މައުމޫން އިސްނެންގެވުމަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްއާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ: މަސީހުގެ ވޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބިރުދައްކަމުންދާތީ އެމަނިކުފާނު ވަނީ ކަންބޮޑުވުންފާޅުކުރައްވާފައި.--މިހާރު ފައިލް ފޮޓޯ ނިޝާން އަލީ
23 މާޗް 2017 - 11:07
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅިގެން މެމްބަރުންނަށް ބިރު ދައްކައިގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެއިން ބޭރުގައި ހުންނަވައި މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓަކީ ގާނޫނީ ގޮތުން މެމްބަރުންނަށް ލިބިގެންވާ ހައްގެއް ކަމަށެވެ. އެ ހައްގާ އެއްގޮތަށް ވޯޓު ދެއްވަން ބޭނުންވާ މެމްބަރުންނަށް ބިރު ނުދެއްކޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
މައުމޫން މިގޮތަށް ވިދާޅުވީ، މަސީހު ވަކިކުރަން ވޯޓު ދެއްވާނީ "ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން ވެސް ހޫނު ފެނުގައި އަތް ލާން ބޭނުންވާ ނަމަ" ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ދަގެނތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު މެމްބަރުންނަށް އިންޒާރު ދެއްވާފައި ވަނިކޮށެވެ.
އޭނާ ވިދާޅުވީ މަސީހާ ދެކޮޅަށް ވޯޓު ދޭ މެމްބަރުންގެ ފައިމައްޗަށް ހޫނުފެން އެޅުމުން ތަދުވެގެން މެސެޖެއްކޮށް، "ސޮރީއޭ" ބުންޏަސް ގަބޫލެއް ނުކުރެވޭނެ ކަމަށާއި އޭރުން ބުނެވެން އޮންނާނީ "ނޯ" ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އަންނަ ހޯމަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓުގައި އިސްކޮށް އުޅުއްވަނީ މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނެވެ.
މައުމޫން ވިދާޅުވެފައި ވަނީ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްވުމާ އެކު ރައްޔިތުންނަށް ބޭނުންވާ ގިނަ ކަންކަމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. ހާއްސަކޮށް، މަޖިލީހުން ގެއްލުވާލާފައިވާ ރައްޔިތުންގެ ގިނަ ހައްގުތައް އަނބުރާ ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.
މައުމޫން ވިދާޅުވެފައިވާ ގޮތުގައި މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން، ހުރިހާ ޕާޓީތައް ގުޅިގެން މަޖިލީހަށް ހުށަހެޅި ހުށަހެޅުމަށް އެ މަނިކުފާނު ފުރިހަމަ އަށް ތާއީދުކުރައްވާ ކަމަށެވެ. އެއީ ވަރަށް ރަނގަޅު އަދި ޕީޕީއެމްގެ ވަރަށް ގިނަ އަދަދެއްގެ މެމްބަރުންގެ ވެސް ތާއީދު އޮތް ކަމެއް ކަމަށް ވިދާޅުވެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިބެ
24 March 2017
މައުމޫން މީހަކަށްވީ އަހަރަމެން ދިން ވޯޓަކުން ތާއީދު ބޮޑޭ މިކިޔަނީ ރައްޔިތުން މީނާގެ ފަހަތުގަ ތިބީމަ މިހާރު އެކަން ބަދަލްވެއްޖެ ތި އުޅުންވާގޮތުން ރައްޔިތުން ފޫހި ވެއްޖެ ތާއީދު ވެސްނެތް
ޒުލް
23 March 2017
ނިމެނީ . ވެއްޓެނީ.
ރަންސް
26 March 2017
އިރާދަ ކުރެއްވިއްޔާ....މިފަހަރު ވެއްޓޭނެ
ޒޫރީ
23 March 2017
ޢަޅުގަނޑުމެން ތަންކޮޅެއް ކުރިން ފަހުރުވެރިވި ރައީސެއް ތިޔައީ. ޢެކަމަކު މިއަދު އެ ފަހުރުވެރިކަމެއް ނެތް.
ނޯޖަ
23 March 2017
މައުމޫނަކީ މިއަދު ވަރަށްވެސް ތާއީދު ކުޑަ ބޭފުޅެއް.
ޕޮގުބާ
23 March 2017
ވޯޓާގުޅިގެން މަޖިލީހުގެ ރައީސް އަކަށްވެސް ބިރެއް ނުދެއްކޭނެ މާވަރުއަރުވާނެކަމެއްނެތް އިދިކޮޅުފަރާތްތަކުގަ ތިބީ ބޮޑެތި ކުއްވެރިން ހުކުމްތައް ކުރަންޖެހިދާނެ އެމްޑީޕޕީގެ އަނިޔާވެރިކަމުގަ އެމްޑީޕީއާ ދެކޮޅަށްތިބި ހުރިހާއެންމެން އެމްޑީޕީއާ މިހާރު ގުޅިފަތިބީ ވެރިކަން ބޭނުންވެގެންކަން ފާހަގަވެ ހިލާދުލެއްނުދޭނަމެ
އަންކަލޯ
23 March 2017
އަދިވެސް ހިތްނުފުރޭތަ! ދެން މިަކަމާ ނޫޅެބަލަ، ތިޔަވޯޓުން ތިޔަ ބައިގަނޑު ފަލީހަތް ވުން ނޫންކަމެއް ނުވާނެ!
ހާމާނު
23 March 2017
ބުލޫކުދިންނަށް ޔެލޯ ކުދިންނަށް ގޮވާނެކަމެއް ނެތް. ތަމެންނަކީ މުސާރަ ދީފަ ތިކަމަށް ތިބި ބައެއް.
ކީއް
23 March 2017
ތަމެންނަށް ކީއް. ތަމެންނާއި ބެހޭ ކަމެއް ނޫން ދޯ. މަމެންގެ ބަޖެޓް އަދި މީ މަމެންގެ ސަރުކާރު އިނގޭ. ބޭނުން ގޮތެއް ހަދާލާނީ.
ގަންޖޫ
23 March 2017
މިއީދޯ އެމްޑީޕީގެ ޕްރޮޕެގެންޑާއަކީ.. ޔެލޯކުދިން ފަހަތުން ބަޔަކު އުޅެނީއޭ ނޫޅޭ އެއްވެސް ބަޔަކު އުޅެންވީކީއްކުރަން ޑީލެއް ދިއްކޮއްލާއިރަށް ގަންޖުފަރާސް ބާލާނެ
ހައިރާން
23 March 2017
ތިމާ ހޮވި ރައްޔިތުންނަށް ހަރާމްކޯރުވުން ރަނގަޅުތޯ ؟ މިކަމަށްއެންމެ ފަހަރަކުވެސް ވިސްނާލެއްވިންތޯ؟ ދެންވެސް ރައްޔިތުންނޭ ގައުމޭކިޔައިގެން އަނގަހުޅުވާތި ފަހުންދުވަހެއް އޮތްކަން ހަދާންކުރާތި.
މިލިޓަރީ
23 March 2017
މައުމޫން ތިރީސް އަހަރު މިގައުމު ތަރައްގީ ކުރިނަމަ ހާދަ ކުރީގާއޭ މިރާއްޖެ ހުންނާނީ ޔާމިން މިގެންދަނީ މުޅި ރާއްޖެ ތަރައްގީކުރަމުން.
ދޮންބެ
23 March 2017
ސަރުކާރުގެ އިސްވެރިން ރޯ މަހެއް ތެޅޭހެން ތެޅޭތީ މިހާރު ހީވަނީ އިދިކޮޅު ފަރާތްތަކުން ތި ވޯޓު ކާމިޔާބު ކުރާނެހެން.
ޑާޑާޑާޑާ
23 March 2017
ނުވާނެ ތިކަމެއް. ހަނދާން ނައްތާލާ ރަށު ތެރޭން މުޑި ކާށި ހޮވުން ފަދަ ކަމެއް ކުރަން އުޅޭ އިނގޭ.