އުއްތަމަ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ތިން ބޭފުޅުން: ޣަނީ (މ) ގައި އަދި ޝުޖާއު އުސްމާން (ކ) އަދި އަބްދުﷲ ގާޒީ (ވ) ގައި --- ފޮޓޯ/މިހާރު
29 ޖުލައި 2025 - 15:22
އުއްތަމަ ފަނޑިޔާރު ކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމުގައި އެންމެ ފަހުން ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މި މަހު އެ މަގާމުން ރިޓަޔާ ކުރެއްވުމުން އެ މަގާމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލި މުއްދަތު މިއަދު މެންދުރު ވަނީ ހަމަވެފަ އެވެ.
މުއްދަތު ހަމަވިއިރު އެ މަގާމަށް ކުރިމަތިލެއްވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ އިތުރުން ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ކަމަށް ވަނީ އެނގިފަ އެވެ.
އުއްތަމަ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅެއް މަޖިލީހުން ފާސްކޮށްގެންނެވެ.
އުއްތަމަ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ތެރެއިން ޣަނީއަކީ 2000 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް މަދަނީ ކޯޓުގެ ގާޒީކަން ކުރެއްވުމަށް ފަހު 2004 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ.
އެ މުއްދަތުގައި ހައި ކޯޓުގެ އިސް ފަނޑިޔާރުކަން ވެސް ޣަނީ ކުރެއްވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ޣަނީ ހުންނަވަނިކޮށް ސުޕްރީމް ކޯޓުން ނިންމި ބައެއް ނިންމުންތަކާ ގުޅިގެން ޑިސެމްބަރު، 2019 ގައި މަޖިލީހުން ވަނީ އޭނާ އެ މަގާމުން ވަކިކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރު ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރު ކަމަށް އޭނާ އައްޔަން ކުރެއްވި އެވެ.
ކުރިން މެޖިސްޓްރޭޓްކަން ކުރެއްވި ޝުޖާއު އުސްމާން ކްރިމިނަލް ކޯޓުގެ ގާޒީގެ މަގާމުގައި ހުންނަވަނިކޮށް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ 2015 ވަނަ އަހަރު އެވެ. އަދި ހައި ކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމުގައި 2018 ވަނަ އަހަރުން ފެށިގެން ހުންނަވަނިކޮށް އޮގަސްޓް 2020 ގައި އޭނާ މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވުމުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ފެމިލީ ކޯޓުގެ ގާޒީގެ މަގާމުގައި ހުންނެވި އަބްދުﷲ މުހައްމަދަކީ 2015 ވަނަ އަހަރާ ހަމައަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖައިސާމް
30 July 2025
ތި ތިން މީހުން ތެރެއިން ކޮންމެ މީހަކު އުއްތަމަ ފަނޑިޔާރަށް ހެދިޔަސް ސްޕްރީން ކޯޓަށް އިތުބާރެއް ނެތް.
އަހަންމާ2
31 July 2025
ދޮގެއްނޫން ހުސް އިތުބާރު ގެއްލިފައި ތިބި މީހުން ދޯ؟
މިވަރެއްނެތް
30 July 2025
މަމެންގެ އޮފީހުގެ ވަކީލެއް ކީއްކުރަން އާދައިގެ އިދާރީ ވަޒީފާ ގަނޑެއްވެސް މިތިންވެރިން ކުރެން އެކަކަށްވެސް ނުދޭނަން. މިފަދަ މީހުން އުއްތަމަ ފަނޑިޔާރަކަށް އައްޔަންކުރުމުން އެ އައްޔަންކުރާ ބަޔަކާއި އެކަމަށް ވޯޓްދޭ ބައެއްގެ އިތުރުން ސްޕްރީމްކޯޓުގައި ދެންތިބޭ ފަނޑިޔާރުންގެ ވެސް އަގުވެއްޓޭނީ. ލަދުން ބޯހަލާކު
ކައިސަރު
30 July 2025
ކޮން އޮފީހެއްތަ ތިއީ؟
ފަރުދީ ޒިންމާ
30 July 2025
ތިޔަތާކު، ނަޒާހާތްތެރި،، އިތުބާރުކުރެވޭ، ޢާބިލް، ކުފޫހަމަވާ އެކަކުވެސް ނެތް!!!، ތިޔެއް ނޫން ސުޓޭޓް މިނިސްޓަރަކަށް ނުވަތަ ތައިލޭންޑް އެންބަސީ އަށް ތިޔަ ހުރިހާ ބޭފުޅުން ވެސް ކުފޫހަމަވޭ.
މެންގްރޫވް
30 July 2025
ކުރިމަތި ނުލިޔަސް އުއްތަމަ ފަނޑިޔާރުކަމަށް އެންމެ އެކަށީގެންވާ މީހަކަށް ހުރި ޑރ.ޖަމީލު. އެއިރުން މި ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމު އެއްކޮށް ސާފުވީކަމަށް ވާނެ! އެހެންނޫނީ ދެންއަންނަ އެންމެން ގޯސްވާނެ
ބައްޓެ
30 July 2025
ފައްކާ މީހުން ތި ތިބީ. ނަޒާހާތް ތެރިކަން އާ އުސްމިންތަކެއްގަ ހުރި ކަން ތާރީޚުން ހެކިދޭ މީހުން
ދޯރި،
30 July 2025
ތިތަނުގަ މަދީ ޣަޒީ ބާރީ؟؟ ރާއްޖޭގެ އެންމެ މަތީ ކޯޓްގެ ފަޑިޔާރުކަމަށް ކުރިމަތިލާނެ މީކުވެސް ނުވީތޯ
ޑރ އެންޑްރިއު
30 July 2025
އަދުރޭ ކުރިމަތިލި ނަމަ ބަލާގަނެވުނީސް. އަދުރޭ ދަންނަވަރަށް ދަންނަ އެކަކުވެސް ނެތް ހަމަ.
އަލީރާޖާ
29 July 2025
ވަރަށް ދެރަވަރު! ލަދު ގަންނަ ކަހަލަ ނަންނަން!
އަހުމަދު ނައީމު
29 July 2025
މުޅިން ތިއޮތީ ޚަނީ އަށް ހުސްވެފައި ، ކަމަކު ނުދޭ
އަބްޅޯ
29 July 2025
އަސްތާ! އަބަދަށްފެހި އަބްދުﷲ ޤާޟީ ދޮއްތޮ މިއުޅުެްވަނީ!