މިނިވަން ދުވަހުގެ މުނާސަބަތުގައި ފުލުހުންނާއި ސިފައިންނާ ބައްދަލުކުރެއްވުމަށް ރައީސް ވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
26 ޖުލައި 2025 - 12:34
ރާއްޖޭގެ ކުރިއެރުމާއި ތަރައްގީގައި އެހެން ގައުމުތަކުގެ އެހީ ހޯދިޔަސް މި ގައުމުގެ ރައްކާތެރިކަމާއި ސަލާމަތަށް ކޮންމެ އަކަ އިންޗިއެއް ވެސް ބަލަހައްޓާނީ ދިވެހިން އަމިއްލައަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އިނގިރޭސިންގެ އިސްތިއުމާރުން ރާއްޖެ މިނިވަންވިތާ 60 އަހަރު ފުރުން މިއަދު ފާހަގަކުރާ މުނާސަބަތާ ގުޅިގެން ރައީސް ވަނީ ފުލުހުންނާއި ސިފައިންނާ އެކު ހާއްސަ ރަސްމިއްޔާތެއް ބާއްވަވައިފަ އެވެ. މިއީ، މިނިވަން ދުވަހު، ސިފައިންނާއި ފުލުހުންނާ އެކުގައި ރައީސަކު މިގޮތަށް ރަސްމިޔާތެއް ބޭއްވެވި ފުރަތަމަ ފަހަރެވެ.
އެ ޖަލްސާގައި ރައީސް ވިދާޅުވީ ދިވެހިރާއްޖެއަކީ މިނިވަންކަމާ އެކު ދިގު މާޒީއެއް ހޭދަކުރި ގައުމެއް ކަމަށެވެ. މިނަވަންކަން ގެއްލިގެންދިޔަ މަދުފަހަރެއްގައި، އެ މިނިވަންކަން އަނބުރާ ހޯދުމުގައި ސަލާމަތީ ހިދުމަތްތަކުގެ ދައުރު ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ފުލުހުންނާއި ސިފައިންގެ ހިދުމަތަށް ކުރިއަށް ވުރެ ބޮޑަށް އިސްކަންދެނީ ކޮން ވިސްނުމެއްގައިތޯ އަދި ހަނގުރާމައަށް ތައްޔާރުވަނީތޯ މީހުން ސުވާލު އުފައްދަ އެވެ.
އެކަމަށް ޖަވާބުދެއްވަމުން، ރައީސް ވިދާޅުވީ ރާއްޖެއަކީ ފަހުރުވެރި މިނިވަން ގައުމެއް ކަމަށެވެ. ދިވެހިން ހިމާޔަތްކުރަން މި ގައުމު އޮންނަން ޖެހޭނީ އަބަދު ވެސް ތައްޔާރަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"..އަޅުގަނޑުމެންނަކީ ފަހުރުވެރި މިނިވަން ގައުމެއް. ފަހުރުވެރި މިނިވަން ގައުމެއް. އަޅުގަނޑުމެންގެ ކަންކަން ބަލަހައްޓާނީ އަޅުގަނޑުމެން އަމިއްލައަށް. އަޅުގަނޑުމެންގެ ވަށައިގެންވާ ކަނޑު ވަރަށް ބޮޑު. ހާއްސަ އިގުތިސޯދީ ސަރަހައްދު ނިސްބަތުން އެންމެ ބޮޑު އެއް ގައުމަށް ދިވެހިރާއްޖެ ވެ، ހާއްސަކޮށް އިންޑިއާ ކަނޑުގައި. އީއީޒެޑު އެންމެ ބޮޑު ދެތިން ހަތަރު ގައުމެއްގެ ތެރޭގައި ރާއްޖެ ހިމެނޭ،" ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުއިއްޒު ބޭއްވެވި ބައްދަލުވުމުގައި ސިފައިންގެ އޮފިސަރުންތަކެއް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެ މަނިކުފާނު ވިދާޅުވީ ބޮޑު ސަރަހައްދަކަށް ރަށްތަކާއި އަތޮޅުތައް ފެތުރި އަދި މީހުން މަދުވިއަސް، މި ގައުމުގެ ކޮންމެ އަކައިންޗިއެއް ބަލަހައްޓާނީ އަމިއްލައަށް ކަމަށެވެ.
ރާއްޖޭގެ ކަންކަމުގައި ދިވެހިން އިސްވިއަސް، މި ސަރުކާރުގެ ސިޔާސަތަކީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެހެން ގައުމުތަކުގެ އެހީތެރިކަން ހޯދުމެވެ.
"..އެހެން މީހުންގެ އެހީތެރިކަން ނުހޯދާށެކޭ ނޫން. އެހީތެރިކަން ހޯދަންޖެހޭނެ. އެހީތެރިކަން ފަންނީ ގޮތުން ހޯދަންޖެހޭނެ، ތަކެތީގެ ގޮތުން ހޯދަންޖެހޭނެ އަދި އެހެން ހުރިހާ ގޮތަކުން ވެސް ކެޕޭސިޓީ އިތުރުކުރުމަށްޓަކައި މި ސަރުކާރުގެ ސިޔާސަތު އޮންނާނީ ހުރިހާ ގައުމަކާ އެކީގައި. އެހެން ނަމަވެސް، އެހެން ބަޔަކު އައިސް އަޅުގަނޑުމެންގެ ކަންކަމާ ހަވާލުވެގެން ކުރުމަކީ އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން،" ރައީސް ވިދާޅުވި އެވެ.
މިއީ، ގައުމީ ލޯބި ނެތް ބަޔަކަށް ފަހުމްނުވެދާނެ ކަމެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ އެންމެ އިސް ވާޖިބަކަށް ވާން ޖެހޭނީ ސިފައިންނާއި ފުލުހުންގެ މުއައްސަސާ ކުރިއެރުވުމަށް، އެ ތަންތަނުގައި ހިދުމަތްކުރާ މީހުންނަށް ބޭނުންވާ ކަންކަމަށް އިސްކަންދިނުމެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުއިއްޒު މިއަދު ބޭއްވެވި ބައްދަލުވުމުގައި ފުލުހުންނާއި ސިފައިންގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް
ފަހުރެއް އަދި ޒިންމާއެއް ކަމަށް ދެކި، މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލުކުރަމުން އަންނަ ސިޔާސަތަކީ އެއީ ކަމަށް ވެސް ވިދާޅުވި އެވެ. އެހެންވެ، މި ވެރިކަމަށް މި ވީ ދޮޅު އަހަރުގެ ތެރޭގައި ފުލުހުންނާއި ސިފައިންގެ މުއައްސަސާގެ ގާބިލްކަން އިތުރުކުރަން މަސައްކަތްކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެކަން އިތުރުކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އޭގެ ތެރެއިން، ވަޔާއި ކަނޑު އަދި އެއްގަމުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަން ސިފައިންގެ ގާބިލްކަން އިތުރުކުރަމުން އަންނަ ކަމަށާއި މީހުން ދިރިއުޅޭ ރަށްރަށުގައި ފުލުހުންގެ މަރުކަޒެއް ނެތުން ނިމުމަށް ގެނެސް، ވަސީލަތްތައް ފުރިހަމަކުރުމާއި ތަމްރީނުތައް ފުރިހަމަކުރުމުގައި އިސްކަންދޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފަ އެވެ.
ފުލުހުންނާއި ސިފައިންގެ ހިދުމަތް ފުރިހަމަކުރަން ދިމާވާ ދަތިތައް ހައްލުކުރަން މި ސަރުކާރުން ވަނީ "ނޭޝަނަލް ސާވިސް"ގެ ނަމުގައި ވަކި ޕްރޮގްރާމެއް ފަށައިފަ އެވެ. އެ މަނިކުފާނު ވިދާޅުވީ މިހާރު ފަށަން ތައްޔާރުވެފައިވާ އެ ޕްރޮގްރާމްގެ ސަބަބުން އެ ދެ އިދާރާއަށް ފައިދާކުރާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ ފުލުހުންނާއި ސިފައިންގެ އިދާރާއަށް ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި އޮފިސަރުންނަށް މެޑަލް ހަވާލުކޮށްދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ާސައްޔާރާ
26 July 2025
ފުލުހުންގެ ލީޑަރޝިޕަށް ކުރެވޭނެ ކަމެއް ހަރާން. ކޮންމެ ވީކެންޑަގަ ތިކުރާ ދަތުރުތަކުގައި ގެންދާ މީހުންނާ، އެމީހުން ތިބޭ ތަންތަނާ ކުރާ ޚަރދާއި ކުރާ މަސައްކަތް ބަލާބަލަ. ފުލުހުންގެ ލީޑަރޝިޕުގެ ބާރު އޮތްވަރަކީ ތިތަނުގައި އޮފީހަށް ނުގޮސް އުޅޭ އިންސްޕެކްޓަރެއް ރުލި އަތުވެދާނެތީ އޭނާ ރުހޭހާ ކަމެއް ކޮށްދިނުން. އޭނާ ބުނާ ބަޔަކު ތަންތަނަށް ލައި ފުލުސް އޮފީސް ހިްންގުން.
ނާމްދި ކާނޫ
26 July 2025
ސޮރީ ރައީސް، މިހާރު މަނިކުފާނު ދައްކަވާ އެއްވެސް ވާހަކައެއް ގަބޫލުކުރަން ދަތި!
ހަހަހަހަ
26 July 2025
ލިޔުމުހެ ކުށެއް... ރަނގަޅު ގޮތަކީ......ކޮންމެ އަކަ އިންޗިއެއް ބަލަހައްޓާނީ ދިވެހިންނާއި އިންޑިއާ ސިފައިން.
މާކުން
26 July 2025
އިންޗި ބަލަހައްޓާނީ ދިވެހިންނޭ ބުނާއިރު ކޮބާ ޗާގޯސް. އެއީ ރާއްޖޭގެ ބައެއް. އެތަނަށް ވެރިވެގަނެގެން އުޅެނީ އެމެރިކާމީހުން. ދެން ކޮބާ ދިވެހިންނަށް އިންޗި ބެލެހެއްޓިފާ.
އަކްމެޑް
26 July 2025
ފުލުހުންގެ ގާނޫނުގެ ދެބައިކިޅަ އެއްބަޔަށް އަމަލު ނުކުރޭ
ބޮޑު ގޮހޮޑާ
26 July 2025
ކަނޑުގެ ލަޝްކަރެއް، އެއާ ޑިފެންސް ސިސްޓަމް އަދި ޑްރޯން ބޭނުންކުރުން ރަނގަޅު. ކިލޯ މީޓަރެއް ހަމަ ނުވާ ތަނަކަށް ޓޭންކާ، އެމްރެޕާ އެއްޗެހި ގެނެސް ރައްޔިތުންގެ ޓެކްސް ފައިސާ އިސްރާފުކުރުން ގޯސް. ޤައުމުގައި އެހެން ސިނާއަތްތައް ކުރި ނާރުވައި، ވަޒީފާ ނުއުފައްދައި، ސިފައިންނާއި ފުލުހުން ގިނަކުރުން ގޯސް. ޢާންމު އެހެން ރައްޔިތުންނަށް ނުލިބޭ ބޭސްފަރުވާ ސިފައިންނާއި ފުލުހުންގެ މުޅި ޚާންދާނަށް ދިނުން ގޯސް. މިހެން ގޮސް އެތައް މައްސަލައެއް ކީދާނެ.
ބޮޑު ގޮހޮޑާ
26 July 2025
ރާއްޖެއަށް މިހާ ގިނަ ފުލުހުންނާއި ސިފައިން ބޭނުންނުވާކަން ވިސްނޭނީ ކޮން ދުވަހަކުންބާ؟ ޤައުމުގެ ބޮޑުބަޔަކީ ކަނޑުކަމަށްވާއިރު، ކަނޑުގެ ސަރަޙައްދު ބަލަހައްޓަނީ އެހެން ޤައުމަކަށް ބަރޯސާވެގެން. ރާއްޖެއަކީ އެހެން ޤައުމަކާއި ހަނގުރާމަ ކުރާނެ ބައެއް ނޫން. އެހެން ޤައުމަކުންވެސް ހަނގުރާމައެއް މިތަނަކާއި ނުކުރާނެ. ރާއްޖޭގެ ތާރީޚުގައި ޤައުމަށް ކުރިމަތިވީ ނުރައްކަލެއް ދިމާވީ ޤައުމުގެ ދާޚިލީ ކަންކަމާއި ބޯޑަރު ނުބެލެހެއްޓިގެން. އޭރުވެސް މިހާރުވެސް ހަމަ އެހެން.
ހުސައި
26 July 2025
ކަމެއް ހިނގާނީ ބުނެފައެއްނޫން! ނޭފަތު ކުރިއަށް ވިސްނާ މީހުނެގެ ވިސްނުން ތީ! 3 ނޮވެމްބަރ އައީ ކިހިނެތްކަން ހަނދާން އެބަހުރިތަ؟ ގައުމުތަކުގައި އެގައުމުތަކުގެ ދިފާޢީ ބާރު ވަރުގަދަކުރުމާއި ދުވަހެއްދުވަހަށް ކުރާ ހޭދަ އިތުރުކޮށް ތަމްރީނުތައްދީ އަބަދުމެ ތައްޔާރީ ހާލަތުގައި ބައިތިއްބަނީ ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި މުޅިގައުމަށް ދިމާވާނެ ބޮޑެތިކަންކަމުގައި ހަރަކާތްތެރިކުރުވަން! ކޮންޔަގީންކަމެއް އޮތީ ހަނގުރާމައެއްނުކުރާނެކަމުގެ؟
ބުރުނު އާދަނު
26 July 2025
ފުލުހުންނާ ސިފައިން ގިނައިން ބޭނުންވާ އެއް ސަބަބަކީ ގައުމުގަ ގާނޫނަށް ތަބާވާ މީހުން މަދުވެ ކޮންމެމީހެއްގެ ފަހަތުގަ ފުލުހަކާއި ސިފައިންގެ މީހަކު ބަހައްޓަންޖެހޭ ހިސާބަށް ދިއުން. މިގައުމަކީ އާބާދީއާ ބަލާއިރު ކުށްކުރުން ގިނަ ގައުމެއް. އަނެއް ސަބަބަކީ މަދު ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދާޚިލީ ހަމަޖެހުމާއި ސަލާމަތީ ކަންކަން ގާއިމްކުރުމުގެ ރޭވުންތެރިކަމާއި ކުޅަދާނަކަން މިގައުމުގަ ނެތުން. އަދިވެސް އަދިވެސް....
ބޮޑު ގޮހޮޑާ
26 July 2025
ތިހެން ވާހަކަ ދައްކާނީ ހަމަ ފުލުހެއް ނުވަތަ ސިފައިންގޭގަ މަސައްކަތްކުރާ މީހެއް. މި ޤައުމުގަ ކަންކަން ހިނގާގޮތް ރަނގަޅަށް ދެލޯ ހުޅުވާފަ ބަލާލިންތޯ؟ ތިއީ މުސާރަ ނަގަން އެކަނި ތިބޭ ބައެއް. އިހުގެ މީހުންނަކީ ކިތަންމެ ކެރޭ، ކަންކަން މުރެވޭ ބައެއްކަމަށްވިޔަސް، މިހާރު އަވަށްޓެރިންގެ އުނގަށްވެއްޓިފައި އޮތްވަރުން ގޮވާނީ އެމީހުންނަށް. ދެން ކޮން މިނިވަންކަމެއް ސިޔާތަދެއް އޮންނާނީ. ކިރިޔާވެސް ފާޑުކިޔައިފިއްޔާ ކިޔާނީ ނޮވެމްބަރު 3 ކޭ. މީ 21 ވަނަ ޤަރުނު އިނގޭތޯ
ބޮޑު ގޮހޮޑާ
26 July 2025
ބުރުނު އާދަނާ، ކުށްކުރުން ގިނަވާތީ ފުލުހުންގެ އަދަދު އިތުރުކުރީމަ ވަނީ ކޮންކަމެއް. ކުށް މަދުނުވާނެ ގޮތެއް ހެދުން މާ ބުއްދިވެރި ނޫންތޯ؟ މި ކުޑަކުޑަ މާލޭ ސަރަޙައްދަށް ރާއްޖޭގެ އާބާދީގެ ބޮޑުބައި ޖަމާނުވާނެގޮތް ހެދުން މާ ރަނގަޅު ނޫންތޯ؟ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލުން މާ ރަނގަޅު ނޫންތޯ؟ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އާބަން ސިޓީތައް ޤާއިމްކުރުން މާ ރަނގަޅު ނޫންތޯ؟ އިސްލާމީ ޝަރީޢަތް ޤާއިމްކުރުން މާ ރަނގަޅު ނޫންތޯ؟