ސަލީމް ލަފާކުރެއްވި ގޮތުގައި މިހާރު ވެސް 15 ވަރަކަށް ބިލިއަން ރުފިޔާ ޓެކްސްގެ ގޮތުގައި ދައުލަތަށް ނުލިބި އެބަހުރި.
ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ސަލީމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް
06 އޯގަސްޓް 2025 - 11:59
ދައުލަތަށް ދައްކަންޖެހޭ ޓެކްސް ނުދައްކައި މަކަރު ހަދާ ނަމަ އޭނާ ވެސް ޖަލަށްލައި އަދަބު ދޭންވީ ކަމަށާއި ބަރާބަރަށް ޓެކްސް ދައްކާ މީހުންނަށް އެއީ މައްސަލަކަށް ވެގެން ނުވާނެ ކަމަށް އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ޓެކްސް ނުދައްކާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅައި، އެ ފައިސާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބޮޑެތި ބާރުތައް ދޭން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި ބިލްގެ ބަހުސްގައި ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މާލޭގައި ގިނަ ފިހާރަތަކެއް ހިންގަވަމުން ގެންދަވާ ސަލީމް ވިދާޅުވީ، ޓެކްސް ނުދެއްކުމުން ދޭ އަދަބު ބޮޑުކުރުމަކީ ކަސްޓަމްސްގެ އިންވޮއިސްތައް އޮޅުވާލައި، މަކަރު ހަދާ މީހުންނަށް ވަރަށް ބޮޑު މައްސަލައަކަށް ވާނެ ކަމަށެވެ.
"އެހެން ނަމަވެސް ރަނގަޅަށް މަސައްކަތް ކުރާ މީހުންނަށް މިއީ އެއްވެސް މައްސަލައަކަށް ނުވާނެ،" ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގައި ޓެކްސް ނަގަން ފެށީ ވަރަށް މާތް މަގުސަދެއްގައި ކަމަށް ވިޔަސް އެ މަގުސަދު ހާސިލް ނުވަނީ ޓެކްސް އަށް މަކަރު ހަދާ މީހުން އިތުރުވުމާއި ޓެކްސް ބަރާބަރަށް ނުދެއްކުމުން ކަމަށެވެ.
"އެއްޗެއް އާންމުކޮށްފިއްޔާ އަޅުގަނޑުމެން އެ ކަމަކަށް އަމަލު ކުރަންޖެހޭނެ. [ޓެކްސް] ދައްކާ މީހުން ބަރާބަރަށް ދައްކާ. އެ މީހުން ބަރާބަރަށް ހުރިހާ ކަމެއް ކުރޭ. އެކަމަކު، ނުދައްކާ މީހުންގެ ނަތީޖާއަކީ އެ މީހުން ހަމަ ނުދައްކާ ތިބުން،" ސަލީމް ވިދާޅުވި އެވެ.
"އެހެންވީމާ މި ކަހަލަ ބިލެއް އައީމާ އެއްގޮތަކަށް ވެސް މި ކަހަލަ ބިލްތަކަށް ދެކޮޅު ހަދައިގެން ނުވާނެ. މިއީ ދައުލަތުގެ އާމްދަނީއަށް އަންނަ ބަދަލެއް ޓެކްސް ނުދެއްކުމަކީ. ބޭނުމަކަށް ވާން ވާނީ ބަރާބަރަށް ޓެކްސް ދެއްކުން."
ސަލީމް ލަފާކުރެއްވި ގޮތުގައި މިހާރު ވެސް 15 ވަރަކަށް ބިލިއަން ރުފިޔާ ޓެކްސްގެ ގޮތުގައި ދައުލަތަށް ނުލިބި އެބަހުއްޓެވެ. އޭގެ ނަތީޖާއަކީ ދައުލަތް ހިންގަން ލިބެންޖެހޭ ފައިސާ ކޮންމެ އަހަރަކު ވެސް އުނިވުން ކަމަށް އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ އެހެން ތަންތަނުގައި ޓެކްސް އަށް 50 ޕަސެންޓު ވެސް ނަގާ. ސާާޅީސް ޕަސެންޓު ވެސް ނަގާ. ތިރީސް ޕަސެންޓު ވެސް ނަގާ. އެހެން ނަމަވެސް ރާއްޖޭގައި ޓެކްސްތަކަށް ބަލާއިރު ބޮޑެއް ނޫން. ޓެކްސް މި ހުރީ ހަމަ ރާއްޖެ އަށް ފެތޭ ވަރަށް،"--- ސަލީމް
ސަލީމް ވިދާޅުވީ، ދައުލަތުގެ ދަރަންޏަށް އަންނަ އަހަރު އެއް ބިލިއަން ޑޮލަރު ދައްކަންޖެހޭއިރު ޓެކްސް ފައިސާ ނުލިބޭ ނަމަ ދަތިތައް ކުރިމަތިވާނެ ކަމަށެވެ.
"[ދަރަނި] ދެއްކޭނެ އެއްވެސް ގޮތެއް ނޯންނާނެ. މި ފައިސާއަކީ މަތިން ފައިބާ އެއްޗެއް ނޫން. އާންމުންގެ އަތުން ނަގާ ޓެކްސް އިން ހުރިހާ ދަރަންޏަކާއި މި ހުރިހާ އެއްޗެއް ދައްކަން ޖެހެނީ،" އޭނާ ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ، ޓެކްސް ނުދައްކާ މީހުންނަށް ދޭން ގާނޫނަށް ގެންނަ އިސްލާހުގައި ކަނޑައަޅާފައިވާ އަދަބުތައް ދޭން ވާނެ ކަމަށެވެ. އަދި އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި ނަގާ ޓެކްސްގެ އަދަދު ބޮޑެެއް ވެސް ނޫނެވެ. ގެންގުޅެނީ އެއް މިންގަނޑެކެވެ.
"ދުނިޔޭގެ އެހެން ތަންތަނުގައި ޓެކްސް އަށް 50 ޕަސެންޓު ވެސް ނަގާ. ސާާޅީސް ޕަސެންޓު ވެސް ނަގާ. ތިރީސް ޕަސެންޓު ވެސް ނަގާ. އެހެން ނަމަވެސް ރާއްޖޭގައި ޓެކްސްތަކަށް ބަލާއިރު ބޮޑެއް ނޫން. ޓެކްސް މި ހުރީ ހަމަ ރާއްޖެ އަށް ފެތޭ ވަރަށް،" އޭނާ ވިދާޅުވު އެވެ.
- އެއްވެސް ގާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކްސްއަކުން ގަސްދުގައި ރެކުމުގެ ނިޔަތުގައި ކުރާ އަމަލެއްގެ ކުށުގެ އަދަބު، ތިން މަހާއި އެއް އަހަރު ދުވަހަށް ގޭބަންދުކުރުމުގެ ބަދަލުގައި، ތިން މަހާއި ދެ އަހަރު ދުވަހާ ހަމައަށް ޖަލަށްލެވޭ ގޮތަށް އެ ބިލުގައި ވަނީ ހިމަނާފައި.
- ޓެކްސް ދައްކަންޖެހޭ މުއްދަތުގައި ޓެކްސް ނުދައްކާ ފަރާތްތައް ހަ މަސް ދުވަހާ ހަމައަށް ގޭބަންދު ކުރުމުގެ ޖިނާއީ އަދަބު، 250،000ރ. އާ ހަމައަށް ޖޫރިމަނާ ކުރުމާ އެކު، ހަ މަސް ދުވަހާ ހަމައަށް ޖަލަށް ލެވޭ ގޮތަށް ގާނޫނު އިސްލާހުކުރަން ވަނީ ހުށަހަޅާފައި.
- ޓެކްސް ދައްކަންޖެހޭ މުއްދަތުން ފެށިގެން ފާއިތުވާ ކޮންމެ ދުވަހަކަށް ނުދައްކާ އޮތް އަދަދަށް ނަގަމުން އަންނަ 0.05 ޕަސެންޓުގެ ޖޫރިމަނާ ދެ ގުނަ ބޮޑުކޮށް، ނުދައްކާ އޮތް އަދަދުގެ 0.1 ޕަސެންޓުގެ ޖޫރިމަނާ ކުރަން ބިލުގައި ވަނީ ހިމަނާފައި.
- މީރާ އަށް ދައްކަންޖެހޭ ޓެކްސް ފައިސާއާ ގުޅޭގޮތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް އިސްތިއުނާފު ހުށަހެޅުމުގެ ބާބު ވެސް ވަނީ ބަދަލުކޮށްފައި. މީރާ އަށް ދައްކަންޖެހޭ ފައިސާގެ އަދަދާ ގުޅޭގޮތުން، ޓްރައިބިއުނަލަށް އިސްތިއުނާފު ހުށަހެޅޭނީ، އިއުތިރާޒު ކުރާ އަދަދުގެ މަދުވެގެން 25 ޕަސެންޓަށްވާ ފައިސާ މީރާ އަށް ދައްކައި، ހަލާސް ކުރުމުން ކަމަށް ބިލްގައި ވޭ.
- ޓެކްސް ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް، މީރާ އަށް އިތުރު ފިޔަވަޅުތައް އެޅުމުގެ ބާރު ވެސް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން ވަނީ ދީފައި. ދައުލަތުގެ އިދާރާތަކުން ދޭ ހިދުމަތް ހިފެހެއްޓުމާއި ބިންބިމާއި މިލްކިއްޔާތު ހިފެހެއްޓުމާއި ބޭންކު އެކައުންޓު ބެލުމާއި ތިން ވަނަ ފަރާތެއްގެ އަތުން އެ ފައިސާ ހޯދުމުގެ އިތުރަށް ބޭރު ގައުމެއް ނުވަތަ ސަރަހައްދެއް މެދުވެރިކޮށް އެ ފައިސާ ހޯދުމުގެ ބާރު މީރާ އަށް ދޭން ވަނީ ހުށަހަޅާފައި.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޮޔަވާން ވީނު
06 August 2025
އުޑު ޖެހި ބިމު ޖެހުނަސް ޓެކްސް ނުދައްކާނަން. ސޮރީ.
ފޭރޭ ގައުމު
06 August 2025
އަހަރަކު 750،000 ނަފާ ނުނިކުންނަ ނަމަ ޓެކެސް ނަގާކަށް ނުޖެހޭނެ. ރައްޔިތުންގެ މިއަދު ގަތުމުގެ ބާރެއް ނެތް. ކާއެތިކޮޅު އަގުބޮޑުވެ ކަރަންޓު ބިލު 4 ގުނައަށް ބޮޑުވެއްޖެ. މިދެން ބޮޑު އާފާތެއްނު މިގައުމަށް ދިމާވެފަ މިއޮތީ. ކޮންތާކުންތަ ފައިސާ ނެރެނީ؟ ނުނެރެވުނީމަ ޖަލަށްވެސް ދާންވީ؟ މިވަރުވީމާ ދެންޖެހޭނީ ވިޔަފާރި ކުރުން ހުއްޓާލާފަ މަޑުންތިބެން. މިމީހުން ވެރިކަމުން ފޭބި ދުވަހަކުން ދެން ވިޔަފާރި ކުރާނީ.
ބާރަށު ވަޅޭ
06 August 2025
ސަލީމްބެގެ ބޯއި “ހެޕީ ބުރޯ” ދައުލަތުގެ ހަޒާނާ ރައްޔިތުންގެ ޓެކުސް ފައިސާ ތަޅާ ރޮލާ ކައިގެން ރައްޔިތުން ބަވަން ފެށީމަ ފޯކަސް ބަދަލު ކޮއްލާނަމޭ ހިތާ ތިޔަ އުޅެނީ އުތަ ބޭބެ؟
ހަގީގަތް މި
06 August 2025
ސާބަހޭ ސަލީމް. ކަލޭތީ ތިވާހަކަ ދައްކަން އެންމެ އައުލާކަން ބޮޑު މީހާ. ކަލޭވެސް ޖަރީމާ ހިންގާ ކޮރަޕްސަން ހިންގައިން މުއްސަދިވީ. އެޓޯލް މިނިސްޓުރީއިން ފެށިގެން އެޒަމާނުއްސުރެ. މިހާރު ފެންމަތިވެގެން އެއުޅޭ ހެޕީ ބުރޯ އަކީ ތިބޭފުޅާ ކައިރިން އެދުރު ވެގެން ނުކުމެ އުޅޭ ތަގެެއް. މަސައްކަތަކީ ދައުލަތް ލޫޓުވުން!
ޢަހު
06 August 2025
ޓެކްސް ނުދައްކައިގެން ޖަލަށް ލެވޭ މީހަކު ކިތަންމެ ބޮޑު ވވައްކަމެއްކުރިޔަސް ސާބިތު ވިޔަސް ޖަލަށް ނުލެވޭ ރިހާކުރު ފުޅި ނެގިމީހާވެސް ހަމަސްވަންދެން އޮތީ ކުޑަގޮޅީގަ
ގުދުގުދާބެއްޔާ
06 August 2025
މައްސަލަޔަކީ ޓެކްސް ނުދެއްކުމެއްނޫން! މައްސަލަޔަކީ އެއްވެސް ވިޔަފާރިއެއް ނުކުރާ ކުންފުނިތައް ވެސް ޓެކްސް ނުދައްކާ މީހުންގެ ތެރޭގައި ހިމެނޭތީ! ބޭރުގައުމު ފިލިޕިންސް ފަދަ ގައުމުގަ ވަކިވަރަކަށް ރައުސުލް މާލު ނެތް ކުދި ކަޑަ ތަކަށް ޓެކްސް ދައްކަން ނުޖެހޭ! ޓެކްސް ކަލެކްޓަރ މިތަންތަން މޮނިޓަރ ކުރޭ! އެކަމަކު ޓެކްސް އަށް ރަޖިސްޓްރީ ކުރަންޖެހޭ! އެމީހުންނަށް އިގޭނެ ޖީއެސްޓީ ނަންބަރ ސިސްޓަމް ގަ ޖެހީމަ ބޮޑެތި ވިޔަފާރި ކުރަންޏާ!އަދި ވަކިން އައިސް މޮނިޓަރކުރޭ!
ކަންމަތީ ސޭޓް
06 August 2025
އެއްޗިސް ގަނެފަ ނޫނި ހިދުމަތް ހޯދާފަ ފައިސާ ނުދިނީމަ ދެން ކިހިނެތް ހަދަނީ؟ އެފައިސާ ސަލީމާ މުއިއްޒާ މީރާއިން ހޯދައި ދީބަލަ ފުރަތަމަ.
ނާރާނެ މައްޗަކަށް
06 August 2025
ޑުރަގު ލޯޑުން މިލިއަނުން ފައިސާ ހޯދާ ޑުރަގު ވިއްކައިގެން. އެމީހުން ނުޖެހޭ ޖީއެސްޓީއެއް އަދި އިންކަމް ޓެކްސްއެއްވެސް ދައްކާކަށް! އެމީހުން ޑުރަގު ވިއްކުން ހުއްޓުވެނީކީ ނޫން. އެމީހުން ޖަލަށް ލެވެނީކީ ނޫން!
ވައްސަލާމް
06 August 2025
ސަރުކާރު ކުންފުނިތަކުން ލާރި ދީބަލަ އިހަށް .ކުރި މަސައްކަތްތަކަށް! ކުރީ ސަރުކާރެކޭ މިސަރުކާރެކޭ ކިޔާނެ ކަމެއް ނެތް. ވެރިކަން ކުރާ މީހާ ބަދަލުވިޔަސް ސަރުކާރު އެއީ ސަރުކާރު ދައުލަތް ވާނީ ދައުލަތަށް. ޖަލަށް ލަންޔަ ފުރަތަމަ ސަރުކާރު ކުންފުނިތަކާ ސަރުކާރުވެރިން ޖަލަށްލާ ފައިސާނުދީ އޮތީމަ.
ޖަލްސާތަކުގަ ދަރާފަ ތިބި ބަޔެއްހެން ހީވޭ؟
07 August 2025
ސަރުކާރުން ތި ކޮންމެ މުނާސަބަތެއް އައިސްގެން ތިއަރުވާލާ ފޮނުގަނޑު ބާއްވާފަ، އުޖޫރައަށް ކުންފުނިތަކުން ނިންމާފަ ހުރި މަސައްކަތްތަށް އަދި ގަނެފަ ހުރި އެއްޗެހީގެ ޕޭމަންޓްތަށް ނިންމަބަލަ. އޭގެއިން ކައިބޮއި އުޅޭމީހުން ކިހިނެތް ހަދާނީ.
ޢެޑްމުންޑޯ
06 August 2025
މަގޭ ހިތަށް އަރާ ބަހާއި އަމަލާއި ދިމާވާނެ ބަޔަކު މިމަޖްލީހުން ފެންނާނެ ބާވައޭ