އިންޑިއާގެ ބޮޑުވަޒީރު މޯދީ މިއަދު ހަވީރު ރާއްޖެ އިން ފުރާވަޑައިގަތުމުގެ ކުރިން ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
26 ޖުލައި 2025 - 19:24
ރާއްޖެ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ އެކު، ދެ ގައުމުގެ ގުޅުމަށް "އިތުރު ހަކަތަ" ލިބޭނެ ކަމުގެ ޔަގީންކަމާ އެކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ހަވީރު ފުރާވަޑައިގެންފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މޯދީ އަށް އަލްވަދާއު ދެންނެވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން އަދި ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
މޯދީގެ ދަތުރުފުޅު ނިންމަވައިލެއްވީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުނު މުނާސަބަތާ ދިމާކޮށް މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ކުޅިވަރުތައް ބައްލަވައިލެއްވުމަށް ފަހު އެވެ. އޭގެ ފަހުން ސީދާ ވަޑައިގަތީ ފުރާވަޑައިގަތުމަށް އެއާޕޯޓަށެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ އަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ހަލީލް އަދި ފިނޭންސް މިނިސްޓަރު ޒަމީރު އެއާޕޯޓުން އަލްވަދާއު ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް އިއްޔެ ހެނދުނު ރާއްޖެ ވަޑައިގެން މޯދީ ވަނީ މުހިއްމު ހަތަރު އެމްއޯޔޫ އަކާއި ތިން އެއްބަސްވުމެއްގައި ސޮއިކުރެއްވުމުގެ އިތުރުން ރާއްޖެއާ އެކު ފްރީ ޓްރޭޑް އެގްރީމެންޓެއްގެ މަޝްވަރާ ފެށިކަން ވެސް އިއުލާނު ކުރައްވައިފަ އެވެ.
މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި މިނިވަންދުވަހުގެ ކުޅިވަރުތައް ބެއްލެވުމަށް ފަހު ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ރާއްޖެއާ އެކު ސޮއިކުރި އެ އެއްބަސްވުންތަކުގެ ތެރޭގައި 565 މިލިއަން ޑޮލަރުގެ (8.7 ބިލިއަން ރުފިޔާ) ގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ވެސް ހިމެނެ އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ އެކު އިންޑިއާ އިން ހަދާފައިވާ އެލްއޯސީ އެއްބަސްވުމުގެ ފައިސާ އަނބުރާ ދެއްކުމުގައި ވެސް ލުއިތަކެއް ގެނެސްފައިވެ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނުގެ ދައުވަތު ގަބޫލުފުޅު ކުރައްވައި، ރާއްޖެ އަށް ވަޑައިގަތުމުން މޯދީ އަށް ޝުކުރު އަދާކުރައްވާ ކަމަށާއި އެ ދަތުރުފުޅުން ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.
މޯދީ، އެ މަނިކުފާނުގެ އެކްސް އެކައުންޓުގައި ދިވެހި ބަހުން ވިދާޅުވީ، ރާއްޖެ އަށް ކުރެއްވީ ކާމިޔާބު ދަތުރުފުޅެއް ކަމަށާއި ދެއްވި މެހެމާންދާރީއަށް ހިތުގެ އެންމެ ފުންމިނުން ރައީސް މުއިއްޒާއި ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.
މޯދީ ވިދާޅުވީ، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަގުގެ މުނާސަބަތުގައި ބައިވެރިވެވަޑައިގަތުމަކީ ވެސް އެ މަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ރައީސް މުއިއްޒާ އެކު ކުރެއްވި އުފެއްދުންތެރި މަޝްވަރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔަ ކަމަށެވެ.
"ރައީސް މުޢިއްޒުއާ އެކު ކުރެވުނު އުފެއްދުންތެރި މަޝްވަރާތަކާއެކު ދެ ގައުމުގެ ގުޅުމަށް ވަރަށް ބޮޑު ހަކަތައެއް އިތުރުވެގެންދާނެ،" މޯދީ ދިވެހި ބަހުން ކުރެއްވި ޓުވީޓުގައި ވެ އެވެ.
މޯދީގެ މި ތާރީހީ ދަތުރުފުޅުގައި އެންމެ ފަހުން ބައިވެރިވެވަޑައިގަތީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ކުޅިވަރުތައް ބެއްލެވުމުގަ އެވެ.
ދިވެހިރާއްޖެއަށް ކުރި މި ކާމިޔާބު ދަތުރު ނިންމުމަކަށް އަންނައިރު، ހިތުގެ އެންމެ ފުންމިނުން ރައީސް މުޢިއްޒުއަށާއި، ދިވެހި ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށް ތިޔަ ދެއްވި މެހެމާންދާރީއަށް ޝުކުރު ދަންނަވަން. 60ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބައިވެރިވުމަކީ އަޅުގަނޑަށް ލިބުނު… pic.twitter.com/iQyQWQHZ7b
— Narendra Modi (@narendramodi) July 26, 2025
މޯދީ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅު ނިންމާވާލެއްވި އިރު، އެ ދަތުރުފުޅުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމު އަބްދުﷲ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީގެ އިސްވެރިންނާ ވެސް މިއަދު ބައްދަލުކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގެރިބާރޖިއޯ
26 July 2025
އަނެ ލޯނު ބޮލުގަ އެޅުވާފަ އެއް ދިޔައީ
ސީޒަން ޖެކްޝަން
26 July 2025
އޭ އަދި ދުވަސް ނުނިމެއޭ.
ބުރަތޭރީ
26 July 2025
އެލް އޯސީ ( ލައިން އޮފް ކޮރެޑީޓް) ބޮޑު ދަރަނީގެ ލޯނު، ހުއްޓުވުނު ދުވަހަކުން މެނުވީ މިގައުމަށް އިގްތިސާދީ މިނިވަން ކަމެއްނެތް...ލޯނު ނަގައިގެން ހަވާއަރުވާ އެތަށް ބޭކާރު ޚަރަދެއް ކުރުމަކުން، މިނިވަންކަމުގެ އުފާވެރި އިހްސާސް އެއްނުވޭ...ދިވެހި ގައުމަށް ދިމާވެފައިވާ އެންމެބޮޑު މުސީބާތަކީ ވެރިކަމަށް އަރާ ކޮންމެ މީހަކު " ދެވަނަ ދައުރެއް ބޭނުންވެގެން" އުޅުން. ނަތީޖާއަކީ އަތުންފައިން ގޯސްހެދި އެ ފުރުސަތު ރައްޔިތުން ނުދިނުން.