ނިމިދިޔަ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑްގެ ޕެނަލްޓީޝޫޓްއައުޓްގައި އަލްވަރޭޒް ކަހަލާއިގެން ވެއްޓުނު ވަގުތު ބޯޅަ ފޮނުވާލަނީ: އެ ޕެނަލްޓީ ކާމިޔާބުވިނަމަވެސް ސައްހަ ގޯލެއް ކަމަށް ބަލައެއް ނުގަތް --- ފައިލް ފޮޓޯ
04 ޖޫން 2025 - 06:47
ނިމިދިޔަ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރެއާލް މެޑްރިޑް އަތުން ވާދަވެރި އެތުލެޓިކޯ މެޑްރިޑް ބަލިވި މެޗުގެ ޕެނަލްޓީގެ މައްސަލައިގައި އެ ކްލަބްގެ ޝަކުވާ ބޮޑުވުމުން ފީފާއިން ޕެނަލްޓީގެ ގަވާއިދު ބަދަލުކޮށްފި އެވެ.
ޕެނަލްޓީޝޫޓްއައުޓްގައި އެތުލެޓިކޯގެ ފޯވާޑް ހޫލިއަން އަލްވަރާޒް ޖެހި ޕެނަލްޓީ ގޯލަށް ވަނެވެ. އެކަމަކު ވީއޭއާރުން ރިވިއު ކުރުމަށް ފަހު ނިންމީ ސައްހަ ގޯލެއް ނޫން ކަމަށެވެ.
ވީއޭއާރުން ދެއްކީ ޕެނަލްޓީ ފޮނުވާލުމުގެ ކުރިން އަލްވަރާޒް، ޕެނަލްޓީ ފޮނުވާލި ފައި ނޫން އަނެއް ފައިގެ ބޫޓްގެ ކޮޅު ވެސް ބޯޅައިގައި ޖެހިފައިވާ ކަމަށެވެ. އެހެންވެ އެއީ ދެ ފަހަރަށް ޓަޗް ކުރުމުގެ ތެރޭގައި ހިމެނޭ ކަމަކަށް ބަލައި ގޯލް ބާތިލު ކުރި އެވެ.
އަލްވަރާޒް ޕެނަލްޓީ ޖަހަން އުޅުމުގެތެރޭގައި އޭނާ ކަހާލައިގެން ގޮސް ވެއްޓެ އެވެ. އަދި ހަމަ އެވަގިތު އޭނާ ޕެނަލްޓީ ވެސް ފޮނުވާލަ އެވެ. ރެއާލްގެ ކީޕަރު ޓިބޯ ކޯޓުއާ އަށް ޕެނަލްޓީ މަތަ ވެސް ނުކުރެވުނެވެ.
އެ ޕެނަލްޓީގެ މައްސަލަ އިސްތިއުނާފު ކުރުމަށް ވެސް އެތުލެޓިކޯއިން ހުށަހެޅި އެވެ. އެކަމަކު އޭރު ގަވާއިދު އޮތް ގޮތުން ޕެނަލްޓީ ސައްހަ ނޫން ކަމަށް ނިންމީ ރަނގަޅަށް ކަމަށް މުބާރާތުގެ އިސްތިއުނާފު ކޮމިޓީން ނިންމި އެވެ.
އެހާހިސާބުން ވެސް އެ މައްސަލަ ފަސޭހައިން ދޫކޮށްލާކަށް އެ ކްލަބުން ބޭނުމެއް ނުވި އެވެ. ފީފާ އާއި ވަކިން ހިންގާ ފުޓްބޯޅައިގެ ގަވާއިދު އެކުލަވާލާ އިދާރާ (އައިއެފްއޭބީ) އަށް މައްސަލަ ހުށަހެޅި އެވެ.
އެތުލެޓިކޯގެ ހުށަހެޅުން ދިރާސާ ކުރުމަށް ފަހު އައިއެފްއޭބީން ނިންމީ ޑަބަލް ޓަޗް ޕެނަލްޓީ ކާމިޔާބު ވެއްޖެނަމަ އަލުން އެ ޕެނަލްޓީއެއް ޖަހަން ޖެހޭ ގޮތަށެވެ. އެކަމަކު ޑަބަލް ޓަޗް ޕެނަލްޓީ ނާކާމިޔާބު ވެއްޖެނަމަ އަލުން ޖަހަން ނުޖެހޭނެ ކަމަށް ވެސް އާ ގަވާއިދުގައި ވެއެވެ. އަދި މެޗުގެ ތެރެއިން އެ ޕެނަލްޓީ ނާކާމިޔާބުވެއްޖެނަމަ ޕެނަލްޓީ އަމާޒުވާ ޓީމަށް ހިލޭ ޖެހުމެއް ދެވިދާނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
"ޕެނަލްޓީ ޖަހާ ކުޅުންތެރިޔާ ގަސްތަކާނުލައި ދެފައިން އެއްފަހަރާ ބޯޅައިގައި ޖެހިގެން ނުވަތަ ބޯޅަ ފައިގައި ޖެހުމުން އަދި އެ ކުޅުންތެރިޔާ ޕެނަލްޓީ ޖަހަން މަސައްކަތް ކުރާ ފައި ނޫން އަނެއް ފައި ގަސްތަކާނުލައި ބޯޅައިގައި ޖެހިގެން އެ ޕެނަލްޓީ ކާމިޔާބުވެއްޖެނަމަ އަލުން ޕެނަލްޓީ ޖަހާނީ އެވެ. އެ ޕެނަލްޓީ ނާކާމިޔާބުވެއްޖެނަމަ ނުސީދާ ހިލޭ ޖެހުމެއް ދެވިދާނެ އެވެ. (ޕެނަލްޓީ އަމާޒުވާ ޓީމަށް ފަހި ވާގޮތަށް ބޯޅަ ލިބުނުނަމަ ކުޅުން މެދުކަނޑާނުލައި ކުރިއަށް ގެންދިއުމުގެ ހުއްދަ ރެފްރީ އަށް ދެވިދާނެ އެވެ.) ޕެނަލްޓީޝޫޓް އައުޓްގައި ޕެނަލްޓީ އެފަދަ ޕެނަލްޓީއެއް ނާކާމިޔާބުވެއްޖެނަމަ 'މިސް ޕެނަލްޓީ' އެއް ކަމަށް ރެކޯޑް ކުރަންވާނެ އެވެ.،"
ގަސްތުގައި ބޯޅައިގައި ދެފަހަރަށް ޖެހުމާއި ގަސްތަކާ ނުލައި ޖެހުނު ކަމަށް ކަނޑައަޅާނެ ގޮތް އައިއޭއެފްބީން ވަނީ އެކުލަވާލާފަ އެވެ.
ގަސްތުގައި ކުރިކަމެއް ކަމަށް ކަނޑައަޅަނީ ޕެނަލްޓީ ގޯލްގެ ދަނޑިއަށް ޖެހުމަށް ފަހު ދެން ރީބައުންސްވެގެން އަންނަ ބޯޅަ ފޮނުވާލުމުންނެވެ. ގަސްތުގައި ނޫން ކަމަށް ކަނޑައަޅަނީ ކުޅުންތެރިޔާގެ ފައި އޮޅިގެން އަރިއަލާލުން ނުވަތަ ވެއްޓިގެން ގޮސް ބޯޅައިގައި ދެފަހަރަށް ޖެހޭ ޖެހުމަށެވެ.
މި މަހު ކުޅޭ ޔޫއެފާ ނޭޝަން ލީގުގެ މެޗުތަކުގައި އެ ގަވާއިދަށް ފުރަތަމަ ފަހަރަށް އަމަލު ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަފީގް އަހުމަދު
04 June 2025
ތިޔަ ބަދަލުން އެތްލެޓިކޯ މެޑްރިޑް އައް އިންސާފް ލިބުނު ކަމައް ބެލިދާނެތޯ؟
މުލޭ
06 June 2025
އެމީހުންނަށް އިންސާފު ލިބޭނެ އެއްގޮތެއް ވެސް ނެތް. އަލުން ޕެނެލްޓީ ޖެހުން ފިޔަވައި. އެކަމެއް ކުރެވޭކަށް ނެތް. ސްޕެއިންގެ ފުޓުބޯޅައާއި ރެފްރީން ތިބީ ރެއާލްގެ އަތްދަށުވެފައި.