ޝަހީދު: އޭނާ ހައި ކޯޓަށް އައްޔަންކުރަން ނިންމި މައްސަލަ ކޯޓަށް ވަނީ ހުށަހަޅާފައި
31 ޖުލައި 2025 - 18:12
މި ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ދާދިފަހަކާ ޖެހެންދެން ހުންނެވި މުހައްމަދު ޝަހީދު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ނިންމުމުން، އެކަން ހުއްޓުވަން ސިވިލް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.
ހައި ކޯޓުގެ ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުން ހުސްވި ދެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން 17 ބޭފުޅަކު އެ ދެ މަގާމަށް ކުރިމަތިލެއްވި އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ބޭއްވި ބައްދަލުވުމުގައި ނިންމީ ޝަހީދުގެ އިތުރުން ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އެ ދެ މަގާމަށް އައްޔަން ކުރުމަށެވެ.
ޝަހީދު، ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ މި ސަރުކާރު ފެށުނުތާ ކުރީކޮޅެވެ. ނަމަވެސް އެ މަގާމުން މިމަހު ކުރީކޮޅު އޭނާ އިސްތިއުފާ ދެއްވި އެވެ. އަދި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ޕީއެންސީ އާއި ޕީޕީއެމްގެ ހަރަކާތްތަކުގައި ވެސް އޭނާ ބައިވެރިވެވަޑައިގަތެވެ.
ޝަހީދު، ހައި ކޯޓަށް އައްޔަންކުރުން ހުއްޓުވަން މައްސަލަ ހުށަހެޅުއްވީ އެ ކޯޓުގެ ފަނޑިޔާރު ކަމަށް މި ފަހަރު ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ވެސް ހިމެނިވަޑައިގެންނެވި ވަކީލް އަހުމަދު ނައުޝާދެވެ. އެ މައްސަލަ ނިމެންދެން އެކަން ހުއްޓުވަން ވަގުތީ އަމުރަކަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
ނައުޝާދު "މިހާރު" އަށް މިއަދު ވިދާޅުވީ ސިޔާސީ މަގާމެއް އަަދާކުރެއްވި ބޭފުޅަކު، ފަނޑިޔާރު ކަމަށް އައްޔަން ކޮށްގެން ނަޒާހަތްތެރިކަމާ އެކު، މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އަދި ޝަރުއީ ދާއިރާގައި މަސައްކަތްކޮށް، ގިނަ ތަޖުރިބާ ލިބިފައިވާ ބޭފުޅުން ކުރިމަތިލައްވާފައި ވަނިކޮށް، އަމިއްލަ ކުންފުންޏެއްގައި ވަކީލަކަށް އުޅުއްވި ބޭފުޅަކު ފަނޑިޔާރަކަށް އައްޔަން ކުރުން ގަބޫލު ނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު އެއްވެސް ގޮތަކަށް މަގާމެއް ހޯދާކަށް ނޫން މި އުޅެނީ،" ނައުޝާދު ވިދާޅުވި އެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މިފަހަރު ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ދަށު ކޯޓުތަކުގެ ގިނަ އަދަދެއްގެ ފަނޑިޔާރުންނާއި ކުރީގެ ފަނޑިޔާރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވަކީލް ސާބް
03 August 2025
ކިތަންމެ ފޮނައެއް އެރުވިޔަސް މިހާރު މިރާއްޖޭގެ ތިބި އެންމެ ކޮލިޓީ ވަކީލުން ތިބީ، ޕީޖީ އޮފީހުގަ. އެކަން އެނގޭނެ ހައިކޯޓާއި ސުޕްރީމް ކޯޓުގެ އަޑުއެހުންތައް ބަލާލީމަ. ނައުޝާދު، ނާސިހު، އަޝްފާޤު، ތަޢުފީޤު، މިއީ މިހާރުވެސް އެތަނުގައި ތިބި ފެންވަރު ރަނގަޅު ވަކީލުން.
ޙުޝާންޓެ
01 August 2025
ޝަރުއީ ދާއިރާ ޖަވާބުދާރީ ކުރުވާތަން ފެނުމަކީ ހިތްވަރު ލިބޭ ކަމެކެވެ. އަޅުގަނޑުމެންގެ ޤާނޫނީ ނިޒާމަށް އާންމުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ޝަރުޢީ ދާއިރާއަށް އައްޔަންކުރުމުގައި ހާމަކަން ބޮޑުކަމާއި އިންސާފުވެރިކަމަކީ ކޮންމެހެން ބޭނުންތެރި ކަމެއް.
ޢެޑްމުންޑޯ
01 August 2025
މިގައުމުގެ ނަޒާހަތްތެރިކަމާއި އެކު މަސައްކަތްކުރާ ބަޔަކު އެބަތިބިތޯ ؟؟؟؟؟
ވަކީލް 2
01 August 2025
ޕީޖީ އޮފީހުގެ ވަކީލުން ނައުޝާދު މެން ދެން ފޮނުއަރުވާނެ ކަމެއް ނެތް މިކުޅި ފެށުނީ ސުޕްރީމް ކޯޓާއި ކުޅެން މުއިއްޒު ދިމާކުރި ހިސާބުން، އަޒްމިރަލްދާ ފިރިމީހާ ފްރޭމްކުރެވުނު އިރު ޕީޖީ އޮފީހުގެ ހުރިހާ އެންމެން ތިބީ ކުޅިބަލަން. ދެން މިއަދު ކޯޗެކޭ ކިޔާކައް؟
ޚަލީފާ
01 August 2025
ތިމާ އަމިއްލައައް ވިސްނާލުން ރަނގަޅުވާނެ ނަޒާހަތްތެރިކަން ގެއްލިފައިވާކަމައް މުޖްތަމައުން ދެކޭ ކަމައްވާނަމަ މިކަހަލަ ކަންކަމާ ހަވާލުވާންއުޅުން ރަނގަޅުތޯ..މިނޫން ދުވަހެއް އޮތްކަމައް ގަބޫލު ކުރައްވަންތޯ.؟؟
ކާސިންބެ
01 August 2025
ޕީޖީ އޮފީހުން ލީ މީހުންގެ ތެރެއިން އެންމެ އަހްލާޤް ރަނގަޅު މީހަކަށް ލީ ތައުފީޤް ކިއާ ވަކީލް. އެންމެ އިލްމީ މީހަކަށް ލީ ނާސިހް. އެންމެ ގަޓް މީހަކަށް ލީ ނައުޝާދު. ބޮޑާ ނޫން މީހަކަށްލީ އަޝްފާޤް ކިއާ ސޮރެއް. މި އެންމެންގެ ތެރެއިން މި މަޤާމަށް ބެސްޓް އޯލް ރައުންޑަކީ ތައުފީޤ. އޭނާގެ އުމުރާއި، ތައުލީމާ، ތަޖުރިބާ މުހިންމު. އަހަރެން ހަނދާންވާ ގޮތުން މަރުގެ މައްސަލައެއްގަ އޭނާ އުޅުނު. މޮޅު އޭނާ. އެކަމު ސުވާލަކީ މަދަނީ މައްސަލަތަކަށް އޭނާ އަހްލުވެރިތޯ؟
ރޮޒޭ
01 August 2025
ބީތާ ވިއަސް ތީ ބޮޑުވަރު… ޕީޖީ އޮފީހުން ނޫނީ އޭޖީ އޮފީހުގަ 3 އަހަރު އުޅޭ މީހެެއްޖެ ތައުލީމާ ތަޖުރިބާއާމެދު ސުވާލެއް ނެތް. ވަކިން ހާއްސަކޮށް ޕީޖީ ވަކީލުން. ރެއާ ދުވާލު ޤާނޫނީ ވިސްނުމުގަ. އެހެންވީމާ ބަލަންޖެހޭނީ އެންމެ ގަޓް މީހަކަށް. ގަޓް މީހާ ރައީސް ބުންޏަސް ނޯ ބުނާނެ. އެމީހަކީ އެހެން ވީމާ ނައުޝާދުކަން ވަރަށް ސާފު
ނައު އޯ ނެވާ
01 August 2025
ތީ އަދި ހައިކޯޓަށްތާ، ކޮބާ ސްޕްރީމް ކޯޓަށް އައްޔަން ކުރި ހުސްނުސުއޫދު، ފެށުނީއްސުރެ ކޮންތާކު އުޅުނު ކާކުއެއީ،
ހަސަންދި
01 August 2025
ހުސްނުސޫދަށް މަގާމު ދިން އިރު ތިބޭފުޅުން ކޮބާތޯ؟
ލުބްލާ2025
01 August 2025
ސުއޫދު ސިޔާސީ ވިޔަސް ގާބިލުދޯ؟ މިބޭފުޅާގެ ގާބިލުކާމެދު ސުވާލު އުފެދެނީ.
ސާރި
01 August 2025
މިތާގަ މައްސަލައަކީ އޭނައަކީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުފޫ ހަމަ ނުވާ މީހަކަށްވާތީ. ހުޒައިފާ އާ އާދަމް އާރިފް މެންފަދަ ބޭފުަޅުންނަށް ވުރެ ޝަހީދު ގާބިލްކަމަށް ނިންމާ މަޤާމު ދިނީމަ. މީކީ ސިޔާސީ މީހަކަށް އެކަނި އޭނަ ވެގެން ދައްކާ ވާހަކައެއް ނޫން
ރަށިމީހާ
01 August 2025
ޝަހީދު އަކީ ފަނޑިޔާރުކަމަށް ކުފޫ ހަމަނުވާ މީހެއް، މި މީހާގެ ހިސްޓަރީ އާއި ޢާއިލާ މީހުން އުޅޭ ގޮތް ފުވައްމުލަކު މީހުންނަށް އެނގޭނެ. ދެރަވަރު ކަންކަން.
ހާސަރު
01 August 2025
މުޅި ޖުޑިސަރީގެ އިތުބާރު އެއްކޮށް ގެއްލުވާލާ މިސްރާބަށް މިހުރީ. މިކަމުގެ ސަބަބުން އެންމެބޮޑު ގެއްލުމެއް ކުރާނީ ރާއްޖޭގެ އިގްތިސާދަށް. އިތުބާރު ނެތް ޖުޑިސަރީއެއް އޮތްގައުމެއްގައި އިންވެސްޓްކުރާނެ މީހުން މަދުވާނެ.