އެމްޑީޕީން މީގެ ކުރިން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.
18 ޖޫން 2025 - 23:10
ކުރީގެ ރައީސް އަދި އެމްޑީޕީގެ ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ޑިމޮކްރެޓްސް އިން ނިންމި ނިންމުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ މަރުހަބާ ކިޔައިފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމުގައި މިރޭ ވަނީ ޑިމޮކްރެޓްސްގެ ނިންމުމާ ގުޅިގެން މެމްބަރުންގެ ހިޔާލު ހޯދައިފަ އެވެ. އެނގިފައިވާ ގޮތުގައި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ހުރިހާ މެމްބަރުންގެ ހިޔާލު ހުރީ ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުންނަށް މަރުހަބާ ކިޔާ ގޮތަށެވެ.
ގައުމީ މަޖިލިހުގެ ނުރަސްމީ ބައްދަލުވުމަށް ފަހު، އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ އެ ޕާޓީއަކީ ގައުމަށްޓަކައި ހަގީގީ މަސައްކަތްތަކެއް ކުރަން ބޭނުންވާ ކޮންމެ ބަޔަކަށް ވެސް ހުޅުވާލާފައިވާ ޕާޓީއެއް ކަމަށެވެ.
"ރައީސް ނަޝީދުއާއެކު އަލަށް ގުޅިވަޑައިގަންނަވާ ބޭފުޅުންނާ އެކު މި ޕާޓީގެ މަސައްކަތްތައް ބާރަށް ކުރިއަށް ދާނެ އެވެ،" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
އެ ޕާޓީން ބުނީ، ސަރުކާރުގެ އަމަލުތައް ފާލުން ނެއްޓި އެތައް ބައެއްގެ ބުރަ މަސައްކަތުން ހޯދި ޑިމޮކްރަސީ ނުރައްކަލެއްގެ ތެރޭގައި އޮތް މި ދަނޑިވަޅަކީ އިސްލާހީ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ވަގުތެއް ކަމަށެވެ. އެހެންވެ، އެމްޑީޕީއާ ގުޅޭ ކޮންމެ މެމްބަރަކީ ވެސް ގައުމުގެ ހައްގުގައި ވަކާލާތުކުރަން ފަސްނުޖެހޭނެ މެމްބަރުން ކަމަށް އެ ޕާޓީން ބުންޏެވެެ
ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީން ބުނިގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވައި، ގާނޫނުއަސާސީން ޔަގީން ކޮށްދޭ ހައްގުތައް ކަށަވަރު ކޮށްދިނުމުގައި އެ ޕާޓީ އަބަދުވެސް ދެމި އޮންނާނެ އެވެ.
ޑިމޮކްރެޓްސްގެ ނޭޝަނަލް އެސެމްބްލީ އިން އިއްޔެ ބޭއްވި ނުރަސްމީ ބައްދަލުވުމުގައި ފާސްކުރި ގަރާރުގައި ވަނީ އަންނަ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރުމަށް އަދި ރާއްޖޭގެ ކުރިމަގު ރަނގަޅު ކުރުމަށާއި ޖަވާބުދާރީ ކުރަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އިޔާދަ ކުރުމަށް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އިދިކޮޅު ހަރަކާތެއް އޮތުން ކަމަށެވެ.
އެހެންވެ، ގިނަ ބަޔަކު އެކުގައި މަސައްކަތް ކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭތީ އެ މަގުސަދު ހާސިލް ކުރުމަށް އެމްޑީޕީއާ ގުޅެން އިގުރާރުވާ ކަމަށް ގަރާރުގައިވެ އެވެ.
އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރާ ދިމާކޮށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެ ބޭފުޅުންގެ މެދުގައި އުފެދުނު ސިޔާސީ އަރައިރުންތަކާ ގުޅިގެން ޑިމޮކްރެޓްސް އުފެއްދީ ޖުލައި 12، 2023 ގަ އެވެ. ނަމަވެސް، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އިސް ބޭފުޅުންތަކެއް ވަނީ މި އަހަރުގެ ކުރީކޮޅު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމެވުމުގެ ކުރިން ނަޝީދު ވަނީ މިދިޔަ ހޯމަ ދުވަހު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއާ ބައްދަލު ކުރައްވައިފަ އެވެ.
ފައްޔާޒު ވިދާޅުވެފައިވަނީ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރަން ހުރި މަސައްކަތާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ހިޔާލު ބަަދަލުކުރި ކަމަށެވެ. އަދި ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީއާ އަލުން ގުޅިވަޑައިގަންނަވަން ރައީސް ނަޝީދު ނިންމެވިއިރު ޑިމޮކްރެޓްސް ޕާޓީ އަށް ޖުލައި 13، 2023 ވަނަ ދުވަހުގެ ރޭ ސޮއިކުރެއްވި ޖަލްސާގައި އެމްޑީޕީ ރޫޅާލާނެ ކަމުގެ އިންޒާރު ނަޝީދު ދެއްވި އެވެ. އެ ރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ދެއްވި އިންޒާރުގައި ވިދާޅުވެފައިވަނީ ކަށިކެޔޮ ގަނޑެއްހެން އެމްޑީޕީގެ ފޫ ވެއްޓިއްޖެ ކަމަށާއި އެ ޕާޓީ ރޫޅާލައްވާނެ ކަމަށެވެ.
އެމްޑީޕީގެ ލީޑަޝިޕާއި މެމްބަރުން ދެކޭގޮތުގައި 2023 ގެ ރިޔާސީ އިންތިހާބު އެ ޕާޓީ އަށް ގެއްލުނީ ނަޝީދު ޑިމޮކްރެޓްސް ޕާޓީ އުފައްދަވައިގެން އެ ޕާޓީން ވެސް އެ އިންތިހާބަށް ނިކުތުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑާވިންސީ
19 June 2025
ޑިމޮކްރެޓްސް އުނބަށް ޖަހައިފި. "ރޫޅާލާނަން، ރޫޅާލާނަން"
އިބުރާ
19 June 2025
ނަޝީދަކީ ދައުރު ހަމަކުރެވޭ ވަރުގެ މީހެއް ނޫން. އޭނަ އޯޑަރަށް އުފެއްދި ޑިމޮކްރެޓްސްވެސް ރޫޅާލަނީ 2 އަހަރު ދުވަހުން. ވެރިކަމުން އިސްތިއުފާން ދޭންޖެހުނީވެސް 2 އަހަރެއްހައި ދުވަހުން. މަޖިލީހުގައި ވެސް ދައުރެއް ފުރިހަމައެއް ނުކުރެވުނު. އަދިވެސް ތިމާ މީހާގެ ކިބައިގައި މިހުރި ދައުރު ހަމަނުވުމުގެ ބަލިކަށިކަމާއި އެކު އެހެން މީހުންނަށް (ދައުރު ހަމަކުރުމުގެ ހިތްވަރުހުރި) މީހުންގެ އަތްމައްޗަށް ކަންކަން ދޫކޮށް އެހީތެރިވާން ހުންނަން ވެއްޖެއެއް ނޫންތަ؟
ގުނބޯއީ
19 June 2025
ކޮނތާކުމިޖެހުނި އެންމެފަހުން ނަޝީދު އަމިއްލައަތުން އިންދި ކަށިކެޔޮގަހުގެ ކަށިކެޔޮގަނޑު އަމިއްލައަތުން ދޯ މިރޫޅާލީވެސް ކެކެކެކެ
ާފުރަތި
19 June 2025
މިހާރު މަރުހަބާ ކިޔަސް ތި އަންނި ނޫން މީހަކަށް ރިޔާސީ ޓިކެޓް ދޭން ހިތަށް އަރުވާލިޔަސް ތި ހުރިހާ ކަމެއް ނިމުނީ. އަބަދުވެސް ވެރިކަން ނުލިބިގެން އެކި ގޮތްގޮތަށް އެއުޅެނީ. އޭނަ އާއި އެކުގައި ގެނައި ބައިގަނޑުވެސް ހަމަ އިދިކޮޅަށް ނުކުންނާނެ އަންނި އަށް ޓިކެޓު ނުފީފިއްޔާ
ހީހީ ސުލީހް
19 June 2025
މިދިޔަ 5 އަހަރު ކެވުނުވަރު މަދުވެގެން ހަމަ އެމީހުން އަނެއްކާވެސް ވެރިކަމަށް.
އައިމިނާ
19 June 2025
ދެންފެންނާނީ ރައީސް ޔާމީން ޕީއެންސީއާ ގުޅިވަޑައިގަންނަވާތަން. މިހާރު ހުވަފެނުގަ ފެނިއްޖެ.
އަޅި އަލީ
19 June 2025
މައުމޫނުވެސް ގެންގޮސްގެން 'ތިޔައޭ ޒައީމޭ' ވެސް ލަވަ ޖަހައިގެން ނެށިމީހުން! ތިމީހުން ވެރިކަމުގެ ދަހިވެތިކަމުގަ ކޮންފާނެ ކޮންމެ ފަދަ ކަމެއްވެސް!
އާދިލް ސަލީމް
19 June 2025
މީ އަބަދުވެސް އެކައްޗެއް. ގައުމަށް ހެޔޮ ނޭދޭ ބައިގަޑު މިއީ. މިމީހުންނަށް އޮތީ އަމިއްލަ އެދުން އެކަނި
ނޫހް އިސްމާއިލް
19 June 2025
ގައުމު ފުޑާލި މީހުން އެއްބައިވީ.
ޖައްސާށޭ
19 June 2025
މިއިން ޕީއެންއެފް ޖެހޭނެ ރަނގަޅު ފިލާވަޅެއް ދަސްކުރަން ވިސްނުންތެރިކަން ކުރިއަށް ނެރެގެން ޕީއެންއެފް ވަރުގަދަ ކުރުމަށް ޓަކައި އެބަޖެހޭ އުމަރު ނަސީރު ޕީއެންއެފް އަށް އޮންބޯރޑް ކޮށް ހަދާ ޕީއެންއެފް އިން ވަރުގަދަ އަށް ތައްޔާރުވާން މާލެ ސަރަހައްދުގެ ކައުންސިލްގެ ހުރިހާ ގޮނޑި ތައް ޕީއެންއެފް އަށް ފުރޮޅާލުމަށް ޓަކައި އަދި ވަރަށް ގަދައަށް އެބަޖެހޭ މިވަގުތުން ފެށިގެން މެނިފެސްޓޯ ތައްޔާރު ކުރަން ފަށަން ދެން އޮންނަ ރިޔާސީ އިންތިޚާބަށް ވަގުތުއޮތްވާ މިކަން