ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުން ފާހަގަކުރުމަށް މިރޭ ސަލްޓަންޕާކުގައި ބޭއްވި ޖަލްސާގައި ސަޕޯޓަރުންނާއި އެމަނިކުފާނު ސަލާންކުރައްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
23 ޖޫން 2025 - 22:49
ދެ އަހަރެއްހާ ދުވަހު އެމްޑީޕީއާ ދުރުގައި ހުންނެވުމަށް ފަހު މިރޭ އަލުން އެ ޕާޓީއާ ގުޅިވަޑައިގަތުމުން އިހުސާސް ކުރެއްވުނީ ގިނަ ދުވަސްތަކެއް ފަހުން އަނބުރާ ގެއަށް ދެވުމުން އެ ލިބިވަޑައިގަންނަވާ އުފާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުން ފާހަގަކުރުމަށް ސަލްޓަން ޕާކުގައި ބޭއްވި ފޯރިގަދަ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން އެ ޕާޓީއާ ދުރުގައި ހުންނެވުމަށް ފަހު، އެނބުރި ވަޑައިގެންނެވުމުން އިންތިހާއަށް އުފާކުރައްވާ ކަމަށެވެ.
"އަޅުގަނޑު ޕާޓީއާ ދުރުގައި ދެ އަހަރެއް ވަރު ވެއްޖެ. އެހެން ނަމަވެސް މިރޭ މި ތަނަށް އައިސް ހުންނައިރު، އިންތިހާއަށް އަޅުގަނޑު އުފާވޭ. އަލުން އަނބުރާ ރަށަށް އާދެވުމުން، ގެއަށް އާދެވުމުން،" ނަޝީދު ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ދިރިއުޅެނީ އެފްރިކާގައި، އަލުން އަނބުރާ ގެއަށް އާދެވުމުން އެވާ އުފާ، އެ ލިބޭ ހިތްހަމަޖެހުން، އެ އަންނަ ހިނި، އަޅުގަނޑަށް އަޅުގަނޑު ހިތުން ދުވަހަކު ވެސް ހިތުން ފިލައިގެނެއް ނުދާނެ."
ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ގައުމީ މަޖިލީހުގެ ބޭފުޅުން، އެ މަނިކުފާނު އަލުން އެ ޕާޓީއަށް ގުޅިވަޑައިގަތުމުން ވިދާޅުވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުން ފާހަގަކުރުމަށް މިރޭ ސަލްޓަންޕާކުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނާއި ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަދި ކުރީގެ މަޖިލިސް މެމްބަރު އީވާ އަބްދުﷲ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތީ އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރާ ދިމާކޮށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ނަޝީދާ ދެ ބޭފުޅުންގެ މެދުގައި އުފެދުނު ސިޔާސީ އަރައިރުންތަކުގެ ސަބަބުންނެވެ.
މިރޭގެ ޖަލްސާގައި ނަޝީދު ވިދާޅުވީ މި ވަގުތު ރާއްޖޭގެ ރައްޔިތުންގެ އާންމު ހާލަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދައުލަތުގެ ދަރަނި ކަމަށެވެ. މި އަންނަ އަހަރު 1.2 ބިލިއަން ޑޮލަރުގެ ދަރަނި އަނބުރާ ދައްކަން ޖެހޭކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ދައުލަތުގެ ދަރަނި މިހާރު ހުރީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ 120 ޕަސެންޓުގައި ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ވެސް ނަޝީދު ފާޅުކުރެއްވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، އެ މަނިކުފާނުގެ ވެރިކަމުގައި 2009 ވަނަ އަހަރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އާ އެންމެ ފުރަތަމަ ބައްދަލުކުރީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ 50 ޕަސެންޓަށް ދަރަނި އަރައިގެންނެވެ. އެއީ ކަންބޮޑުވާން ޖެހޭ ކަމެއްގެ ގޮތުގައި ސަރުކާރުން އޭރު ބެލި އެވެ.
"އެންމެ ފަހުން އަޅުގަނޑު ބަލާލިއިރުގައި، ދައުލަތުގެ ރަސްމީ ރިޒާވް ހުރީ 813 މިލިއަން ޑޮލަރުގައި. އެއީ އިންޑިއާ ސަރުކާރުގެ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ހިމެނިގެން. އެހެންވީމަ، ހަގީގަތުގައި [މަރުކަޒީ] ބޭންކުގައި އެއްޗެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުން ފާހަގަކުރުމަށް މިރޭ ސަލްޓަންޕާކުގައި ބޭއްވި ޖަލްސާގައި ޕާޓީގެ ސަޕޯޓަރުން.---ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ނަޝީދު ވިދާޅުވި ގޮތުގައި، މި ދަރަނި އަދާކުރެވޭނެ ގޮތް ހޯދަން ޖެހެ އެވެ. އެހެންވެ، ވާދަވެރި ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން އެމްޑީޕީގެ އެންމެ ބޮޑު އެއް ޒިންމާއަކަށް ވާނީ ރައްޔިތުންނަށް މި މައުލޫމާތު ފޯރުކޮށްދިނުމެވެ. ގައުމަށް މި ވަމުންދާ ގޮތްތައް ކިޔައިދީ، އޮޅުންފިލުވައިދިނުމެވެ.
މި ބޮޑު ދަރަނި ދައްކަން އޮތުމުން އާންމު ރައްޔިތުންނަށް ވަމުންދާ އުނދަގޫތައް ކޮންމެ ދުވަހަކު ފެންނަމުންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ޑޮލަރުގެ އަގު 19.40ރ. އަށް އަރާ ހިނގައްޖެ. އެހެންވީމަ، ފިޔާ ކިލޯއެއްގެ، އަލުވި ކިލޯއެއްގެ، މުގު ކިލޯއެއްގެ، ހަނޑޫ ކިލޯއެއްގެ އަގު އަރައިގެން ގޮސް ހުންނާނެ ތަން [ވިސްނާލާ]،" ނަޝީދު ވިދާޅުވި އެވެ.
"އިއްޔެގައި ބާޒާރަށް 300ރ. ހިފައިގެން ނުކުތްއިރު ފަރުޖެހުނޭ. ފަރުޖެހުނޭ. މިއަދު 500ރ. އިން ވެސް ނުވޭ. ތީގެން އެއްވެސް ބޭފުޅެއްގެ މުސާރައަށް ބަދަލެއް އައިކީ ނޫން، ކުއްޔަށް ބަދަލެއް އައިކީއެއް ނޫން، ކަރަންޓަށް ބަދަލެއް އައިކީއެއް ނޫން، ފެނަށް ބަދަލެއް އައީކީއެއް ނޫން. ހައްތަހާ ވެސް ދޭން ޖެހޭ މިންވަރު، ކުރަން ޖެހޭ މިންވަރު، ހަރަދު މި ދަނީ ބޮޑުވަމުން."
ނަޝީދު ވިދާޅުވީ ސަރުކާރުގެ ހަރަދުތައް ދުވަހަކު ވެސް ނުކުރާ ވަރަށް މިހާރު ތިރިވެއްޖެ ކަމަށެވެ. އެކަމަކު، ހަރަދު ކުޑަކުރެވުނީ ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ އެކަނި ދީގެން ކަމަށާއި ސަރުކާރުން އިގުތިސާދަށް ނެރޭ އެއްވެސް ފައިސާއެއް މިހާރު ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެހެން ހެދުމުން ރާއްޖޭގެ އިގުތިސާދު ކުރިއަރާ ދާނެ ގޮތެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެމްޑީޕީއަކީ ހަމައެކަނި ހުރިހާ ކަނޑަކަށް ހެޔޮވަރު އޮޑިއެއް ނޫން. މި ނޫން ޕާޓީއެއް އޭޝިއާ ތެރެއަކު ގައުމެއް ބަދަލުކޮށްލާކަށް، ރައްޔިތަކަށް ހެވެއް ހޯދައިދޭކަށް، ހަގީގަތުގައި ނުވެސް ނެތް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުން ފާހަގަކުރުމަށް މިރޭ ސަލްޓަންޕާކުގައި ބޭއްވި ޖަލްސާގައި ސަޕޯޓަރުންނާއި އެމަނިކުފާނު ސަލާންކުރައްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ނަޝީދުގެ ވާހަކަފުޅުގައި އިޝާރަތްކުރެއްވީ ރާއްޖޭގެ ދަރަނީގެ ހާލަތު ރަނގަޅު ކުރެވޭނީ އެމްޑީޕީ ކަހަލަ، އެކަން ކުރެވޭނެ ގާބީލު ބަޔަކު ތިބި ޕާޓީއަކަށް ކަމަށެވެ. ދައުލަތުގެ ދަރަނި އަނބުރާ ދެއްކޭނެ ގޮތާއި އެ ފައިސާ ހޯދާނެ ގޮތް ވެސް އެމްޑީޕީއަށް އެނގޭ ކަމަށާއި ދިވެހި ރައްޔިތުންގެ ސަލާމަތް އަބަދުވެސް ހޯދައިދީފައި ވަނީ އެ ޕާޓީން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުސްމާނުބެ
24 June 2025
ބަލަދު އަރާފަތަ ، އަނެއް އުދަގޫ
ދިއްދޫމީހާ
24 June 2025
އަނބުރާ ގެއަށް އައީ ފޫވައް ހިފައިގެންތޯ؟
އަހުމަދުބޭ
24 June 2025
ސޭމް އޯލޑް ސްޓޯރީ، ހިތާމައަކީ މިއަދު ތިޔަޕާޓީގައި ވިއްކައިނެ އެއްޗެއްނެތްކަން، އަދި ރާއްޖޭގެ ގިނަބަޔަކު އަދިވެސް ތިޔަޕާޓީދެކެ ނަފްރަތުކުރާކަން، ވެރިކަމަށް ތިޔަޕާޓީ ކަމުނުދާކަން، އަދި ތިޔަ ގެނެސްދިން ޑިމޮކްރަސީދެކެ ގިނަރައްޔިތުން ފޫހިވެއްޖެކަން، ގައުމުގެ ފޭރާން އޮޔާހިގައްޖެކަން، ގެނެވުނު މޮޅުގާނޫނު އަސީސީއަކީ އެއްވެސް ތާކުންތާކު ޖެހޭއެއްޗެއްނޫންކަން، ވައްކަމާ، ގޭންގްތަކާ، ފޭރުމާ، ޑުރަގާ ކުރިއަރާ ގޮސް އެވެރިން ގައުމު ކޮންޓުރޯލްނަގައިފިކަން
އުނބު
24 June 2025
މަ ހިތަށްއަރަނީ މި ސިޔާސީ މީހުންްގެ ލަދުހަޔާތަކީ ނުލައްވާ އެއްޗަކީ ބާވައޭ. މި މީސްމީހުންނަށް ސަނާކިޔަމުން ދުވާ އާއްމު ރައްޔިތުންގެ ސިކުނޑިއާއި ހިއްސުތައް ނުހުންނަނީ ބާވައޭ. މި މީހުން އެއްދުވަހު ހަމަ މި މީހުންގެ އެއްބަޔަކު އަނެއްބަޔަކަށް ހެއްދެވިހާ އެއްޗެއްކިޔާ، ލެއްވިހާ ތުހުމަތެއްކޮށް، އަނެއްދުވަހު އެކަކުއަނެކަކަށް ތައުރީފުކޮށް، ހުދުކާފޫރުހާ ސާފުބަޔަކަށް ހަދައިގެން ސަނާ ކިޔާއިރު ދެން ރައްޔިތުންގެ ކަަންކަމުގައި ހުންނާނީ ކޮން ތެދުވެރިކަމެއް ބާވައޭ
ޝޮކްތެރަޕީ
24 June 2025
އަމިލްލަ ގެ ރޯކޮއްްލާފަ ދިޔަ މީހުން އަނެއްކާވެސް އެގެޔައް
ލައްޑޫކީ ކަހާނީ
24 June 2025
ބޮޑުޖަމާއަތެއްގެ ރައީސްކަން ބޭނުންވާތީއޯ އެއުޅެނީ..މޑޕއަކީ އިދިކޮޅު އެއްމެބޮޑު ޕާޓީވީމަ އެމީހުންގެރުހުން ހޯދަންޖެހޭތީ ގުޅުނީ..ސަރުކާރުގެ ރުހުން ޔަގީންކަށަވަރުކޮއްފައޮތީ މާކުރިން. ބަހުގެހަމަލާއެއް ދޭތެރެއަކުން މުއިއްޒުއަށް ދޫކޮއްލިޔަަސް ސަރުކާރުގެ ރުހުމާއެކު mdp ge ރުހުންވެސް ހޯދީ..mdp ge ބޮޑުންނަވެސް ބިރެނެތެނުއް އެޕާޓީގެ ޓިކެޓާ ރނަޝީދެނުހިފާނެކަމުގެ ޔަގީންކަންދީ އެއްބައްސްވެފަ އޮތީމަ..ސިޔާސީންގެ ޑްރާމާ.
އެޑްމުންޑޯ
24 June 2025
ބުނަން ، އިބޫ އާއި ފައްޔާޒް ބޭރުކޮށްލާ ، އަދި ޝާހިދުވެސް ތިރިކޮށްފައި ބަހައްޓާ ، ކާމިޔާބު ވާނެ މުޖައްރިބު
ކުދުބެއްޔާ
24 June 2025
އެޑްމުންޑޯއަށްވެސް އެގޭނެއެވެ. މިގައުމުގައިތިބި އެންމެން ބޭރުކުރުމުން ދެން މިގައުމުގެ ވެރިޔަކަށް ހުންނާނީ ކާކުހެއްޔެވެ؟ އެކަމަކު ރައްޔިތުމީހާ ނެތްނަމަ ވެރިކަމުގެ ބޭނުމެއް އެބައޮތްހެއްޔެވެ؟ ބެއްޔާ ބުނާނީ އެންމެންގެ ބައިވެތިވުމާއެކު ޕްރައިމަރީ ކާމިޔާބުކުރަން ވިސްނާށެވެ. ޕްރައިމަރީ ގެއްލުމުން ރޫޅާލުމުގެ ވިސްނުން ގެންގުޅޭނަމަ ދެންވެސް ގެއިން ބޭރަށް ދާން ޖެހިދާނެއެވެ.
ސްޓަންޓް
24 June 2025
މީނަގެ ސްޕީޗްގައި ދަރަނީގެ ވާހަކަ ދެއްކީމައި ވަރަށް ހައިރާންވި. ބަލަ ގައުމު ބޮޑުތަނުން ދަރުވާލައި ގައުމ އޮޔާލި ބަޔަކީ އެމްޑީޕީ. ދެން ކީކޭ ތި ކިޔަނީ އަމިއްލަ ޕާޓީއަށް މަލާމާތް ދޯ ތިކުރަނީ. ތިޔަ އަންނި އަކީ މި ގައުމުގެ އެންމެންނަކީ މޮޔައިންކަމަށް ހަދައިގެން އުޅުނު ސިޔާސީ ޑްރާމާ ކުޅޭ މީހެއް. ދެނެއް ތި މަޅީގައި އިރާދަކުރެއްވިއްޔާ ދިވެހިންނެއް ނުޖެހޭނެ. ފޫވައް ހަރުކޮށްގެން އަލުން ތި ޕާޓީގައި ހުރޭ.
އެންމެން ހެޕީ
24 June 2025
ރޭގަވެސް ދިޔައީ ފޫވައް ނުލާ
ގަޑުބަޑު
24 June 2025
އެއްކަލަ ވިޔާނުދާ އީވާވެސް އެބައުޅޭދޯ އައިސް، އާއިލީ ވެރިކަމަށް ނައިބު ރައީސް ކިޔަން