ޝަމްއާން މިއަދު ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި: އޭނާ ބަންދުކުރި އަމުރު ބާތިލެއް ނުކުރި
18 ޖޫން 2025 - 14:23
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ބާތިލް ކުރާނެ ތަނެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަޣުލަބިއްޔަތުން މިއަދު ނިންމައިފި އެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު، އެ އިދާރާގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރާ މައްސަލައިގައި ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރި އެވެ.
ކްރިމިނަލް ކޯޓުގެ އެ އަމުރަށް ހައި ކޯޓުން ވެސް ވަނީ ތާއިދުކޮށްފަ އެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ އޭނާ އަދާކުރި މަގާމުގެ ގޮތުން ބާރާއި ނުފޫޒު އޮންނާނެތީ އާއި ހެކިބަސް ދޭން ތިބި މީހުންނާ ގާތް ގުޅުމެއް އޮތުމުގެ ސަބަބުން، ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ އެވެ.
އެ އަމުރަށް ހައި ކޯޓުން ތާއިދުކުރި މައްސަލަ ސުޕްރީމް ކޯޓުގައި ޝަމްއާންގެ ފަރާތުން އިސްތިއުނާފް ކުރުމުން ޝަރީއަތް ހިންގުމަށްފަހު، މިއަދު ކުރި ހުކުމްގައި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސެއިން ޝަހީދު ކަނޑައެޅުއްވީ އެ ނިންމުން ގާނޫނާ ހިލާފުވި ގޮތެއް ޝަމްއާންގެ ފަރާތުން ބުނެދެވިފައިނުވާ ކަމަށެވެ.
ފަނޑިޔާރުގެ އެ ރައުޔަށް ދާދިފަހުން ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރު އަބްދުالله ހަމީދު ތާއީދު ކުރެއްވި އެވެ. ނަމަވެސް، އެ ބެންޗުގައި ދެން އިންނެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ރައުޔު ތަފާތެވެ.
ފަނޑިޔާރު ޝުޖޫން ވިދާާޅުވީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތް ކަމަށް ދައުލަތުން ބުނާ ނަމަ، އެކަމަށް ބާރުދޭ ކަންކަން ދައުލަތުން ހުށަހަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް، އެ މައްސަލާގައި އޮތީ ދައުލަތުން ބުނާ ބުނުމެއް އެކަނި ކަމަށެވެ. އަދި އެންމެ ކުޑަމިނުން ޝަމްއާނާއި ހެކިވެރިންނާ އޮތް ގާތް ގުޅުމެއް ވެސް ބުނެ ނުދޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
އެހެންވެ، ދައުލަތުން ބުނާ ބުނުމުގެ މައްޗަށް އެކަނި ބަލައިގެން، ގާނޫނުއަސާސީގައި ބުނާ ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ ހާލަތެއް ވުޖޫދުވާ ކަމަށް ކަނޑަނޭޅޭނެ ކަމަށް ފަނޑިޔާރު ޝުޖޫންގެ ރައުޔުގައިވެ އެވެ.
ނަމަވެސް، ޝަމްއާން އެންމެ ފުރަތަމަ 15 ދުވަހަށް ބަންދުކުރަން ނެރުނު އަމުރު ބާތިލް ކުރާނެ ތަނެއް ނެތް ކަމަށް އެ ތިން ފަނޑިޔާރުން ވެސް އިއްތިފާގުވެވަޑައިގެންނެވި އެވެ.
ޝައްމާން 15 ދުވަހަށް ބަންދު ކުރަން އެދުނުއިރު، އޭނާގެ މައްޗަށް ކޮށްފައި އޮތީ ކޮރަޕްޝަންގެ ތުހުމަތެވެ.
ކޮރަޕްޝަންގެ ކުށްތައް ބެލުމުގެ އިހްތިސާސް އޮންނަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށެވެ. އެފަދަ ތުހުމަތެއް އޮތްނަމަ އެ މައްސަލައެއްގެ ތަހުގީގު ކުރިއަށް ގެންދަނީ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގަ އެވެ. ކޮރަޕްޝަންގެ ތުހުމަތެއް އެކަނި އޮތްނަމަ އެ މައްސަލައެއް ބެލޭނީ ހަމައެކަނި އޭސީސީއަށެވެ.
ނަމަވެސް، އެ މައްސަލާގައި އަމަލުކޮށްފައި ވަނީ އެގޮތަކަށް ނޫނެވެ. ޝަމްއާން ބަންދުކުރަން ފުލުހުން ކޯޓަށް ދިޔައިރު ތަހުގީގުގައި އޭސީސީން ބައިވެރިއެއް ނުވެ އެވެ. އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރިއިރު ޝަމްއާންގެ ފަރާތުން އެކަން ފާހަގަކުރި ނަމަވެސް، ހައި ކޯޓުން ނިންމީ އެކަމުގައި ގޯހެއް ނެތް ކަމަށެވެ.
އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅީ އެކަން ކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 74 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ.
އެގޮތަށް ކަނޑައެޅި ނަމަވެސް، ޝަމްއާން ބަންދުކުރީ ގޯސްކޮށް ކަމަށް ކަނޑައެޅެން ނެތް ކަމަށް ފަނޑިޔާރު ޝަހީދު ވިދާޅުވި އެވެ. އެއީ ޝަމްއާން ބަންދުކޮށްފައިވަނީ މަނީ ލޯންޑްރިންގެ ތުހުމަތުގައި ކަމަށްވާތީ އާއި އެ ބައި ތަހުގީގު ކުރުމުގެ ބާރު އޮތީ ފުލުހުންނަށް ކަމަށްވާތީ އެ މައްސަލައިގެ ތެރެއިން އޭނާ ބަންދުކުރަން އެދުމަށް ފުލުހުންނަށް ގާނޫނީ އެއްވެސް ހުރަހެއް ނެތުމުން ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށްފަހު، އެ މީހާ ބަންދުން ދޫކޮށްލި ކަމަށް ތުހުމަތުކުރާ މައްސަލައިގައި އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި ޝަމްއާންގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލައިފަ އެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލައިފަ އެވެ. ފުރަތަމަ ދައުވާއަކީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އެއީ ސާބިތުވެއްޖެނަމަ ތިން އަހަރާއި ދެ މަހާއި ދެ ދުވަހުގެ ޖަލު ހުކުމެއް އަންނަ ފަދަ ދައުވާއެކެވެ.
ދެވަނަ ދައުވާއަކަށް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި ތިންވަނަ އަށް އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ދައުވާ އެވެ. އެއީ ފަސް އަހަރާއި 15 އަހަރާ ދެމެދު ހުކުމެއް އަންނަ އަދި ޖޫރިމަނާގެ ގޮތުގައި އެއް މިލިއަން ރުފިޔާއާ ހަމައަށް ދައުލަތަށް ދައްކަންޖެހޭ ގޮތަށް އަދަބު ކަނޑައެޅޭ ފަދަ ދައުވާއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސެލެކުޓިވު ޖަސްޓިސް
19 June 2025
ސެލެކުޓިވު ޖަސްޓިސްގެ ލާމަސީލު މިސާލެއް.
ހޮޓްކިންގ
18 June 2025
ތިއީ ޝައްކެއްވެސް އޮތްކަމެއްނޫން. މިރާއްޖެއަކު މިހާރު ނޯންނާނެ މިނިވަންއެއްވެސްތަނެއް އަދި ކޯޓެއްވެސް ސަރުކާރުގެ ދަށުނުވާ. މީ ވަރަށް ނާތަހުޒީބު ބޭއިންސާފު ދުވަސްތަކެއް. ރައްޔިތުންގެ އެތައް ހައްގެއްމިވަނީ ސަރުކާރުގެ ބަނޑުދޮށުލައިފަ.
މިއިއްޒުޖުޑިޝަރީހަލާކު
18 June 2025
ސަލީމް ނޫނީ ޝަހީދު ކަމަށްވަނީ އުއްތަމަ ފަނޑިޔާރަކަށް އަންނަނީ. އައްބާސްގެ ވާހަކަ މާގަދަޔަށް ދެއްކީމަ އައްބާސް ނޮމިނޭޓް ނުވާ ގޮތަށްކަމަށްވަނީ. އެހެންވެ ޝަހީދު ބަލާނެތާ މުއިއްޒު އިމްޕްރެސްވާވަރު ހުކުމްކުރެވޭތޯ
ދޮންދީނާ
18 June 2025
މިހާ ޗާލު ކުއްޖެއް މިފަދަ ކަމެއް ކުރާނެހެން ބަލާބެލުމަށް ހީނުވޭ.
ސްޓޭމްޕް
18 June 2025
ތިޔަ ތާކަށް ދިއުމުގެ ބޭނުމެއް ނެތް. ތިތަނަށް ދިއުމަށް ވުރެ މާރަންގަޅު މި ފަސް އަހަރު ނިމެންދެން ޖަލުގައި ހުރުން ވެސް. ތިޔަތަނަކީ ސަރުކާރުން އެޅިހާ ބަތަކަށް ރިހައަޅާ ރަބަ ސްޓޭމްޕެއް..
އަޝްފާ
18 June 2025
ބަލާފައި ހީވެސް ނުވޭ މިކަހަލަ ކަމެއް ކޮށްފާނެހެން. އިނޮސެންޓް ލުކު. ރީތި ނަލަ. ހުރިހާ މުއައްސަސާތަކުގެ ވެރިން ކަންތައްކުރާގޮތް ގާތުން ބަލަންވީ، ރަގަޅަށް މޮނިޓާނުކުރާތީ މިކަހަލަ ކަންކަން ބިރެއްނެތި ކުރަނީ.
އުދުހޭ
18 June 2025
ބޮޑުމީހާގެ ކަންކަންވީމާ ދެން އިތުރުގޮތެއް ނޯންނާނެއެއްނުން
އެހެން
18 June 2025
އަހަރެމެން ހައިރާނެއްނުވޭ، އެނގޭ އެއްވެސް ރަތްޔަތަކައް އިންސާފު ނުލިބޭނެކަން، ސަރުކާރުން ބުނާގޮތަކައް ހުކުމް ނެރޭނީ، ދެންވެސްބަލަން ތިބެންވީތަ، މިކަހަލަ ތާކުންތާކުނުޖެހޭ ޖުޑިޝަލް ސިސްޓަމެއް އޮތްގައުމަކައް އެއްވެސް ފޮރިންއިންވެސްޓްމެންޓެއް ނައަންނާނެ، ސެލެކްޓިވް ޖަސްޓިސް، މިހާދަށުދަރަޖަޔަކައް މިގައުމުނުދޭ މީގެކުރިން
ކަލަކުވޭ
18 June 2025
“ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސެއިން ޝަހީދު ކަނޑައެޅުއްވީ އެ ނިންމުން ގާނޫނާ ހިލާފުވި ގޮތެއް ޝަމްއާންގެ ފަރާތުން ބުނެދެވިފައިނުވާ ކަމަށެވެ. ފަނޑިޔާރުގެ އެ ރައުޔަށް ދާދިފަހުން ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރު އަބްދުالله ހަމީދު ތާއީދު ކުރެއްވި އެވެ. ނަމަވެސް، އެ ބެންޗުގައި ދެން އިންނެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ރައުޔު ތަފާތެވެ. “ ގާތް ހީބިހި ނަގައިފި. ޝަހީދާ ހަމީދަކީ މިފަހުން މުއިއްޒު ލީ ބައެއް!!
ވޯލް
18 June 2025
މި ފެންނަނީ ކުއްލިއަކަށް ޖޭއެސްސީގައި އިން ރައީސްގެ މެމްބަރު ބަދަލުކޮށް، ރާއްޖޭގެ ސުޕްރިމްކޯޓަށް މިހާތަނަށް އައްޔަން ކުރެވުނު އެންމެ އަދުލުވެރިކަމާއެކު ހުކުމް ކުރުމުގެ ރިކޯއޮތް 3 ފަންޑިޔާރުންގެ ސުލޫކީ މައްސަކަ ކުއްލިއަކަށް ބަލަންފަށާ، ޖޭއެސްސީއަށް ފަންޑިޔާރު ނުފޫޒު ފޯރުވިކަމަށް "ބެލެވިގެން" މަޤާމުން ދުރުކުރި 2 ސަބަބުން. މި ހުކުމް ގައި ރަގަޅީ ސުޖޫންގެ ރައުޔު. ސުޖޫން ތިޔަ މަޤާމުގައި ދެމިހުރުން ވަރަށް މުހިންމު.