''އަލްމަޖްރާ'' ދޯނިން ދަތުރު ކުރި މީހުން ސަލާމަތް ކުރުމުގައި ފުލުހުން ހަރަކާތްތެރިވަނީ.-- ފޮޓޯ: ޕޮލިސް
03 އޯގަސްޓް 2025 - 11:36
މާލެ އިން މުދާ ބަރުކޮށްގެން ތިން މީހުންނާ އެކު ތ. ވޭމަންޑުއަށް ދަތުރުކުރި ދޯންޏެއް ފަރަށް އަރައި އަޑިއަށް ހިނގައްޖެ އެވެ.
''އަލްމަޖްރާ'' ނަމަކަށް ކިޔާ ދޯނި އެރީ މ. ދިއްގިރި ކައިރި ފަރަކަށެވެ.
ފުލުހުން ބުނީ އެ ދޯނި ފަރަށް އަރައި ދިޔަވެ، އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ފަތިހު 5:34 ހާއިރު ކަމަށެވެ.
އެ ރިޕޯޓު ލިބުމުން ވ. އަތޮޅު ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އެ ދޯނިން ދަތުރުކުރި ތިން މީހުން ފެނުނީ ފަރުމަތީގައި ތިއްބަ އެވެ. އެ މީހުން ފުލުހުންގެ ލޯންޗަށް ނަގައި ފެލިދުއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ވޭމަންޑުއަށް ދަތުރުކުރި ''އަލްމަޖްރާ'' ދޯނި ފަރަށް އަރާފައި.-- ފޮޓޯ: ޕޮލިސް
އެއީ ދިވެއްސަކާއި ބަންގްލަދޭޝްގެ ދެ މީހެކެވެ.
ފުލުހުން ބުނި ގޮތުގައި ތިން މީހުންގެ ހާލު ވެސް ރަނގަޅެވެ.
އެ ދޯނީގައި ގިނަ އަދަދަކަށް ފީވީސީ ފިލަ އާއި އިމާރާތްކުރުމާ ގުޅުން ހުރި ގިނަ ސާމާނުތަކެއް ހުރި ކަމަށް ދޯނީގައި ތިބި މީހުންނާ ހަވާލާދީ ފުލުހުން ބުންޏެވެ. މުދަލާ އެކު ދޯނި މިހާރު ވަނީ އަޑިއަށް ގޮސްފަ އެވެ.
ދޯނީގައި ހުރި ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާއިރު ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ހުޅަނގު މޫސުން ފެށި، މި ދުވަސްވަރު ރާއްޖެ އަށް މޫސުން ގޯހެވެ. އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ. އެހެންވެ ދަތުރުފަތުރުކުރުމުގައި މޫސުމަށް ސަމާލުކަން ދޭން މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބިންބި ސަހަރު
03 August 2025
މި ދޯނީގެ ވެރިމީހާ ނުވަތަ ކައްޕި ފަރަށް ލިބުނު ގެއްލުމުގެ ބަދަލު ދޭންޖެހޭނެދޯ، ރާއްޖޭން ބޭރުން އަންނަ ބޯޓުތައް އެއްވެސް ސަބަބަކާހެދި ފަރަށް އަރައިފިނަމަ ބޮޑެތި ޖުރުމަނާކޮށް އުޅޭތީ އަހާލީ ހަމަ،
ޝަންބި ބަފަރު
03 August 2025
ގާނޫނުގަ އޮތް އެއްޗެއް ކިޔާލުމަށް ނަސޭހަތްތެރިވަން.
ރަދީފްއޮފިޝަލް /
03 August 2025
ވަރަށް ބޮޑު ގެއްލުމެއް.ސިމެންތި ފިލާ އެއީ ވަރަށް އަގުބޮޑު އެއްޗެއް.