އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު ޕާޓީގެ ރިޔާސީ ޓިކެޓް ހޯދަން އުޅުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އެ މަގާމަށް ކަމަށް ދާދިފަހުން އިންތިހާބުވެވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ރިޔާސީ ރޭހުގައި ވާދަ ނުކުރެވޭ ގޮތަށް އެމްޑީޕީގެ އަސާސީ ގަވާއިދަށް އިސްލާހު ގެންނަން އުޅޭކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އަދި އެކަމަކީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ތާއިދު ކުރައްވާ ބޭފުޅުން ގެންނަން ބޭނުންވާ ބަދަލެއްކަން ހާމަކޮށްފައިވެ އެވެ.
އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ތައްޔާރީތައް ވަމުންދާ ކަމަށާއި އަދި އަސާސީ ގަވައިދަށް ބަދަލެއް ގެންނަނަމަ، އެކަން ނިންމާނީ ކޮންގްރެސްގައި ކަމަށެވެ. އަދި ޗެއާޕާސަންކަން ކުރައްވާ ބޭފުޅަކު ރިޔާސީ ޓިކެޓަށް ވާދަކުރުން އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ނަޝީދު ވެސް އެއްބަސްވެ ވަޑައިގަތެވެ.
އެމަނިކުފާނު ޗެއާޕާސަން ކަމަށް ކުރެއްވި ކެމްޕެއިންގައި ނަޝީދު ވަނީ ރިޔާސީ ރޭހަށް ނުކުމެވަޑައިގަންނަވަން ބޭނުންނުވާ ކަމަށް ކުރިން ވިދާޅުވެފަ އެވެ. އަދި އެ އިންތިހާބުގައި ތާއިދު އޮންނާނީ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ކަމަށް ހާމަކުރައްވައި، ދެ ބޭފުޅުން އެކުގައި "ބޮޑު ބަދަލު"ގެ ނަމުގައި ސިޔާސަތުތަކެއް ވެސް އާންމު ކުރެއްވި އެވެ.
ޗެއާޕާސަން ކަމަށް ނަޝީދު ވަޑައިގެންނެވިފަހުން ފައްޔާޒުއާ ގުޅުން ގޯސްވެފައިވާ ކަމުގެ އަޑުތަކެއް ވެސް ފެތުރުނު ނަމަވެސް އެކަން ދޮގު ކުރައްވައި، ނަޝީދު ވިދާޅުވީ ފައްޔާޒުއާ ގުޅުން ވަރަށް ރަނގަޅު ކަމަށެވެ.
ނަޝީދު އިއުލާން ކުރެއްވި "ބޮޑު ބަދަލު"ގެ ސިޔާސަތުގައިވާ ގޮތުން ދައުލަތާއި ސަރުކާރުގެ ވެރިއަކަށް ހުންނަވާނީ ވަކި ދެ ބޭފުޅެކެވެ. އަދި އެގޮތަށް ވެރިކަމަށް ވަޑައިގަންނަވަން ފައްޔާޒާއި ނަޝީދު އެއްބަސްވެ، އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ތާއިދު ކުރައްވަ އެވެ.
ނަޝީދު ވިދާޅުވެފައިވާ ގޮތުން އެ ބަދަލު އެގޮތަށް ގެނައުމަށްފަހު އެމަނިކުފާނުގެ ޝައުގުވެރިކަން ހުރީ ދައުލަތުގެ އެންމެ އިސްވެރިޔާގެ މަގާމު އަދާ ކުރެއްވުމަށެވެ. އަދި ސަރުކާރު ހިންގުމުގެ ވެރިއަކީ އެހެން ބޭފުޅެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދަން އިންތިހާބުގައި ވާދަކުރައްވާނެ ކަން ރަސްމީކޮށް މިހާތަނަށް އިއުލާން ކުރައްވާފައިވަނީ ފައްޔާޒު އެކަންޏެވެ. ނަމަވެސް، ކުރީގެ ރައީސް އިބޫ އާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ޓިކެޓް ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށް ބެލެވޭ ކަމަށް ބައެއް ބޭފުޅުން ވިދާޅުވެ އެވެ.