ރައީސް މުއިއްޒާއި ބޮޑުވަޒީރު މޯދީ ސޮއިކުރަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
25 ޖުލައި 2025 - 20:55
އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ އެގްރީމެންޓްގެ ތެރެއިން، ފައިސާ އަނބުރާ ދެއްކުމުގައި ލުއިތަކެއް ދީފި އެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވީ، އެލްއޯސީގެ ދަރަނި އަދާކުރުމުގައި ގެނައި ބަދަލުތަކާ އެކު، އަހަރަކު ދައްކަންޖެހޭ ފައިސާގެ އަދަދަށް 40 ޕަސެންޓުގެ ދަށްވުމެއް އަންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ދަރަނި އަދާކުރުމަށް ލުއިތަކެއް ދިނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ކަމަށެވެ.
ކުރީ ސަރުކާރާ އެކު ހަދާފައިވާ 878 މިލިއަން ޑޮލަރުގެ އެލްއޯސީގެ ތެރެއިން ބޭނުންކޮށްފައިވަނީ ގާތްގަނޑަކަށް ފަންސާހަކަށް ޕަސެންޓެވެ. ވިކްރަމް ވިދާޅުވީ، އެކި ސަބަބުތަކާ ހެދި އެ ފެސިލިޓީ އެއްކޮށް ބޭނުން ނުކުރި ނަމަވެސް، ކުރިން އޮތީ އޭގެ ޖުމްލަ ރީޕޭމެންޓް ދައްކަން ފަށަންޖެހޭ ގޮތަށް ކަމަށެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ އެގްރީމެންޓްގައި ސޮއިކުރާތާ ފަސް އަހަރު ފަހުން އެ ފެސިލިޓީ އަނބުރާ ދައްކަން ފަށަން ޖެހެ އެވެ. އެގްރީމެންޓް ހަދާފައިވާ ގޮތުން ކޮމިޓްވެ، މަޝްރޫއުއަށް ބޭނުންވާ އަދަދު ފުރިހަމަ ނުވި ނަމަވެސް، އެލްއޯސީގެ ދަށުން އެ ޕްރޮޖެކްޓެއް ފަށައިފި ނަމަ، އޭގެ ޖުމްލަ އަގުން ދަރަނި އަދާކުރަން ޖެހެ އެވެ.
"މި ބަދަލު ގެނެސްފައިވަނީ ރާއްޖޭގެ މާލީ ހާލަތަށް ރިޔާއަތްކޮށްފައި. ހާއްސަ ހާލަތެއްގެ ގޮތުގައި ބަލައިގެން މި ކަން ނިންމީ،" މިސްރީ ވިދާޅުވި އެވެ.
އިންޑިއާ އިން މިހާރު އެއްބަސްވެފައިވަނީ މިހާތަނަށް ޑިސްޕާސްކޮށްފައިވާ ނުވަތަ ދޫކޮށްފައިވާ އަދަދަށްވާ ވަރަށް ފައިސާ ދައްކާ ގޮތަށެވެ.
މިދިޔަ ސަރުކާރަށް އިންޑިއާ އިން ގާތްގަނޑަކަށް 1.4 ބިލިއަން ޑޮލަރު (22 ބިލިއަން ރުފިޔާ) ގެ ލޯނު ނަގާފައިވެ އެވެ. އޭގެ ތެރޭގައި ވިލިމާލެ އާއި ގުޅިފަޅާ ދެމެދު ގުޅައިލުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނެގި 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ލޯނު ހިމެނެ އެވެ.
ދަރަނި އަދާކުރުމުގައި ލުއިތަކެއް އިންޑިއާއިން ދީފައިވާ އިރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީގެ ދަތުރުފުޅުގައި މިއަދު ވަނީ އިތުރު އެލްއޯސީ އެގްރީމެންޓެއްގެ ދަށުން 565 މިލިއަން ޑޮލަރުގެ ފެސިލިޓީއެއްގައި ވެސް ސޮއިކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވާންޗޯ
25 July 2025
ރާއްޖެ އެކަނި ބިރިޖް އަޅާފަ ރުފިޔާ ނުނަގަނީ، ދެން ކިހިނެތް ފޫ ބަދާނީ ނަގާ ލޯން ތަކުގެ، ކޮންމެވެސް އެއްޗެއް އެބަޖެހޭ ނަގަން