ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ ފްލެޓްތައް: ފްލެޓް ލިސްޓަށް 2،800 ޝަކުވާ ހުށަހަޅާފައިވޭ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
19 ޖުލައި 2025 - 21:20
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 2 ގައި ސަރުކާރުން އިމާރާތް ކޮށްފައިވާ 4،000 ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންނާ އެކު އެއްބަސްވުންތަކުގައި ސޮއިކުރުން އަންނަ ހޯމަ ދުވަހު ފަށާ ގޮތަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ނިންމައިފި އެވެ.
އެ ކޯޕަރޭޝަނުން މިރޭ ކުރި އިއުލާނެއްގައި ބުނީ، ފްލެޓުތައް ލިބޭ މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީން ކަނޑައެޅުމާ ގުޅިގެން، ފްލެޓު އެއްބަސްވުންތަކުގައި ސޮއިކުރުން އޮންނާނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގެ ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ކަމަށެވެ.
"މި ސަރަހައްދުތައް ކަނޑައެޅުމަށް ފަހު އެފްޑީސީގެ ރަސްމީ ޗެނަލްތަކުގައި އާންމުކުރާނެ އެވެ،" އެފްޑީސީގެ އިއުލާނުގައި ވެ އެވެ.
އެ ކޯޕަރޭޝަނުން ބުނިގޮތުގައި، އެއްބަސްވުންތަކުގައި ސޮއިކުރާނީ އެ ކަމަށް ކަނޑައަޅާ ދުވަސްތަކުގެ ހެނދުނު 9 އިން ހަވީރު 4 އަށެވެ.
އެފްޑީސީން ނިންމާފައި ވަނީ މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރު ކޮށްފައިވާ ޓަވަރުތަކަށް އިސްކަންދީގެން އެއްބަސްވުންތަކުގައި ސޮއިކުރާށެވެ.
އެގްރިމެންޓުގައި ސޮއިކުރާނެ ދުވަހާއި ގަޑި އެނގޭނީ "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ކަމަށް އެފްޑީސީން ބުންޏެވެ.
އެއްބަސްވުންތަކުގައި ސޮއިކުރުމަށް ދާއިރު ގެންދަންޖެހޭ ލިޔުންތައް ވެސް އިއުލާނުގައި ވެ އެވެ. އެއީ:
1- ފްލެޓު ކުއްޔަށް ހިފާ މީހާގެ އައިޑީކާޑުގެ ދެފުށް ފެންނަ ކޮޕީއެއް.
2- ކޯ-އެޕްލިކަންޓުގެ އައިޑީކާޑުގެ ދެފުށް ފެންނަ ކޮޕީއެއް.
3- ހެކިވެރިޔާގެ އައިޑީކާޑުގެ އަސްލު އަދި ކޮޕީއެއް.
4- ޒިންމާއަދާކުރާ މީހާ ސޮއި ކޮށްފައިވާ ފޯމުގެ އަސްލު.
5- އެހެނިހެން ގުޅުން ހުރި ލިޔެކިޔުންތައް
ހައުސިން މިނިސްޓަރު މުއްތަލިބާއި އެފްޑީސީގެ އެމްޑީ ޝަކީލް: ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބޭ މީހުން ކަނޑައަޅައި އެފްޑީސީއާ ހަވާލުކުރީ ހައުސިން މިނިސްޓްރީން.---ފޮޓޯ: ރައީސް އޮފީސް
އެފްޑީސީން ބުނީ، 4،000 ފްލެޓު ހަވާލު ކުރަނީ ފިނިޝިންގެ މަސައްކަތްތައް ނިންމާފައި ކަމަށެވެ. އެގޮތުން ފަންކާ އާއި ކުޑަދޮރާއި ދޮރު ހަރުކޮށް ޓައިލްސް ޖަހާފައި ހުންނާނެ ކަމަށް ބުންޏެވެ. އޭގެ އިތުރުން މުޅި ފްލެޓުގައި ކުލަލައި، ފާހަނާތައްޓާއި މޫނު ދޮންނަ ތަށި ވެސް ހުންނާނީ ހަރުކޮށްފައި ކަމަށް އެފްޑީސީން ބުންޏެވެ.
"ދެމެހެއްޓެނިވި އިޖްތިމާޢީ ބޯހިޔާވަހިކަން ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަކީ އެފްޑީސީގެ އެންމެ ބޮޑު އަމާޒެވެ،" އިއުލާނުގައި ބުންޏެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން ފްލެޓު ލިބޭ މީހުން ކަނޑައެޅިއަސް، އޭގެ ތެރެއިން ޝަރުތު ހަމަވަނީ 1،820 މީހުން ކަމަށް ހައުސިން މިިނިސްޓްރީން ބުނެފައި ވެ އެވެ. ގިނަ ޝަކުވާތަކަކާ ގުޅިގެން މި ސަރުކާރުން އެ ލިސްޓު އަލުން ރިވިއުކުރި ނަމަވެސް މިހާރު ނިންމާފައި ވަނީ އިތުރު ލިސްޓެއް އެކުލަވާނުލައި އޭރުގެ ލިސްޓަށް ފްލެޓްތައް ދޫކުރުމަށެވެ.
އެކަމަކު އެއްބަސްވުމުގައި ސޮއިކުރުމާ ހަމައަށް ދާއިރު، ހުށަހެޅި ލިއުންތަކަށް ވެރިފައިކޮށް ޝަރުތު ހަމަނުވާ މީހުންނަށް ފްލެޓް ނުލިބޭނެ ކަން ވަނީ އިއުލާންކޮށްފަ އެވެ.
އެ ފްލެޓުތަކުގެ އެއްބަސްވުން ހަދަން ނިންމާފައިވަނީ 25 އަހަރަށެވެ. އަދި އެ ތަން ލިބޭ މީހުންނަށް އެޕާޓްމަންޓު މިލްކު ކޮށްދޭނީ އެ މުއްދަތަށް ޖެހޭ ކުލި ނުވަތަ އިންސްޓޯލްމަންޓު ފައިސާ ދައްކައި ހަލާސް ކުރުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުސީދާގޭ ނަސީދާ
20 July 2025
ސެންޓްރަލީ ރައްޔިތުންގެ ގޯތިގެދޮރު ނުވަތަ ބޯހިޔާވަހިކަން ހުރި ނެތްގޮތް ރެކޯރޑު ކުރެވޭނެ ރަނގަޅު ނިޒާމެއް ސަރުކާރުގައި ޤާއިމްކުރެވިފައި އޮންނަން ވަާނެކަމަށް ދެކެން. އޮޅުވާލައިގެން އެކަކަށް 3 ހަތަރު ފަހަރު ސޯޝަލް ހައުސިން އިން ގެދޮރު ލިބުން މިހާރު މިވަނީ އާންމުވެފައި. ބައެއް މީހުން ދަތި ހާލުގައި އަނެއްބަޔަކު ސޯޝަލް ހައުސިންއިން ފައިދާ ނަގަނީ... ސަރުކާރެއްގައި މިކަހަލަ މައުލޫމާތު ބެލެހެއްޓޭނެ ނިޒާމެއް އޮންނަންވާނެ..
ޢ. ޙަސަން
20 July 2025
ބޮޑެތި ބިންތަކާއި ފްލެޓް އެއްބަޔަކަށް ދޭން އޯކޭ. ޢެކަމަކު ވިނަރެސް ލިބިފައިވާ މީހުންނަށް ފްލެޓް ނުދޭ . މީ ކޮންކަހަލަ ހަމައެއް . ޢެ މީހުން ކޮޅު މަދުވީމަ ސިޔާސީ ޕްރެޝަރެއް ނެތީމަ ބޭނުން އެއްޗެއް ތި ހަދަނީ
ބޮޑުމީހާ2
20 July 2025
ބޯހިޔާވެހިކަމޭ ކިޔާފައި މިހިންގަނީ ބޮޑެތި ޖަރީމާ. ލިސްޓެއް އާއްމެއް ނުކުރޭ. މާލޭގެ ބައެއް މީހުންނަށް މިލިއަން ރުފިޔާގެ އަގުހުރި ގޯތިވެސް ދިނީ. މިވަރުން ނުވެގެން ފްލެޓުވެސް މީގެތެރެއިން ބައެއް މީހުންނަށް. ރާއްޖެތެރޭ ރައްޔިތުންނަށް އޮތީ ކިއުގައިޖެހުން. ރާއްޖެތެރޭ ރައްޔިތުން ހެދިހާގޮތެއް ހެދިގެން ތިބޭތީ ހުރިހާ މިހެންމިވަނީ
ޝުއާއުު
20 July 2025
އަދިވެސް ހަމަބުނެލަން އޮތީ އެމްޑީޕީ އަކީ މިގައުމަށް އޮތް ބޮޑު ވަބާއެކޭ. އެމީހުން މިޔަދު ދިވެހި ރައްޔިތުން ނިކަމެތި ކުރީ. މީގެ ހިތި އެމީހުންނަށް އަހަރެމެން އަދި ދޭނަން.
ތައުފީޤްް
20 July 2025
ސޮއިކޮށް އަވަހަށް ހަވާލުކޮށްލާ. ރައީސްގެ އިތުރު ވައުދެއް ފުދިގެން މިދިޔައީ.
އަންސާމްް
20 July 2025
އެމްޑީޕީ މީހުން ދެން ކިޔާނެ އެއްޗެއް ނެތްތަ މިކަމުގަ.
ޒައިނަބް
20 July 2025
އިހްލާސްތެރި ތެދުވެރި އަމާނާތްތެރި ވެރިކަމެއް ރައީސް މުއިއްޒު ކުރައްވާކަމީ މި ހިތަށް ލިބޭ ފިނިކަމެއް.
ޒޫނަތް ހަލީމްް
20 July 2025
ރައީސް މުއިއްޒު އަކީ ވައުދު ފުއްދަވާނެ ރައީސެއްކަން ރައްޔިތުން މިޔަދު ހެކިވާނެ.
އަސަަފ
20 July 2025
ދެ އަހަރު މިދަނޫ އަންނަ ހަފްތާ ކިޔާލަ ކިޔާލަ އޮންނަތާ
ޒިމާން
20 July 2025
ތިޔަ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން، ތިޔަ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓް، އެހެން ރައްޔިތުންނަށް އެނގޭ ގޮތަށް ޢާންމުކޮށް އިޢުލާން ކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކެން. އެއީ ތިޔަ ފްލެޓްތައް އަޅާފައިވަނީ ދިވެހި ހުރިހާ ރައްޔިތުން ހިމެނޭހެން ލޯނު ނަގައިގެން ކަމަށްވާތީ، ތިޔަ ފްލެޓްތައް ލިބޭ މީހުންގެ މަޢުލޫމާތު ހުރިހާ ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށް ޤަބޫލު ކުރަމެވެ.