ފޯކައިދޫ ސްކޫލްގެ ހަރަކާތެއްގައި ބައިވެރިވި ބައެއް މީހުން.
25 ޖޫން 2025 - 08:06
ށ. ފޯކައިދޫ ހޮސްޕިޓަލުގެ ނަރުހުންގެ ގޮތުގައި މުޅިން ވެސް ތިބީ ރަށު ސްކޫލުން ކިޔަވައިގެން ކޯސް ފުރިހަމަ ކުރި މީހުންނެވެ. ބިދޭސީއަކު ނެތެވެ. ރަށު ސްކޫލުގެ 55 ޓީޗަރުންގެ ތެރޭގައި ވެސް ގިނައީ އެ ރަށަށް ނިސްބަތްވާ މީހުންނެވެ. އެއީ މާ ދުރާލައި ކުރަމުން އަންނަ ބުރަ މަސައްކަތުގެ ނަތީޖާ އެވެ. ރަށުގެ ކުދިން ރަށަށް ހިދުމަތް ކުރުމެވެ. އޯ ލެވެލާއި އޭ ލެވެލް އިމްތިހާނަށް ތައްޔާރުވަމުން އަންނައިރު، ރަށަށް ބޭނުންވާ ދާއިރާއަކުން ކުރިއަށް ދާން މަސައްކަތް ކުރުމަކީ ފޯކައިދޫގެ ދަރިވަރުން ދައްކާ ނަމޫނާއެކެވެ.
މިދިޔަ އަހަރުގެ އޯ ލެވެލް އާއި އޭ ލެވެލް އިމްތިހާނުގެ ނަތީޖާ އިން ވެސް ފޯކައިދޫ ސްކޫލްގެ ދަރިވަރުން ދެއްކީ ރަށަށް އޮތް ލޯތްބެވެ. ހިދުމަތް ކުރަން އޮތް ޝައުގުވެރި ކަމެވެ.
އޯ ލެވެލް އިމްތިހާނުގެ ގަދަ 10 ގައި ފޯކައިދޫގެ ނުވަ ކުދިން ހިމެނުނެވެ. އޭ ލެވެލް ގަދަ 10 އަކުން ހަ ކުދިން ޖާގަ ހޯދި އެވެ. އެންމެ ގިނަ ކުދިން ގަދަ 10 ގައި ހިމެނި މިދިޔަ އަހަރަކީ ސްކޫލަށް ރަން ވަނައެއް ލިބުނު އަހަރެކެވެ.
ޕްރިންސިޕަލް މުހައްމަދު ޝަމީމް ވިދާޅުވީ ފޯކައިދުއަކީ ރަށުން ކިޔަވައިގެން ރަށަށް ހިދުމަތް ކުރުމުގެ ދިގު ތާރީހެއް އޮތް ރަށެއް ކަމަށެވެ. އޯ ލެވެލާއި އޭ ލެވެލް އިމްތިހާނު ނިންމާ ދަރިވަރުން މަތީ ތައުލީމް ހާސިލްކުރުމުގައި ވެސް ބަލާނީ ރަށަށް އެ ވަގުތަކަށް މުހިއްމު ދާއިރާއަކަށް ކަމަަށް މިދިޔަ އަހަރުގެ ނަތީޖާއާ މެދު ފަޚުރުވެރިވެވަޑައިގަންނަވަމުން އޭނާ ވިދާޅުވި އެވެ.
ބައެއް ރަށްރަށުގައި އޯ ލެވެލް އިމްތިހާނު ނިންމައި އޭ ލެވެލަށް ކިޔަވަން މާލެ ބަދަލުވެ ފަހުން އެނބުރި ރަށަކަށް ނުދެ އެވެ. މާލެ އާއި އެކި ތަންތަނުން ވަޒީފާ ހޯދައިގެން އެ ތަނެއްގައި މަޑުކުރަނީ އެވެ. އެކަމަކު ފޯކައިދޫގައި ފުރުސަތުތައް ހޯދައިގެން ވަޒީފާ އަދާކުރަން ބޭނުން ވަނީ ރަށުގަ އެވެ.
ފޯކައިދޫ ސްކޫލްގެ ޖަލްސާއެއް: މި ސްކޫލުގައި ގިނައީ ރަަށަށް ނިސްބަތްވާ ޓީޗަރުން.
ޝަމީމް ވިދާޅުވި ގޮތުގައި މިދިޔަ އަހަރު އެ ސްކޫލުގެ ދަރިވަރުން ހޯދީ ފަހުރުވެރި ކާމިޔާބީއެކެވެ. އެ ކުރިއެރުން ހޯދުނީ ޓީޗަރުންނާއި ބެލެނިވެރިންގެ ބުރަ މަސައްކަތް ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ހާއްސަކޮށް އެ ސްކޫލުން އޭ ލެވެލް ނިންމައި، މާލެ ނުވަތަ ރާއްޖެ އިން ބޭރުން ކިޔަވައިގެން އައިސް ރަށަށް ހިދުމަތް ކުރާ ކުދިންގެ އަދަދު އިތުރު ވުމަކީ އެ މަސައްކަތުގެ ނަތީޖާ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
އޯ ލެވެލް ގަދަ 10 ގައި ހިމެނުނު ދަރިވަރުންނާއި ރޭންކުތައް:
- މަލްސާ އަސްލަމް (4 ވަނަ)
- ނައިޝާ ބިންތި މުހައްމަދު (5 ވަނަ)
- އައިޝަތު ލީމް ލަބީބު (6 ވަނަ)
- ލައްޒަތު ޝަރީފް (6 ވަނަ)
- ދާނާ ބިންތި މުހައްމަދު ޒަކީ (8 ވަނަ)
- މަޝީދުއްދީން ބިން އަހުމަދު ބިން ހަސަން (8 ވަނަ)
- ނޫހް އަބްދުލް ވައްހާބު (9 ވަނަ)
- ކައުސަރު ބިންތި އަހުމަދު (9 ވަނަ)
- ޝަހާ އިބްރާހިމް (10 ވަނަ)
ފޯކައިދޫ ސްކޫލުގެ އޭ ލެވެލް އަދި އޯ ލެވެލްގެ ގަދަ 10 ގައި މިދިޔަ އަހަރު ހިމެނުނު ބައެއް ދަރިވަރުން.
އޭ ލެވެލް ގަދަ 10 ގައި ހިމެނުނު ދަރިވަރުންނާއި ރޭންކްތައް:
- އައިޝަތު އިނާން ހުސެއިން (5 ވަނަ)
- ޝިފުރާ އިލިޔާސް (8 ވަނަ)
- ސުދުނާ ޝަމީމް (9 ވަނަ)
- އަބްދުލް ނޫރު ބިން މުހައްމަދު (9 ވަނަ)
- އަހުމަދު ސާހިލް (10 ވަނަ)
- ހަދީޖާ އަޒިމާ (10 ވަނަ)
ފޯކައިދޫ ސްކޫލުގެ ދަރިވަރުންތަކެއް. -- ފޮޓޯ: ފޯކައިދޫ ސްކޫލު
ގާތްގަނޑަކަށް 500 ކުދިން ކިޔަވަމުން އަންނަ ފޯކައިދޫ ސްކޫލުގައި 55 ޓީޗަރުން މަސައްކަތް ކުރެ އެވެ. އޭގެ ތެރެއިން ބިދޭސީ ޓީޗަރުންގެ އަދަދަކީ އަށެކެވެ.
ޕްރިންސިޕަލް ވިދާޅުވި ގޮތުގައި ސެކަންޑަރީ ގްރޭޑްތަކަށް ކިޔަވައިދޭ ބައެއް މާއްދަތަކުގެ ޓީޗަރުން ފިޔަވައި ދެން ތިބެނީ ހުސް ފޯކައިދޫ ޓީޗަރުންނެވެ.
އޭނާ ވިދާޅުވީ ސްކޫލުގެ އަމާޒަކީ ތިން އަހަރު ތެރޭގައި ހުރިހާ މާއްދާއެއް ކިޔަވައިދޭން ވެސް ދިވެހި ޓީޗަރުން ތަމްރީން ކުރުން ކަމަށެވެ. އެކަމަކު ގޮންޖެހުންތަކެއް ވެސް ހުރި ކަން ފާހަގަކުރައްވައި ވިދާޅުވީ އޭ ލެވެލް ނިންމާ ކުދިން ޓީޗިން ދާއިރާއިން ކުރިއަށް ދާން ބޭނުންވި ނަމަވެސް ކިޔަވަން އެ ފުރުސަތު ނުލިބޭ ކަމަށެވެ.
"މަސައްކަތް ކުރަމުން މި އަންނަނީ އެއްކޮށް ލޯކަލް ކުރަން. އެންމެ ފަހުން އޭ ލެވެލް ނިންމި ބެޗުގެ ދަރިވަރުން ކޮޅެއް ޓީޗިން ފީލްޑަށް އަންނަ ބޭނުން ވެގެން ސައިންސް ސްޓްރީމް މާއްދާތަކުން އެމްއެންޔޫ އަދި ވިލާ ކޮލެޖުން ވެސް ކޯސް ލިބޭ، އެކަމަކު ކުދިން ހަމަ ނުވާތީ އެ ތަންތަނުން ކޯހެއް ނުހިންގާ،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ފިޒިކްސް މާއްދާ ރާއްޖޭގެ ކޮލެޖް/ޔުނިވާސިޓީތަކުގައި ކިޔަވައިދޭކަށް ނުފަށަ އެވެ. މިހާރު ސްކޫލު ނިންމާފައި ތިބި ކުދިންނާ އެކު، އެ ފުރުސަތު ލިބޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެ ސްކޫލުގެ އަމާޒަކީ ހުރިހާ މާއްދާއެއް ދިވެހި ޓީޗަރުން ކިޔަވައިދިނުން ކަމަށް ވިދާޅުވި އެވެ.
ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝަމީމް-- ފޮޓޯ: ފޯކައިދޫ ސްކޫލު
"އަޅުގަނޑުމެން މި ބަލަނީ ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި ޓީޗަރުންގެ ލޯކަލް ބެޗެއް އަންނާނެ ކަމަށް. އޭގެ ތެރޭގައި ސައިންސް މާއްދާތައް، ބަޔޮލޮޖީ އަދި ކެމިސްޓްރީ އެބަތިބި. ފިޒިކްސް ކިޔަވައިދޭން މި އަހަރު ފަށައިފިއްޔާ އެ މާއްދާއަށް ވެސް ލިބޭނެ،" ޕްރިންސިޕަލް ވިދާޅުވި އެވެ.
ފޯކައިދޫ ސްކޫލު ނިންމާ ކުދިންގެ އަޒުމަކަށް ވެފައި އޮންނަނީ ކިޔަވައިގެން ރަށަށް ހިދުމަތް ކުރުމެވެ. ކޮންމެ ދާއިރާއަކުން ކިޔެވިޔަސް ނިންމައި ރަށަށް ދިއުމަކީ އެ ކުދިން ގަބޫލުކުރާ ގޮތުގައި ރަށަށް ލިބޭ ކުރިއެރުމެކެވެ.
ނަތީޖާއަކަށް ވެފައި ވަނީ ފޯކައިދޫގެ އާބާދީގެ 95 ޕަސެންޓު ރަށުގައި ދިރުއުޅުމެވެ.
"ކޮންމެ ދާއިރާއަކަށް ބެލިޔަސް ހުރިހާ ތަނެއްގައި ވެސް ތިބޭނީ ހުސް ރަށު ކުދިން ހަމަ. ސިއްހީ މަރުކަޒުގައި ނަރުހުންނަށް ވެސް ތިބެނީ ހުސް ރަށު ކުދިން، ބިދޭސީއެއް ނުހުންނާނެ. ސްކޫލުގައި ވެސް ސައިންސް [ސްޓްރީމްގެ މާއްދާތައް] ނޫނީ ހުރިހާ މާއްދާއެއް ކިޔަވައިދޭނީ ހުސް ރަށު ކުދިން. ރަށުގައި ހުންނަ ހުރިހާ ހުސް ފުރުސަތުތަކަކަށް ކުދިން ކުރިއާލާ ބަލައިގެން ތަމްރީން ވާނެ،" ޝަމީމް ވިދާޅުވި އެވެ.
ސައިންސް ސްޓްރީމްގެ ކެމިސްޓްރީ އާއި ބަޔޮލޮޖީ އާއި ފިޒިކްސް ފިޔަވައި އެހެން މާއްދާތަކަށް ޓީޗަރަކު މަދުވެގެން ސްކޫލުން އުޅެން ނުޖެހޭކަން ވެސް ޝަމީމް ފާހަގަކުރެއްވި އެވެ. ސަބަބަކީ ކޮންމެ މާއްދާއަކުން ވެސް އިތުރު މީހުން ކިޔަވައިގެން ރަށުގައި ތިބޭތީ އެވެ.
ކޮންމެ އަހަރަކު ވެސް ރަން ވަނަތަކެއް ހޯދަމުން އަންނަ ފޯކައިދޫ ސްކޫލުގެ ކާމިޔާބީގެ ފަހަތުގައި އޮތީ ދަރިވަރުން ރަށަށް އޮތް ލޯތްބެވެ. ކިޔަވައިގެން ރަށަށް ހިދުމަތް ކުރަން ބޭނުންވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފރނޑ
25 June 2025
ފޯކައިދޫ އުދޭ އާ ޝަހުމީން ވެސް ވ ބެސްޓް. މައި ފޯކައިދޫ ފުރެންޑްސް.
އެޑްމުންޑޯ
25 June 2025
95 ޕަސެންޓް ރައްޔިތުން ރަށުގައި ދިރިއުޅޭ ވާހަކަ ބުނީމާ ހަގީގަތުގައިވެސް ވަރަށް އުފާވި ، އެއީ ރަށްރަށުން ދެކެންބޭނުންވާ އެއްކަންތައް ، އެކަމަކުވެސް ކީއްކުރާނީ މަދުރަށެއްގެ ނޫނީ ، ރަށުގެ އާބާދީގެ ދެބައި ކުޅަ އެއްބައި އުޅޭނީ މާލޭގައި ، ފޯކައިދޫ އަށް ކުރިއެރުމާއި ތަނަވަސްކަމަށް އެދެން ،
ރަދީފްއޮފިޝަލް / ބަތަންޔާހޫގެ ވައިފްގެ ސްކެލެން ޓްރޭންގަލް
25 June 2025
ސާބަހޭ ފޯކައިދޫގެ ރައްޔަތުން. ވަރަށް އުފާވެއްޖެ.
ނޭނގޭ
25 June 2025
ށ. ފޯކައިދޫ ހޮސްޕިޓަލެއް ނުހުރޭ ހުންނަނީ ސިއްޙީ މަރުކަޒެއް
ރަދީފްއޮފިޝަލް / ނަތަންޔާހޫގެ ވައިފްގެ ޓްރެޕީޒިއަމް
25 June 2025
އެއީ މައްސަލައެއް ނޫން ، އެމީހުންގެ ހިތްވަރުން އެތަނުގެ ވަސީލަތްތައް އިތުރުކޮށް ތަރައްގީކޮށް ނަން ބޯޑު ވެސް ބަދަލުކުރާނެ.އެއީ ތޯތޯ ބައެއް ނޫން.
ކޮސް
25 June 2025
ތިޔޭ ޤައުމިއްޔަތަކީ! ފޯކައިދޫ ކުރިން މަޝްހޫރީ " ފުޓުބޯޅައިން" .މިހާރު ތިއީ ޙަޤީޤީ މާނައިގާ ޤައުމިއްޔަތުގެ ނަމޫނާރަށެއް. ޤައުމިއްޔަތުގެ މުޤައްރަރު ތިރަށުން ތައްޔާރުކުރައްވާ , ކަމާބެހޭ ފަރާތަށް ފޮނުއްވާދެއްވުން އެދެން.
ދަންނަވަންތޯ
25 June 2025
ދަންނަވަންތޯ ތިޔަ ލޯބި ހުރިހާ ރަށެއްގައިވެސް އޮވޭ. އެކަމަކު ވަޒީފާގެ ފުރުސަތުތަކެއް ރަށްރަށުގައެއް ނެތް. ތ. ހިރިލަންދޫ ވާނެ އާބާދީގެ ނިސްބަތުން އެންމެ ގިނަ ކުދިން މަތީ ތަޢުލީމު (ޑިގްރީ، މާސްޓާރސް) ހާސިލްކޮށްފައިވާ އެއް ރަށަށް. އެކަމަކު ރަށަކު ނެތް މިހާރު ފުރުޞަތެއް. 4000ރ ލިބޭ ވަޒީފާއެއް އިއުލާނުކޮށްލިޔަސް ހިކިތަނަށް އަރާވަރަށް މީހުން ކުރިމަތިލާ.
ޥަޒީފާ
25 June 2025
ވަޒީފާ އުފެދޭނީ އެކިއެކި ދާއިރަަގެ ވިޔަފާރިވެސް އުފެދިގެން ކޮންމެވެސް ބަޔަކު ގުރުބާނީ އެއްވެގެން އދި އެކަށިގެން ވާ އާބާދީ އެއް ވެސް އޮވެގެން . ކ.މާލެހެން އެވެސް ރަަށެއްގައި ސަރުކާރު ވަޒީފާތަކެއް ނުއުފެއްދޭނެ. ޢެއީ ހުރިހާ ގައުމެއްގަ ވެސް މައި ސަރުކާރު ހިންގާ ތަނުގެ ހާލަތު އޮތް ގޮތް.
ބަވސޗ
25 June 2025
ޝާބަސް ދަރިންނޭ.