ހުޅުމާލެ ބަނދަރުގައި އަޅާފައި އޮތް ސަފާރީއެއް: އެތަން ހުސްކުރަން އެންގުމުން އެންބީއޭއެމް ވަނީ ކަންބޮޑުވުން ފާޅުކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
21 މެއި 2025 - 19:36
ހުޅުމާލެ ފަޅުތެރޭގައި އަޅާ ސަފާރީތައް ބަނދަރު ކުރާނެ އެހެން ތަނެއް ނުދައްކާ އެ ސަރަހައްދު ހުސްކުރަން އަންގާތީ ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ކަންބޮޑުވެއްޖެ އެވެ.
އެންބީއޭއެމް އިން މިދިޔަ އަންގާރަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހުޅުމާލެ 3 ގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ހުޅުމާލޭ ބަނދަރުން ސަފާރީ އުޅަނދުތައް ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމާފައިވާ ނިންމުމާ މެދު ކަންބޮޑުވާ ކަމަށެވެ.
އެ ބަޔާނުގައި ބުނީ ގައުމީ ތަރައްގީގެ މަޝްރޫއުތަކުގެ މުހިންމުކަން ގަބޫލުކުރާ ކަމަށާއި ނަމަވެސް އުޅަނދުތައް ބަނދަރުކުރާނެ އެހެން ތަނެއް ނުދައްކާ ނަގަން އެންގުމުން އުޅަނދުތަކުގެ ވެރިންނަށް ހިންގުމުގެ ގޮތުންނާއި ސަލާމަތީގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން، އެ ނިންމުން އައިސްފައި ވަނީ ހުޅަނގު މޫސުމުގެ ބާރުގަދަވެފައިވާ ދުވަސްވަރުގައި ކަމަށް ވުމުން އިތުރު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.
"މި މޫސުމަކީ އާންމުކޮށް ކަނޑުގަދަވެ، ވައިގަދަވެ، އަދި މޫސުން ލަފާނުކުރެވޭ ވަގުތެއް ކަމުން، އުޅަނދުފަހަރު އެހެން ތަނަކަށް ބަދަލުކުރުން ރައްކާތެރިއެއް ނުވާނެ. ރައްކާތެރި ބަނދަރެއް ފޯރުކޮށްދިނުމެއް ނެތި މި ސަފާރީ އުޅަނދުތައް ބަދަލުކުރުމުން އުޅަނދުތަކަށާއި އުޅަނދުގެ ފަޅުވެރިންނަށާއި އަދި އެކަމާ ގުޅުންހުރި އޮޕަރޭޝަންތަކަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ،" އިނގިރޭސި ބަހުން ނެރުނު ބަޔާނުގައި ބުންޏެވެ.
ހުޅުމާލެ ބޭރުގައި ސަފާރީއެއް: ސަފާރީތައް ބަނދަރުކުރާނެ ރަނގަޅު ތަނެއް ނެތުމުގެ ޝަކުވާ އަބަދުވެސް އޮވޭ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެ ބަޔާނުގައި ބުނީ އެ ސަފާރީ އުޅަނދުތަކަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ ވެސް މުހިންމު ބަޔަކަށް ވާއިރު، އެކަށޭނެ ބަދަލުތަކެއް ފަހިނުކޮށްދީ ކުއްލިއަކަށް އެގޮތަށް އެންގުމުން ގައުމުގެ އިގުތިސާދަށް ވެސް އޭގެ އަސަރު ކުރާނެ ކަމަށެވެ. އަދި އުޅަނދުތައް އޮޕަރޭޓްކުރާ މީހުންނަށް ލިބޭ އާމްދަނީއަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ބުންޏެވެ.
"އެންބީއޭއެމް އިން ކަމާބެހޭ ސަރުކާރުގެ ފަރާތްތަކަށާއި އެޗްޑީސީއަށް އިހުތިރާމާއެކު ގޮވާލަނީ، ކަނޑައެޅިފައިވާ އަދި ރައްކާތެރި ބަނދަރެއް ހަމަޖެހެންދެން މި ނިންމުން ބަދަލުކޮށްދިނުމަށް،" އެ ޖަމިއްޔާއިން ބުންޏެވެ.
އެފަދަ ނިންމުންތައް ނިންމަން ވާނީ އެކަށީގެންވާ ޕްލޭނަކާ އެކު، އަދި އެކަމުގައި ޝާމިލްވާ ފަރާތްތަކުގެ މަޝްވަރާއާ ވެސް އެކުގައި އެއްވެސް ބަޔަކަށް ދަތި ނުވާނެ ގޮތަށް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ހުޅުމާލެ 3 ހިއްކާތީ، އެ ސަރަހައްދުގައި އަޅާފައި ހުރި އުޅަނދުތައް ނަގަން އެޗްޑީސީން އެކި ފަހަރު މަތިން، މިދިޔަ އަހަރު އިއުލާންކޮށްފައިވެ އެވެ.
ސަފާރީ އުޅަނދުތައް އަޅާނެ ރަނގަޅު ބަނދަރެއް ނެތުމަކީ އެންބީއޭއެމް އަބަދުވެސް ކުރާ ޝަކުވާއެކެވެ. ކުރީގެ ސަރުކާރުތަކަށް ވެސް މި ޝަކުވާ ހުށަހެޅި އެވެ.
ހުޅުމާލެއިން މިހާރު ހިއްކަމުން އަންނަ ސަރަހައްދަކީ ވެސް ކުރިން ކްރޫޒްލައިނާ އަޅަން މާސްޓަޕްލޭންގައި ހިމަނާފައި އޮތް ސަރަހައްދެވެ. ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެ ޕްލޭނާ ހިލާފަށް އެ ސަރަހައްދު ހިއްކައި، މާލޭ ރައްޔިތުންނަށް ގޯތި ދޭން ނިންމި އެވެ. އަދި އެ ސަރަހައްދުގައި އަޅާ ސަފާރީތަކަށް ދިޔަނެރާއި ކުޑަގިރިން ޖާގަދިނުމަށް އޭރު ނިންމި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
24 May 2025
ތިޔަ ސަފާރީތަކަކީ ބޭރުމީހުން އަޑީގައި ތިބެގެން ދިވެހިންގެ ނަމުގައި އިންވެސްޓްކޮށްގެން ހިންގާ ވިޔަފާރިއެއް. %90ސަފާރީގެ އަސްލު ވެރިންނަކީ ބޭރުމީހުން މީރާއަށް އޮޅޫވާލައިގެން ޖީެސްޓީ ދައްކަނީ ބޭރުމީހާއަށް ކުއްޔަށް ދީގެން ކަމަށް ހަދައިގެން ކުލިން. ސަފާރީގެ ސޭލްސްއަށް ވާ އެތަކެއް ލައްކަ ޑޮަލަރުން ޖީއެސްޓީ އަދި ބީޕީޓީ ނުދައްކާ. ސަފާރީތައް ބަނދަރު ކުރަން ސަރުކާރުން މާލެއާއި ކައިރީގަ އޮންނަ ގާތު ފަޅުދިން. ސަފާރީތައް އެފަޅުގައި ނާޅަނީ ކީއްވެތަ؟
ބިންވެރިޔާ ސްކޭމް
22 May 2025
ކމާލޭ ބިންވެރިންނަށް އިތުރު ބިން ދޭން ސަހަރާ ވެސް ކޮނެފާނެ ކަލޭނޭ
ކޮރަލް
22 May 2025
އަވަހަށް ހުސް ކުރަން ވީ އެވެ. ސަފާރީ ތަކުގަ އޮތީ ޕާޓީ ކުރުމެވެ. ދެން ހުޅުމާލެ އަށް ރާ އެތެރެ ކުރުމެވެ.
ދޮގު ދޮލަނގު
22 May 2025
ތި ބޮޑު ދޮގެއް. ތީ ރިސޯޓު މަހުޖަނުން ސަފާރީތަކު އަގޔ ވައްޓާލަން ދަމާ ބަނދިވަރެއް. ދުވަހަކުވެސް ފަޅު ތެރޭ އޮންނަ އިރު މީހުން ނާރާ ސަފާރީ ގިނަވާނީ. ކަލޭ ދޭ ބަލަ ބަލަން ވީކް އެންޑުގައި ރިސޯޓުތަކައް ބޮއި ޕާޓީ ކުރަން ދާ މީހުންގެ އަދަދު
ފަޅޯ ދަނޑި
22 May 2025
ކޮބާ ރިސޯޓު ތަކުގައި ހުރި ރަލުގެ މައްސަލަ؟ ކޮބާ މާފުށީގައި އަނބުރާ ރާ؟ އެނާރާތަ ތި ރާޑަރަށް؟ ރިސޯޓުތަކައް މާގިނަ ދިވެހިން ވެސް ދޭ ރާބޯން ޕާޓީކުރަން. މަނާ ކުރަންޔާ ކުރަންޖެހޭނީ ގަނޑުކޮއް ރިސޯޓުތައް އިސްތިސްނާއެއް ނުކުރެވޭނެ އިގިއްޖޭ. ދިވެހިން ރިސޯޓުތަކައް އެރުވުން މަނާކުރޭ އެހެން ނޫނިއްޔަ
ތަޅާލަ
22 May 2025
ގޭގަ ޕާޓީކުރުން ހުއްދަތަ؟ އެވެސް ކުރާ މީހުން ކުރޭ. ދެން ކަލޭމެން އެހެނެވީމަ ހުރިހާ ގެޔެއް ތަޅާލަން ދޯ ހިފާނީ.
ބޮންޑުހައުސް
22 May 2025
ރިސޯޓު ތަކުގެ ލޯންޗަ ފެރި ތަކުން މާލެއާ ހުޅުމާލެއަށް ރާ އަރުވާކަން އެއީ އެންމެނަށް އެގޭ ބޮޑު ސިއްރެއް.
ބަނދަރު
22 May 2025
ސަފާރީތަކައްވެސް ހުންނަންޖެހޭނީ ޚާއްސަ ބަދަރުތަކެެއް ހަދާފައި. އެފަދަ ބަނދަރުތައް ބޭނުންކޮށް އުޅަނދުތައް އަޅާފައި ބެހެއްޓުމަށް ފީ ނަގަންޖެހޭނެ. އެއްވެސް ގައުމެއްގައި ވަދެނިކުމެ ހަދަންޖެހޭ ފަޅެއްގައި މިގޮތަށް ސަފާރީތައް އުކާފައި ނުހުންނާނެ. އެވެސް އަދި މުޅިން ހިލޭ.
ލަދުލަދު
22 May 2025
ރިސޯޓު ތަކުގެ ބިމު ކުއްޔޯ؟ އެކީއްވެ މާފު ކޮއްދީގެން ސަރުކާރުން އުޅެނީ.
ވަހީދާ އަލީ
22 May 2025
މިއުޅެނީ ކަލޭމެން ބިން ވ މީހުންނަށް ބިން ހިއްކާދޭން ދޯ. ދައުލަތުގަ ނެތް ވަރަކުން ވެސް. މަޖާ ތަންކޮޅަކީ ހިއްކާދަ ގޯތި ދިނަސް ދެވަނަ ދައުރެއް ހަމަ ނުލިބޭނެތީ.
ޖޯޖު
22 May 2025
ހުރިހާ ނުބައިކަމެއްގެ އަމާ ކަމުގަ ވާ ރާ (އަލްކަހޯލް) ސަފާރީ ތަކައް ދޫކުރުން ހުއްޓާލަން ސަރުކާރަށް ގޮވާލަން
ދެފުއްކެހެރީ
22 May 2025
ރިސޯޓު ތަކައް ދޫކުރުން ކަލެއަށް އޯކޭ ވަނީ އެތަނައް ބޯން ދަނީ ނެޕޯ ބޭބީޒް އާ އިއްޒަތްތެރިން ވީމަ ދޯ؟
ރިސޯޓު ބޯއި
22 May 2025
ރިސޯޓު ތަކޯ؟ ދިވެހިން ވީކުއެންޑަށް ރިސޯޓައް ގޮސް ބޮނީ ޒަމްޒަމް ފެން އުތަ؟
އަހުމަދު މުހައްމަދު އަލީ
22 May 2025
ކޮރަޕްޓް ވެފާ ވަންޏާ ތިހެންވާނީ . ސަފާރީ އަށް ރަޖިސްޓްރީ ކޮށްދީފަ އޮތް ބަނދަރެއްތަ ތީ ؟
ފާޒޮލު
22 May 2025
ކަލޯ އެއްވެސް ކަނޑު އުޅަނދެއް ބަނދަރައް ރަޖިސްޓުރީ×އެއް ނުކުރޭ. އެކަމަކު ސަރުކާރުން ބަނދަރު ދައްކަން ޖެހޭނެ އުޅަނދުތަކައް. ސަފާރީތަކުން މަހަކު ކިތައް މިލިއަން ބިލިއަން ޑޮލަރު ސަރުކާރަށް ވައްދައިދޭކަން ކަލެއަށް އެގޭތެ؟
ރަސިމާ
22 May 2025
ގޯތިބޭނުމީ. ލިބިފަ އޮތީ ވެސް، އެހެންވީމަ ދެން މަށަށް ހެޔޮ ބޯޓުހިފައިގެން ކޮންމެތާކަށް ދިޔައަސް. ލައްކަ ގޮތްގަތަށް ދައުލަތުން ކައިފީމެއްނުން. ދެން ހިލޭ ލިބޭ ގޯތި ނުލިބޭ ގޮތަށް ނޫޅެބަލަ.
ގެރިގެރި
22 May 2025
ކަލޭ ބުނެދީ ބަލަ އެހެންވީމަ 3 ގޮތް ދައުލަތުން ސަފާރީތަކައް އެހީވާ. ސަފާރީ ތަކުން ސަރުކާރުން ކޭ އެއްޗެއް ވެސް ބުނެލާތި. ކަލޭމެން ގިނަ މާލޭގެ ބިންވެރި މަހުޖަނުން ގޯތި ތިހޯދީ ދޮގު މައުލޫމާތު ދީގެން. ކަލޭމެންގެ ކަމެއް ނުވެއްޖިއްޔާ ހީވަނީ މޮޔަވެގެން އުޅޭ މޮޔަގެރި ތަކެއްހެން
ބޮއިހަލާކު
22 May 2025
އަސްލު ސަފާރީތަކާއި އޮޑިދޯނި ފަހަރުވެސް ރަޖިސްޓްރީ ކޮށްދޭންވީ އެ އުޅަނދު އާއްމުކޮށް ބާއްވާނެ ތަނެއް ކަނޑައަޅައި ގޖާގަ ލިބިގެން، މިވާގޮތުން ދުވަސްކޮޅަކުން މާލޭގެ ޕާކިންގ މައްސަލައާއި އެއްވަރަށް އޮޑިދޯނި ފަހަރު އެޅުމުގެ މައްސަލަ ހިގައިދާނެހެން ހީވަނީ، މިހާރުވެސް ސައިކަލާއި ކާރު ޓޯ ކުރާގޮތަށް މާގިނަ ދުވަހު ނުދުއްވާ ހުޅުމާލެ ފަޅުގައި އަޅާފައި ހުންނަ އޮޑިފަހަރު ނަގަންވީ،
އިލި
22 May 2025
ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް އެއީ މަހިބަދޫ ދައިރާގެ މެމްބަރ ތޯރިގު ކޯފާވެދާނެތީ މިހާރު ތޯރިގުގެ އޮވޭ 2 ސަފާރީ އެންމެ ފަސް އަހަރުން