މާލެ ސަރަހައްދުގައި ހަވާ އެރުވުމުގެ ހަރަކާތެއްގެ ތެރެއިން -- ފޮޓޯ: މިހާރު
26 ޖުލައި 2025 - 20:33
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމަށް މިރޭ ބާއްވާ ތާރީހީ ރަސްމިއްޔާތާ އެކު، ޑްރޯން ޝޯ އާއި ހަވާ އެރުވުމުގެ ހަރަކާތުގެ ގަޑި އެމްއެންޑީއެފުން ލަސްކޮށްފި އެވެ.
އެމްއެންޑީއެފުން މިހާރު ހަމަޖައްސާފައިވާ ގޮތުން ހަވާ އެރުވުން އޮންނާނީ މިރޭ 9:40 ހާ އިރު އެވެ. އަދި ޑްރޯން ޝޯ ވެސް މިހާރު ވަނީ 9:20 އަށް ބަދަލުކޮށްފަ އެވެ. ކުރިން އެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައި އޮތީ މިރޭ 8:30 ގަ އެވެ.
ޑްރޯން ޝޯ އާއި ހަވާ އެރުވުމުގެ ހަރަކާތް ލަސްވި ސަބަބު ހާމަނުކުރި ނަމަވެސް އެނގިފައިވާ ގޮތުގައި އެކަން ލަސްވީ އެއާޕޯޓުގެ ރަންވޭ ހުސް ނުވާތީ އެވެ.
އެމްއެންޑީއެފުން ބުނީ، މާލޭގެ 16 ސަރަހައްދަކުން މިރޭ ހަ މިނިޓަށް ހަވާ އަރުވާނެ ކަމަށެވެ. އެއީ އެފަދަ ގޮތަކަށް މި ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ހަވާ އެރުވުމުގެ ހަރަކާތެވެ. މި ހަރަކާތް ރާވާފައިވަނީ މާލޭގެ ކޮންމެ ސަރަހައްދަކުން ވެސް ހަވާގެ ހަރަކާތް ފެންނާނެ ގޮތަކަށެވެ.
ހަވާ އަރުވާ ސަރަހައްދު ފާހަގަ ކޮށްފައި.-- ފޮޓޯ: އެމްއެންޑީއެފް
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް މިރޭ ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން ހަމަޖެހިފައިވާ އިރު އެއީ، މިހާރު ހިނގަމުން އަންނަ ސަރުކާރު، ވެރިކަމާ ހަވާލުވުމަށް ފަހު ނިންމަން ހާއްސަ އިސްކަން ދިން އެއް ޕްރޮޖެކެޓެވެ. އެ ޕްރޮޖެކްޓް ފަށާފައިވަނީ 2016 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު އެވެ.
އާ ޓާމިނަލްގެ މަޝްރޫއުއަށް 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ވަނީ ހޭދަކޮށްފަ އެވެ. އެއީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބިޔަ އެއް ޕްރޮޖެކްޓު ވެސް މެ އެވެ.
އާ ޓާމިނަލުގައި 47 ޗެކިން ކައުންޓަރު ހުންނާނެ އެވެ. އަދި ސެލްފް ޗެކިން ހަ ކިއޯސްކް ވަނީ ގާއިމްކޮށްފަ އެވެ. އެތަނުގެ ހިދުމަތާ އެކު ކުރީ ޓާމިނަލަށް ވުރެ 30 ޕަސެންޓަށް ވުރެ އަވަސްވާނެ އެވެ. އަދި އެމްއޭސީއެލްގެ އާމްދަނީއަށް އަންނަ އަހަރު ވެސް 8-7 ޕަސެންޓުގެ ކުރިއެރުމެއް ލިބޭނެ އެވެ. އެއާ ޖެހިގެން އަންނަ އަހަރު އެ ކުންފުނީގެ އާމްދަނީއަށް 15 ޕަސެންޓުގެ ކުރިއެރުމެއް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަމަކުނުދޭ ހަވާ
26 July 2025
އެއްމެ ރީތީ ބުރިޖް ހަވާ
ޚަސަން
26 July 2025
އެންމެން މަގުމައްޗަށް ޖަމާވީމާ އަދި އެއްގަޑިއިރު ލަސްވެއްޖޭ ބުނީމާ ކަމަކުނުދޭ.. މުޅިން ސަކަރާތް.
ދިވެހިރާއްޖެ 2.0
26 July 2025
މާލޭ މީހުންނަށް އެކަނި މިނިވަންދުވަސް މިއައީ. މާލޭ މީހުންގެ އުފަލަށް އެކަނި ހަވާއަރުވާ ޑްރޯން ޝޯއެބާވަނީ. ދެން އަހަރެމެން ރާއްޖެތެރޭ މީހުންނަކީ ހަމައެކަނި މާލޭ ސަރުކާރަށް ޓެކްސް ދައްކަން ތިބައެއް ތަ؟