އަކްރަމް ކަމާލުއްދީން: ހައިކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށްލާފައި ވަނިކޮށް އާ އަމުރެއްގެ ދަށުން އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައި --- ފޮޓޯ/މިހާރު
03 ޖޫން 2025 - 15:03
ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް، ކްރިމިނަލް ކޯޓުގެ އާ އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނެފި އެވެ.
އަކްރަމްގެ ޕާސްޕޯޓް އެންމެ ފުރަތަމަ ހިފެހެއްޓީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ ކަންކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށާފައިވާ ތަހުގީގުގެ ބޭނުމަށް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ.
އެ އަމުރު ބާތިލްކުރަން އަކްރަމްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި ނަމަވެސް، އެ ކޯޓުން ފުރަތަމަ ނިންމީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ. އެއީ އެ މައްސަލައަކީ ދަށު ކޯޓަށް ހުށަހަޅައިގެން ބަހުސްކޮށް އަދި މުރާޖާ ކުރުމުގެ ފުރުސަތު އޮތް މައްސަލައަކަށް ވާތީ ކަމަށް ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައިވެ އެވެ.
އެ ނިންމުން އަކްރަމްގެ ފަރާތުން ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން އެ މަޖިލީހުން ނިންމީ އަކްރަމްގެ ޕޯސްޕޯޓާ ގުޅޭ މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމެވީ ރަނގަޅަށް ނޫން ކަމަށެވެ. އެހެންވެ، އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަން ނިންމި އެވެ.
އެ މައްސަލާގައި ހައި ކޯޓުން އޭރު ނިންމާފައިވަނީ އަކްރަމްގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށެވެ. އެހެންވެ، އެ އަމުރު ބާތިލްކޮށް، އަކްރަމްގެ ޕާސްޕޯޓް ދޫކޮށްލަން ހައި ކޯޓުން އޭރު އަމުރުކޮށްފައިވެ އެވެ.
ހައި ކޯޓުގެ އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެއް ނުވެ އެވެ. ނަމަވެސް، ހައި ކޯޓުން މިދިޔަ އޭޕްރީލް މަހު ހުކުމްކުރި ފަހުން ކްރިމިނަލް ކޯޓުގެ އާ އަމުރެއްގެ ދަށުން އަކްރަމްގެ ޕާސްޕޯޓް 30 ދުވަހަށް ވަނީ ހިފަހައްޓައިފަ އެވެ.
އަކްރަމް ވަނީ އެކަމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ސިޓީއެއް ފޮނުއްވައިފަ އެވެ. އޭނާ ވިދާޅުވެފައިވަނީ ހައި ކޯޓުގެ ހުކުމް އިސްތިއުނާފު ނުކުރަން ޕީޖީ އޮފީހުން ނިންމާފައި ވަނިކޮށް، އެ ނިންމުމަށް ގޮންޖަހާ އުސޫލުން ކްރިމިނަލް ކޯޓުން އެހެން އަމުރެއް ނެރެ، އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ. އެހެންވެ، ކްރިމިނަލް ކޯޓުގެ އެ އަމުރު ބާތިލްކޮށްދޭން އެދެން އަކްރަމް ވަނީ އެދިވަޑައިގެންފަ އެވެ.
އެ ސިޓީގެ ޖަވާބުގައި ޕީޖީ އޮފީހުން ބުނެފައިވަނީ ހައި ކޯޓުން ބާތިލްކޮށްފައިވަނީ ވަކި އަމުރެއް ކަމަށެވެ. އަދި މިހާރު ދެމިއޮތް އަމުރާ މެދު ހިތްހަމަނުޖެހޭ ނަމަ، އެ އަމުރު މުރާޖައާ ކުރަން ހުށަހެޅުމުގެ ފުރުސަތާއި ބާތިލް ކުރަން އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
އަކްރަމްގެ އިތުރުން ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފުގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ވެސް ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.
އަކްރަމާއި އާރިފަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފްލެޓާއި ގޯތި ދިނުމަށް އުފެއްދި ހާއްސަ ކޮމިޓީގައި ވެސް އިސްކޮށް ތިއްބެވި ބޭފުޅުންނެވެ. އެ ބޭފުޅުންނަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އޭސީސީން މިއަދު ވަނީ ފޮނުވައިފަ އެވެ.
ކުރީގެ ސަރުކާރުގައި، މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށް ދޭން ނިންމި ގެދޮރުވެރިޔާ ފްލެޓްތަކުގެ މައްސަލާގައި އޭސީސީން ކުރި ބޮޑު ތަހުގީގަށް ފަހު ބުނީ ފުރަތަމަ 4،000 ފްލެޓް ދޭން އޭރުގެ ހައުސިން މިނިސްޓްރީން ކަނޑައެޅި މީހުންގެ ތެރެއިން ފްލެޓަށް ހުރިހާ ޝަރުތެއް ހަމަވަނީ އެންމެ 20 ޕަސެންޓް މީހުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޥިސްނާ
04 June 2025
ހުޅުމާލެއިން ހިލޭ ބަހާލި ގޯތިތަށް ސަރުކާރަށް ނަގަންޖެހޭ އެންމެބޯޑު ސަބަބަކީ މިއީ، އެއްބަޔަކު 19 މިލިޔަން ދީފަ ގަތީ ކޮބާ އިންސާފާކީ
ތިބިޔާން މުހައްމަދު
04 June 2025
ހެހެ. އުފާވެރި ހަބަރެއް. މަގޭ ފްލެޓް ފޭރިގަތް މީހާ މިއީ
ޖަމީލާ އަހްމަދު
04 June 2025
އަކްރަމްއަށް މިތަނުން ފިލިގެން ނުވާނެ. މީނަ ވަރަށް މަސައްކަތް ކުރޭ ފިލަން. އިނގޭތީ މިބުނަނީ.
ޝައުކަތް
04 June 2025
ކުރުކޮށް ފޮނިކޮށް ބުނަންޔާ މިއީ އެތައް ބަޔެއްގެ ބޯހިޔާވެހިކަމަށް އަރައިގެންފައި މީހެއް
އޮނަރަބްލް އަފީފު ދީދީ
04 June 2025
ޤާނޫނުއަސާސީ އާއި ޤާނޫނު ތަކާއި ޙިލާފަށް "ޤަބީލާ ވަންތަ ރޭސިސްޓް ސިޔާސަތެއްގެ ދަށުން" ތުބުން ކިރު ނުނެއްޓޭ ކުޑަކުދިންގެ ބޯވެސް ގުނަައިގެން HDC ގެ މިލްކު ވެރި ބިންތަކުގެ ތެރެއިން ތިރަށު ކޮންމެ މީހަކަށް 25 މިލިޔަން ރުފިޔާގެ ބިމެއް ބަހާލުމުން "އެކަން ޤާނޫނާއި ޙިލާފު ނުވެ" ކަންކުރިމީހާ އުލުބައިންދަން ތިއުޅެނީ ޒާތީ ޙަސަދަ ފިލުވާލަން. ތިކަލޭގެ ވެސް ހައްޔަރުކޮށް އަދަބުތީ އޭނާ ޤާނޫނާއި ޙިލާފަށް ކުރިކަންކަން ވެސް ބާތިލް ކޮށް އިންސާފު ޤާއިމް ކުރޭ.