގެ ވެރިންނާ މުވައްޒަފުން ގެންގޮސް ސުވާލު ކުރީމާ ލައްކަ ކަންކަން ސާފުވާނެ . އެދުވަސް އޮތީ ވަރަށް ކައިރީގަ
ރެދަން
14 May 2025
ކޮމިޝަންގެ އޮޑިޓެއް މަޖުލިހުން ހަދައިފިއްޔާ ލައްކަ ހަޑި ފެންނާނެ
މުހުތާރު
14 May 2025
ކުރިން އީސީ ހަބީބަކީ ޓުވިޓާއިންވެސް ރައްޔިތުންނާ ވަރަށް ގާތް ގުޅުމެއް ބޭއްވި ބޭފުޅެއް. އެކަމަކު އެޗުއާރުސީއެމް އަށް ދިޔަ ހިސާބުން ހަބީބު ވެސް ރައްޔިތުންނާ ޢެއްކޮށް ހެން ދުރުވެއްޖެ. އެޗްއާރުސީއެމް އަކީ ހައްގުތަކުގެ ކޮމިޝަނަށް ވާއިރު އެޗްއާރުސީއެމް މެންބަރުން ރައްޔިތުންނާ ދުރުން ފިލައިގެން އުޅުމަކީ ރައްޔިތުން ކަންބޮޑުވާ ކަމެއް.
ހުވަދޫ ބެއްޔާ
13 May 2025
ނާގާބިލް، ނަޒާހަތްތެރިކަމެއް ނެތް، އިތުބާރެއް ނެތް، އިހުލާސްތެރިކަމެއް ނެތް ބައެއް. މަޖުލިސަށް ފެންނަ ގޮތަކަށް މިމީހުންގެ ކަންތައް ކޮޅެއްގަ ޖައްސަން ރައްޔިތުން އެދެނީ
މުއާޒު
13 May 2025
އެތައް ބަޔަކު ޖަލުގައި ވާނުވާ ޖަހާފަ އެތައް ޒަމާނެއް ތިބޭތާ. ކޮން ކަމެއް އެޗްއާރުސީން ކުރީ؟ އެމީހުންގެ ހައްގުގަ ކޮން އަޑެއް އުފުލީ؟
ކަންބޮޑުވުން
13 May 2025
ދޮޅު ލައްކަޔާ ކައިރި ކުރާ އަދަދަކަށް އެޗްއާރުސީއެމްގެ މެންބަރުން ކޮންމެ މެންބަރަކު މަހު މުސާރައާއިނާޔަތް ނަގާ ރައްޔިތުންގެ ހައްގުތަކުގައި މަސައްކަތް ނުކުރާތީ މިމީހުންގެ މައްސަލަ ބަލާ އެންމެ ހަރުކަށި ފިޔަވަޅު އަޅަން މަޖުލިހަށް ގޮވާލަން