ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިަގތުމަށް ބޭއްވި ޖަލްސާގައި ފައްޔާޒުއާ އެކު: އެމަނިކުފާނު އަނބުރާ ވަޑައިގެންނެވީ ޑީލެއްގެ ދަށުން ނޫން ކަމަށް ފައްޔާޒު ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
25 ޖޫން 2025 - 16:19
ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވީ ވަކި ކަމަކަށް ޝަރުތުކޮށް ނުވަތަ ވަކި ކަންކަމެއް ހާސިލްކުރަން ވާހަކަ ދެކެވިގެން ނޫން ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އެމްޑީޕީގެ ރައީސްކަމުން 2023 ވަނަ އަހަރު ވަކިވެވަޑައިގެން، ޑިމޮކްރަޓްސް ޕާޓީ އުފެއްދެވި ނަޝީދު ވަނީ އޭގެ ދެ އަހަރު ފަހުން މިދިޔަ ހޯމަ ދުވަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ
ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގެންނެވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވައި، އެކަމާ ގުޅޭގޮތުން ބައެއް ބޭފުޅުންގެ ހިޔާލު ހޯއްދެވުމަށް ފަހު އެވެ. ނަޝީދު އަލުން އަނބުރާ އެމްޑީޕީއަށް ގެންނެވުމުގައި އިސްކޮށް އުޅުއްވީ ފައްޔާޒެވެ.
އެހެންވެ، ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވީ ފައްޔާޒަށް ރިޔާސީ ޓިކެޓް ހޯދައިދީ، އޭގެފަހުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ ޝަރުތާއެކު ކަމަށް ސޯޝަލް މީޑިއާގައި އަޑު ފެތުރިފައިވެ އެވެ.
ނަމަވެސް އެ ވާހަކަތައް ދޮގު ކުރައްވައި ފައްޔާޒު ވިދާޅުވީ ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތީ އެއްވެސް ޝަރުތަކާ ނުލައި ކަމަށާއި އަދި ޝަރުތެއްގެ ވާހަކަ ވެސް ނުދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ މަގުސަދަކީ ޕާޓީއަށް އިންތިހާބު ކާމިޔާބު ކުރުމުގައި އެހީތެރިވެދިނުން ކަމަށް ވިދާޅުވި އެވެ.
"އެއްވެސް އެކަހަލަ ވާހަކައެއް ދެކެވިގެނެއް ނޫން ރައީސް ނަޝީދު މި ޕާޓީއާ ގުޅިވަޑައިގެންނެވީ. އެހެނެއް ނޫން ކުރިއަށް ހުރި އިންތިހާބުތައް ކާމިޔާބު ކުރުމާއި އެކަމުގައި އެހީތެރިވެދޭން. އަޅުގަނޑުމެންނާ ގުޅުމުގައި އެއްވެސް އެކަހަލަ ޝަރުތެއް، ރިޔާސީ ރޭހުގައި އެއްވެސް ބޭފުޅަކަށް ތާއިދު ކުރައްވާކަށް ނޫނީ އެއްވެސް ބޭފުޅެއްގެ ތާއިދު ހޯއްދަވާކަށް އަދި ރައީސް ނަޝީދު އެފަދަ ކަމެއްގައި ބައިވެރިވާނެކަމުގެ ވާހަކައެއް ވެސް ނުދެކެވޭ،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތީ ގައުމުގެ މިސްރާބު ބަދަލު ކުރުމަށް ކަމަށާއި ގައުމު ސަލާމަތް ކުރުމަކީ އެންމެ ބޮޑު މަގްސަދު ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިޔަ ބޭފުޅުން ވިދާޅުވާ ގޮތަށް ޑީލެއް ހެދިގެނެއް ނޫން ރައީސް ނަޝީދު ވަޑައިގެންނެވީ،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު މިއަދު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ހާމަކަން ބޮޑު ގޮތަކަށް ޕްރައިމަރީގައި ވާދަކުރާނެ އިއުލާންކޮށްގެން އުޅެނީ އޭނާ އެކަނި ކަމަށާއި އެހެންކަމުން މިހާތަނަށް ގޮންޖެހުމެއް ނެތް ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ފައްޔާޒު މިއަދު ވިދާޅުވިއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެސް ވަނީ އެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ގާތް ބޭފުޅުން މެދުވެރިކޮށް އިއުލާން ކުރައްވައިފަ އެވެ.
އެންމެ ފަހުން 2023 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ނާކާމިޔާބުވެ ވަޑައިގަތް އިބޫ، ދެވަނަ ދައުރެއް ހޯއްދަވަން އަނެއްކާވެސް އިންތިހާބަށް ނުކުމެވަޑައިގަންނަވާނެކަން އިއުލާން ކުރެއްވީ، ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމެވުމުންނެވެ.
ނަޝީދު ވެސް 2028 ގެ ރިޔާސީ އިންތިހާބަށް ނިކުންނެވުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވައިފަ އެވެ. އެމަނިކުފާނު ވަނީ އެކަމާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް އިސް ބޭފުޅުންގެ ހިޔާލު ހޯއްދަވައިފަ އެވެ.
އިބޫއަށް މިދިޔަ ރިޔާސީ އިންތިހާބު ނާކާމިޔާބުވީ ނަޝީދާއެކު އުފެދުނު ހިޔާލުތަފާތުވުންތަކުގައި އެމްޑީޕީ ބައިބައިވުމުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އެ އިންތިހާބުގައި ނަޝީދު ވާދަ ނުކުރެއްވިޔަސް، ޑިމޮކްރެޓްސްގެ ކެންޑިޑޭޓުގެ ގޮތުގައި އިލްޔާސް ލަބީބް ވާދަ ކުރައްވައި، ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު އޭނާ ހޯއްދެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަލާ
26 June 2025
އެމްޑީޕީ އަދިވެސް ރަނގަޅަށް ރޫޅާނުލެވޭތީ އެއްކޮށް ރޫޅާ ކުދިކުރަން މި ފެނުނި!!
އިހްސާސް
26 June 2025
ފައްޔާޒުމެން ދެން ފަސްވަގުތު ނަމާދުކޮށްލައިގެން ކަނޑަށް ނިކުމެ މަސްބާނާލައިގެން ތިބިއްޔާ މާރަގަޅުވާނެ. ސުޕަމެޖޯރިޓީ ހިފައިގެން ވެރިކަން ކުރަން ނޭންގުނު ބައެއްތީ.
ލޫލާ
25 June 2025
ވެރިކަން ލިބުނުފަހަރުވެސް ފިއްލެވީ ރައްޔިތުން ދޫކޮށްލައްވާފަ އަމިއްލަ ޕާޓީވެސް ފޮތި ފޮތި ކުރއްވީ
123
25 June 2025
އެމްޑީޕީ އަކީ އަޑިއަށް ގޮސްފައިވާ އޮޑިއެއް. އެމްޑީޕީގެ ކުލަ ރާއްޖެ އިން ފަނޑުވެގެން ގޮއްސި އަދި ޕާޓީގެ އަޒުމެެއް އަމާޒު މިހާރު ނެތް
ކޮރަލް
25 June 2025
މިފަހަރު ސޯލިހް ބާކީ ވާނެ އެވެ. މިފަހަރު އިންޑިޔާއިން ބޭނުންވަނީ ޝާހިދު އެވެ. ނާއިބް ރައީސް އަކަށް އަންނި އެވެ. ކެމްޕޭން އަށް ހަރަދު ކުރާ ބަޔަކު ބުނާ ގޮތް ހަދާނެ އެވެ.
ދުނިޔެގެ
25 June 2025
ތިޔަ ނަސީދުއާ ބޮޑާ ފައްޔާޒުގެ ކަންކަން ނޭނގޭ ދިވެއްސެއް ނުހުންނާނެ
ކަރޯސީން
25 June 2025
ރައީސް ނަޝީދަށް ބަދު ބަހެއް ބުނަކީކީއެއްނޫން. ހަމަ ދުރުގައި ހުރެފައި ކޮންމެ ފަހަރަކު އިންތިޚާބަށް ފުންމާލާ ބޭފުޅެއް ނަޝީދަކީ. ޕާޓީއަށް އެންމެ ބޭނުން ޖެހޭ ވަގުތު ނުތިބޭ މީހުންގެ ލިސްޓެއް ހަނދަންޏާ އަޅު ޖަހާނީ ނަޝީދުގެ ނަން 1 ވަނައިގަ.
ނަޓޭ
25 June 2025
ޢަންނިއަކީ ޑީލުހަދަން ދޮގުހަދަން މޮޅު މީހެއް މިހާރު އެއުޅެނީ ނަޓުތައް ބާރުކޮށް އާޗިޕުތަކެއް އުފެއްދޭތޯ ބަހާއި އަމަލާ ދިމާނުވާ ބޭފުޅެއް ދެންވެސް ރިއާސީ ޓިކެޓް ނުލިބިއްޖާ އެމްޑީޕީއަށް ލަގާ ދޭނެ
ބޯނެތް ބުރާންތި
25 June 2025
ފައްޔާޒުމެންގެ ހީލަތްތެރި ކަމުގެ ވާހަކައަކީ އައު ވާހަކައެއްނޫން. އަޑިއަޑިން ކުޅެމުން ތިދާ ގޭމް އެއީ މަކަހަލަ ބޯނެތް ބުރާންޗަކަށް ވެސް އެނގޭވަރު ކަންކަން. ރިޔާސީ ޕްރައިމަރީ ނިމޭ ހިސާބުން ފައްޔާޒުމެން ތިދައްކާ ކަނޑުކޮސް ވާހަކައިގެ ހަގީގަތް އެނެމެނަށް އެނގޭނެ.
ޢަމަރުތަ
25 June 2025
މޮޔައަކު ތިހެން ބުންޔަސް ގަބޫލުކުރާނީ.. ކިރުބޯ ޅަކުދިން ވެސް ގަބޫލުނުކުރާނެ ބޭޅާ ދައްކާވާހަކަ