މާލެ އަތޮޅު އާއިލާފުށި ކައިރިއަށް ބަންޑުން ޖަހާލި ކޮޅުވެއްޓިން މީހުން ސަލާމަތްކުރަން ސިފައިން މަސައްކަތްކުރަނީ. ފޮޓޯ: އެމްއެންޑީއެފް
16 އޮކްޓޯބަރ 2025 - 16:09
މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރު ކުރަމުން ދަނިކޮށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު މީހުންގެ ތެރެއިން އިތުރު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ "އަލްމާކް-ފިޔަ" ލޭންޑިން ކްރާފްޓުން ގެއްލުނު ތިން މީހުންގެ ތެރެއިން ދެވަނަ މީހާގެ ކަނޑު އަޑިން ނަގާފައިވާ ކަމަށެވެ. މިހާތަނަށް ގެއްލިގެން ހޯދަމުން ދިޔައީ އިންޑިއާ މީހަކާއި ސްރީލަންކާގެ މީހެކެވެ.
ފުލުހުން ބުނީ، ފަހުން ފެނިފައިވަނީ ގެއްލިގެން ހޯދަމުންދިޔަ އިންޑިއާ މީހާގެ ހަށިގަނޑު ކަމަށާއި، ލަންކާއަށް ނިސްބަތްވާ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ހާދިސާގައި ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވާ މިއަދު ހެނދުނު ވަނީ ފެނިފަ އެވެ. އެއީ ގއ.ދާންދޫ، ސަރުސޫނުގެ، އަހުމަދު ޝިފާން، 38، އެވެ. މިއަދުގެ މަޣުރިބު ނަމާދަށްފަހު އޭނާ ކަށުނަމާދު ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.
ފުލުހުން ކުރިން ބުނީ އެ ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހުން، ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު ތިބީ އޭގައި އޮތް އެކްސްކޯރިއޭޓާއެއްގެ ތެެރޭގައި ކަމަށެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އޭގައި ހަތް މީހުން ތިއްބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެކްސްކޯރިއޭޓަރ
16 October 2025
އެ ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހުން، ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު ތިބީ އޭގައި އޮތް އެކްސްކޯރިއޭޓާއެއްގެ ތެެރޭގައި ކަމަށެވެ. ޚަބަރު ލިޔާއިރު "އެކްސްކޯރިއޭޓަރ" އަކީ ކޮންއެއްޗެއްކަން ވެސް ބުނެދީބަލަ.