އޮޑިޓާ ޖެެނެރަލް ނިޔާޒީ: ޓޫރިޒަމްގެ ދާއިރާއިން ލިބެންޖެހޭ ކުއްޔަށް ގިނަ ލުއިތަކެއް ދޭތީ ކުލި ނުދައްކަން ހިތްވަރު ލިބޭ ކަމަށް އޭނާ ވިދާޅުވޭ --- ފޮޓޯ/މިހާރު
07 އޯގަސްޓް 2025 - 16:38
ރިސޯޓުތަކުން ދައުލަތަށް ދައްކަންޖެހޭ ކުއްޔަށް ގިނަ ލުއިތަކެއް ދީ އަދި ކުލީގެ ޖޫރިމަނާ މައާފްކޮށް ދޭތީ ރިސޯޓްތަކުގެ ކުލި ނުދައްކަން ހިތްވަރު ލިބޭ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ނެރުއްވި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ރިސޯޓްތަކުގެ ކުލި ނުދެއްކުމުން އަރާފައިވާ ޖޫރިމަނާތައް މައާފު ކުރުމުގައި ކުލި ދައްކާ ފަރާތްތަކާއި ކުލި ނުދައްކާ ފަރާތްތަކާ ދެމެދު އެއްވެސް ފަރަގެއް ނެތް ކަމަށެވެ. އަދި ގަވާއިދަށް ގެނެވޭ ބަދަލުތަކުގެ ސަބަބުން ޖޫރިމަނާ މައާފު ކުރަމުން ގެންދިއުމަކީ ވެސް ކުލި ނުދައްކާ ފަރާތްތަކުން ކުލި ނުދައްކަން އިތުރަށް ދެވޭ ހިތްވަރެއް ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން 2023 ވަނަ އަހަރު ނިމުނުއިރު ރިސޯޓް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 5.9 ބިލިއަން ރުފިޔާ ނުލިބި ހުއްޓެވެ. އެއީ އެހާތަނަށް ދައުލަތަށް ލިބެންޖެހޭ ފައިސާގެ 45 ޕަސެންޓެވެ. އަދި 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރަށް ރިސޯޓު ކުލީގެ ގޮތުގައި ލިބެންޖެހޭ އަދަދު 38 ޕަސެންޓް ދަށްވެފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.
އޭގެ ސަބަބަކީ 2022 ވަނަ އަހަރު ރިސޯޓްތަކުގެ ކުލި ދެއްކުމުގައި ދިން ލުއިތަކާ ގުޅިގެން 4.1 ބިލިއަން ރުފިޔާ ދައްކަން ނުޖެހޭ ގޮތަށް ބަދަލުވުމެވެ. އަދި އޭގެފަހުން 2023 ވަނަ އަހަރު ނުލިބި ހުރި ކުއްޔާއި ޖޫރިމަނާގެ އަދަދު މަދުވީ ބައެއް ރިސޯޓްތަކާއެކު ސެޓުލްމެންޓް އެގްރީމެންޓް ހަދައި، ބައެއް ފައިސާ މައާފުކޮށްދިނުމުންނެވެ.
"ކުލި ނުދެއްކުމާ ގުޅިގެން ޑެފާމެންޓް އެއްބަސްވުންތަކަށް އައި ނަމަވެސް، އެ އެއްބަސްވުންތަކަށް އިހްތިރާމު ނުކުރާ ފަރާތްތަކާއެކު، ތަކުރާރުކޮށް ޑެފާމެންޓް އެއްބަސްވުންތަކުގައި ސޮއި ކުރަމުން ދިއުމަކީ ކުލި ނުދެއްކުމުގެ ރޫހެއް އެފަދަ ފަރާތްތަކުގެ މެދުގައި އުފެދޭ ކަމެކެވެ." ޓެކްސް ފައިސާ ނުލިބޭ މައްސަލަތަކާ ގުޅޭ ގޮތުން އޮޑިޓަ ޖެނެރަލް ދެއްވި ލަފާގައި ބުނެފައިވެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން 2022 ވަނަ އަހަރު ލިބެންޖެހޭ ކުލީގެ ބައެއް ފައިސާ 2023 ވަނަ އަހަރު ހޯދުމުން ނުލިބި ހުރި އަދަދު ކޮންމެވެސް ވަރަކަށް ދަށްވި އެވެ.
އެ ރިޕޯޓުގައިވާ ގޮތުން ޓޫރިޒަމް ދާއިރާއިން ކުލި ނުލިބުމުން އެ ފައިސާ ހޯދުމަށް އެކަމާ ގުޅޭ އިދާރާ ކަމަށްވާ ޓޫރިޒަމް މިނިސްޓްރީން އެކަށީގެންވާ މަސައްކަތްތައް ނުކުރުމަކީ ވެސް ރިސޯޓް ކުލީގެ ގޮތުގައި ނުލިބޭ އަދަދު އަހަރުން އަހަރަށް އިތުރުވާ އެއް ސަބަބެވެ.
"ކުލި ނުދެއްކުމާ ގުޅިގެން ޑަފާމެންޓް އެއްބަސްވުންތަކަށް އައި ނަމަވެސް، އެ އެއްބަސްވުންތަކަށް އިހްތިރާމު ނުކުރާ ފަރާތްތަކާ އެކު، ތަކުރާރުކޮށް ޑަފާމެންޓް އެއްބަސްވުންތަކުގައި ސޮއި ކުރަމުން ދިއުމަކީ ކުލި ނުދެއްކުމުގެ ރޫހެއް އެފަދަ ފަރާތްތަކުގެ މެދުގައި އުފެދޭ ކަމެކެވެ." ޓެކްސް ފައިސާ ނުލިބޭ މައްސަލަތަކާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް ދެއްވި ލަފާގައި ބުނެފައިވެ އެވެ.
އެގްރީމެންޓާ އެއްގޮތަށް ކުލި ނުދައްކާ ފަރާތްތަކާ މެދު ޓޫރިޒަމް މިނިސްޓްރީން ފިޔަވަޅުތައް ވެސް ނާޅާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން 2023 ގެ ނިޔަލަށް ޓެކްސްތަކުން ނުލިބި ހުރި ފައިސާގެ އަދަދު 6.6 ބިލިއަން ރުފިޔާއަށް އަރަ އެވެ. އެއީ މީރާއަށް އެ އަހަރުގެ ނިޔަލަށް ލިބެން ޖެހޭ ޖުމްލަ އަދަދުގެ ވެސް ގާތްގަނޑަކަށް 50 ޕަސެންޓު ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2023 ވަނަ އަހަރު ޓެކްސްގެ ގޮތުގައި ނުލިބި ހުރި ފައިސާގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހިއްސާކުރީ ޖީއެސްޓީ އެވެ. ޖީއެސްޓީގެ ގޮތުގައި އެ އަހަރު 2.9 ބިލިއަން ރުފިޔާ ނުލިބި ހުއްޓެވެ. އަދި ޓީޖީއެސްޓީގެ ގޮތުގައި އެއަހަރު 1.3 ބިލިއަން ރުފިޔާ ނުލިބި ހުރިއިރު، ވިޔަފާރީގެ ފައިދާގެ ޓެކްސްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ނުލިބި ހުއްޓެވެ.
ކުއްޔާއި ޓެކްސްގެ ގޮތުގައި ހޯދަން ޖެހޭ ފައިސާ ގަވައިދުން ހޯދައި، ނުލިބި ހުރި ފައިސާގެ އަދަދު ދަށްކުރުމަށްޓަކައި އަޅަންޖެހޭ އެންފޯސްމެންޓް ފިޔަވަޅުތައް ގަވާއިދުން އެޅުން ވަރަށް މުހިއްމު ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ކުލި ނުދައްކާ މައްސަލަތަކުގައި ވެސް، އެކަމާ ގުޅޭ އިދާރާތަކުން ފިޔަވަޅުތައް އަޅަން އެ ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ލަފާ ދެއްވާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފޭކު ބައެއް ތީ
08 August 2025
ތީ އިބޫ ސަރުކާރުގަވެސް ހުރި އޮޑިޓަރ ޖެނެރަލް. ގާނޫނީ ބާރު ބޭނުން ނުކުރޭ އޮޑިޓް އޮފީހަށް އެއްބާރުލުން ނުދިނީމަ. އޭގެ ހެއްކެއްނު އެސްއޯއީ ތަކަކީ. ހިހޫތަނުން ކާލައިގެން ހުންނަން ފަސޭހަވާނެ ކޮންމެ މީހަކަސް. އޭސީސީ އަދި އޮޑިޓް އޮފީހުގެ އަގެއްނެތް މިހާރު
އަފްރާސިޔާބު
08 August 2025
ރައީސް ހޮވާ އިންތިޚާބު ކައިރިވީމާ ނުވަތަ އެނޫންވެސް ގޮތަކުން ރިސޯޓް ކުއްޔާއި ޖޫރިމަނާ ރައީސުލްޖުމްހޫރިއްޔާ މާފު ކޮށްދޭ ގޮތަށް އޮންނަނަމަ ނުވަތަ އެފުރުސަތު ދޭނަމަ ވެރިކަމުން ފައިބަމުން ހުރިހާ ކުއްޔެއް ނުވަތަ ޖޫރިމަނާ މާފުކޮށްފައިދޯ ދާނީ.
ޑރ ވާންޗޯ
08 August 2025
ލިބޭ މުސާރަޔާ ނުބައްދަލު މުއްސަނދިކަމަކީ ހަމައެކަނި ޕާޓޭންނާ ޑްރަގްޑީލަރުންނަށް ލިބޭއެއްޗެއްނޫން. މިނިސްޓަރުން ވަރިހަމަ މަގާމާހަވާލުވާން ކޮރުޖަހަމުންއައިސް، ދައުރުނިމިގެން ޕްރައިވެޓްޖެޓްގަ އުދުހިވަޑައިގަތަސް އެއީކީ ނުބައްދަލު މުއްސަނދިކަމެއްނޫން.
އަލީ ރިފްޝާން
08 August 2025
ކިރީ ސަރުކާރުން ކުރި އެންމެ ވިޔާނުދާ ކަންތައްތައް
ހަމްދާ
08 August 2025
ނިކަމެތި ރައްޔިތުން ނަށް ވަރުގަދަ ފިޔަވަޅު މީރާއިންވެސް އެބައަޅާ.
އަފްރާސިޔާބު
08 August 2025
ރަށްރަށް މަދު ފައިސާކޮޅެއްދީފައި ހިސާރުކޮށްގެން އެމީހުން ބޭނުންވާ ދުވަހެއްވާންދެން ބާއްވައިދޭނަމަ ތިކަމެއް ނުހުއްޓޭނެ.
ސްޕައިޑަރމޭން.
08 August 2025
މިއުޅޭ މީރާމީހުން އަދަބުދެނީ ކުދި ވިޔަފާރިތަކަށް. އެއިން ތަނަކަށް ގޮސް ހިތުހުރި ގޮތަކަށް ހިސާބު ހަދާފަ ބުނަނީ މިއަދަދު ދައްކާށޯ. މިޤައުމު ހިންގަނީ ނިކަމެތި އާދައިގެ މީހުން ފެލައިގެން.
ކަކުނިބޯ
08 August 2025
ނިޔާޒީ އަށް ބާއްޖަވެރިދުވަސްތަކަކަށް އެދެން ހައްޤްބަސް ބުނަްކެރުމުން. ޏިޔާޒީ ގެނަން ރައްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ވޯޓުލާކަރުދާސްކޮޅުގައި އިންނާނެ އިންތިޒާރުގައި އަހިރެން ހުރީމެވެ. ޝުކުރިއްޔާ
އޯނަރުންބާ
08 August 2025
ހަމަ ތިޔަ ރިސޯޓު އޯނަރުން އެމީހުންގެ ބިންތަކުން ކޮވިޑްތެރޭގައިވެސް މީހުން ނެރެލި. ނުވީތާކަށް އެތަންތަނުގައި ހިންގަމުންދިޔަ މަސައްކަތްތަށް ހަލާކުކޮށް މީސްމީހުނަށް އެތަކެށް ގެއްލުމެއްދިން. އެކަމަކު އެމީހުންގެ ކުލި މާފު.
ސަދޫމް ޖަސްޓިސް
08 August 2025
މުއިއްޒަކަށް ވެސް ތި ރިސޯޓު ކުލި ހޯދާކަށް ނުކެރޭނެ. ރިސޯޓު މަހުޖަނުން އެއީ މުޅިން އެހެން ކެޓަގަރީއެއް. ގާނޫނާ ގަވައިދުތައް ހުއްޓަސް އޭގެ ހަ ފަރާތުންވެސް އެނޫނި ނުތިބޭނެ ލުއި ލިބޭ ބައެއް. ދެން ތިބި ވިޔަފާރިވެރިން އުލުބައިންދައިންވެސް ދުއްޕަން ކުރާނެ އެކަމަކު ރިސޯޓު މަހުޖަނާ ޖެހުނީމަ ހުރިހާ ލުޔަކާ މާފަކާ ހާއްސަ އިނާޔަތާ ލިބޭނެ.
ލޮލް އޮޑިޓަރު
07 August 2025
އޮޑިޓަރު މިހާރު ފިލޯސަފަރަކަށް ބަދަލުވީތަ؟.
އިސްމާލު2.0
08 August 2025
އޮޑިޓަރުންނަކީ ބަހަވީ މާނައިގަ އަޑުއަހާ މީހާ. ދެން އެހެންނޫނަސް އެމީހުންނަކީ ފުދޭވަރަކަށް ސްކެޕްޓިކް ކަމާއި އެކު މަސައްކަތްކުރާ ބައެއް. އެހެންވީމާ، ގުރީކް ފިލޮސޮފީ އަކީ ވަރަށް ބޮޑަށް އެ މަސައްކަތުގެ ތެރޭ ހިމެނޭ އެއްޗެއް.