އެމެރިކާގެ ބިލިއަނަރު ޖެފް ބޭޒޯސް އާއި އޭނާގެ ލޯބިވެރިޔާ ލޯރެން ސަންޗޭޒް.
25 ޖޫން 2025 - 12:39
އެމެރިކާގެ ބިލިއަނަރު ޖެފް ބޭޒޯސް ދެވަނަ ކައިވެންޏަކަށް ތައްޔާރުވަމުން އަންނައިރު، އޭނާގެ ކައިވެންޏަށް ހަރަދުކުރާނީ ގިނަވެގެން 76 މިލިއަން ޑޮލަރު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެމެޒަން ކުންފުނީގެ ވެރިޔާ، 61 އަހަރުގެ ބޭޒޯސް އާއި އެެމެރިކާގެ ކުރީގެ ނޫސްވެރިޔާ ލޯރެން ސަންޗޭޒް، 55، މި ހަފުތާގައި އިޓަލީގެ ވެނިސްގައި ކައިވެނިކުރަން އަންނަނީ ތައްޔާރުވަމުންނެވެ. ލޯރެންއަކީ މިހާރު ކުޑަކުދިންގެ ވާހަކަ ލިޔުންތެރިއެކެވެ.
މިއީ ބޭޒޯސް އާއި ލޯރެންގެ ވެސް ދެވަނަ ކައިވެންޏެވެ.
ބޭޒޯސް އެންމެ ފުރަތަމަ ކައިވެނިކުރީ އެމެރިކާގެ ފިލެންތުރޮޕިސްޓް މެކެންޒީ ސްކޮޓްއާ އެވެ. އެ ކައިވެނި ރޫޅުނީ 2019 ވަނަ އަހަރު އެވެ. ލޯރެން ކުރިން ކައިވެނިކޮށްގެން އުޅުނީ އެމެރިކާގެ ވިޔަފާރިވެރިޔާ ޕެޓްރިކް ވައިޓްސެލްއާ އެވެ. އެ ކައިވެނި ވެސް ރޫޅުނީ 2019 ގަ އެވެ.
ސީއެންއެން އިން ބުނީ އެ ކައިވެނީގެ ހަފުލާ ބާއްވާ ކަމަށް ބެލެވެނީ ވެނިސްގެ ރަށެއް ކަމަށްވާ ސެން ޖިއޯޖިއޯ މެގްޔޯގައި ހުންނަ ކްރިސްޓިއަން ފައްޅިއެއްގައި ކަމަށެވެ. އެއީ 1500 ގެ އަހަރުތަކުގައި އިމާރާތްކުރި ފައްޅިއެކެވެ.
ކެނެޑާގެ ދަ ގްލޯބް އެންޑް މެެއިލް ނޫހުން ބުނީ ތިން ދުވަހުގެ މި ކައިވެނީގެ ހަފުލާއަށް 64 މިލިއަން ޑޮލަރާއި 76 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހަރަދުކުރަން ނިންމާފާއިވާ ކަމަށެވެ.
އެއީ އިންޑިއާގެ ބިލިއަނަރު މުކޭޝް އަމްބާނީގެ ދަރިފުޅު އާނަންތު އަމްބާނީގެ ކައިވެންޏަށް ކުރި ހަރަދާ އަޅާބަލާއިރު ވަރަށް ކުޑަ އަދަދެކެވެ. މިދިޔަ އަހަރު ބޭއްވި އާނަންތުގެ ކައިވެންޏަށް 600 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ.
ބޭޒޯސްގެ މިލްކިއްޔާތަކީ 230 ބިލިއަން ޑޮލަރެވެ. އޭނާއަކީ ދުނިޔޭގައި ތިންވަނައަށް އެންމެ މުއްސަނދި މީހާ އެވެ. ދުނިޔޭގެ އެންމެ މުއްސަނދި، ސްޕޭސް އެކްސްގެ ވެރިޔާ އީލޮން މަސްކުގެ މިލްކިއްޔާތަކީ 385 ބިލިއަން ޑޮލަރެވެ. އަދި ދެވަނައަށް އެންމެ މުއްސަނދި، ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާތުގެ މިލްކިއްޔާތަކީ 246 ބިލިއަން ޑޮލަރެވެ.
އެސޯސިއޭޓް ޕްރެސް (އޭޕީ) އިން ބުނީ ބޭޒޯސްގެ ކައިވެނީގެ ހަފުލާއަށް ބޭނުންވާ ތަކެތީގެ 80 ޕަސެންޓް ގަންނަނީ ވެނިސްގެ ވިޔަފާރިތަކުން ކަމަށެވެ.
މީޑިއާ ރިޕޯޓްތައް ބުނި ގޮތުގައި، ބޭޒޯސް އާއި ލޯރެންގެ ކައިވެންޏަށް 200 އަށް ވުރެ ގިނަ މެހުމާނުންނަށް ވަނީ ދައުވަތު ދީފަ އެވެ. އޭގެ ތެރޭގައި، މަޝްހޫރު މީހުން ކަމަށްވާ ލިއޮނާޑޯ ޑި ކެޕްރިއޯ، ކިމް ކަޑޭޝިއަން، އޮޕްރާ ވިންފްރީ، އޯލެންޑް ބްލޫމް އަދި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ ޓްރަމްޕް ވެސް ހިމެނެ އެވެ.
އިޓަލީގެ ބައެއް ނޫސްތަކުން ބުނީ އެ ކައިވެނީގެ ހަފުލާއާ ދިމާކޮށް ވެނިސްގެ މާކޯ ޕޯލޯ އެއާޕޯޓަށް 95 ޕްރައިވެޓް ޖެޓު ޖައްސަން ހުއްދައަށް އެދިފައިވާ ކަމަށެވެ.
ބޭޒޯސްގެ ކައިވެނީގެ ހަފުލާ ވެނިސްގައި ބާއްވަން ތައްޔާރުވަމުން އަންނަ މި ދަނޑިވަޅާ ދިމާކޮށް، އެ ސިޓީގެ ބައެެއް ރަށްވެހިން ދަނީ އެ ހަފުލާ އެތަނުގައި ބޭއްވުމާ ދެކޮޅަށް "ނޯ ސްޕޭސް ފޯ ބޭޒޯސް"ގެ ނަމުގައި ކެމްޕެއިނެއް ފަށައި މުޒާހަރާ ވެސް ކުރަމުންނެވެ. ވެނިސްގެ ރަށްވެހިންގެ ޝަކުވާއަކީ ކޮންމެ އަހަރަކު އެތައް ބައިވަރު ޓޫރިސްޓުނެއް އެ ސިޓީއަށް ޒިޔާރަތްކުރިޔަސް، އެތަނުގެ ރަށްވެހިންނަށް އެއްވެސް ފައިދާއެއް ނުކުރުމެވެ.
ޓޫރިސްޓުން ގިނަވެ، އެ ސިޓީ ތޮއްޖެހި، ތަކެތީގެ އަގު މައްޗަށް ގޮސް، އެތަނުގެ ރަށްވެހިންނަށް މިހާރު އެތަނުގައި ދިރިނޫޅެވޭ ވަރުވެފައިވާ ކަމަށް ވެސް އެ މުޒާހަރާގެ ބައިވެރިން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަޅި އަލި
25 June 2025
ތިއަށްވުރެ ރަނގަޅުވާނެ އޯގާތެރި ގެވެށި ޕިލިޕީންސް ކުދިން!
ހީހީ ސުލީހް
25 June 2025
76 މިލިޔަނަށް ކޯންޗެއް ތިލިބުނީ
ދުނިޔާ ޗަލާނާ
25 June 2025
ތިޔައީ ކޯންޗެއް. އަހަރުމެންގެ ރާއްޖެއިން އަންނަ އަހަރު ދައްކަން އޮތް ދަރަނިވެސް އަރާ ކަމަށްވޭ 1،000،000،000 ޑޮލަރަށްވުރެ މައްޗަށް.
އޯލްޑު އިޒް ގޯލްޑު
25 June 2025
ތުންގަނޑަށް ހަދާފަ ހުރިގޮތުންވެސް އެނގޭ މިސޮރުގެ ދުވަސްވެސް ދިޔައީކަން މި