މީހުން

70 އަހަރާ ގާތްކުރަނީ، މަސައްކަތުގައި އަދިވެސް 100

ހދ. ވައިކަރަދޫ އަލީ އަބްދުއްރަހްމާން: އުމުރުން 70 އަހަރާ ގާތް ކުރާއިރު ވެސް އޭނާގެ މަސައްކަތަކަށް ބަދަލެއް ނާދޭ --- ފޮޓޯ: އަހްމަދު އަރުޝަމް | މިހާރު

ހދ. ވައިކަރަދޫން،  ހުސެއިން ހަބީބް، މިހާރު

04 ޖުލައި 2025 - 09:14

15 comments

ދަނޑުގެ އިން ވަކިކުރަން ޖަހާފައި ހުރި ދަނޑި ކޮށިގަނޑުގައި ފެތުރިފައިވާ ޖުމްހޫރީ މޭވާ ވެލުގައި ފޮޅިފައިވާ މާތައް ޖޯޑުކުރުވުމުގައި އޭނާ އުޅުނެވެ.

"މިއަށް ވުރެ ރަނގަޅު އަގެއް ލިބޭ އެއްޗެއް ނެތް. އެކަމަކު މީގެއިން ކިލޯއެއް ހަމަކޮށްލެވޭ ވަރަށް ވެސް މޭވާ ކޮޅެއް ލިބޭނީ ވަރަށް ބުރަ މަސައްކަތުން. އެއީ ކޮންމެ މަލެއް ވަކިން ޖޯޑުކޮށްގެން އެވަރަށް މޭވާ އަޅާނީ،" މާތަކަށް އިޝާރާތްކޮށް އޭނާ ބުންޏެވެ.

މިއީ، މި ރަށު [ވައިކަރަދޫ] ގައި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ދުވަސްވީ ދަނޑުވެރިޔާ އަލީ އަބްދުއްރަހްމާނެވެ. ރަށު މީހުންގެ ނަމުން ނަމަ "އަލިބެ" އެވެ. މި މަހު އޭނާ އަށް 68 އަހަރު ފުރޭނެ އެވެ. އުމުރުން 70 އަހަރާ ގާތްކުރާއިރު ވެސް މި މަސައްކަތުގައި ދެމިހުރީ އޭނާ ބުނިގޮތުގައި ކަމެއް ނުކޮށް ހުންނަން އުނދަގުވާތީ އެވެ.

ދަނޑުވެރިކަމުގައި މިހާރު 20 އަހަރު ވިޔަސް އޭނާއަށް ކުރަން ނޭނގޭ މަސައްކަތެއް މަދެވެ. ކުޑައިރުއްސުރެ އޭނާގެ ދިރިއުޅުން ވަރަށް ހަރަކާތްތެރި އެވެ. ކަމެއްގެ ތެރޭގައި ނޫޅޭ ހަނދާނެއް އޭނާގެ ނެތެވެ. މި އުމުރުގައި ވެސް މަސައްކަތާ ދުރުނުވެ ޝައުގުވެރިކަމާ އެކު އެކި ކަންކަމުގެ ތެރޭގައި އުޅެވޭ ސަބަބަކީ އޭނާއަށް ދަސްވެފައި ހުރި މަސައްކަތުގެ އަޚްލާގެވެ.

އޭނާ ކުރަން ހަވާލުވި މަސައްކަތެއް ނިންމާނީ 100 ޕަސެންޓް ދީގެންނެވެ.

"[އަހަރެންގެ] އުމުރުން 13، 14 އަހަރުގައި، ބައްޕަ އަހަރެން ގެންގޮސްލައިފި މާލޭގެ ގެއަކަށް. އެ ގޭގައި ގެންގުޅޭ ކުއްޖެގެ ގޮތުގައި އުޅުނީ. އެގެއިން [މުސާރައިގެ ގޮތުގައި] ލިބެނީ މަހަކަށް ބައި ރުފިޔާއެއް. އޭރުން ފެށިގެން މިއަދާ ހަމައަށް އެއްވެސް މަސައްކަތެއް ނުކޮށް ނުހުންނާނެ. ބައްޕަ ބަލިވެގެން ބައްޕަ ބަލަން ހުސްވެގެން ހުރި ދެ އަހަރު ނޫނީ،" އަށް ދަރިންގެ ބައްޕަ، އަބްދުއްރަހްމާން ހިތްހަމަޖެހުމާ އެކު ކިޔައި ދިނެވެ.

އަލީ އަބްދުއްރަހްމާން، އެނާގެ ދަނޑުގައި ހައްދާފައިވާ މިރުސް ގަސް ކޮށީގައި --- ފޮޓޯ: އަހްމަދު އަރުޝަމް | މިހާރު

އުމުރުން ދޮށިވިޔަސް އޭނާ ވަރުގެ ހަރަކާތްތެރި ދަނޑުވެރިޔަކު މިހާރު މި ރަށުގައި ނެތެވެ. ދުވާލަކު ތިން އިރު ދަނޑުގެ މަސައްކަތަށް ނުކުންނަ، އަބްދުރަހްމާންގެ މަސައްކަތުގެ ތާވަލު ކިޔައިދިން އިރު ދުވާލުގެ 12 ގަޑިއިރުގެ ތެރެއިން ނުވަ ގަޑިއިރު އޭނާ ހޭދަ ކުރަނީ ދަނޑުގަ އެވެ.

ގާތްގަނޑަކަށް 17،000 އަކަފޫޓުގެ ދަނޑުގައި ކޮނުނުހާ ވަޅަކާއި އިންދިހާ ގަހެއް އިންދީ އޭނާގެ އެކަނި މަސައްކަތުންނެވެ. ފަތްކޭލާއި މިރުހާއި ބަށި އަދި ޖުމްހޫރީ މޭވާތަކުން އޭނާގެ ދަނޑު ވަނީ ފުރާލައިފަ އެވެ.

"ލިބޭ އެތިކޮޅު ކުޑަކަމުން އެހެންތާކަށް ބަދަލުވާން ވެގެން ހުއްޓައި އެލިއާ އަލީ އަބްދުﷲ ސާމަނުތައް ހިފައިގެން ގަލޮޅު ދަނޑު ހަދަން ގެންގޮސްފި. އެއީ ފުރަތަމަ ފަހަރަށް އެތަން ހެދުމުގެ މަސައްކަތް ފެށި އިރު. އަހަރެން ދިޔައީ އެތަނަށް. އަލީ އަބްދުﷲ އަހަންނަށް ދިން 150 ރުފިޔާ. 25 ރުފިޔާގައި ހުރެފަ މި ލިބުނީ ވަރަށް ބޮޑު ކުރިއެރުމެއްތާ."

ދަނޑުގައި ހައްދާ ތަކެތި ހދ. ކުޅުދުއްފުޓަށް ވިއްކަން ވެސް ގިނަ ފަހަރަށް ދަނީ އޭނާ އަމިއްލަ އަށެވެ. އެ ދަތުރުގައި މި ރަށުގެ ބައެއް އެހެން ދަނޑުވެރިން ހައްދާފައިވާ މޭވާ އާއި ތަރުކާރީ ވިއްކަން ވެސް ބައެއް ފަހަރު އޭނާއާ ހަވާލުކުރެ އެވެ.

"އަހަރެން ދާ ދުވަހެއްގައި މީހަކަށް ދެވެން ނެތިއްޔާ އަހަންނާ ހަވާލުކުރާނެ،" އޭނާ ބުންޏެވެ.

"މިހާރު ވެސް ކުޅުދުފުއްޓަށް ދާން ވެފައި މި ހުރީ. ގޭގައި މިހާރު ވެސް އިންނާނެ ފޮށިގަނޑެއްގެ [ޖުމްހޫރީ] މޭވާ. ހޮނިހިރުގައި ނުދެވިއްޖެއްޔާ ފޮށިގަނޑު ބަންދުކޮށްފަ އާރުޓީއެލް ފެރީ އަށް ލާނީ."

އަލީ އަބްދުރަހްމާން އޭނާގެ ދަނޑަށް ފެން ދެނީ: އޭނާ ބުނީ މަސައްކަތުގައި ދެމިހުންނަނީ އޭނާ އަށް ލިބޭ ހިތްހަމަޖެހުމަކަށް ވާތީ ކަމަށް. --- ފޮޓޯ: އަހްމަދު އަރުޝަމް | މިހާރު

އޭނާ ފަރިތަ މަސައްކަތަކީ ދަނޑުވެރިކަން އެކަންޏެއް ނޫނެވެ. މަސްވެރިކަމާއި ރޭނުމާއި ސިމެންތި ޖެހުމަކީ ވެސް އޭނާ ކުރިން އާމްދަނީ ހޯދި މަސައްކަތަކެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދައުރުގައި މުލިއާގެ ދޫކުރައްވައި ތީމުގެ އަށް ރިޔާސީ ގަނޑުވަރު ބަދަލުކުރުމުން، މުލިއާގެ ހުސްކޮށް، ފުރަތަމަ ކުރި މަރާމާތުގެ މަސައްކަތުގައި އަބްދުއްރަހްމާން ބައިވެރިވި އެވެ. އެއަށްފަހު މެދު ޒިޔާރަތުގައި ކުރި ބޮޑު މަރާމާތާއި ގަލޮޅުދަނޑު ފުރަތަމަ ފަހަރަށް ހަދަން ކުރި މަސައްކަތުގައި ވެސް އޭނާ ބައިވެރިވި އެވެ. އެ މަސައްކަތްތަކަކީ އޭނާ ފާހަގަ ކުރި ހާއްސަ މަސައްކަތްތަކެވެ.

"މަސައްކަތުން އަވަދިވީމަ ގޭގައި އަބަދު ނީނދެ މިތަނަށް ވަދެލީމަ ވެސް ހަމަޖެހުމެއް ލިބޭ. މިހާރުވެސް ހިސާބު ހަދަން އިނދެފަ ދެން ކުރިއަށް ނުދިޔައީމަ މިތަނަށް މިއައީ ބޯ ހަމަޖައްސާލަން. އަހަރެމެން އުމުރުގައި މިތަނަށް ވެސް އަހަރެން ނޫން މީހަކު ވަދެ ނުހަދާނެ،"

"ކައްކަން އުޅުނިން. މިހާރުގެ މަސް މާރުކޭޓް ހެދުމުގެ ކުރިން އެތަނުގައި ހިންގި ހޮޓަލުގައި ކައްކާއަކަށް އަހަރެން އުޅުނީ. އޭރު މުސާރަ އަށް ލިބެނީ މަހަކު 25 ރުފިޔާ،" އޭރުގެ ހަނދާންތައް އަބްދުރަހްމާން ކިޔައި ދިނެވެ.

"ލިބޭ އެތިކޮޅު ކުޑަކަމުން އެހެންތާކަށް ބަދަލުވާން ވެގެން ހުއްޓައި އެލިއާ އަލީ އަބްދުﷲ ސާމަނުތައް ހިފައިގެން ގަލޮޅު ދަނޑު ހަދަން ގެންގޮސްފި. އެއީ ފުރަތަމަ ފަހަރަށް އެތަން ހެދުމުގެ މަސައްކަތް ފެށި އިރު. އަހަރެން ދިޔައީ އެތަނަށް. އަލީ އަބްދުﷲ އަހަންނަށް ދިން 150 ރުފިޔާ. 25 ރުފިޔާގައި ހުރެފަ މި ލިބުނީ ވަރަށް ބޮޑު ކުރިއެރުމެއްތާ."

އަލީ އަބްދުރަހްމާން: އޭނާ އެންމެ ގިނައިން ހައްދަނީ ފަތްކެޔޮ --- ފޮޓޯ: އަހްމަދު އަރުޝަމް | މިހާރު

މި ރަށުގައި މަހަށްދާ އޮޑިއެއް ވެސް އޭނާ ގެންގުޅުނެވެ. އެ މަސައްކަތް ހުއްޓާލީ އޭނާގެ މަރްހޫމް ބައްޕަގެ މުސްކުޅި ބަލީގައި އެނދުމަތިވުމުން ބައްޕަ ބަލަން ހުސްވެ ހުންނަންވެގެން ކަމަށް އޭނާ ބުންޏެވެ.

"އެ ދެ އަހަރު ބައްޕަ ބަލަން މާލޭގައި ހުރީ. އޮޑި ފަޅުގައި އަޅާފައި އަހަރެން ދިޔައީ. ދެން އެއަށް އަރާނެ މީހެއް ނުވީމަ އެހެން މީހެއް ކައިރީ ބުނެގެން އެ އެއްގަމަށް އެހިލީ. އެ އެހެލިގޮތަށް އަދިވެސް އެހުރީ އެއްގަމުގައި. މިހާރު އެހެން މީހަކު ގަނެފަ އެ ވަނީ،" އޭނާ ބުންޏެވެ.

މީގެ ދެ އަހަރު ކުރިން ބައްޕަ މަރުވުމުން އަލުން ރަށަށް ބަދަލުވެ ދަނޑުގައި މަސައްކަތް ފެށީ އެވެ. އޭނާ ބުނީ ދަނޑުވެރިކަމުގެ މަސައްކަތް އޭނާ ކުރާތާ 20 އަހަރުވެއްޖެ ކަމަށެވެ. ދޭތެރެދޭތެރެއިން ރަށުން ބޭރުގައި ދިރިއުޅެން ޖެހުނަސް އެ މަސައްކަތް ދާއީމީކޮށް ދޫކޮށެއް އެވެ.

"ފުރަތަމަ މިރަށުން ދޫކުރީ 20 ދަނޑު. ގުރުގައި އަހަންނަށް ލައްވާލީ 21. އެހެންވީމަ ލައްވައެއް ނުލާނެތާ. އެކަމަކު ފުރަތަމަ ދަނޑު ލިބުނު މީހާ ދަނޑު ދޫކޮށްލީމަ އަހަންނަށް ލިބުނީ،" އަބްދުރަހްމާން ބުންޏެވެ.

"މީގައި ލިބޭ އާމްދަނީއަށް ވުރެ ބޮޑަށް ހިތްހަމަޖެހުން ވެސް އެބައޮތް. އެއީ އަހަރެމެން މި އުމުރުގެ މީހުން ކަމެއް ނުކޮށް ތިބެން ވިއްޔާ އިތުރަށް ބަލި ވާނީ. ކަމެއް ނުކޮށް ހުންނަން އުނދަގޫ ވެސް ވޭ،" އަބްދުރަހްމާން

އޭނާގެ ދަނޑުގައި މިވަގަތު 64 ވަޅުގައި ފަތްކޮޔެ ހައްދާފައި އެބަހުއްޓެވެ. އެންމެ ބޮޑު އާމްދަނީއެއް ވެސް ލިބެނީ ފަތްކޭލުންނެވެ.

"އަހަރެން ހިސާބު ހަދަނީ ހަ މަހުން. އެއީ ކައުންސިލަށް ދަނޑުގެ ފީ ދައްކަންޖެހެނީ ކޮންމެ ހަ މަހަކުން ވިއްޔާ،" އޭނާ ބުންޏެވެ.

އޭނާ އަންދާޒާ ކުރި ގޮތުގައި ފަތްކެޔޮ ވިއްކައިގެން ހަ މަހުން 24،000ރ. ގެ އާމްދަނީއެއް ލިބެ އެވެ. އެކައުންޓްގައި ހުރި ފައިސާގައި ނުޖެހި ކޮންމެ މަހަކު ގޭގެ ހަރަދުތައް އޭގެއިން ކުރެ އެވެ.

"މީގައި ލިބޭ އާމްދަނީއަށް ވުރެ ބޮޑަށް ހިތްހަމަޖެހުން ވެސް އެބައޮތް. އެއީ އަހަރެމެން މި އުމުރުގެ މީހުން ކަމެއް ނުކޮށް ތިބެން ވިއްޔާ އިތުރަށް ބަލި ވާނީ. ކަމެއް ނުކޮށް ހުންނަން އުނދަގޫ ވެސް ވޭ،" އަބްދުއްރަހްމާން ބުންޏެވެ.

އަލީ އަބްދުއްރަހްމާން ދަނޑުގައި. --- ފޮޓޯ: އަހްމަދު އަރުޝަމް | މިހާރު

ރޭގަނޑު ދޮށި ހިފައިގެން މަހެއް ބާނާލަން ގިނަ ރޭ، އޭނާ ތޮށި މައްޗަށް ނުކެމެ އެވެ. ކޮންމެވެސް މަސައްކަތެއްގެ ތެރޭގައި އުޅެ އެވެ. ދަނޑުގައި ނޫޅެންޏާ އޭނާ އުޅެނީ މޫދުގަ އެވެ. މިރަށުގެ ދުވަސްވީ އެހެން މީހުންނާ، އޭނާ ތަފާތުވާ އެހެން ކަމެއް ވެސް އެބައޮތެވެ. ރަށުގައި ހުރި ކެފޭ އަށް ކޮފީ ބޯން ވަންނަ އެ އުމުރުގެ އެހެން މީހަކު އޭނާ ނުނީ ނެތެވެ.

"މަސައްކަތުން އަވަދިވީމަ ގޭގައި އަބަދު ނީނދެ މިތަނަށް ވަދެލީމަ ވެސް ހަމަޖެހުމެއް ލިބޭ. މިހާރު ވެސް ހިސާބު ހަދަން އިނދެފަ ދެން ކުރިއަށް ނުދިޔައީމަ މިތަނަށް މިއައީ ބޯ ހަމަޖައްސާލަން. އަހަރެމެން އުމުރުގައި މިތަނަށް ވެސް އަހަރެން ނޫން މީހަކު ވަދެ ނުހަދާނެ،" ރަށުގެ ބަނދަރު ސަރަހައްދުގައި ހުރި ކެފޭގައި އިނދެ އަބްދުއްރަހްމާން ބުންޏެވެ.

އަލީ އަބްދުރަހްމާން --- ފޮޓޯ: އަހްމަދު އަރުޝަމް | މިހާރު

އެކަމަކު މި ހިތްހަމަޖެހުމާއި އުފާވެރިކަމުގައި ވެސް ނުތަނަވަސް ވާ ކަމެއް އޭނާގެ އެބައޮތެވެ. އެކަންބޮޑުވުން އޮތީ އޭނާގެ އެކަންޏެއް ނޫނެވެ. އޭނާ އާއި މިރަށުގެ ބައެއް އެހެން ދަނޑުވެރިންނަށް ވެސް އޮތް ކަންބޮޑުވުމަކީ މޭވާ އާއި ތަރުކާރީ ގަތުމަށް ފަހު ވިޔަފާރީކުރާ ބައެއް މީހުން ފައިސާ ނުދޭ މައްސަލަ އެވެ. ހާއްސަކޮށް ފަތްކެޔޮ ގަންނަ މީހުން ފަހުން ފައިސާ ދޭނެ ކަމަށް ބުނެ، ދެން "ޚަބަރެއް" ނުވެ އެވެ.

"ގިނަ ދުވަސްކޮށްލާފަ ފައިސާ ހޯދަން ގުޅިމަ އެބަ ބުނޭ ފައިސާ ދިނީމޭ ވެސް،" ކަންބޮޑުވުމާ އެކު އަބްދުއްރަހްމާން ބުންޏެވެ.

މި އިންޓަވިއު ނިންމާފައި އަހަންނާ އެކީގައި އޭނާ ކެފޭއިން ނުކުތެވެ. އަހަރެން ގެއަށް ދާން މިސްރާބު ޖެހިޔަސް ބެޓަރި ބައިސްކަލަށް އަރައިގެން އޭނާ ނައްޓާލީ ތޮށި މައްޗަށެވެ. އޭނާގެ ބަހުން ނަމަ ކޮރޮކެއްޔެއް ނަމަވެސް ބުޅީގައި އަޅުވާނުލައި އޭނާ އަށް މިރޭ ވެސް ނުނިދޭނެ އެވެ. އެ ހަރަކާތްތެރި ދިރިއުޅުމަކީ، އޭނާގެ ހިތްހަމަޖެހުމެވެ.

15 ކޮމެންޓް, 39 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 92%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮރަލް

04 July 2025

ސަރުކާރުންނާއި ބޭންކް އަކުން ނޫނީ ވިޔަފާރި ވެރި އަކު މަސައްކަތް ކުރި އަރުވަން ދިން ފައިސަ އެއް ފެންނާކަށް ނެތެވެ . ސްކީމް ތަކުން މިކަހަލަ މީހުން ހޯދާ އެހީ ވާން ވީ އެވެ .

The name is already taken The name is available. Register?

ސަލީމު އިދުރީސް

04 July 2025

70 އަރު މުސްކުޅިވަނީ މިތާގަ

The name is already taken The name is available. Register?

ބެވއވވސނ

04 July 2025

އެމެރިކާގައި ވެރިކްނ ކުރަން ކަމުދަނީވެސް ހަރުމީހުން. މިތާނގައި އެކަނި ބޭކާރުބަޔަކަށް އެމީހުންވަނީ

The name is already taken The name is available. Register?

އަހްމަދް

04 July 2025

ކޫލް މޭންއެއް.

The name is already taken The name is available. Register?

ޢަރުތަ

05 July 2025

ވައިކަރަދޫ ކޮފީ މޭން.

The name is already taken The name is available. Register?

ހިތް

04 July 2025

މަބޭނުންވަނީ މިކަހަލަ މަސައްކަތް ތެރިއެއް ހަޔާތުގެ ބައިވެރިއަކަށް ހަދަން.

The name is already taken The name is available. Register?

ހަރުދަނާ

04 July 2025

މިކަހަލަ މަސައްކަތްތައް ކުރަން އުޅޭނަމަ ގިނަ ދުވަހު ސިއްހަތު ރަނގަޅަށް ހުރެވޭ. އޮފީސް މާހައުލު ނުވަތަ އެންމެ ފަސޭހަ، ހައްޓަށް ލުއި ވަޒީފާތަކުގަ އުޅެފަ އުމުރުން ދުވަސްވީމަ ބަލިވާތަން ފެންނަނީ. އަދުގެ ޒުވާނުން އެންމެ ބޭނުންވަނީ އީޒީ ޖޮބް. އެކަމަކު ފަހުން އީޒީއެއް ނުވާނެކަން ދަންނާށެ.

The name is already taken The name is available. Register?

ޢެޑްމުންޑޯ

04 July 2025

އުމުރުން ދުވަސްވުމުންވެސް މަސައްކަތުގައި ދެމިތިބޭމީހުންގެ ސިއްޙަތު ހީނުކުރާހާ ރަގަޅު ، ދުޅަހެޔޮ ސިއްޙަތެއްގައި މުސްކުޅި އުމުރުގައިވެސް ބަލިތަކުން ރައްކާތެރިކަންމަތީ އުޅެވޭނެ ، މަސައްކަތެއްނުކޮށް ހެލިފެލިވެ ނޫޅެ އަރާމްގައި އުޅޭމީހުން ހަކުރު ބައްޔާއި ލޭމައްޗަށް ދިއުމާއި މިނޫންވެސް ބަލިތަކާއި އެކީ އުޅެންޖެހޭނީ ، މީހާ ލޮޑުވެ ހިގާބިގާވެ އުޅުންވެސް ދަތިވާނެ ،

The name is already taken The name is available. Register?

ފެންނާނެއޭ

04 July 2025

ބޮޑު ތިލަދުންމަތީގައި ރަނގަޅަށް ދަނޑުވެރިކަން ކުރިއަރާނެއޭ މީހުން ދިރިއުޅޭ ރަށްރަށުގައި އެކަން ނުކުރެވޭނެއޭ ބަދަލުގައި ބޮޑު ތިލަދުންމަތީގައި ހުރި ފަޅު ރަށްތައް ކުއްޔަށް ދޭންވީ %50 ގައި ދަނޑުވެރިކަން އަދި %50 ގައި ޓޫރިޒަމް ތަރައްގީ ކުރާ ގޮތަށް ދަނޑުވެރިކަން ކުރާނީ ގްރީން ހައުސް ޓެކްނޮލޮޖީ އާއި ވާރޓިކަލް ފާރމިންގް ޓެކްނޮލޮޖީ ބޭނުންކޮށްގެންނޭ މިކަމަށް އެންމެ ރަނގަޅީ ޖަޕާނޭ ޖަޕާނަށް ރާއްޖޭގެ މީހުންގެންގޮސްގެން ކިޔަވާދޭށޭ އެއިރުން 10 އަހަރުތެރޭ ނަތީޖާ

The name is already taken The name is available. Register?

ރަދީފްއޮފިޝަލް / ވައިކަރަދޫ

04 July 2025

ސާބަހޭ ބޭބެ.މިއީ 100 ޕަސެންޓް ދިވެއްސެއް.މަަަސައްކަތް ދޫކޮށް ބައްޕަ ބަލަން ހުސްވެގެން ހުރި ދަރިއެއް.މިއީ ނޫންތޯ އަހްލާގް ރަނގަޅު މީހުންގެ ސިފައަކީ.ވ.ވެދުން

The name is already taken The name is available. Register?

ހުވަދޫ އަހައްމަދޭ

04 July 2025

ސާބަހޭ އައްޔާ. ތިޔާއީ ދިރިއުޅުމަކީ. ކޮންގިރިޓް ކޮއްޓެއްގަ ތާށިވެފަ ނޭވާ ހާސްވެފަ އަބަދު ޝަކުވާ ދެމުމެއް ނޫން.

The name is already taken The name is available. Register?

އަލިކޮށްކޮ

04 July 2025

އަލިބެ ގާތަށް އިންޓާންޝިޕްއަކަށް ދާން ބޭނުން. ފުރުސަތު ލިބޭނެތޯ

The name is already taken The name is available. Register?

އިސްމާޢިލް

04 July 2025

ސީރިއަސްކޮށް މަ ވެސް މި ކިޔަމުން ދިޔައިރު ހިތަށް އެރީ ހަމަ ތިހެން. ވަރަށް ބޭނުން ދާން. ﷲ އަލިބެއަށް ދުޅަހެޔޮ ސިއްޙަތަކާއި ހެޔޮ ރަޙްމަތް ލައްވާށި. އާމީން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454