ރިޕޯޓް

މާޒީ ހަނދާން ނައްތާލުމާ އެކު، ޑިމޮކްރެޓްސް އަށް ދެން ވާނީ ކިހިނެއް؟

ޑިމޮކްރެޓްސް ޕާޓީ އުފެއްދުމަށް ޖުލައި 2023 ގައި ބޭއްވި ޖަލްސާގައި އެހެން ސިޔާސީ ޕާޓީތަކުގެ އިސް ލީޑަރުންނާ އެކު، ކުރީގެ ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ.--- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މެންބަރުންގެ ގިނަ ޕާޓީ އަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވާނެ ކަމުގެ އުއްމީދާ އެކު ވުޖޫދަށް ގެނައި "ދަ ޑިމޮކްރެޓްސް" ގެ މުސްތަގުބަލާ މެދު މިއަދު އޮތީ ސުވާލެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދެވި ދެވަނަ ޕާޓީގެ ނަން ފުހެވި، އެއްކޮށް އުވިގެންދަނީތޯ ނޫނީ ކުޑަ ޕާޓީއެއްގެ ގޮތުގައި ދެމި އޮވެދާނެކަމާ މެދު އުފެދޭ ސުވާލެވެ.

މި ސުވާލު އުފެދިގެން އައީ އެ ޕާޓީ ވުޖޫދުކުރި ނަޝީދު އިސްވެ ހުންނަވައި މިދިޔަ ހަފުތާގައި ފާސްކުރި ގަރާރާ ގުޅިގެންނެވެ. އެ ގަރާރުގައި އިގުރާރުވެފައިވަނީ ޑިމޮކްރެޓްސްގެ މެންބަރުންގެ އެމްޑީޕީއާ އަލުން ގުޅުމަށެވެ. އެކަމާ މަދު ބަޔަކު ބޮޑަށް ދެކޮޅު ހެދިޔަސް، ޕާޓީގެ ލީޑަޝިޕްގެ ގިނަ ބޭފުޅުންނާ އެކު އެ ނިންމުމަށް ވަނީ މަރުހަބާ ކިޔައިފަ އެވެ.

ޑިމޮކްރެޓްސްގެ ތެރެއިން އެ ނިންމުން އައީ ނަޝީދު އަލުން ރިޔާސީ ރޭހަށް ނުކުމެވަޑައިގަންނަވަން ޝައުގުވެރިކަން ފާޅުކުރައްވައި އަދި އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދުމުގެ ވާދަވެރިކަން އެ ޕާޓީގެ ލީޑަޝިޕްގެ ތެރޭގައި ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެމްޑީޕީގެ އުސޫލުތަކާއި ސިޔާސަތަށް އައި ބަދަލުތަކާ އެކު، އެކަމާ ހިތްހަމަނުޖެހިގެން ޕާޓީން ބަޔަކު ވަކިވެ އުފެއްދި ޑިމޮކްރެޓްސްގެ ގަރާރަށް އެމްޑީޕީން ވެސް މަރުހަބާ ކިޔާފައިވާއިރު، އަލުން އެމްޑީޕީއާ ގުޅޭ ބޭފުޅުންނަށް ހޫނު މަރުހަބާއެއް ކިޔަން އެ ޕާޓީން އަންނަނީ ތައްޔާރުވަމުންނެވެ.

ނަމަވެސް ޑިމޮކްރެޓްސްގެ އެ ނިންމުމާ ހިޔާލު ތަފާތު މެމްބަރުން އެ ޕާޓީގައި އެބަތިއްބެވެ. ގަރާރު ފާސްކުރުމާ އެކު، އެއް ބަޔަކު މަގާމު ދޫކުރައްވައި ފެއަށް ޖެހިވަޑައިގަތެވެ.

ޑިމޮކްރެޓްސްގެ ނައިބު ރައީސް އައިޝިޔަތު އަލައިކާ ވިދާޅުވި ގޮތުގައި އެ ގަރާރު ގޯހެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، އެ މީހަކު އިހުތިޔާރުކުރާ ސިޔާސީ ޕާޓީއަކަށް ވަނުމަކީ އެ މީހެއްގެ އަމިއްލަ ހައްގަކަށް ވާއިރު، ވަކި ޕާޓީއަކަށް ގުޅުމަށް ޕާޓީގެ ނޭޝަނަލް އެސެމްބްލީން ނިންމާ ނިންމުމެއް ހުރިހާ މެންބަރުންގެ މައްޗަށް ތަންފީޒެއް ނުކުރެވޭނެ އެވެ.

އަލައިކާގެ މި ވިސްނުމުގައި ޕާޓީގެ ބައެއް މެންބަރުން އެބަތިއްބެވެ. އެ ޕާޓީ ވުޖޫދުކޮށް ވަރަށް ގިނަ ޒުވާނުން މެންބަރުންނަށް އުއްމީދުތަކެއް ދީ، އެ މީހުންގެ ސިޔާސީ ހަޔާތް ބައްޓަން ކުރަން ފަށާފައިވާއިރު، އެ މެންބަރުންނަށް މިއީ ކުއްލި ނާއުއްމީދަކަށް ވެސް ވަނީ ވެފަ އެވެ.

އެހެންވެ، ޑިމޮކްރެޓްސް އުވައިލުމަކީ މި ވަގުތުން ވަގުތަށް ކުރާނެ ކަމެއް ކަމާ މެދު މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށް އެނގިފައި ވެ އެވެ. ނަޝީދާ އެކު އަލުން އެމްޑީޕީއާ ގުޅޭ ޑިމޮކްރެޓްސްގެ މެންބަރުންގެ އަދަދު ގިނަ ވާނެ އެވެ. އެ ހާލަތުގައި ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ބޭނުންވާ އަދަދަށް ޑިމޮކްރެޓްސްގައި މެންބަރުންގެ ތިބެދާނެ ކަމަކަށް ނުބެލެވެ އެވެ.

ފެންނަނީ ޑިމޮކްރެޓްސްގެ ތާއީދު ފުޅާވަމުން ނުދާ މަންޒަރެވެ. އެއް ހަމައެއްގައި ހުއްޓިފައި ކުރިއަށް ނުގޮސް އޮތް ޕާޓީއެއްގެ ގޮތުގަ އެވެ. އެ ޕާޓީގެ ގިނަ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ޕާޓީތަކަށް ވަނުމުގެ ޝައުގެއް މިހާރު ރައްޔިތުންގެ ނެތެވެ. ޕާޓީތަކަށް އިތުބާރެއް ނެތެވެ.

ޑިމޮކްރެޓްސްއަށް މެންބަރުން އިތުރުވަމުން ނުދާއިރު، އެ ޕާޓީގެ ލީޑަޝިޕްގައި ތިއްބެވި ބައެއް ބޭފުޅުން މީގެ ކުރިން ވެސް ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. ޕާޓީގެ ރައީސް ކަމުގައި ހުންނެވި ހަސަން ލަތީފް ވެސް އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ ސިޔާސީ މުސްތަގުބަލު އޮތީ އެމްޑީޕީގައި ކަމަށް ވިދާޅުވަމުންނެވެ.

މުހިންމީ ޕާޓީއެއް ނޫން، ވަރުގަދަ އިދިކޮޅެއް

ޑިމޮކްރެޓްސްގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވި ގޮތުގައި މި ވަގުތު ގައުމު އޮތީ ވަކި ޕާޓީއެއްގެ މުސްތަގުބަލާ މެދު ވިސްނުމަށް ވުރެ މުޅި ޕާޓީ ނިޒާމުގެ މުސްތަގުބަލާ މެދު ވިސްނަން ޖެހޭ ހާލަތެއްގަ އެވެ. އެހެންވެ، އޭނާ ދެކޭ ގޮތުގައި މި ވަގުތު މުހިންމީ ޕާޓީ ނިޒާމަށް އަލުން އިތުބާރު އުފެއްދުމެވެ.

އޭނާ ވިދާޅުވީ އެމްޑީޕީއަކީ ވަކި ތޮބިއްޔަތެއްގެ މީހުންގެ ފިކުރުގެ މައްޗަށް އުފެދުނު ޕާޓީއެއް ކަމަށާއި ޑިމޮކްރެޓްސްގެ އޮތުމުގެ ސަބަބުން އެ ތޮބިއްޔަތުގެ މީހުން ދެބަޔަށް ބެހި، އޭގެ ފައިދާ ލިބެނީ ސަރުކާރަށް ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެންނަށް ފެނުނީ މި ވަގުތު އެއް ތޮބިއްޔަތެއްގެ މި އޮންނަ އާބާދީ ބައިބައިކުރުން އެއީ މި ގައުމަށް ރަނގަޅު ކަމެއް ނޫނޭ. އެއީ އަޅުގަނޑުމެން އެއްކޮށްލާ އެންމެ މައިގަނޑު ސަބަބަކީ،" ވައްޑެ ވިދާޅުވި އެވެ.

ޑިމޮކްރެޓްސްގެ ޕޯޑިއަމްއެއްގައި ވައްޑެ ވާހަކަ ދައްކަވަނީ - ފޮޓޯ: މިހާރު

އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު ކަން ކުރެއްވި ވައްޑެ ވިދާޅުވީ އަލުން އެމްޑީޕީއާ ގުޅެން ނިންމާފައިވަނީ ސިޔާސީ ގޮތުން ވަރަށް ފުންކޮށް ވިސްނާފައި ކަމަށާއި އެއީ ނަޝީދުގެ ވެސް ވިސްނުންފުޅެއް ކަމަށެވެ. ނަޝީދަކީ ވާދަވެރި ސިޔާސީ ނިޒާމުގައި ވަރަށް މުހިންމު ބޭފުޅަކަށް ވާއިރު، އެ މަނިކުފާނު އެގޮތަށް ވިސްނަވައި، ނިންމެވުމުން އެ އަށް ވެސް ގަދަރެއް ކުރަން ޖެހޭ ކަމަށް ވައްޑެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ޖަޒުބާތީ ނިންމުންތަކުގެ ބަދަލުގައި ބުއްދިވެރި ގޮތެއްގައި މިފަދަ ކަންކަމުގައި ގޮތް ކަނޑައަޅާ ބަޔަކަށް ވާން ޖެހެ އެވެ.

"ވާދަވެރި ސިޔާސީ ނިޒާމް އަލުން ދިފާއު ކުރުމަށްޓަކައި އަދި ޕާޓީތަކަށް ގެއްލެމުންމިދާ އިތުބާރު އަލުން ހޯދަން އެބަޖެހޭ މަސައްކަތްތަކެއް ކުރަން،" ވައްޑެ ވިދާޅުވި އެވެ.

ޑިމޮކްރެޓްސްގައި ހުންނެވުމަށް ފަހު، އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވި އަލީ އާޒިމް ވެސް ވިދާޅުވި ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރެވޭނީ އެމްޑީޕީ އާއި ޑިމޮކްރެޓްސް އެކުވެގެންނެވެ. ބައިބައިވެގެން ގައުމަށް ވާނީ އިތުރަށް ގޯސް ކަމަށެވެ.

"އެމްޑީޕީ އާއި ޑިމޮކްރެޓްސް ދެބައިވީމަ ހުރިހާ ފައިދާއެއް ލިބެނީ ސަރުކާރަށް. އެހެންވީމަ ސަރުކާރު ރަނގަޅަށް ނުހިނގަންޏާ އެބަ ޖެހޭ އެކަން ބަދަލު ކުރަން މަސައްކަތް ކުރަން،" އާޒިމް ވިދާޅުވި އެވެ.

މާޒީ ހަނދާން ނައްތާލެވިދާނެ؟

"ރައީސް ނަޝީދާއި ޑިމޮކްރެޓްސްއަށް މަރުހަބާ" ގެ ނަމުގައި މާދަމާ ރޭ ސަލްޓަން ޕާކްގައި އެމްޑީޕީން ބޮޑު ހަފުލާއެއް ބާއްވާއިރު، ސުވާލަކީ އެ ދެ ޕާޓީއަށް މާޒީ ހަނދާން ނައްތާލެވިދާނެ ކަމާ މެދު އެވެ. އެމްޑީޕީން ގަބޫލުކުރާ ގޮތުގައި އެ ޕާޓީ އަށް ރިޔާސީ އިންތިހާބު ގެއްލުނީ ޑިމޮކްރެޓްސްއާ ހެދި އެވެ. އެމްޑީޕީން ނަޝީދާ މެދު އަމަލުކުރި ގޮތް ޑިމޮކްރެޓްސް އިން ނުރުހެ އެވެ.

ޑިމޮކްރެޓްސް އިން އަލުން އެމްޑީޕީއާ ގުޅެން ބޭނުން ނުވާ މަދު މީހެއްގެ ޝަކުވާއަކީ ވެސް މިއީ އެވެ. އެ މީހުން ބުނާ ގޮތުގައި ޑިމޮކްރެޓްސް އުފެއްދީ އެމްޑީޕީ ކަމުނުގޮސްގެންނެވެ. އެހެންވެ، އަލުން އެ ޕާޓީ އަށް ދިޔުމަކީ "ޗޮއިސް"އެއް ނޫނެވެ. ޕާޓީ އުފައްދައި، އެ ޕާޓީއަށް ވަނުމާ އެކު ވަޒީފާ އިން ވަކިކުރުމާއި އެހެން ވެސް ގެއްލުންތައް ލިބުނު މީހުން ޑިމޮކްރެޓްސް ތެރޭގައި އެބަތިއްބެވެ. އެ މީހުންނަށް އެ ހަނދާންތައް ނައްތާލެވޭ މިންވަރަށް ވުރެ، މިކަމުގައި ޖަޒުބާތީ އެވެ.

ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި ނަޝީދު ވާހަކަ ދައްކަވަނީ: އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ވަނީ ނިންމަވާފައި - ފޮޓޯ: މިހާރު

އެމްޑީޕީގެ ގައުމީ މަޖިލީހުން ޑިމޮކްރެޓްސް އަށް މަރުހަބާ ކިޔަން ނިންމާފައިވީ ނަމަވެސް، އެކަމަށް މުޅިން ތާއިދު ނުކުރާ މެންބަރުން އެބަތިއްބެވެ. އެމްޑީޕީ "ރޫޅާލުމުގެ" މަގުސަދުގައި ޑިމޮކްރެޓްސް އުފައްދައި، ރިޔާސީ އިންތިހާބުގައި ދެކޮޅަށް މަސައްކަތްކޮށް، އެމްޑީޕީ މަގުމަތިކޮށްލި ބަޔަކަށް އަލުން ފުރުސަތު ދޭން އެ މީހުން ހިތެއް ނުރުހެ އެވެ.

ނަމަވެސް، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުގައި މާޒީގެ އަޅުން ކަމަށް ވެގެން ނުވާނެ އެވެ. އަބަދުވެސް އަމާޒު ހިފަންވާނީ މުސްތަގުބަލަށް ކަމަށާއި ކާމިޔާބު ލިބޭނީ އެކުވެރިވެ އެކުގައި މަސައްކަތްކޮށްގެން ކަމީ ދުނިޔަވީ ހަގީގަތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި ގައުމުގެ މިސްރާބު ހަމަ މަގަށް ގެންދިއުމަށް ކެތްމަދުވެފައި ތިއްބެވި އެންމެހައި ރައްޔިތުން ވެސް އެމްޑީޕީއާ ގުޅިވަޑައިގަތުމަށް އަޅުގަނޑު ގޮވާލަން. ރާއްޖޭގައި މުސްތަގުބަލެއް އޮތް ހަމައެކަނި ސިޔާސީ ޕާޓީއަކީ އެމްޑީޕީ،" ޝާހިދު ވިދާޅުވި އެވެ.

ޑިމޮކްރެޓްސް މެންބަރުން އަލުން އެމްޑީޕީއާ ގުޅުވުމުގެ މަސައްކަތުގައި އެމްޑީޕީގެ ފަރާތުން އިސްކޮށް އުޅުއްވި ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް ވިދާޅުވީ ރާއްޖެ ހަމަ މަގުން ނެއްޓޭ ކޮންމެ ފަހަރަކު ކަންކަން ހަމަ މަގަށް އެޅުވީ އެ ޕާޓީގެ މެންބަރުންގެ ހިތްވަރުން ކަމަށެވެ. ސަރުކާރުގެ އަމަލުތަކަށް އިންތިހާއަށް ފާރަވެރިވާންޖެހޭ މިފަދަ ވަގުތެއްގައި ނަޝީދާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅުމަކީ އެ މަސައްކަތުގައި ލިބުނު އިތުރު ހިތްވަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޝީދުގެ ނަން ނުގެންނަވައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ޑިމޮކްރެޓްސްއަށް މަރުހަބާ ދަންނަވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވީ އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ދެމިތިބެ، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ، ރައްޔިތުންގެ މަސްލަހަތު އަބަދުވެސް އިސްކުރާ ބަޔަކަށް ވާންޖެހޭ ކަމަށެވެ.

ކައިރި މާޒީ އަށް ބަލާއިރު، އެންމެ ގިނަ މައްސަލަތަކެއް ހައްލުކުރަން ޖެހޭނީ ދެ ރައީސުންގެ ދެމެދު އެވެ. އެމްޑީޕީ ދެބައިވި މައިގަނޑު ސަބަބަކީ އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ މެދުގައި އޮތް ހިޔާލު ތަފާތުވުން ކަމަށްވާއިރު، އެ ކަންކަން އެއް ފަރާތްކޮށް އަލުން ގުޅުމަށް މީގެ ދުވަސްތަކެއް ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދައުވަތު ވެސް ދެއްވައިފައި އެވެ.

"މިއީ ހަމަ އަޅުގަނޑުމެންގެ އެންމެންގެ ޕާޓީއެއް. އެކީގަ ވަޑައިގަންނަވަންވީއޭ. އެ ޒާތީ އޭރު އެ ހުރި މައްސަލަަތައް އެކަހެރި ކުރެވޭނެ، އަދި އަޅުގަނޑާ ދޭތެރޭ ހުރި މައްސަލައެއް ވިޔަސް އެކަން އެއް ފަޅީގައި ބާއްވާފައި ގައުމަށާއި އަދި އަޅުގަނޑުމެން ފެށި މަސައްކަތް ނިމުމަކަށް ނުދޭ،" އެމަނިކުފާނު މީގެ ކުރިން ވިދާޅުވެފައި ވެ އެވެ.

ޑިމޮކްރެޓްސްގެ ނިންމުމާ އެކު، އެ ޕާޓީގެ މުސްތަގުބަލާ މެދު ސުވާލު އޮތް ނަމަވެސް، މި ވަގުތު އެ ޕާޓީގެ ގިނަ ބޭފުޅުންނަށް މުހިންމުވީ އެ ސުވާލެއް ނޫނެވެ. އެ ބޭފުޅުން ބޭނުންވަނީ އެމްޑީޕީ ވަރުގަދަކޮށް، ޒިންމާދާރު ބޮޑު އިދިކޮޅެއް އޮންނާށެވެ.

26 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުދޫދޫ

22 June 2025

ދެންް އުފުރާލާނީ ކެޔޮގަނޑު މިހާރު ތިދިޔައީ އަތްފޯރާ ހިސާބާއް

The name is already taken The name is available. Register?

ލާރި ކެއުން

22 June 2025

2 މީހުނާއި ފަޅި ލައިގެން ލާރިކާން ދެން އޮންނާނީ

The name is already taken The name is available. Register?

ޒުވާން

22 June 2025

ޒުވާނުންގެ ޕާޓީހެދީ ވަކި މަގްޝަދެއްގަ އެއުވާލުން ގޯސް

The name is already taken The name is available. Register?

މިޔަރެން

22 June 2025

އަންނި މަރާލަން ތުހުމަތު ކުރި މީހުނާ ކިހިނެއް ގުޅެވޭނީ

The name is already taken The name is available. Register?

މަބުނާނީ

22 June 2025

އެވެސް އަމިއްލަ ރާވައިގެން ކުރާކަންތައް. މީހުންފެ ސިމްޕަތީހޯދަން.

The name is already taken The name is available. Register?

އެމެޑީޕީ

22 June 2025

ވ ޕާޓީއަކާ ނުގުޅެވޭނެ. އެމްޑީޕީ ނޫންގޮތެއް ބޭނުމަކީ

The name is already taken The name is available. Register?

ެޑިމޮކްރެޓްސް

22 June 2025

އަޅުގަނޑު ހަމަގައިމުވެސް ބަދަލު ނުވާނަން އެމްޑީޕީ އަކައް

The name is already taken The name is available. Register?

ޕާޓީ

22 June 2025

ރާއްޖެއަށާ ޕާޓީއައް މިވަރުގެ ބޮޑު ގެއްލުމެއް ދިން ބަޔަކު މިރާއްޖޭގަ ނޫޅޭނެ

The name is already taken The name is available. Register?

އެދުރު1

22 June 2025

"އެއީ ނަޝީދުގެ ވެސް ވިސްނުންފުޅެއް ކަމަށެވެ" ނަމުން ޑިމޮކުރެޓިކު ހުރިހާ ނިންމުމެއްވެސް ނިންމާނީ ހަމަ އެއްމެ މީހެއް. މިއަށް ކިޔަނީ ޑިކްޓޭޓަރ . 2023 ގައި ދިވެހިން މޑޕ ގެ ވެރިކަން ބަދަލު ކުރީ މޑޕ އަށް ވެރިކަން ކުރަން ލިބުނު ދެ ދައުރުގައިވެސް ގައުމަށް ފައިދާ ހުރި ވެރިކަމެއް ނުކޮށްދެވުނީމަ. ވެރިކަން ލިބޭ ކޮންމެ ފަހަރަކު ގައުމުގެ އިޤްތިޞާދު ހަލާކު ކޮއްލައި އަބަދުވެސް އިންޑިޔާ އަތުން ބޮޑެތި ލޯނުތަށް ނަގައި ގައުމު ދަރުވާލާތީ.މިހާރު އަންނިގެ އޮފް ކެޑިއްޖެ

The name is already taken The name is available. Register?

އެހެނަސް

22 June 2025

އަސްލު ވީގޮތަކީ އެއްވެސް ކުރިއެރުމެއް ނުލިބުނީ 2 ޕާޓީއައްވެސް. ދެން ތިއުޅެނީ ބޮޑުންގެ އަޑި ނޭނގޭ ޑީލްއެއް. ފަހުން ފަޅާ އަރާނެ. ތިޔަ މީހުން އަޅުގަނޑުމެން ރައްޔިތުން ދަންނަން

The name is already taken The name is available. Register?

ޝަފީގް އަހުމަދު

22 June 2025

ވަގުންގެ ނެޓްވޯރކް އެކޭ ކިޔާފަ ދިޔަ ގުރޫޕް .... ގުޅުން. މިހާރު ހުދު ކާފޫރައްވެ ނިމުނީތޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454