04 އޯގަސްޓް 2025 - 10:13
ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ހިންގާފައިވާ ކަމަށް ބުނާ ބައެއް މުއާމަލާތްތަކަކާ ގުޅޭ ގޮތުން، މަރުކަޒީ ބޭންކު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ތައްޔާރުކުރި ރިޕޯޓުގެ މައްސަލަ ފުލުހުން ބަލަމުންދަނިކޮށް، އޭނާ ރައްޔިތުންގެ މަޖިލީހުންގެ މާލިއްޔަތު ކޮމިޓީން ވަކިކޮށްފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ކޮމިޓީތަކަށް ގެނައި ބަދަލުތައް އިއުލާނުކުރައްވައިފަ އެވެ.
މާލިއްޔަތު ކޮމިޓީގައި ޕީއެންސީ ތަމްސީލު ކުރައްވާ ޝުޖާއުގެ ބަދަލުގައި ގުރައިދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު ހަނާން މުހައްމަދު ރަޝީދު ހަމަޖައްސާފައިވާކަން ރިޔާސަތުން އިއުލާނު ކުރެއްވި އެވެ.
އަދި ގައުމީ ތަރައްގީ އާއި ތަރިކަ ކޮމެޓީގައި ޕީއެންސީ ތަމްސީލު ކުރައްވާ އިބްރާހިމް ދީދީގެ ބަދަލުގައި އެ ކޮމެޓީއަށް ޕީއެންސީ ތަމްސީލު ކުރާ މެންބަރެއްގެ ގޮތުގައި ޝުޖާއު ހަމަޖައްސަވާފައިވާ ކަން ވެސް އަބްދުއްރަހީމް ވަނީ އިއުލާނުކުރައްވައިފަ އެވެ.
ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ އެފްއައިޔޫގެ ރިޕޯޓަކީ ސައްހަ އެއްޗެއްކަން ނުވަތަ ނޫން ކަން އެމްއެމްއޭ އިން މިހާތަނަށް ކަށަވަރު ކޮށެއް ނުދެ އެވެ. އެ ކަމަކު އެ ރިޕޯޓާ ގުޅޭ ތަހުގީގެއް ހިންގާ ކަމަށް ފުލުހުން އިއްޔެ ބުންޏެވެ.
އެފްއައިޔޫގެ ރިޕޯޓު ކަމަށް ބުނާ ރިޕޯޓުގައިވާ ގޮތުން ޝުޖާއުގެ އޮފިޝަލް އިވެންޓްސްއާ އެކު އިތުރު ހަތަރު ކުންފުންޏަކުން ވަނީ މުއާމަލާތްކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސްވޯން ފެމިލީ އާއި ސްޓޯ ޕްރޯސް ޓްރޭޑިން އާއި ކުއިކް ޝުއާ އަދި ޑީކިއު ހޯލްޑިންސް އެވެ. އަދި މި ރިޕޯޓު ތައްޔާރުކުރީ އޭގައި ބުނާ ގޮތުން ޝުޖާއުގެ އިތުރުން އޭނާގެ އާއިލާއާ ގުޅުން އޮންނަ ބައެއް ކަމަށްވާ މުހައްމަދު ނާފިޒާއި އަހުމަދު އަދުހަމްއާ ބެހޭ ގޮތުންނެވެ.
މީގެ ތެރެއިން ނާފިޒަކީ ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެކެވެ. އަދުހަމަކީ އޮފިޝަލް އިވެންޓުގެ އެއް ހިއްސާދާރެވެ. އަދުހަމް ގެންދަވަނީ ޕީއެސްއެމްގެ ބޯޑުގެ މެމްބަރުކަން ވެސް ކުރައްވަމުންނެވެ.
އާންމުވެފައިވާ ލިޔުންތަކުން ފެންނަ ގޮތުގައި ނޮވެމްބަރު 1، 2023 އިން ޖެނުއަރީ 2024 އަށް ޝުޖާއު އާއި އާއިލާގެ މި ދެ މެންބަރުންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ސަރުކާރުގެ އެކި އިދާރާތަކުން 42.5 މިލިއަން ރުފިޔާ އެކި އިވެންޓުތަކާ ގުޅުވައިގެން ދީފައިވެ އެވެ.
ތުހުމަތުތައް ދޮގުކުރައްވައި ޝުޖާއު ވިދާޅުވީ، އޭނަގެ ކުންފުނިން ހުރިހާ ކަމެއް ވެސް ކުރަނީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް ކަމަށެވެ.
ޝުޖާއު ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ބައެއް މުއާމަލާތްތަކާ ގުޅޭގޮތުން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓު އާންމުވެފައި ވަނިކޮށް މިއަދު ވަނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާ އަބްދުﷲ އަޝްރަފް މަގާމުން ބަދަލުކޮށް އެ މަގާމަށް އިސްމާއިލް ސާޖިދު އައްޔަންކޮށްފަ އެވެ.
އެމްއެމްއޭ އިން ބުނީ އެ ބަދަލަކީ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ގެންނަމުންދާ ސްޓްރަކްޗަރަލް ބަދަލުތަކުގެ ތެރެއިން ބަދަލެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އާދަމް އާޒިމް
05 August 2025
ވަރަށް ވެސް މުހިއްމު ނިންމުމެއް މިއީ. މުޅި މާލިއްޔަތުގެ އިތުބާރު ގެނުވާނެ ކަމެއް މިއީ. މީގެ ސަބަބުން އިތުބާރު ލިބި ކަންކަން ފުރިހަމަޔަށް ބެލޭނެ.
ޝަހުމް މުހައްމަދު
05 August 2025
މިދިޔަ ވެރިކަމާ ހިލާފަށް ރަނގަޅަށް ސިސްޓަމް މިސަރުކާރުން ގެންގުޅޭކަން މި ސާފްވަނީ. މާލިއްޔަތާ ގުޅޭ މައްސަލައެއްގައި އެ ކޮމިޓީގައި ނުބައިދައި މި ވަކިކުރީ ރަނގަޅު
އައުޒަމް
05 August 2025
ސަރުކާރުގެ ރަނގަޅު ނިންމުމެއް. އިތުބާރު މި ދެމެހެއްޓީ
70007
04 August 2025
ހުވާކުރުމުގެ ރަސްމިއްޔާތަށް ހުރިހާކަމެއް ކުރުވީ ސިފައިން ނެރެގެން އެމީހުންލައްވައި. މިހާރު ނޫހުން މިކަން ތަޙްޤީގެއް ހިންގައި ދިނުން އެދެން. އާއްމު އުސޫލުން ސިވެކް ހަވާލުވާ ކަންކަން ކުރަނީ ސިފައިންނެރެގެން. ގަބޫލުކުރެވެނީ މިކަންވެސް ސިފައިންލައްވާ ކުރުވށފަ ޝުޖާއުއަށް ބޮޑު ލާރިގަނޑެއްދޭންވެގެން ނަމެއްގައި ކަމެއްކުރާކަން ދައްކާ ބޮޑު ޖަރީމާއެއް ހިންގީކަމަށް.
ދަފްލާ
04 August 2025
ރައްޔިތުން ހާލުގައި ޖައްސާފަ، މާލިއްޔަތު ލޫޓް ވާލާ މައްސަލަ ބަލަން ޖެހޭ
އަތރުކުޑޭ
04 August 2025
މީ އަނެއް ބޮލުގަ ރިހުމަކަށް މިވީ ދޯ މުއިއްޒު އަށް.މިމީސްމީހުން އަސްލު ހަޅޭއްލެވިޔަސް އެއްވެސް ފަރުވާލެއްނެތޭ ސަރުކާރަށް ލިބޭ ގެއްލުމަކަށް. އެހެން ވާނީ ބުނާހާ އެއްޗެއް ދެންޏާ. ކުދިން ބަސްނާހާނެ އެހެން ހެދީމަ. އެހެންނޫނަސް މީނާ ގެ ފަތިފުށް ހާވާލީމާ އެނގޭނެ ވަރަށް ފަސޭހައިން ބޭނޭނެކަން.
ދޮން
04 August 2025
ވެރިކަން ދަނީ ޔާމިން ވެރިކަން ވެއްޓެއްދިޔަ މިސްރާބަށް ،ރަގަޅުކުރުން ނޫނީ ވެއްޓުން އޮތީ ރައްޔިތުންނަށް އައިނު ފިހާރަ ހެދިޔަކަސްނުވޭ ، ބޮޑެތި މައްސަލަތައް މިސާލަކަށް ބޯހިޔާވެހިކަން މާލޭ ތެރޭ އުޅޭފަތްބޯކުދިން މައްސަލަ، ތަކެތީގެ އަގާއި ކުލިއަގު ބޮޑުވުމާއި އިންފުލޭޝަން ކޮންޓުރޯލު ނުވުމާއި، ކުދި ވިޔަފާރިތަކަށް ދައުލަތުން ލިބެންޖެހޭ ފައިސާ ނުލިބުމާއި މިފަދަ މައްސަލަ ހައްލުކުރުމަށް ލާފައިވާ ބޭފުޅުން ވަރަށް ނާޤާބިލް އާހިރުގާ ރައީސް ފެއިލްވާނީ ވިސްނަވާ ..
އަފްރާސިޔާބު
04 August 2025
ރައީސް ފެއިލް ނުވާނެ. ދެންވެސް ވޯޓު އެމަނިކުފާނަށް. ރައްޔިތުން ފޭލްވަނީ.
ބަބްސް
04 August 2025
ބައި އޮތީ އަޅާ ނިމިފަ ، ވަންކަން ކޮއްފި ... ވަންކަން ފަޅާއަރުވާލި މީހާ ޑިމޯޓްކޮށް އެކަހެރި ކޮއްފި. ދެން މިތިބީ ބަލަން ހަދާއެއްޗެއް.
މިއީ ހަމަ ތެދު
04 August 2025
"ތުހުމަތުތައް ދޮގުކުރައްވައި ޝުޖާއު ވިދާޅުވީ، އޭނަގެ ކުންފުނިން ހުރިހާ ކަމެއް ވެސް ކުރަނީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް ކަމަށެވެ". އެއީ ހަމަ ތެދު! ކޮންމެ ފަހަރަކުވެސް ހަމަ ލައްވާލަނީ ޝުޖާޢު ގެ ކުންފުންޏަށް.
އަފްރާސިޔާބު
04 August 2025
އޮފިޝަލް އިވެންޓް ވުޖޫދު ވާނީ ލަފާކުރެވޭ ގޮތުން ޔާމީނުގެ ވެރިކަމުގައި. އެއީ ރަސްމީކޮށް ސަރުކާރުގެ އޮފިޝަލް އިވެންޓް ވަގަށް ދޭން ފެށި ހިސާބު ކަމަށް ފެންނަނީ. ތިކަހަލަ ކިތަންމެ އިވެންޓެއް އޮންނާނެ.
އަފްރާސިޔާބު
04 August 2025
ވައްކަމެއްކުރަންވީމާ ގާނޫނު ބަލާލަނީ އެކަންއެގޮތަށް ކުރެވެންއޮތްތޯ. ނެތްނަމަ ދެންބަލާނީ ބާރުލިބިފައިއޮތް ގާނޫނު ހަދާމަޖިލީހުގެތެރެއިން އެހެންއޮންނަ މާއްދާއަށް ބަދަލުގެންނަން. ދެން ފޯނުކޮށްފައި ބުނާނީ މިހާރުއޮންނާނީ އެމާއްދާ ބަދަލުކޮށްފައޭ ދެން ހުރަހެއްކުރިމަތިނުވާނޭ ގާނޫނާ އެއްގޮތަށް ތިމަންނަ ކުންފުންޏަށް މަސައްކަތް ޙަވާލުކުރާކަށް. ދެން ފައިސާ ލިބުމުން އެކިއެކި ކުންފުންފުނިތަކަށް ފައިސާ ޓްރާންސްފަރ ކޮށް އެކުންފުނިން ފައިސާގެނެސް ގަޑުބަޑުކޮށްލަނީ.
އުނބުށޭމު
04 August 2025
އަފްރާސިޔާބަށް ނޭނގުނީތާއެވެ. އިވެންޓް ކުޅިވަރު ފެށުނީ ޔާމީނަށްވުރެ ކުރިންނެވެ. ހިރަފުސްފޮޅާށެވެ. ދަރުބާރުގޭގައި ޑިމޮކްރަސީއޭ ކިޔާ އިވެންޓެއް ބޭއްވި ހަނދާން ނުވޭހެއްޔެވެ. އެއީ މި ކުޅިވަރު ފެށުނު ހިސާބެވެ. އޭގެ ފަހުން އިވެންޓަކަށް ފަހު އިވެންޓެއް މިދަނީ ފަލަވަމުން، އަދަދުތައް ބޮޑެތިވަމުންނެވެ.
ސަޅި ގައުމެއް
04 August 2025
ދިވެހީން ނަކީ ގަމާރުން ނެއް ނޫން.. މޮޅު ހެޑްލައިން އެއް ހަދާލީ. ހުދު ގަމީސް ގުރޫޕް ގުޅިގެން ގައުމު ލޫޓްވަލަނީ
އަފްރާސިޔާބު
04 August 2025
ކުރީސަރުކާރުން ލާފައި ހުރި މީހެއް އެމްއެމްއޭގައި ހުރީ. އެހެންވީމާ ދޮގުހަދައިގެން ރިޕޯޓު ނެރުނީ.