އެއްބައިވަންތަ ކަމަކީ ގައުމެއް ކުރިއަރައި ދިއުމުގެ ބިންގާ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެތައް ބައެއްގެ ގެދޮރު ގެއްލި ހާލުގައި ޖެހުނު ސުނާމީ ކާރިސާއާ ގުޅިގެން ރާއްޖޭގައި ފާހަގަކުރާ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު ނެރުއްވި ހިތޯބުގައި ވިދާޅުވީ ދިވެހީންގެ ގައުމީ ހަޔާތުން ފެންނަން އޮތް އެންމެ ރީތި އަދި އުންމީދީ އެއް ސިފައަކީ، ރާއްޖެއަށް ކުރިމަތިވާ ކޮންމެ ދަތި އުނދަގޫ ހާލަތެއްގައި ވެސް އިސްކުރާ އެއްބައިވަންތަކަން ކަމަށެވެ.

އުހުއްވަތްތެރި އަދި އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި ބަދަހިކަމާއެކު ތިބެ، ގައުމު ސަލާމަތްކޮށް އަދި ގައުމަށް ހެޔޮގޮތް ހޯދައިދިނުމުގައި ދުނިޔެއަށް ނަމޫނާ ދައްކަމުން އަންނަތާ އެތައް ސަތޭކަ އަހަރެއް ވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ޑިސެމްބަރު 26، 2004 ގެ ސުނާމީ: މިއީ މިހާތަނަށް ރާއްޖެއަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑުވި ގުދުރަތީ ކާރިސާ.-- ފޮޓޯ: ހަވީރު އާކައިވް
ޑިސެމްބަރު 26، 2004 ގެ ސުނާމީ: މިއީ މިހާތަނަށް ރާއްޖެއަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑުވި ގުދުރަތީ ކާރިސާ.-- ފޮޓޯ: ހަވީރު އާކައިވް

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެއްބައިވަންތަކަމަކީ ގައުމެއް ކުރިއަރައި ދިއުމުގެ ބިންގަލެވެ.

ގައުމެއްގެ ހުވަފެންތައް ހަގީގަތަކަށް ހަދައި، ކުރިއެރުމާއި ތަރައްގީ ހޯދައި އުފާވެރި ހިތްފަސޭހަ މާހައުލެއް ބިނާކުރުމަށްޓަކައި އެ ގައުމެއްގެ ހުރިހާ ފަރުދުންގެ އެއްބައިވަންތަކަން މުހިންމުވެ އެވެ. -- ރައީސް

މިސާލެއްގެ ގޮތުން ރައީސް ފާހަގަކުރެއްވީ ދިވެހީންގެ ސަގާފަތާއި ދިރިއުޅުމާ ގުޅިފައިވާ ކަނޑު އުޅަނދެއް ނަމަ، ދޯންޏެއް އޭގެ ބަނދަރަށް ދަތުރުކުރުމަށްޓަކައި ނުވަތަ ފެންމަތީ އޮތުމަށްޓަކައި އެ ދޯނީގެ މަޑޫތައް ރަނގަޅަށް ހިމުންކޮށް ގުޅިފައި ހުންނަން ޖެހެމުވެ.

"ހަމަ އެފަދައިން ގައުމެއްގެ ހުވަފެންތައް ހަގީގަތަކަށް ހަދައި، ކުރިއެރުމާއި ތަރައްގީ ހޯދައި އުފާވެރި ހިތްފަސޭހަ މާހައުލެއް ބިނާކުރުމަށްޓަކައި އެ ގައުމެއްގެ ހުރިހާ ފަރުދުންގެ އެއްބައިވަންތަކަން މުހިންމުވެ އެވެ." ހިތޯބުގައި ވެ އެވެ.

މީގެ 21 އަހަރު ކުރިން، ރާއްޖެއަށް އެރި ސުނާމީގެ އުނދަގޫ ހާލަތުން އަރައިގަނެ، ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، ގައުމު އަލުން އާރާސްތުކުރުމުގައި ވެސް މަސައްކަތްކުރީ، ރައީސް ވިދާޅުވި ގޮތުގައި، މުސްލިމުން އެއްބަޔަކު އަނެއްބަޔަކާ ބައިވެރިވެ އެހީތެރިވުމުގައި މާތް ނަބިއްޔާގެ ހަދީސްފުޅުން އިބްރަތް ލިބިގަނެ، "އެއް ހަށިގަނޑެއްގެ" މިސާލުގަ އެވެ.

އެ މަނިކުފާނު ވިދާޅުވީ ސުނާމީ ކާރިސާއިން ލިބުނު އިބްރަތްތައް ގިނަ ކަމަށެވެ. އޭގެ ތެރެއިން، ކޮންމެ ހާލަތެއްގައި ވެސް މާތްﷲއަށް ވަކީލުކުރުމާއި އެ އިލާހުގެ ހަޟްރަތުން ވާގި އެދި، ދުއާކޮށް، ހެޔޮ ނިޔަތުގައި މަސައްކަތް ކުރުން ފާހަގަކުރެއްވި އެވެ.

"އެ މީހަކަށް ވީ ވަރަކުން އަނެކުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމެވެ. މިފަދަ ހާލަތްތަކާ ގުޅިގެން އެއް ރަށުން އަނެއް ރަށަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާ ކޮންމެ އާއިލާއަކަށް މެހުމާންދާރީ އަދާކޮށް ދިރިއުޅުން ފަހިކޮށް ދިނުމުގައި އޮތް އިޖުތިމާއީ ފައިދާ އެވެ. ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމުގައި ގައުމީ ތަރައްގީގެ ޕްލޭން ރޭވުމުގެ މުހިންމުކަމެވެ. ކުއްލި ހާލަތްތަކާ ކުރިމަތިލުމަށް ތައްޔާރީ ހާލަތުގައި އަބަދުމެ ތިބުމުގެ މުހިންމުކަމެވެ. ބައިނަލްއަގުވާމީ މުޖުތަމައާ އެކުވެރި ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އަބަދުމެ ދެމިއޮތުމުގެ މަންފާ އެވެ،" ރައީސް ވިދާޅުވި އެވެ.

މިއަދު ހަނދާން ކުރަންވީ ސުނާމީއަށް ފަހު ދިވެހިން ދިރުވި އެއްބައިވަންތަކަން ކަމަށާއި އެއް ގައުމެއްގެ ގޮތުގައި ގުޅިގެން، ހިތްވަރާއި ހިނިތުންވުމާއެކު އާރާސްތުކުރި ދިރިއުޅުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.