އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު: ސީރިއާއާ ދެކޮޅަށް އެޅި ފިޔަވަޅުތައް ވަނީ އުވާލާފައި. -- ފޮޓޯ: އޭއެފްޕީ
01 ޖުލައި 2025 - 06:21
ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ސީރިއާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ރަސްމީކޮށް އިއްޔެ އުވާލައިފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ރިޔާސީ ގަރާރަކުން މިކަން ނިންމަވަމުން ވިދާޅުވީ މިއީ ދުނިޔޭގެ މާލީ ނިޒާމުގެ ތެރެއަށް ސީރިއާ އަލުން ގެނައުމުގެ މަގްސަދުގައި އެޅުއްވި ފިޔަވަޅެއް ކަމަށެވެ.
ސީރިއާގެ މިހާރުގެ ލީޑަރު އަހްމަދު އައް ޝަރާ ބައްޝާރުލް އަސަދުގެ 50 އަހަރުވީ ވެރިކަން ނިމުމަކަށް ގެނެސް އާ ސަރުކާރެއް އެކުލަވާލުމާ އެކު އޭނާއަށް ތާއީދުކުރާ ސައޫދީ އަރަބިއްޔާ އާއި ތުރުކީން އެދުމުން ޓްރަމްޕް މިދިޔަ މެއި މަހު ވަނީ ސީރިއާއާ ދެކޮޅު ގިނަ ފިޔަވަޅުތައް އުވާލައްވައިފަ އެވެ.
ޓްރަމްޕުގެ ގަރާރުގައި ވަނީ، 2004 ވަނަ އަހަރު އެމެރިކާއިން ސީރިއާ "ނެޝަނަލް އިމަޖެންސީ" ގައި ހިމެނި ހިމެނުން ނިމުމަކަށް ގެނެސްފަ އެވެ. އެއީ ސީރިއާގެ މަރުކަޒީ ބޭންކު ވެސް ހިމެނޭ ގޮތަށް ގައުމުގެ އެތައް މުއައްސަސާއަކަށް އެކި ހުރަސްތައް ކުރިމަތިވާ ގޮތަށް އޮންނަ ނިންމުމެކެވެ.
"މިއީ ހަމަޖެހުމާއި ސުލްހައަށް ގައުމު ކުރާ ދަތުރު ކުރިއަރުވައި އެއްބާރުލުން ދިނުން،" ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކަރޯލީން ލީވިޓް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.
ދަތިކުރުމުގެ ފިޔަވަޅުތައް ބަލަހައްޓަވާ ޓްރެޒަރީ ޑިޕާޓްމަންޓުގެ އޮފިޝަލް ބްރެޑް ސްމިތު ވިދާޅުވީ، މި ފިޔަވަޅުގެ ސަބަބުން ދުނިޔޭގެ މާލީ ނިޒާމާ ސީރިއާ ވަކިވެފައި އޮތް އޮތުން ނިމުމަކަށް އައިސް ބައިނަލްއަގުވާމީ ވިޔަފާރީގެ މަގު ފަހިވެ، އަވަށްޓެރި ގައުމުތަކާއި އެމެރިކާއިން ކުރާ އިންވެސްޓްމަންޓްތަކަށް ހިތްވަރު ލިބިގެންދާނެ ކަމަށެވެ.
ނަމަވެސް ވެރިކަން ވެއްޓުުމުން ރަޝިޔާއަށް ވަޑައިގެން ހިމާޔަތް ހޯއްދަވާފައިވާ ބައްޝާރުލް އަސަދާއި އޭނާގެ އަރިސް މީހުންނާ ދެކޮޅަށް ހުރި ފިޔަވަޅުތައް އުވައެއްނުލަ އެވެ.
ސީރިއާގެ ފޮރިން މިނިސްޓަރު އައްސާދު އަލް ޝިބާނީ ވަނީ މި ނިންމުމަށް މަރުހަބާ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ހުރިހާ ކަމެއް ވަރަށް ބޮޑަށް ބަދަލުވެގެންދާނެ ނިންމުމެކެވެ.
ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން އުވާލި އިރު އިޒްރޭލުން އިއްޔެ ވަނީ ސީރިއާއާ އެކު ގުޅުން ގާއިމުކުރުމަށް ޝައުގުވެރިވާ ކަމަށް ބުނެފަ އެވެ. ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި ވާހަކަ ޓްރަމްޕު ފުރަތަމަ ދެއްކެވި އިރު ވެސް އިޒްރޭލާއި ސީރިއާގެ ގުޅުން އާންމު ހާލަތަކަށް ގެންދިއުމުގެ ވާހަކަ ދެއްކެވި އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
01 July 2025
ބަލަ އޭނާގެ ބޮލަށް ކަނޑައެޅި 10 މިލިއަން ޑޮލަރު ޓްރަމްޕް ކާލީތަ؟
ބާޒުތައް
01 July 2025
މިހާރު އެމެރިކާގެ މުއްސަނދި ބާޒުތައް ސީރިއާމަތިން ހޯރައަޅައަޅާ ތިބޭނީ. ފެނުނު ކޮންމެ އެއްޗެއް ނުއަގުގައި ޖަހައިގަންނާނެ.
އިސްމާލި
01 July 2025
އުފާ ކުރަންވީ ކަމެއް ނޫން. ފިޔަވަޅުތައް އުވާލީ ކުރިން އައިސިސް ޓެރަރިސްޓެއް ކަމަށް އެމެރިކާއިން ކަނޑައަޅާފައި ހުރި، މުސްލިމުންގެ ބޯ ކަނޑަމުން ދުވި ޖޮލާނީ ސީރިޔާގެ ގޮނޑިކޮއްކޮ ވެރިއަކަށް ގެނައުމަށް ފަހު. މިއީ އިޒްރޭލުގެ ގްރޭޓަރ އިޒްރާއީލް ޕްރޮޖެކްޓަށް އެހީތެރިވާ ޔަހޫދީ އެޖެންޓެއް.
އަޙްމަދު11
01 July 2025
މިއީއެމއރިކާގެ ހަމަ އޮންނަ އުސޫލު، އެއް އިރެއްގައި އެމެރިކާއިން އެންމެ ބޭނުންވި ޓެރަރިސްޓް މިއަދު މިއީ އެމެރިކާގެ އެންމެ ގާތް އެކުވެރިޔާއަށް.
ޖަބުލާނީ
01 July 2025
އެންމެ ފަހުން ދީންވިއްކާ ގައުމުވެސް ޔަހޫދީންނައް ވިއްކާލީ ކޮބައިތަ ބޯއީސްކޮޅު