އައިޖީއެމްއެޗުގެ އައިނު ފިހާރައިގައި ބަޔަކު މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ / މިހާރު
10 އޯގަސްޓް 2025 - 15:42
އަގު ބޮޑުކޮށް އައިނު ހައްދަން ޖެހޭ މައްސަލައަށް ހައްލު ހޯދައިދޭން އައިޖީއެމްއެޗުގައި ހުޅުވި ސަރުކާރުގެ އައިނު ފިހާރައިން 10 ދުވަސް ތެރޭގައި 700 އައިނު ހައްދާފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
އައިޖީއެމްއެޗުގައި އައިނު ފިހާރަ ހުޅުވީ މިދިޔަ މަހުގެ 27 ގަ އެވެ. އެ ދުވަހުން ފެށިގެން، އެ ތަނުން އައިނު ހައްދަން ގިނަ ބަޔަކު ވަނީ އެޕޮއިންޓްމަންޓަށް އެދިފަ އެވެ. މިހާތަނަށް ދުވާލެއްގެ މައްޗަށް 70 އެއްހާ މީހުންނަށް ވަނީ އައިނު ހައްދައިފަ އެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް "މިހާރު"އަށް ވިދާޅުވީ ފިހާރަ ހުޅުވިތާ 10 ދުވަސް ތެރޭގައި މިހާތަނަށް 692 އައިނު ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިން 411 އައިނު ހަވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބާކީ ހުރި އައިނުތައް ވެސް، ކަސްޓަމަރުން އަންނަ ވަރަކަށް ހަވާލުކުރާނެ ކަމަށް ވިދާޅުވި އެވެ.
އައިނު ފިހާރަ ހުޅުވުމާއެކު އެ ތަނުގެ ވެއިޓްލިސްޓު ވެސް ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. ނަމަވެސް، ހަލީމް ވިދާޅުވިގޮތުގައި ހިދުމަތަށް ނަން ނޯޓުކުރާ އެންމެންނަކީ އައިނު ހައްދަންޖެހޭ ބައެއް ނޫނެވެ.
"މި ވަގުތު ވެއިޓްލިސްޓުގައި 1،659 މީހުން އެބަތިބި. އެކަމަކު، ލޮލުގެ ޕްރެޝަރާއި ސްކްރީން ހެއްދުމަށް ފަހު ނިންމާނީ އައިނު ހައްދާނީތޯ ނުވަތަ ނޫންތޯ. އޭގެ ތެރޭގައި ތިބެދާނެ އައިނު އަޅަން ނުޖެހޭ މީހުން ވެސް،" ހަލީމް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި އައިނު ފިހާރައިގެ ވެއިޓްލިސްޓުގައި، އެކަކު ގުޅައިގެން ގިނަ ބައެއްގެ ނަން ނޯޓުކޮށްފައިވެ އެވެ. ކިއު ދިގުވާ އެއް ސަބަބަކީ އެއީ އެވެ.
އައިނު ފިހާރައަށް އޮތް ވެއިޓްލިސްޓު ކުޑަކުރަން ހުޅުމާލެ ހޮސްޕިޓަލުގައި ވެސް މި މަހުގެ ތެރޭގައި ފިހާރައެއް ހުޅުވަން ވަނީ ނިންމައިފަ އެވެ.
އައިޖީއެމްއެޗްގައި ލޮލުގެ އެކި ބަލިތަކަށް ފަރުވާ ދިނަސް، އައިނާ ގުޅޭ އެއްވެސް ހިދުމަތެއް ނުދޭތީ އެ ވިޔަފާރީގައި އިސްކޮށް އުޅެނީ އަމިއްލަ ފަރާތްތަކެވެ. އެކަމަކު، އެ ތަންތަނުން ވިއްކާ އައިނުގެ އަގުބޮޑުވުމުން އަމިއްލަ ޖީބުން ވެސް ކޮންމެ ފަހަރަކު ބޮޑު ހޭދައެއް ކުރަންޖެހޭތީ އާންމުންގެ ޝަކުވާ ވަރަށް ބޮޑެވެ.
އެހެންވެ، އައިނުގެ ވިޔަފާރިގެ ނާޖައިޒު ފައިދާ ނެގުން ހުއްޓުވުމަށް އައިޖީއެމްއެޗުގައި އައިނުގެ ވިޔަފާރި ފަށަން ނިންމާފައިވާކަން މިދިޔަ މެއި މަހުގެ ފަހުކޮޅު އިއުލާންކުރެއްވީ ރައީސް މުއިއްޒެވެ.
ސަރުކާރުގެ އައިނު ފިހާރަ އިން އައިނު ހައްދަން 3335150 އަށް ގުޅާލައިގެން ނަން ނޯޓު ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވާލުސޮރު
11 August 2025
އާއްމު ގިނަ މީހުނަށް، އަދި ނޫސްވެރިންނަށްވެސް އަރާފައޮންނަ އޮޅުމެއް ސާފުކޮއްލަދޭނަން. ސަރުކާރުގެ ފިހާރައެއް، ކުންފުންޏެއް ނުހުންނާނެ، އެއީ ދައުލަތުގެ ތަންތަން. ސަރުކާރަކީ ދައުލަތް އިދާރީގޮތުން ހިންގަން ގާނޫނީގޮތުން ރައީސުލް ޖުމްހޫރިއްޔާ ހަވާލު އިދާރާއެއް.
އައިނު
11 August 2025
ކޮންމެ ކަމެއް ހިލޭ އޮންނަ އޮތުން ދިވެހިރާއްޖޭގައި ބަދަލުވާންޖެހޭ. ދިގުމުއްދަތަށް ބަލާއިރު މިފަދަ ކަންކަމުން ގައުމަށް ލިބޭ ގެއްލުންބޮޑު. ތިކަންކަމަށްވުރެ ރައްޔިތަކަށް ހަމަޖެހިގެން އާއިލާއެއް ގޮވައިގެން އުޅެވޭނެ ގެދޮރުވެރިކަން ދިނުމުން ހުރިހާގޮތަކުންވެސް ފައިދާކުރާނެ.
ކަރަދުއިބްރާހީމް
11 August 2025
އައިޖީއެމްއެޗުން އައިނުފިހާރައެއްގެ ޚިދުމަތް މިހާތަނަށް ނުދީ އޮތީ ކޮންމެވެސް ސަބަބުތަކަކާހުރެދޯ މާލޭގައި އައިނުވިއްކާމަޝްހޫރު އައިނު ފިހާރަތަކުގެ އޯނަރުން މިކަންއައިޖީއެމްއެޗުން ނުފެށުމަށް އެންމެފައިސާ ފޮއްޗެއްވެސް ރިޝްވަތުގެ ގޮތުގައި ދީފައިނުވާނަމަ އައިނު ވިޔަފާރިކުރާ ހުރިހާއޯނަރުންނަށް ސެލިއުޓް ކުރަމެވެ އެއްޗެއްދީގެން މިކަން ނުފަށަން ބާރެއް އަޅަންހިތްވަރު ދީކަމެއް ކޮށްފައިވާނަމަ އެމީހުންގެ ވިކުރާއިން އެކަން ފެންނާނެނަމައޭ ހިތަށްއެބައަރައެވެ
އާމްދަނީ
11 August 2025
ޔައުނީ 10 ދުވަހުން 1.4 މިލިޔަނުގެ އާމްދަނީއެއް ލިބިއްޖެއޭ. އެހެންވީމާ ޚިދުމަތް އިތުރަށް ރަނގަޅުކުރޭ.
އައިކެއަރ_ސެނަހިޔަ
11 August 2025
ތީކީ އަދިއެއްޗެއްނޫނެއްނު އަހަރެމެން 1 ދުވަހުގެ ސޭލްސް ތީ
ރަމްޒޫ01
10 August 2025
އައިޖީއެމްއެޗުގެ އައިނު ފިހާރައިން 09/08/2025 ވަނަ ދުވަހު ޚިދުމަތް ހޯދީ ނަންބަރު ނަގާފައި އައިނު ސެލެކޮޓް ކޮށްފަދިނުމުން ބުނީ ނިންމާފަ ގުޅާނަމޭ 10/08/2025 ވަނަ ދުވަހު 16:00 ގުޅާފަބުނި ނިމިއްޖެޔޭ ބަލާ އަންނަން 18:00 ބަލާ ދިޔުމުން ހަވާލުކޮށްފި އެއްވެސް މައްސަލައެއް ނެތް ހަމަ ބަރާބަރު އަތުން އެއްވެސް ލާރިޔެއް ދޭން ނުޖެހުނު ކުރިން އައިކެރ އިން ހަދަމުން އައީ އާސަންދަ ކަނޑާފަ ދޭންޖެހޭ 3000 މިހެޔޮވެރިކަމެއް ކަމަށް ލަފާކުރެވޭ ކުރެވުނު ތަޖުރިބާއިން .....
ހުމާމާ ވަހީދު
10 August 2025
ސަރުކާރުގެ މިފަދަ ހަރުދަނާ ސިޔާސަތު ތަކުގެ ސަބަބުން ރައްޔިތުން ގެ އަސާސީ ބޭނުންތައް ފުދި އިގްތިސާދު ކުރެވޭ
ރަދީފްއޮފިޝަލް /
10 August 2025
ސަރުކާރު ފިހާރަތަ؟؟ ދައުލަތުގެ ފިހާރަތަ؟؟
ގުދުގުދާބެއްޔާ
10 August 2025
ކިއުގަ ތިބި ވަރުވެސް ބުނެލިނަމަދޯ؟ އިގޭހާއެއްޗަކީ 1500 މީހުން ކިއުގައެބަތިބިކަން ތިޔަ ނުލިބި!
ބޯބުރާންތި
10 August 2025
ކީކޭތަ ތިކިތަނީ؟ މިލިޔުމުގައި އެއޮތީ ބުނެފަ 1659 މީހުން ވެއިޓްލިސްގަ ތިބި ވާހަކަ. ވެއިޓް ލިސްޓާ ކިއުއާ އެއީ ވަކި ދެއެއްޗެއްތަ؟
ބަކުރުު
11 August 2025
ގުދުގުދާބެއްޔާ އެއްނޫން ކިޔަންވީ. ގުދޯގުދޯބެއްޔާ
ރަދީފްއޮފިޝަލް / ދޭހަ
11 August 2025
މިއަދުގެ ގިނަ ޒުވާނުން ސްކޫލުން ނިކުންނައިރުވެސް 4 ވަރަކަށް ޖުމްލައިގަ އޮންނަ އެއްޗެއް ދޭހަނުވޭ.ދެރަ ދޯ.ނަމަވެސް ސްކޫލްތަކުން ހެސްކިޔާފަ ކިޔަވައިދޭ.
ހިލޭ ބަހާ ފިހާރަ
10 August 2025
ހިލޭ އައިނު ބަހާ ފިހާރައަކުން 700 ކީއްކުރަން 7000 އައިނުވެސް މަދު. ކޮންމެ ދުވަހަކު ދެދަޅައަށް ޓީވީ އިންނާ ނޫސްތަކުން ތި އައިނު ފިހާރައިގެ ވާހަކަ އެބަދައްކާ! އައިނު އެޅީމަ ގައުމުގެ ކަންކަން ރަގަޅުވީތަ؟
ބޭސް އައިނު
10 August 2025
އެއީ އައިނު ވިއްކާ ފިހާރައެއް ނޫން.. ލޮލުގައި މައްސަލަ ހުންނަ ފަރާތްތަކަށް ނަންބަރު އައިނު ހައްދައިދޭ ތަނެއް އެއީ.. ލޮލުގެ ފެނުން ރަނގަޅު މީހުންނަށް، އައިނު ބަހާތަނެއް ނޫން.. ދުވާލު 4 ދަމުވެސް، އައިނު ފިހާރައިގެ ވާހަކަދައްކައި، ރައްޔިތުންގެ ޖީބުން އެންމެ ބައި ރުފިޔާއެއްވެސް ޚަރަދު ކުރަން ނުޖެހި ސަލާމަތްވާނަމަ، އެވެސް ބޮޑުވަރެއް..
ކޮންކަމެއް
10 August 2025
އަސަރު ކުރީ އޭ ދޯ