ޖޭއެސްސީ: ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން އަލުން ވަނީ ހުޅުވާލާފައި --- ފޮޓޯ/މިހާރު
05 އޯގަސްޓް 2025 - 13:26
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ނިންމި ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު ނަން އަނބުރާ ނެންގެވުމުން އެ މަގާމަށް އަލުން ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފި އެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައި އޮތް ދެ މަގާމަށް 17 ބޭފުޅަކު ކުރިން ކުރިމަތިލައްވާފައި ވަނިކޮށް ޖޭއެސްސީން ނިންމީ މި ސަރުކާރުގެ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިިނިސްޓަރަކަށް ދާދިފަހަކާ ޖެހެންދެން ހުންނެވި ޝަހީދާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އައްޔަން ކުރުމަށެވެ.
ނަމަވެސް ޕީޕީއެމް އަދި ޕީއެންސީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައިވާ ޝަހީދު އެ މަގާމަށް އައްޔަން ކުރާތީ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، އޭނާ ފަހުން ވަނީ ނަން އަނބުރާ ނަންގަވައި، ފަނޑިޔާރުކަމުގެ މަގާމާ ހަވާލުވުމަށް އުޒުރުވެރިވެ ވަޑައިގެންފަ އެވެ.
ޝަހީދު ވިދާޅުވެފައިވާ ގޮތުގައި ނަން އަނބުރާ ނަގަން ނިންމީ ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓުމަށެވެ.
އެހެންވެ، އެ މަގާމަށް އަލުން ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް ޖޭއެސްސީން ބުންޏެވެ.
ޝަހީދު ނަން އަނބުރާ ނެންގެވި ނަމަވެސް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޖަމީލް މޫސާ މިހާރު ވަނީ އައްޔަންކޮށް، މަގާމުގެ ހުވާ ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބިންބި ސަހަރު
05 August 2025
ކީއްވެތޯ ތިޔަ މަގާމަށް ކުރިމަތިލީ މީހުންގެ ތެރެއިން އެހެން މީހަކަށް އެފުރުސަތު ނުދިނީ، ޖޭއެސްސީން ދެން ތިބި ހުރިހާ އެޕްލިކެންޓުން ޝަރުތު ހަމަނުވާކަމަށް ނިންމީތޯ، ޝަހީދު ނަން އަބުރާ ގެންދިޔައީ މަޖިލީހަށް ފޮނުވުމުގެ ކުރިން ކަމަށްވާއިރު، މަޖިލީހަށް ނަން ފޮނުވި އިރު ދެން އެންމެ މަތިން މާކްސް ލިބުނު ކެންޑިޑޭޓްގެ ނަން ފޮނުވިނަމަ ޔަގީނުންވެސް ޖޭއެސްސީގެ ބައިވަރު ވަގުތު ސަލާމަތް ކުރެވުނީސް، އަދި ހައި ކޯޓަށް އަވަހަށް ފަޑިޔާރަކުވެސް ލިބުނީސް
ސޮރީ
05 August 2025
ހައިކޯޓަށް ފަނޑިޔާރުން ނަގަން މަޖިލީހަކަށް ނުފޮނުވާނެ
ވަކީލާ
05 August 2025
ދަށު ކޯޓުގެ ތަޖުރިބާ ނެތް މީހަކު އިލްމީ ގޮތުން މޮޅަސް އިސްތިއުނާފީ ކޯޓަކަށް ލުމަކީ ހަމަޖެހޭ ކަމެއްނޫން. ގާނޫނީ ދާއިރާގައި ކުރިއަރާފައިވާ ގައުމުތަކުގައި ކުރާވެސްކަމެއްނޫން އެއީ. ފަށަންޖެހެނީ ދަށުން. ވަކީލުކަމާއި ފަނޑިޔާރުކަމަކީ ގާނޫނީ ދާއިރާގެ ތަފާތު ދެކަމެއް. ސްކޫލެއްގެ ކްލާސް ޓީޗަރެެއް ލީޑިން ޓީޗަރަކަށްނުވެ ޕްރިންސިޕަލަށް ސީދާ ލުންކަހަލަ ކަމެއް ވަކީލަކު ދަށު ކޯޓަށްނުގޮސް ހައިކޯޓު ފަނޑިޔާރަކަށްވުމަކީ.
ދޮންބީފާ
05 August 2025
އިލްމުވެރި ގާބިލު ތަޖުރިބާކާރު މީހުން މިހާރަކު ނުތިބޭނެ.. ގިނަ ފަހަރަށް ކޮންމެސް އެކަތި މަދުވޭ. ގިނަފަހަރު ތަޖުރިބާ. އެއީ ވަޒީފާގެ ފުރުސަތުތައް ވެސް މަދުވީމަ. .އެހެންވެ އިލުމުވެރި ގާބިލު މީހަކު ތަޖުރިބާއެއް ނެތޭ ކިޔާފަ އެއްފަރާތް ކުރުންވެސް ހަމައެއް ނުޖެހޭ.100 އަހަރު އެއް މަގާމެއްގަ."ތަޖުރިބާ" ލިބިފަހުރި މީހާއަށް ގިނަ ފަހަރު ބޭސިކުވެސް ނޭނގެ.. އިލްމަކީވެސް ހަމަ ތަޖުރިބާއެއް.. މުހިއްމީ ވަފާތެރިކަމާއެކު މަސައްކަތް ކުރުން. އޭރުން ނަތީޖާ ނެރެވޭނެ.