އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރައީސް އޮފީހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވާ އެމަނިކުފާނާ ސަލާންކުރައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
01 ޖެނުއަރީ 2026 - 12:14
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު ރާއްޖެ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ ނޮވެމްބަރު 17، 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބޭރު ގައުމެއްގެ އިސްވެރިއަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
މޯދީގެ މި ދަތުރުފުޅު ހާއްސަވި މައިގަނޑު އެއް ސަބަބަކީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން، އޭރުގެ އިދިކޮޅު ޕާޓީ ޕީޕީއެމުން އިސްވެ ހިންގި "އިންޑިއާ އައުޓް" ކެމްޕެއިނާ ގުޅިގެން އުފެދުނު ސިޔާސީ ނުތަނަވަސްކަމެވެ. ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކޮށްލަން ގޮވާލައި ހިންގި ކެމްޕެއިނަށް ފަހު ޕީޕީއެމް ވެރިކަމަށް އައުމުން ފެނުނީ ހީކުރި ގޮތާ ހިލާފަށް ރާއްޖެ އާއި އިންޑިއާގެ ގުޅުން މާ ބޮޑަށް ވަރުގަދަކުރި ތަނެވެ.
ރައީސް މުއިއްޒުގެ ދައުވަތަކަށް މޯދީ ރާއްޖެ ވަޑައިގަތުމުން ސަރުކާރުން މޯދީ އަށް ހޫނު މަރުހަބާއެއް ކިޔާފައި ވެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މޯދީގެ ފޮޓޯފުޅާއި އިންޑިއާގެ ދިދަ ޖަހައި ޒީނަތްތެރި ކުރި އެވެ. އަދި މާލެ ޖުމްހޫރީ މައިދާން ސަރަހައްދު ވެސް މޯދީގެ ފޮޓޯފުޅާއި އެ ގައުމުގެ ދިދަ އާއި ގިޑިތަކުން ޒީނަތްތެރި ކުރި އެވެ.
މޯދީއަށް މާލެއިން ރަސްމީ އިއްޒަތުގައި މަރުހަބާ ދަންނަވައިފި https://t.co/saK1bYf0xe
— Mihaaru (@Mihaarunews) July 25, 2025
މޯދީ ރާއްޖެއަށް ވަޑައިގަތީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމާ އެކު، ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވި ނަމަވެސް ވަކި ހިސާބަކުން އެ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވި ދަނޑިވަޅެއްގަ އެވެ. ގުޅުން ގޯސްވި ދުވަސްވަރު ދެ ގައުމުގެ އެކި ފެންވަރުގެ ބޭފުޅުންގެ މެދުގައި ކޮންމެވެސް ވަރަކަށް ބަހުގެ ހަމަލާތައް ބަދަލުކޮށްފައިވެ އެވެ.
އެ ގުޅުން އޭރު އިތުރަށް ގޯސްވީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާބޯޓާއި ހެލިކޮޕްޓަރުގެ އޮޕަރޭޝަނަށް ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލަން ރައީސް މުއިއްޒު ނިންމެވުމުންނެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެ ވައުދާ އެކު ކަމަށް ވާއިރު، އެ މަނިކުފާނުގެ އެ ނިންމުން ފަހުން އިންޑިއާ ސަރުކާރުން ބަލައިގަނެ ވަނީ ހެލިކޮޕްޓަރު އޮޕަރޭޝަނަށް އިންޑިއާއިން މަދަނީ މީހުން ގެނެސްފަ އެވެ.
އިންޑިއާއިން 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއް https://t.co/tsHtVqp2Ob
— Mihaaru (@Mihaarunews) July 25, 2025
މޯދީ ދެ ދުވަހަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގައި އިމާރާތްކޮށްފައިވާ ޑިފެންސް މިނިސްޓްރީގެ އާ އިމާރާތް ހުޅުއްވައި ދެއްވި އެވެ. އަދި ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ދިމާކޮށް ޖުލައި މަހުގެ 26 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައި ބޭއްވި ކުޅިވަރުގެ ހަރަކާތްތަކުގައި ޝަރަފުވެރި މެހުމާނެއްގެ ހައިސިއްޔަތުން މޯދީ ބައިވެރިވެވަޑައިގެންނެވި އެވެ.
މޯދީގެ ދަތުރުފުޅުގައި ވަނީ ދެ ގައުމުގެ ދެމެދުގައި މުހިންމު ހަތަރު އެމްއޯޔޫއަކާއި ތިން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި ފްރީ ޓްރޭޑް އެގްރީމަންޓެއްގެ މަޝްވަރާ ފެށިކަން ވެސް އިއުލާން ކުރި އެވެ.
ރާއްޖެއާ އެކު ސޮއިކުރި އެ އެއްބަސްވުންތަކުގެ ތެރޭގައި 565 މިލިއަން ޑޮލަރުގެ (8.7 ބިލިއަން ރުފިޔާ)ގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ވެސް ހިމެނެ އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ އެކު އިންޑިއާއިން ހަދާފައިވާ އެލްއޯސީ އެއްބަސްވުމުގެ ފައިސާ އަނބުރާ ދެއްކުމުގައި ވެސް ލުއިތަކެއް ހަމަޖައްސައިދިނެވެ.
އިތުރަށް ގުޅުން ބަދަހިވާނެ ކަމުގެ ޔަގީންކަމާ އެކު މޯދީ ފުރާވަޑައިގެންފި https://t.co/YEzOqBXHpF
— Mihaaru (@Mihaarunews) July 26, 2025
ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އެ މަނިކުފާނުގެ ދައުވަތު ގަބޫލުފުޅު ކުރައްވައި، ރާއްޖެއަށް ވަޑައިގަތުމުން މޯދީއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި އެ ދަތުރުފުޅުން ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށް ވެސް ރައީސް އޭރު ވިދާޅުވި އެވެ.
އެ ދަތުރުފުޅަށް ފަހު މޯދީ، އެ މަނިކުފާނުގެ އެކްސް އެކައުންޓުގައި ދިވެހި ބަހުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖެއަށް ކުރެއްވީ ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ. އަދި ދެއްވި މެހެމާންދާރީއަށް ހިތުގެ އެންމެ ފުންމިނުން ރައީސް މުއިއްޒާއި ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށް ވެސް މޯދީ ވިދާޅުވި އެވެ.
Copyright © 2026 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސުލްތާނާ
01 January 2026
އިންޑިއާ އަކީ އަހަރެމެންގެ ގާތް މިތުރު. ބޮޑު ގައުމެއްގެ. އިގްތިސާދު ކުރިއަރާ ދުނިޔޭގެ ގަދަ ބާރެއް. އިންޑިއާ ކާަނާ ވެސް އެހާ މީރު.
ޕަކަޗޭ
01 January 2026
ކުރީގަ ހުސްގޮނޑި ބަހައްޓައިގެން އައުޓް، މިހާރު ހުސްގޮނޑި އެއްލާލާފަ އިން.!!!!