ބިލް އިތުރަށް ދިރާސާ ކޮށްފައި އިސްލާހުތައް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މަޖިލިހަށް ފޮނުވާނެ ކަމަށް އޭޖީ ވިދާޅުވި،
ޕީޖީގެ މަގާމަށް އައްބާސް އައްޔަން ކުރެއްވުމުން އޭނާއާ އެކު އޭޖީ އުޝާމް ބޭއްވެވި ބައްދަލުވުމުގައި ދެ ބޭފުޅުން ސަލާން ކުރައްވަނީ: ޑްރަގް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ގެންދަވަނީ ދިރާސާ ކުރައްވަމުން.
31 ޖުލައި 2025 - 09:53
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް ރައްޔިތުންގެ މަޖިލިހުގެ މި ދައުރުގައި އެ ބިލް ނިންމަން މަސައްކަތް ކުރައްވާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާާނޫނަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުން މިދިޔަ އަހަރުގެ ފަހުކޮޅު ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައިވާއިރު އެ ބިލް މިހާރު އޮތީ ދިރާސާ ކުރުމަށް ކަމާ ގުޅޭ ކޮމިޓީގަ އެވެ.
ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާން ކުރައްވާފައިވާ ގޮތުން، ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުން ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތަކެއް ގާނޫނުގައި ކަނޑައަޅަން އެ މަނިކުފާނު ބޭނުންފުޅުވެ އެވެ. އެހެންވެ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި އެ ބިލް އިތުރަށް ދިރާސާ ކުރަން ކަމާ ގުޅޭ އިދާރާތަކަށް ދަންނަވާފައިވާނެ ކަމަށް ރައީސް ރޭ ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލް އުޝާމް މިއަދު ވިދާޅުވީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ފުލުހުންނާއި ޕީޖީ އޮފީސް އަދި ދައުލަތުގެ ކަމާ ގުޅޭ އެހެން އިދާރާތަކުން ވެސް މިހާރު ވަނީ މަޖިލިހަށް ކޮމެންޓުތައް ފޮނުވާފައި ކަމަށެވެ. އެ އިދާރާތަކުގެ ވިސްނުންތައް ހުރި ގޮތް ނުވަތަ ކޮމެންޓުތައް އޭޖީ އޮފީހަށް ވެސް ލިބިފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ.
"މަސައްކަތް މި ކުރަނީ އިސްލާހުތައް އިތުރަށް ދިރާސާކޮށް، ފައިނަލް ކޮށްފައި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅަން. އަޅުގަނޑުމެން އެދިގެން މި އުޅެނީ ބިލް ދިރާސާ ކުރުމުގެ މަސައްކަތް ވެސް އަވަހަށް ނިންމައި ދިނުމަށް. އޭރުން މަސައްކަތް ކުރަނީ މަޖިލިހުގެ މި ދައުރުގެ ތެރޭގައި މި ބިލްގެ މަސައްކަތް ނިންމަން،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.
"އެކްސް" ގައި ރޭ ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނާ މެދު ބައެއް އެހެން ގައުމު ތަކުގައި ވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ރާއްޖޭގައި ކަނޑަައަޅުއްވަން ބޭނުންފުޅުވާ ކަމަށެވެ.
"މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމައު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު،" ރައީސް ވިދާޅުވި އެވެ.
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެތީގެ ގާނޫނު އިސްލާހު ކުރަން ނިންމައި އެ އަދަބު ދޭން ޑްރާފްޓް ބިލްގައި ހިމެނިކަން މިދިޔަ އަހަރު ސަރުކާރުން އިއުލާންކުރި އެވެ. އެކަމަކު، ސަރުކާރުން އޭރު އެންމެ ފަހުގެ ނިންމުން ނިންމައި އެ ބިލް މިދިޔަ އަހަރުގެ ފަހުކޮޅު ރައްޔިތުންގެ މަޖިލިހަށް ފޮނުވިއިރު މަރުގެ އަދަބު ދިނުމުގެ ބައި ހިމަނައިފައެއް ނެތެވެ.
ސަރުކާރުން އޭރު ވިސްނުން ގެންގުޅުނީ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ރާއްޖޭގައި މަރުގެ އަދަބު ދޭން ނިންމާއިރު، ސިންގަޕޫރުގައި އަމަލުކުރާ މޮޑެލްއާ އެއްގޮތަށް ކުރިއަށް ދިއުމަށް ކަމަށް އެނގިފައި ވެ އެވެ.
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން މިހާރު ދެވޭ އަދަބަކީ އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
މިހާރު ރާއްޖޭގެ ގާނޫނު އޮންނަ ގޮތުން މަރުގެ އަދަބު ކަނޑައެޅެނީ ގަސްދުގައި މީހުން މެރުމުގެ މައްސަލަތަކުގައި އެކަންޏެވެ. މަރުގެ މައްސަލަތަކުގައި މަރަން ހުކުމް ކޮށްފައިވާ ބައެއް މީހުން މިހާރު ވެސް ރާއްޖޭގެ ޖަލުތަކުގައި އެބަތިއްބެވެ. އެކަމަކު 1953 ވަނަ އަހަރު ފަހުން ރާއްޖޭގައި މަރުގެ އަދަބެއް ތަންފީޒު ކޮށްފައެއް ނުވެ އެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ މަހެއްހާ ދުވަސް ފަހުން ޑިސެމްބަރު 20، 2023 ގައި ބޭއްވި މީޑިއާ ބްރީފިންއެއްގައި "މިހާރު" އިން ކުރި ސުވާލެއްގެ ޖަވާބުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައި ވަނީ މި ސަރުކާރުން ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށެވެ. އަދި އެކަން އެ ގޮތަށް ކުރަން ނިންމާފައިވާ ކަން މި ސަރުކާރުން ފުރަތަމަ ފަހަރަށް އެ ދުވަހު އިއުލާންކުރި އެވެ.
"އަޅުގަނޑުމެން އެކަމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން އަދި ބަލަންޖެހޭ ކަންކަން ބަލާފައި އެކަން ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުގެ އިމުގެ ތެރޭގައި އަޅުގަނޑުމެން ކުރާނަން،" އިހުސާން ވިދާޅުވެފައި ވެ އެވެ.
އޭގެ ފަހުން އަހަރަކާ ގާތް ވެފައި ވަނިކޮށް، ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވެފައި ވަނީ މަރުގެ އަދަބު ވީ އެންމެ އަވަހަކަށް ތަންފީޒުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އިހުސާން ވިދާޅުވީ، މަރުގެ އަދަބު ތަންފީޒުކުރުމަށްޓަކައި އަމަލުކުރަންޖެހޭ ބައިނަލްއަގުވާމީ މިންގަނޑުތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ކޯޓުގެ ހުރިހާ މަރުހަލާއެއް އެއްކޮށް ނިންމުމާއި އެއީ އަލުން އިއާދަނުކުރެވޭ އަދަބަކަށް ވާތީ އެ ހުރިހާ ކަމަކަށް ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އިހުސާން ވިދާޅުވި ގޮތުގައި، އދ. ގައި މިދިޔަ އަހަރު ބޭއްވި ހިއުމަން ރައިޓްސް ރިވިއުގައި ވެސް، ރާއްޖެއަކީ އިސްލާމީ ގައުމެއް ކަމާއި ގާނޫނުތައް ވެސް އިސްލާމް ދީނުގައި އޮންނަ ގޮތަށް ތަންފީޒުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ސިންގަޕޫރުގައި މިހާރު ވެސް މަރުގެ އަދަބު ދެ އެވެ. ރާއްޖޭގައި އެ އަދަބު ތަންފީޒުކޮށްފި ނަމަ ރާއްޖެ ވާނީ ދެކުނު އޭޝިއާގައި ޑްރަގް މައްސަލަތަކުގައި މަރުގެ އަދަބު ދޭނެ ދެވަނަ ގައުމަށެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ސްރީ ލަންކާގެ ގާނޫނުގައި ޑްރަގް އެތެރެކުރުމުގެ ކުށަށް މަރުގެ އަދަބު ކަނޑައަޅާފައިވީ ނަމަވެސް އެ ގައުމުގައި މަރުގެ އަދަބު ތަންފީޒުކުރުން އޮންނަނީ ނުރަސްމީ ގޮތެއްގައި ހުއްޓާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަށީދު
01 August 2025
ކީ ވޯޑްސް އަކީ މަސައްކަތް ކުރަނީ.
ބޯނުކޮއެ
31 July 2025
ސިޔާސީ ފިކުރުން ފޯވެފައި އޮތް ސިސްޓަމެއް އޮތްތަނެއްމީ. އެމްޑީޕީ އާއި ޕީޕީއެމް ގެ ހަނގުރާމާގައި ކޮންމެ ސަރުކާރެއް ނިމޭއިރު ހުރިހާ އިދާރާއެއްގެ ވެރިން ބޭރުކޮށް ޖަލައްލާ ވަޒީފާއިންކަނޑާ ހަދާއިރެއްގައި މަރުގެ އަދަބު ދޭން ފެށީމާ ރައީސްކަން ކުރާމީހާއާއި އޭނަގެ ސަރުކާރުގެ ވެރިންނާއި، އެ 5 އަހަރުގައި ތިބި ފަނޑިޔާރުންނާއި، ފުލުހުނަްގެ ވެރިނާއި، އެހެން ވުޒާރާތަކުގެ ވެރީން ދާނީ ކައްވަޅަށް.
ކުދުބެއްޔާ
31 July 2025
ތަންފީޒު ނުކުރެވޭ ބިލެއް ތަސްދީގު ނުކުރިއްޔާ މާރަގަޅުވާނެ!!!!!
ޖައިލަމސލޑ
31 July 2025
ކެރޭނެ، ކަންކުރާނެ ރައީސެއް،
ވާހިދު ބެ
31 July 2025
މީހަމަ "އެބައުޅޭއެބައުޅޭ" ސަރުކާރެއް. އެބައުޅޭ ގާނޫނެއް ހަދަން. ފަޅުފުންކޮށްދޭން އެބަވިސްނަން. ސްކޫލެއް އަޅަން ހިތައް އަރައިފި. އާރޓީއެލް ގާޢިމްކުރަން އެބަރާވާ.
ސައިބޯނި
31 July 2025
މަރުގެ އަދަބު ތަންފީޒު ކުރަން ކެރޭ ވަރުގެ ވެރިޔަކު ދިވެހި ޤައުމަށް އަދި ނާދޭ, 1953 ގައި އެކަން ކުރި ނަމަވެސް މިހާރު ތިބި ސިޔާސީ ފަރާތްތަކަށް ނުކެރޭނެ ކަމާ މެދު ޔަގީން،, ޤާނޫން އަސާސީގައި ލިޔުމަކުން ނުވާނެ, އަދުލު އިންސާފުގެ ކަންކަން ބަލަހައްޓަން ތިބީ ވަރަށް ބޮޑަށް ނަޒާހަތްތެރިކަން ގެއްލިފައި ތިބިބަޔެއް
އަލީބެ
31 July 2025
މަރަށްމަރުގެ އަދަބު މިހަރުވެސް އެބޯތޭ. އާ ސުރުހީއެއް އަޅާނެކަމެއްނެތް. މަރުގެ ހުކުންކޮށްފަތިބި މީހުނަށް މަރުގެ އަދަބު ދެއްވަންވީނޫންތޯ. ކާކުމަނާކޮށްގެންތިތިބީ.
ޚސކސކކސ
31 July 2025
ސިންގަޕޫރު ލެވެލްއަށް ވުރެ މަތީގަ އުޅެނީ. އެކަމަކު ފެންނަނީ ހެޑުލައިން އެކަނިދޯ
ސަލީމު އިދުރީސް
31 July 2025
މަރުގެ އަދަބު ދެވިދާނެ ކޮންމެވެސް ނިކަމެތި ސޮރަކައް އެކަމަކު އަޑީގަތިބި ބޮޑަކައް މަރުގެ އަދަބު ދެވިދާނެކަމައް ގަބޫލުނުރާނެ މިތާ ފުހުން ކުޅޭ މުޑުދާރު ގޭމު އެނގޭ މީހަކު ހަމަ އެފަދަ މުދާރު ގޭމެއް ކުޅެއް ސަރުކާރުން އެރާވަނީ! މަދުފަރަކު އާދައިގެ ފުލުހަކަ ކުށެއް ކުރަނިކޮއް ފަޅާއެރިއަސް އެކަންއޮތީ ބަދަލު ނުވާވަރައް ސަލާމަތީ ބާރުތަކުގެ ތެރެއައް މޫލައިފަ
އެޑަމްސް
31 July 2025
މަރުގެ އަދަބުދޭ ބިލްވެސް ނިންމިދާނެ، އެކަމު ތަންފީޒުކޮށްދޭނެ ބަޔަކު ނެތޭ. މިހާރު ހެދިފަހުރި ޤާނޫނުތަށްވެސް ތަންފީޒުކުރާނެ ބަޔަކުނެތިގެން މިއުޅެނީ، ކަމެއް ކުރަންޏާ އެކަން ކަން ތަންފީޒުކޮށްދޭނެ ބަޔަކު ހޯދާ.
އ.ނ.ތ
31 July 2025
ކޮންމެ ކަމެއްގޮސް ހުއްޓޭނީ ކޯޓާހަމައިން. ކޯޓްތަށް ރަނގަޅުކޮށްގެން ކަމެއް ވާން އޮތީ