މި އަހަރުގެ އަޟްހާ އީދު ނަމާދަށް އާއިލާއެއްގެ ބަޔަކު ތުއްތު ކުދިން ގޮވައިގެން ދަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
20 ޖޫން 2025 - 11:53
މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެފާނުގެ ކިބައިން ރިވާ ކުރެވިގެން ވެ އެވެ. މާތް ނަބިއްޔާ ﷺ ހަދީސް ކުރެއްވި އެވެ. "ބަފަޔަކު އޭނާގެ ދަރިފުޅު ހެޔޮގޮތުގައި އަދަބުވެރި ކުރުވުމަށް ވުރެ މަތިވެރި ހަދިޔާ އެއް އެ ދަރިޔަކަށް ނުދެވޭނެ އެވެ." (އައްތިރުމިޛީ).
މި ހަދީސްގައި މާތް ނަބިއްޔާ ﷺ ބަޔާން ކުރައްވަނީ މައިންބަފައިން އެ މީހުންގެ ދަރިންނަށް މުދަލެއް ނުވަތަ އެ ނޫން އެއްޗެއް ވެސް ހަދިޔާ ކުރަން ނުވަތަ ހިބައިން ދޭން ބަލާ ނަމަ ދެވޭނެ އެންމެ އަގުބޮޑު އަދި އެންމެ މަތިވެރި ހަދިޔާ އަކީ ހެޔޮ ގޮތުގައި އެ ދަރިން ތަރުބިޔަތު ކުރުން ކަމަށެވެ. ވަކިން ޚާއްސަކޮށް ރިވެތި އަހުލާގާ ވެރިންނަށް އެ ދަރިން ހެދުމެވެ. އެހެންކަމުން މާއްދީ ގޮތުން ކިތަންމެ އަގުބޮޑު އެއްޗެއް ދަރިންނަށް ދިނަސް ނުވަތަ އިލްމުގެ ގޮތުން ކިތަންމެ މަތީ ދަރަޖައަކަށް ދިޔަސް ރިވެތި އަހުލާގާ އަޅާ ބަލާއިރު މިއިން އެއްވެސް އެއްޗެއްގެ އަގު މަތިނުވާނެ އެވެ.
ހެޔޮގޮތުގައި އަދަބުވެރި ކުރުވުމޭ ބުނާ ބަހުގެ މުރާދަކީ ރިވެތި އަހުލާގުގެ މަތީ ހެޔޮގޮތުގައި ތަރުބިޔަތު ކުރުމެވެ. ދަރިން އަދަބުވެރި ކުރުވުމަށްޓަކައި އެންމެ ފުރަތަމަ ﷲ އާ އެކު ދަރިފުޅު އަދަބުވެރި ވާން ދަސްކޮށްދޭން ޖެހޭނެ އެވެ. އެބަހީ ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންވެ ނަހީތަކުން ދުރުހެލިވެ ސިއްރާއި ފާޅުގައި ﷲ އަށް ތަގުވާވެރި ވުމެވެ.
ދެވަނަ އަށް އާންމުކޮށް އެންމެހާ މީސްތަކުންނާ އެކު އަދަބުވެރިވާން ދަސްކޮށްދޭން ޖެހޭނެ އެވެ. އެބަހީ މީހުންނާ މުއާމަލާތު ކުރުމުގައި ތެދުވެރިވުމާއި އަމާނާތްތެރިވުމާއި ހިތްތިރިވުމާއި އިހުތިރާމު ކުރުމާއި އަދުލުވެރި ވުމާއި އިހުސާންތެރި ވުން ފަދަ އެންމެހާ ރިވެތި އަދަބުތަކާ އެކު ދަރިން މުއާމަލާތު ކުރުމެވެ.
ތިންވަނަ އަށް މީސްތަކުން ކުރެ ހާއްސަކޮށް މައިންބަފައިންނާއި އާއިލާ އެކު އަދަބުވެރިވާން ދަސްކޮށްދޭން ޖެހޭނެ އެވެ. މައިންބަފައިންގެ ހައްގުތައް އަދާކުރުމާއި އެ ދެމީހުންނަށް ކިޔަމަންވުމާއި އިހުތިރާމު ކުރުމާއި ގާތްތިމާގެ ކަމުގެ ގުޅުން ދެމެހެއްޓުމާއި މުޅި އާއިލާ އަށް އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ކަންކަމުގައި ދަރިން އަދަބުވެރިވާން ޖެހެ އެވެ.
މި އަހަރުގެ އަޟްހާ އީދު ނަމާދު މާލޭގައި ބޮޑު ޖަމާއަތުގައި ކުރުމަށް މާފަންނު ސްޓޭޑިއަމަށް ދަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު
ހަތަރުވަނަ އަށް ދަރިން އަމިއްލަ ނަފްސާ މެދު އަދަބުވެރިވާން ދަސްކޮށްދޭން ޖެހޭނެ އެވެ. އެބަހީ ސާފުތާހިރުވުމާއި ވަގުތަށް ކަމޭހިތުމާއި ޖަޒުބާތުތައް ކޮންޓްރޯލު ކުރުމާއި ނިޒާމުތަކަށް ތަބާވުން ފަދަ ކަންކަން ދަރިންގެ އަމިއްލަ ނަފްސުގައި ހަރުލާފައި ވުމެވެ.
ފަސްވަނަ އަށް މުވާސަލާތު ކުރުމުގައި އަދަބުވެރިވާން ދަސްކޮށްދޭން ޖެހޭނެ އެވެ. އެބަހީ ވާހަކަ ދެއްކުމުގައި ސަލާމުން ފެށުމާއި މަޑުމައިތިރިކަމާ އެކު ވާހަކަ ދެއްކުމާއި ރިވެތި ބަހުން ވާހަކަ ދެއްކުމާއި މީހުންގެ ވާހަކަތައް މެދު ނުކެނޑުން ފަދަ އަދަބުތަކަށް ދަރިން އަހުލުވެރި ވުމެވެ.
ހަވަނަ އަށް ދަރިންގެ ދުވަހީ ހަރަކާތްތަކުގައި އަދަބުވެރިވާން ދަސްކޮށްދޭން ޖެހޭނެ އެވެ. އެބަހީ ކެއިންބުއިމާއި ހެދުން އެޅުމާއި ނިދުމާއި އެކި ކަހަލަ މަޖިލިސްތަކުގައި ހިފަހައްޓަން ޖެހޭ އަދަބުތައް ފަދަ ކަންކަން ދަރިންނަށް ދަސްވެ އެގޮތަށް އަމަލު ކުރުމެވެ. މި ކަންކަމުގައި ދަރިން އަދަބުވެރި ކޮށްދީފި ނަމަ އެއީ ވަޒަން ހަމަ ޝާމިލު ޝަހުސިއްޔަތުތަކެއް ކަމުގައި ވާނެ ކަމެކެވެ.
އަގުބޮޑު މުދަލާއި މަތީ ދަރަޖައިގެ ތައުލީމާއި މަތީ މަގާމުތައް ފަދަ ކަންކަމަށް ވުރެ، ރިވެތި ގޮތުގައި އަދަބުވެރިވުން މާތް ވެގެންވަނީ އެކަމުގެ މަންފާތައް މަތިވާތީ އެވެ.
އެއް މަންފާ އަކީ ރިވެތި އަދަބުގެ ސަބަބުން ދަރިފުޅުގެ އިޖުތިމާއީ އަދި އިލްމީ ހަޔާތުގައި ކާމިޔާބު ވާނެ ކަމުގެ ގެރެންޓި ލިބުމެވެ. އެއީ މީސްތަކުންގެ ލޯބި އެ ދަރިފުޅަށް ލިބުމެވެ. އަދި އިހުލާސްތެރި ނަމަ މީހުންގެ ފަރާތުން އަތުވެދާނެ ނުރައްކާތަކުން ސަލާމަތްކަން ލިބޭނެ ކަމަކަށް ވާތީ އެވެ. މިއީ ﷲ ގެ ލޯބި ލިބި އުޚުރަވީ ހަޔާތް ވެސް ކާމިޔާބު ވާނެ ކަމަކަށް ވާތީ އެވެ.
އެހެނީ ތުއްތުއިރު ނުފަށައިފި ނަމަ ކުއްޖާ އެހެން ގޮތްގޮތަށް ނުވަތަ އެހެން ކަންކަމަށް އާދަވަމުންދާނެ އެވެ. މިހެން ގޮސް ވަކި ގޮތަކަށް އާދަވެއްޖެ ނަމަ ދެން ބަދަލު ކުރަން އުނދަގޫވާނެ އެވެ. އެހެންކަމުން އެއްވެސް ދުލެއް ނުދީ އެންމެ ތުއްތުއިރުއްސުރެ އަދަބުވެރި ކުރުމުގެ މަސައްކަތް ކުރަން ޖެހޭނެ އެވެ.
ދެވަނަ މަންފާ އަކީ އިލްމުގެ ބޭނުން ހެޔޮ ގޮތުގައި ހިފޭނީ ރިވެތި އަދަބުން ކަމަށް ވުމެވެ. މާލިކުބުނު އަނަސް ވިދާޅުވާ ގޮތުގައި މީހަކު އިލްމު ހޯދަން އަންނަ ހިނދު އެ މީހަކަށް ﷲ ގެ ހިދާޔަތު ލިބިފައިވާ މިންވަރަށާއި އޭނާގެ ނަމާދު ކުރުން ހުރި މިންވަރަށް ބަލާށެވެ! މި ކަންކަން ރަނގަޅު ނަމަ އިލްމު ހޯދުމުގެ އިޒުނަ އޭނާ އަށް ލިބެ އެވެ. އެހެން ނޫން ނަމަ އޭނާ އެކަމުން މަނާ ކުރެވެ އެވެ.
ތިންވަނަ މަންފާ އަކީ އިލްމާއި މުދަލަށް ރައްކާތެރިކަން ލިބެނީ އަދަބުވެރިވާ މިންވަރަކުން ކަމަށް ވުމެވެ. މިހެން ވަނީ އަދަބުވެރި ނަމަ ބޮޑާ ނުވުމާއި ޖަދަލު ނުކުރުމާއި އިސްރާފު ނުކުރުމާއި ކަން ދެއްކުން ނެތުން ފަދަ ނުރަނގަޅު ކަންކަމުން ދުރުހެލިވާނެތީ އެވެ. މި ދުރުހެލިވުން ނެތް ނަމަ މުދަލާއި އިލްމަށް ލިބޭނީ ގެއްލުމެވެ.
ހަތަރުވަނަ މަންފާ އަކީ އަދަބުވެރި ވުމަކީ ނަބީބޭކަލުންގެ ތަރިކަ އަކަށް ވުމެވެ. އެހެނީ ނަބީ ބޭކަލުން ފޮނުއްވުނީ ރިވެތި އަހުލާގު ދަސްކޮށް ދެއްވުމަށް ކަމަށް ވާތީ އެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވަނީ އެކަލޭގެފާނު ފޮނުއްވިގެން ވަނީ ރިވެތި އަހުލާގު ފުރިހަމަ ކުރެއްވުމަށް ކަމަށެވެ. (އަޙުމަދު). މިހެން ގޮސް މިފަދަ އެތައް މަންފާއެއް އަދަބުވެރި ވުމުގެ ސަބަބުން ލިބެ އެވެ.
މި ހަދީސުން މުރައްބީންނަށް ލިބޭ އެއް ފިލާވަޅަކީ، މުދަލަށް ވުރެ އަދަބުވެރިވުމަށް އިސްކަން ދޭން ޖެހޭނެ ކަމެވެ. އެހެނީ މުދަލަކީ ކިތަންމެ ގިނައިން ލިބުނަސް ބޭނުންކޮށް ހުސްވާނެ އެއްޗެކެވެ. އެއީ ނުބައި ގޮތުގައި އޭގެ ބޭނުން ހިފައިފި ނަމަ މީހާ ހަލާކުގެ ތެރެއަށް ގެންގޮސްދާނެ އެއްޗެކެވެ. މިއާ ހިލާފަށް އަދަބުވެރިވުމަކީ އެ އިތުރުވާ ވަރަކަށް އެ އިން ލިބޭ މަންފާތައް އިތުރުވެ، ހަޒާނާ ކުރެވެމުންދާ އެއްޗެކެވެ. އޭރުން އޭގެ ފައިދާ ދުނިޔޭގެ އިތުރުން އާހިރަތަށް ވެސް ލިބިގެންދެ އެވެ.
ދެވަނަ ފިލާވަޅަކީ، ދަރިން އަދަބުވެރި ކުރުމުގެ ޒިންމާ މައިންބަފައިން ނަގަން ޖެހޭނެ ކަމެވެ. ހާއްސަކޮށް ބައްޕަ އެވެ. ސަބަބަކީ މަންމަ އަކު ފަރުވާކުޑަވެގެން ދަރިޔަކު އަދަބުވެރި ނުވެ ދިޔަސް އާހިރުގައި އެކަމުގެ ޒިންމާ ނަގަން ޖެހޭ ފަރާތަކީ ބައްޕަ ކަމަށް ވުމެވެ (އައްތަޙުރީމު 6).
ތިންވަނަ ފިލާވަޅަކީ، ދަރިން އަދަބުވެރި ކުރުމުގައި އެންމެ ތުއްތު އިރުއްސުރެ އެކަން ފަށަން ޖެހޭނެ ކަމެވެ. އެހެނީ ތުއްތުއިރު ނުފަށައިފި ނަމަ ކުއްޖާ އެހެން ގޮތްގޮތަށް ނުވަތަ އެހެން ކަންކަމަށް އާދަވަމުންދާނެ އެވެ. މިހެން ގޮސް ވަކި ގޮތަކަށް އާދަވެއްޖެ ނަމަ ދެން ބަދަލު ކުރަން އުނދަގޫވާނެ އެވެ. އެހެންކަމުން އެއްވެސް ދުލެއް ނުދީ އެންމެ ތުއްތުއިރުއްސުރެ އަދަބުވެރި ކުރުމުގެ މަސައްކަތް ކުރަން ޖެހޭނެ އެވެ.
ހަތަރުވަނަ ފިލާވަޅަކީ، ކާމިޔާބުގެ މަގަކީ އަދަބުވެރި ކުރުވުންކަން ދެނެގަތުމެވެ. އެހެނީ މުޖުތަމައުގައި ދަރިފުޅު ބަލައިގަތުމާއި އިލްމު ހޯދުމުގަ އާއި މަސައްކަތްތަކުގައި ކާމިޔާބު ލިބުމަށް އޮތް ވަރަށް މުހިންމު ސަބަބެއް ކަމުގައި ރިވެތި އަދަބު ވެގެން ދިއުމެވެ.
ފަސްވަނަ ފިލާވަޅަކީ ދަރިންނަށް ދޭ ހަދިޔާ އާއި ހިބަކޮށްދޭ އެއްޗެތީގައި ދަރަޖަތަކެއް ވާކަމެވެ. އެންމެ އަގުބޮޑު އެންމެ މާތް ހަދިޔާ އަކީ ދަރިފުޅަށް ދެދުނިޔޭގައި ބާއްޖަވެރިކަން ގެނެސްދޭނެ ހަދިޔާ އެވެ.
ހަވަނަ ފިލާވަޅަކީ ތަރުބިޔަތު ކުރުމުގައި ދަރިން ހުރިހާ ގޮތަކުން ތަރުބިޔަތު ކުރަން ޖެހުނަސް އިސްކަން ދިނުމުގައި ވަކި ތަރުތީބެއް ގެންގުޅެން ޖެހޭނެ ކަމާއި މިގޮތުން އަހުލާގީ ނުވަތަ ރޫހާނީ ތަރުބިޔަތަށް އިސްކަން ދޭން ޖެހޭނެ ކަމެވެ. މި ހަދީސުން އެކަނިވެސް މިކަން އެނގެ އެވެ.
ހަތްވަނަ ފިލާވަޅަކީ، އަދަބުވެރި ކުރުވުމަކީ އޭގައި ވަރަށް ގިނަ ކަންކަން ހިމެނޭ ކަމެއްކަން ދަނެގެން އެ ހުރިހާ ކަމަކަށް ސަމާލުވުމެވެ. މި ލިޔުމުގެ ކުރީ ބައެއްގައި ބަޔާންކޮށްފައި އެވާ ހުރިހާ ގޮތަކުން އަދަބުވެރި ކުރުވަން ވާނެ އެވެ.
އަށްވަނަ ފިލާވަޅަކީ ކުދިން އަދަބުވެރި ކޮށްދިނުމަކީ މައިންބަފައިންނަށް ވަރަށް ބޮޑު ދަރުމައެއް ހުރި ކަމެއްކަން ދެނެގަނެ މިކަމުގައި ހިތްވަރު ކުރުމެވެ. އެހެނީ މީހަކަށް ދޭ ހަދިޔާއަކީ އެ ހަދިޔާ ދޭ މީހާ އަށް އެ އިން ސަވާބު ލިބޭ ކަމަކަށް ވާއިރު މިހާ އަގުބޮޑު ހަދިޔާ އަކުން ލިބޭ ސަވާބު ބޮޑުވާނެތީ އެވެ. އަނެއްކޮޅުން މިއީ މީހާ މަރުވެ ދިއުމަށް ފަހު ވެސް އޭނާގެ އަމަލުތަކުގެ ތެރެއިން ސަވާބު ލިބުމުގައި މެދުނުކެނޑި ދެމިއޮންނާނެ ކަމެކެވެ.
ވީމާ މި ހަދީސުން ލިބިގެން މިދާ ތަރުބަވީ ފައިދާތަކުގެ އަލީގައި ކުދިން ތަރުބިޔަތު ކުރުމުގައި އެ ކުދިން އަދަބުވެރި ކޮށްދޭން ކޮންމެ މުސްލިމަކު ވެސް މަސައްކަތް ކުރަން ޖެހޭނެ އެވެ. މިކަން ކުރުމުގައި ކީރިތި ރަސޫލާ ﷺ ގެ ނަމޫނާ އިން އިބުރަތް ހޯދިދާނެ އެވެ. ނަމޫނާ ދެއްކުމާއި ރިވެތި ވައުޒާއި ނަސޭހަތް ދިނުމާއި އަމަލީ ގޮތުން ކުރުވުމާއި ހިތްވަރު ދިނުމާއި އުފާވެރި ޚަބަރާއި ބިރުވެރި ޚަބަރު ދިނުމާއި ފިޔަވަޅަކުން ފިޔަވަޅަކުން ގެންދިއުން ފަދަ ގޮތްތަކާއި އުސޫލުތައް ބޭނުން ކުރެވިދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy