ރައުދު އަދި އޭނާގެ ބޭބެ ދާއޫދު: ތަހުގީގަށް ދޮގު ބަޔާން ދިން މައްސަލާގައި ދާއޫދު ވަނީ މަގާމުން ވަކިކޮށްފައި.
19 ޖޫން 2025 - 00:13
މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގަށް ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން ދާއޫދު އަހުމަދު ދޮގު ބަޔާން ދިން މައްސަލާގައި އޭނާ އިއްޔެ މަގާމުން ވަކިކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލަ ބެލި ރިޔާސީ ކޮމިޝަނުގެ ރިޕޯޓު ތަންފީޒު ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ދޮގު ބަޔާނެއް ދީފައިވާ ކަމަށް އެ ރިޕޯޓުގައި ފާހަގަކުރާތީ ދާއޫދު މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
2025 އޭޕްރީލު 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޚާއްޞަ ކޮމިޝަންގެ ރިޕޯޓް ތަންފީޒު ކުރެެއްވުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން، ތަޙުޤީޤަށް ދޮގު ބަޔާނެއްދީފައިވާކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާތީ،…
— Heena Waleed (@MvSpokesperson) June 18, 2025
ދާއޫދަކީ، ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ޔުމްނުއާ އެކު އެ ރޭ އުޅުނު ފިރިހެން މީހާ ކަމަށްވާ ރައުދު އަހްމަދު ޒިލާލްގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ. އެ ހާދިސާ ހިނގައި، އެ މައްސަލައިގެ ތަހުގީގާ މެދު އާންމުން ސުވާލު އުފައްދަމުން ދަނިކޮށް ރައީސް އޮފީހުގެ މަގާމުން ދާއޫދު ހުރީ މިހާތަނަށް ސަސްޕެންޑުކޮށްފަ އެވެ.
މިދިޔަ އޭޕްރީލް 24 އިން ފެށިގެން މުސާރަ ނުލިބޭ ގޮތަށް ދާއޫދު މަގާމުން ސަސްޕެންޑްކުރީ ވެސް ފުލުހުންގެ ތަހުގީގަށް އޭނާ ނުފޫޒު ފޯރުވާފައިވާ ކަމަށް އޭރު ބޭއްވި އެއްވުންތަކުގައި ތުހުމަތުކުރަމުން ދަނިކޮށެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ހަމައަށް ދާއޫދަކީ "ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ"ގެ ރައީސް ވެސް މެ އެވެ. އެކަމަކު، ޔުމްނު ވެއްޓުމުގެ ހާދިސާއާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ އެކު، ދާއޫދު އެ މަގާމުން އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވުމުން އޭޕްރީލް 24 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ކޮމިޓީން ދާއޫދު ވަކިކުރެއްވީ އެވެ.
ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުން، ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭ މައްސަލަ ފުލުހުން ތަހުގީގު ކުރަނިކޮށް ދާއޫދު ވަނީ ހޯމް މިނިސްޓަރު އަލީ އިހުސާނަށް ތަކުރާރުކޮށް ގުޅައިފަ އެވެ. ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ދާއޫދު ވެސް ވަނީ ބަޔާން ދީފަ އެވެ. އޭނާ ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން ސަރުކާރުގެ އެއްވެސް އިސް ބޭފުޅަކާ މުއާމަލާތު ކޮށްފައި ނުވާނެ ކަމަށާއި ޔުމްނު ވެއްޓުމާ ގުޅޭ އެއްވެސް ވާހަކައެއް ރައުދު އޭނާ ކައިރީގައި ބުނެފައި ނުވާ ކަމަށެވެ.
ނަމަވެސް، ހާދިސާ ހިނގި ދުވަހުގެ އެކި ވަގުތުތަކުގައި ހޯމް މިނިސްޓަރު އިހުސާނާ، ދާއޫދޫ މުއާމަލާތުކޮށް ވާހަކަ ދައްކާފައިވާ ކަމަށް ކޮމިޝަނުން މިދިޔަ އަންގާރަ ދުވަހު ނެރުނު ރިޕޯޓްގައި ބުންޏެވެ. އަދި، ހާދިސާއަަށް ފަހު ރައުދު ގެއަށް ގެނައުމުން އޭނާ ބަލައި ފޭބީ ދާއޫދު ކަމަަށް ވެސް ރިޕޯޓްގައިވެ އެވެ.
ރިޕޯޓްގައި ބުނީ ދާއޫދު މައްސަލައިގެ ތަހުގީގަށް ފުލުހުންނަށް ދިން ބަޔާނާއި ކޮމިޝަނަށް ދިން ބަޔާނުގައި ވެސް ފުށުއެރުންތަކެއް އެބަހުރި ކަމަށެވެ. އެހެންވެ، އޭނާ ތަހުގީގަށް ދޮގު ބަޔާނެއް ދީފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށް ރިޕޯޓްގައިވެ އެވެ.
ދާއޫދާއި އެ ދުވަހު ރައުދުއާ ދިމާވި ދާއޫދުގެ ރައްޓެހިންގެ ބަޔާންތަކުގައި ވެސް ފުށުއެރުންތަކެއް ހުރި ކަމަށާއި އެހެންވެ އެ މީހުން ތަހުގީގަށް ކަމެއް ސިއްރުކުރާ ކަމަށް ފާހަގަކުރެވޭ ކަމަށް ކޮމިޝަނުން ބުންޏެވެ. ޔުމްނު ވެއްޓުނު ފަހުން އޭނާ ހޯދަން ރައުދު މަސައްކަތް ކޮށްފައިވާ ކަން ފުޓޭޖުތަކުން އެނގޭ ކަމަށާއި ނަމަވެސް، އޭގެ ފަހުން ދާއޫދާއި އޭނާގެ ރައްޓެހިންނާ ރައުދު ދިމާވި ފަހުން އެ ރޭގެ އެއްވެސް ކަމެއް ހަނދާން ނެތް ކަމަށް ރައުދު ބުނަމުން ގޮސްފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ.
ރިޕޯޓްގައި ބުނީ ހާދިސާއަށް ފަހު ރައުދު، ދާއޫދާ ބައްދަލުވެ ވާހަކަ ދައްކާފައިވާއިރު، ޔުމްނުގެ ވާހަކަ ވެސް ދައްކާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި ނަމަވެސް، އެކަން އިދާރާތަކަށް އަންގާފައި ނެތް ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޔުމްނު ފުރާޅުމައްޗަށް ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާ ނުލިބި އޮންނަން ޖެހުމަކީ އިންސާނިއްޔަތުގެ ނަޒަރަކުން ބަލާއިރު ވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ކޮމިޝަނުން ބުންޏެވެ.
އެހެންވެ، ރައުދުއާ އެއްވަރަށް އެކަން ކަމާ ބެހޭ އިދާރާތަކަށް ނާންގައި ތިބުމުގައި އޭނާގެ ބޭބެ ދާއޫދާއި ރައްޓެހިންގެ ބައިވެރިވުން ހިމެނޭ ކަމަށް ފެންނާތީ، އެ ކަން އިދާރާތަކުން އިތުރަށް ތަހުގީގު ކުރަން ކޮމިޝަނުން ވަނީ ލަފާ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
19 June 2025
ރައީސްގެ ވަޒީރުންގެ ތެރެއިން ހޯމް މިނިސްޓަރ މަޤާމްގެ ޙައިސިއްޔަތުން ބޭރުވެ ޙާދިސާ ހިގިތަނަށް ގޮސް ތަޙްޤީގު ކުރުމުގެ މަރުޙަލާގައިވެސް ދައުރެއް އަދާކުރެއްވިކަމަށް ދޭހަވާގޮތަށާއި، އަދި ހޯމް މިނިސްޓަރަށް ދާވޫދު އެތައް ފަހަރެއްގެ މަތިން ގުޅުއްވި ކަމަށް ރިޕޯޓްގައި ހާމަކޮށްފައިވާއިރު އެއަށްވުރެން ނުރައްކާތެރި އަދި ވަޒީރުގެ ހުވައާއި ޙިލާފުވާފަދަކަމެއްކޮށް "ސީދާގޮތުން މައްސަލައަށް ނުފަުޒު ފޯރުވުމަށްޓަކާ" ވަޒީރު އަމީނު ފުލުސް ކޮމިޝަނަރ އަށް ގުލުއްވާފައިވޭ.
އޮނަރަބްލް އަފީފު ދީދީ
19 June 2025
ރައީސް އެކުލަވާލެއްވެވި ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި މައްސަލައިގެ ތަހުގީގަށް ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންގެ މަޤާމްގައި ހުންނެވި ދާއޫދު އަހުމަދު ދޮގު ބަޔާން ދިންކަމަށް ހާމަކޮށްފައިވާއިރު "ޖިނާޢީ މައްސަލަތައްބަލާ ތަޙްޤީގުކުރުމުގެ ޒިންމާ ޤާނޫނީގޮތުން މަތިކޮށްފައިވާ ފުލުހުންގެއިދާރާގައި މައްސަލަބަލާ ތަޙްޤީގުކުރި ފުލުހުން އިންތިހާއަށް ގޯސްހަދާފައިވާކަމަށާއި، އެކަމަށް ފިޔަވަޅު އަޅަންވެސް ގޮވާލާފައިވޭ" ނޫންތޯ؟
އޮނަރަބްލް އަފީފު ދީދީ
19 June 2025
މިކަމުގައި އެންމެބޮޑަށް ޝުކުރު އަދާކުރަން ޖެހެނީ ރާއްޖޭގެ މަޝްހޫރު ޤާނޫނީ އިލްމުވެރިޔާ ޑރ މުޙައްމަދު މުނައްވަރު އަށާއި އެމަނިކުފާނުގެ ޓީމްގައި ބައިވެރިވެވަޑައިގެން މަސައްކަތް ކޮށްދެއްވި ކޮމިޝަންގެ އެންމެހާ ބޭފުޅުންނަށް. ތިބޭފުޅުންގެ ފަރާތުން ފެނިވަޑައިގެން ދިޔަ މަސައްކަތަކީ ރާއްޖޭގެ ތާރީޙްގައިވެސް ރައީސަކު އެކުލަވާލި ކޮމިޝަނަކުން "ވަކިކޮޅަކަށް ބުރަވުމެއްނެތި" އިންސާފުން އެކުލަވާލި އެންމެ ރަނގަޅު ރިޕޯޓް ކަމާއިމެދު ޝައްކެއްވެސް ނެތް އިގޭތޯ.
އޮނަރަބްލް އަފީފު ދީދީ
19 June 2025
ރައީސްގެ ވަޒީރުންގެ ތެރެއިން ހޯމް މިނިސްޓަރ މަޤާމްގެ ޙައިސިއްޔަތުން ބޭރުވެ ޙާދިސާ ހިގިތަނަށް ގޮސް ތަޙްޤީގު ކުރުމުގެ މަރުޙަލާގައިވެސް ދައުރެއް އަދާކުރެއްވިކަމަށް ދޭހަވާގޮތަށާއި، އަދި ހޯމް މިނިސްޓަރަށް ދާވޫދު އެތައް ފަހަރެއްގެ މަތިން ގުޅުއްވި ކަމަށް ރިޕޯޓްގައި ހާމަކޮށްފައިވާއިރު އެއަށްވުރެން ނުރައްކާތެރި އަދި ވަޒީރުގެ ހުވައާއި ޙިލާފުވާފަދަކަމެއްކޮށް "ސީދާގޮތުން މައްސަލައަށް ނުފަުޒު ފޯރުވުމަށްޓަކާ" ވަޒީރު އަމީނު ފުލުސް ކޮމިޝަނަރ އަށް ގުލުއްވާފައިވޭ.
އޮނަރަބްލް އަފީފު ދީދީ
19 June 2025
ރިޔާސީ ކޮމިޝަންގެ ރިޕޯޓަށް އަމަލު ކުރުމުގެ ގޮތުން ރައީސް ކަމެއް ކުރައްވާނަމަ ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން ދާއޫދު އަހުމަދު ވަޤާމުން ވަކިކުރުމުގެ ކުރިން ރައީސްގެ ކެބިނެޓް މިނިސްޓަރަކަށް އިންނެވި (މައްސަލައިގައި ހިމެނޭ ދެ .. ބޮޑު ބޭބެ) ކ.މާލެ މައްޗަންގޮޅި މާންދޫގޭދެކުނުގެ މުޙައްމަދު އަމީނު ނޫންތޯ ވަޒީރު ކަމުން ވަކިކޮށް ގެއަށް ފޮނުވާލަން ޖެހޭނީ؟ ވަޒީރު ވަނީ ދާޢޫދަށް ވުރެން ގޯސްކަމެއްނޫންތޯ ކޮށްފަ. !
މުޤައްދަސް މާލޭ ބޭފުޅެއް
19 June 2025
އޮނަރަބްލް އަފީފު ދީދީ ވެސް ބައެއްފަހަރު ހަރު އެއްޗެހި އަޅައެވެ. ޤުރުބާން ކުރާ ކަންބަޅީގެ ވާހަކަ ދީދީ އަޑެއް ނާހަމުހެއްޔެވެ؟
ހުރިގޮތް
19 June 2025
ކޮބާ އިހުސާނު ވައްކެއް ނުކުރޭތަ!. މި މައްސަލައިގައި ދާއުދުގެ ފަރާތުން އައި ކޯލްތަކާއި މެސެޖްތަކާ ގުޅިގެން އިހުސާނު ފުލުހުންގެ އިސްވެރިންނާ މަސްވަރާކޮށް ގުޅާ ނުހަދާނެ ގޮތަކީ ނެތް ގޮތެކެއެވެ. އެއިގެ ނަތީޖާއެއްގެ ގޮތުން މައްސަލަ ފެށިގެން އައިއިރު ފުލުހުންގެ ބަސްމަގާ އަމަލުތައް ހުރިގޮތް އެއޮތީ ފެންނާށެވެ.
ހައްލަކީ
19 June 2025
ކޮބާ ތިކޮމިޝަނެއްގެ ބޭނުމެއް. އޭރުވެސް މިހާރުވެސް މީހުން ގަބޫލެއް ނުކުރޭ، އިސްކޮޅަށް ވުރެ މަތީގައި ހުރި ސިޑިގޮޅިއަކުން މީހަކު ފުންމާލާނެ ކަމަށް، އެމީހުން ތިބީ ވާނުވާ ނޭނގޭ ހާލަތުގައި ކަމަށް، އެއީ އެންމެ މީހެއްގެ ބައިވެރިވުންއޮތް ކަމެއް ކަމަށް، ސީސީޓީވީ ހަލާކުވެފައި ހުރެދާނެކަމަށް، ބޭނުމެއް ނެތި ގުޅާނެކަމަށް، ރަނގަޅަށް ތަހުގީގު ކުރިކަމަށް.. އެއްވެސް ކަމަކަށް ހައްލު ލިބުނުތަ.
ޖިވާޒް
19 June 2025
އަނެއްކާވެސް ސަރުކާރުން އެޅި ވަރަށް ރަނގަޅު ފިޔަވަޅެއް. އެއްވެސް މީހަކު ޤާނޫނަށްވުރެ މަތީގައި ހުރެގެން ނުވާނެ. މަތީ މަގާމުތަކުގައި ތިބިކަމުގައިވިޔަސް
ލުފްޝާން
19 June 2025
މުއިއްޒުއަށް އެންމެ ވަރުގަދަ ކެންޕެއިނެއް ކުރި ބަޔަކަށް ވާނެ މި ދާއޫދު މެންގެ ގުރޫޕް. އުސޫލާ ހިލާފުވީމަ އެއޮތީ ވަކިކޮށްފަ. މިހެންވާންޖެހޭނެ
މައުސޫމް
19 June 2025
ހަދާނަށް އަންނަނީ އަލީ ވަހީދު އާ ޖީހާންގެ ފިރިމީހާ ހުދު ކާފޫރަކަށް ހަދައިގެން އުޅުނު މަންޒަރު. ވެރިން އެބަޔަކު ބޭނުން ގޮތެއް ހެދިދާނެކަން ކުރީ ސަރުކާރުތަކުން އެގިއްޖެ، މި ސަރުކާރުން އެހެންނެއް ނުހަދާނެކަން ސާފު ވެގެން މި ދިޔައީ
އަނގަ ކާޅު
19 June 2025
ކޮބާހޭ އިހުސާނަށް އެޅި ފިޔަވަޅެއް އަމީނަށް އެޅި ފިޔަވަޅެއް. އިހުސާނު އެދަނީ ފުލުފުލުގައި ގާނޫނާ ހިލާފަށް އަމަލުތައް ބަހައްޓަމުން. ޑީއެންއަރުގެ ޕާޓީގެ ފޯމު ފުރުން ކިހިނެތްވީ ބެލުނުތޯ