ހައުސިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގައި ރޯވުމުގެ ސަބަބުން ލިބިފައި ހުރި ގެއްލުންތައް.- ފޮޓޯ: ނިޝާން އަލީ/ މިހާރު
02 ޖުލައި 2025 - 23:04
މިދިޔަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި އަނދައި ހުލިވި، ހައުސިން މިނިސްޓްރީގެ ބިން ހިމެނޭ ސަރަހައްދު ކޮމާޝަލް ސެންޓަރަކާ އެކު ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ އެ ބިމުގައި ވިޔަފާރީގެ އެކި ހަރަކާތްތައް ހިންގަން ބޮޑު ސެންޓަރެއް އަޅަން ޕްލޭންކޮށް އެކަމާ ގުޅޭ ކަންކަން މިހާރު ފަށާފައިވާ ކަމަށެވެ.
އެހެންވެ، ފުރަތަމަ ކަމެއްގެ ގޮތުގައި ކުރާ ކަމަކީ އަމީނީ މަގުން އެސްޓީއޯ ކާޑު ގުދަންތައް ކައިރީގައި އޮންނަ އެ ބިން ތަރައްގީ ކުރާނެ ގޮތުގެ މާސްޓަޕްލޭނެއް ހެދުމެވެ. "މާލެ ސެންޓަރު ޕޮއިންޓު" ނަމުގައި ތަރައްގީ ކުރާ އެ ސަރަހައްދުގެ މާސްޓަ ޕްލޭނާއި ޑިޒައިން ކޮންސެޕްޓް އަދި ޓެކްނިކަލް އެހީދޭނެ ކޮންސަލްޓަންޓެއް ހޯދަން ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީން މިދިޔަ މެއި މަހު އިއުލާންކުރި އެވެ.
އެ އިއުލާނުގެ މުއްދަތު މިދިޔަ މަހުގެ 15 އަށް ވަނީ ހަމަވެފަ އެވެ.
މިނިސްޓަރު ވިދާޅުވީ ކޮމާޝަލް ސެންޓަރު ހަދަނީ އަލިފާން ރޯވި އިމާރާތްތައް ހުރި ބިންތަކުގެ ތެރެއިން އެއްބައިގައި ކަމަށެވެ. ވަށައިގެންވާ ސަރަހައްދު ބޭނުންކުރާނެ ގޮތްތައް ވެސް މާސްޓަ ޕްލޭންގައި ހިމަނާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
"މާލޭގެ އެންމެ މުހިންމު ސަރަހައްދަކަށް މުސްތަގުބަލްގައި ވާނީ އެ ސަރަހައްދު. އެހެންވެ، އެ ތަން ތަރައްގީ ކުރާނެ ގޮތެއް މިހާރު މި ހޯދަނީ،" މުއްތަލިބު ވިދާޅުވި އެވެ.
ޕްލޭނިން ސްޓޭޖުގައި އޮތުމުން އެ ސެންޓަރާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
މަޝްހޫރު ޓިނު ބިލްޑިންގުގައި އަލިފާނުގެ ހާދިސާ ހިނގިއިރު އެ އިމާރާތުގައި ހިންގަމުން އައީ ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެވެ. ޓިނު ބިލްޑިންގުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ، ޖެހިގެން ހުރި ގްރީން ބިލްޑިންގަށް ވެސް ފެތުރި އެ ތަނުގައި ހިންގި އެންވަޔަރުމެންޓް މިނިސްޓްރީ ވެސް ދަރުބާރުގެ އަށް ބަދަލުކުރަން ޖެހުނެވެ.
ހަތަރު ގަޑިއިރު ފަހުން އަލިފާން ނިއްވާލިއިރު މުޅި ތަން ބޭނުން ނުކުރެވޭ ވަރަށް އޮތީ އަނދައި ހުލިވެފަ އެވެ. އެހެންވެ، ޓިނު ބިލްޑިންގައި ހިންގަމުން އައި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރުމެންޓް މިނިސްޓްރީ ވަގުތީ ގޮތުން އޭރުއްސުރެ ހިންގަނީ ދަރުބާރުގޭގަ އެވެ. ފަހުން ވަނީ ހައުސިން އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށްލައިފަ އެވެ.
އޭރު ތިން މިނިސްޓްރީ ހިންގި އިމާރާތުގައި ރޯވި ސަބަބެއް އަދިވެސް ރަސްމީކޮށް ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޮދި
04 July 2025
ކޮންވެންޝަން ސެންޓަރެއް މާލޭ ސަރަހައްދައް ބޭނުންވެއެވެ. ބިޒްނަސް ސެންޓަރާއެކު ކޮންވެންޝން ސެންޓަރަކާއި 4-5 ތަރީގެ ހޮޓަލެއް އެޅުން ރަގަޅު ތަނެއް. ގްރޭޓޤް މާލޭ ސަރަހައްދުގެ ކަނެކްޓިވިޓީއާ ކައިރި ތަނެއްވީމާ. ރަގަޅު ވިސްނުމެއް ތިއީ. މިއާއެކު ފުޑު ކޯޓްތައް ތިތަނަށް ބަދަލުވެ ފުޑުކޯޓް ސަރަހައްދު ގްރީން ސްޕޭސް އަކަށް ބަދަލު ކުރަންޖެހޭ.
ސައިންސް
03 July 2025
ތިތާ އަޅާ ފުޓްސެލް (ފުޓްބޯޅަ) ދަނޑެއް !!! ވ ރަނގަޅު ހިޔާލެއް މި ދިނީ
ފޭލިގެ
03 July 2025
ތިޔަތަނުގައި އަޅަންވީ ސަރުކާރުގެ އެޑްމިނިސްޓްރޭޓިވސް ސެންޓާރ. މަތިން ގުޅާލަން ޖެހެނީ ބޮޑުތަކުރުފާނު މަގުގެ އަނެއް ފަރާތުން އިންޑަސްޓްރިއަލް ޒޯނުގައި އަޅާ ބިޔަ ޕާކިން ބިލްޑިންގް އަކާ. އެއާއެކު މާލޭގައި ކުއްޔަށް ނަގާފައިވާ ސަރުކާރު ހުރިހާ އިމާރާތެއް ތި ސެންޓާރ އަށް ބަދަލުކުރަންވީ. އަދި ހާބަރ ކަޑާތައް ބަދަލުކޮށް އެސްޓީއީ ނޭޝަންލަން ބިޒްނަސް ކޮމްޕްލެކްސް ޤާއިމުކުރަންވީ. އެކޮމްޕްލެކްސް ވާންވާނީ 100000 އަކަފޫޓޫގެ 15 ފްލޯ ތަނަކަށް. އަދި ބޭސްމަންޓް ޕާކު.
ރާވެރިބެ
03 July 2025
ތިތާ ހަދާންވީ ކޮރަޕްޝަން ރަމްޒު ކޮށްދޭ މޮނިއުމަންޓެއް. ޕާކަކަކާ އެކީ. ނުވަތަ މޮނިއުމަންޓާ ސިނެމާ އެއް ރަގަޅުވާނެ.
އިސްމާލި
03 July 2025
މަޝްރޫއު ފަށަން ކުރަން ޖެހޭ ފުރަތަމަ ކަމެއްގެ ގޮތުގައި އެތާ ހުރި އިމާރާތް އެތަނުން ނެގުން ހިމެނެއެވެ. އެ މަސައްކަތް މިހާރު ވަނީ އެއްކޮއް ކޮއް ނިންމާލެވިފައެވެ.
ކޮލަމާހުއްޓާ
03 July 2025
ތިތާ އަޅަންވީ ބޮޑު އޮފިސްކޮމްޕްލެކްސްއެއް.
އަސް
03 July 2025
ހަދާބަލަ ޕާކެއް ތިތާ
އަދުހަމްް
03 July 2025
ތަނުގެ ބޭނުން ހެޔޮ ގޮތުގެ ހިފައިފިއްޔާ ވަރަށް ފައިދާވާނެ. ސަބަބަކަށް ވަނީ ތަނަކީ ބޮޑު މާސިންގާ ތަނެއް. ކޮމާރޝަލް ސެންޓަރަކާ ޕާކިންގ އަކާ މިހެން ގޮސް ތަނުގެ ބޭނުން އެންމެ ރަނގަޅަށް ހިންގެން އޮތް ގޮތަކަށް ހިންގަންވީ
ގަފޫޜް އންވަރު
03 July 2025
ސަޅި ސަޅި. މުޅި ތަން ވީ އެންމެ އަވަހަކަށް އެބަ ޖެހޭ ތަރައްޤީ ކުރަން. ތިހެން ހުހަށް ބެހެއްޓުމުގެ ބޭނުމެއް ނެތް
އޭނަ
03 July 2025
އަޅެ މިސްވާނެ. ތީ ހާދަ ބައިވަރު މެމޮރީސް ތަކެއް އޮއެް ބިމެކޭ.
އިޒީީ
03 July 2025
މިސްވިޔަސް ނުވިޔަސް މިތަން ތަރައްގީނުކޮށް ވާކަށް ނެތް