މިދިޔަ ހުކުރު ދުވަހު ޔޫއޭއީގެ ދުބާއީގައި ދަތުރުކުރި ވެހިކަލެއްގެ ޑޭޝް ބޯޑުން އެ ސަރަހައްދުގެ ފިނިހޫނުމިން ޑިސްޕްލޭވެފައި. -- ފޮޓޯ: އޭއެފްޕީ
25 މެއި 2025 - 06:39
މިދިޔަ ހުކުރު ދުވަހަކީ ޔުނައިޓެޑް އަރަބި އެމިރޭޓްސް އަށް މެއި މަހެއްގައި މިހާތަނަށް އެންމެ ހޫނު ގަދަވި ދުވަހުގެ ގޮތުގައި ރެކޯޑްކުރެވިފައި ވަނިކޮށް އިއްޔެ 51.6 ޑިގްރީ ސެލްސިއެސް އަށް ހޫނުމިން އަރައި އާ ރެކޯޑަކަށް ވެއްޖެ އެވެ.
"މިއަދު މުޅި ގައުމަށް ބަލާއިރު ހޫނުމިން އެންމެ މައްޗަށް ދިޔައީ ސުވައިހާން [އަލް އައިން] އަށް މެންދުރު ފަހު 1:45 [ޖީއެމްޓީ ގަޑިން ހެނދުނު 9:45] ގައި،" ޔޫއޭއީގެ ނެޝަނަލް ސެންޓަ ފޯ މިޓިއޮރޮލޮޖީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
މިއީ ހުކުރު ދުވަހު އެންމެ ހޫނު ގަދަވި ވަރަށްވުރެ 1.2 ޑިގްރީ ސެލްސިއަސް މަތީ މިންވަރެކެވެ.
މި ދެ ދުވަހު ވެސް ވަނީ މީގެ ކުރިން މެއި މަހެއްގައި ޔޫއޭއީ އަށް އެންމެ ހޫނުވި ދުވަހުގެ ގޮތުގައި 2009 ވަނަ އަހަރު ރެކޯޑްކުރެވިފައިވާ ވަަރަށްވުރެ ހޫނުވެފަ އެވެ. އޭރުގެ ރެކޯޑަކީ 50.2 ޑިގްރީ ސެލްސިއަސް އެވެ.
ސަހަރާ ބޮޑު ޔޫއޭއީ އަކީ މުޅި ދުނިޔޭގައި ވެސް އެންމެ ހޫނުވާ އެއް ސަރަހައްދުގައި އޮންނަ ގައުމެކެވެ. އަދި އެއީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވޭ ވެސް އެއް ސަރަހައްދެވެ.
ކުރިން ނުވާ ވަރަށް ހޫނުވުމާއި ހޫނު ދުވަސްތައް ގިނަވުން ފަދަ ކަންކަމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެ ހޫނުވާކަން ސާފުކޮށް އެނގޭ ހެކިތައް ކަމަށާއި މި ހާލަތު ކުރިއަށް އޮތަނުގައި އަދިވެސް އިތުރަށް ގޯސްވާނެ ކަމަށް ސައިންސްވެރިން ބުނެ އެވެ.
މިދިޔަ 30 އަހަރުތެރޭގައި ވަނީ އާދަޔާ ހިލާފަށް ހޫނު ދުވަސްތައް މުޅި ދުނިޔޭގައި ދެ ގުނަ އިތުރުވެފަ އެވެ.
ގްރީންޕީސް އިން 2022 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ހޫނު ގަދަވުމުގެ އިތުރުން މެދުއިރުމައްޗަށް ފެނާއި ކާބޯތަކެތީގެ ދަތިކަން ކުރިމަތިވުމުގެ ނުރައްކާ ވަރަށް ބޮޑެވެ.
ޔޫއޭއީގެ އިތުރުން ހަ ގައުމަކަށް އަމާޒުކޮށްގެން އެކުލަވާލި އެ ރިޕޯޓުގައި ބުނެފައި ވަނީ ދުނިޔޭގެ އެވްރެޖަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ ހަލުވިކަމާ އެކު އެ ސަރަހައްދު ހޫނުވަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން އެ ސަރަހައްދުގައި ކާބޯތަކެއްޗާއި ފެނުގެ ވަސީލަތްތައް މޫސުމީ ބަދަލުތަކާ އެކު ވަރަށް ބޮޑަށް ނުރައްކަލަށް ހުށަހެޅޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮތަރޭ
25 May 2025
އަދިވެސް ބުރްޖު ޚަލީފާއާއި ބުރްޖު ޓުރަމްޕާއި އިތުރަށް އަޅާފައި އެމެރިކާއަށް ޓުރިލިއަން ޑޮލަރުދީގެން ތިބޭ ފަލަސްތީނު މީހުން މަރަން ދޫކޮށްލާފައި
ފަހުދު.
25 May 2025
އުޅެވޭ ގޮތުްން
ޖީބު
25 May 2025
އޯކޭއެއްނު. ތެޔޮ އުފެދޭނީ އެހާކަން ވަރަކުން
މައްކޫ
25 May 2025
ޔޫއޭއީ އަށް ހޫނުވާވަރު އަދިވެސް ކުޑަ، އެ އުޅެނީ އެމެރިކާ އަށް ފައިސާ ދީ ޔަހޫދީންނާ އެއްބައިވެ، ފަލަސްޠީން ގެ ދަރިކޮޅު ނައްތާލުމުގައި ބައިވެރިވަމުން