ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ނެޝަނަލް ފާޓިލިޓީ ސެންޓަރުގައި އައިވީއެފް ހަދައިގެން ފުރަތަމަ ފަހަރަށް ދަރިއަކު އުފަންވެފައިވާ ކަމަށް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް މިއަދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ހަލީމް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ނޭޝަނަލް ފާޓިލިޓީ ސެންޓަރުގައި "އައިވީއެފް" މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކާމިޔާބު ކަމާއެކު ދަރިއަކު އުފަންވި ހަބަރު އެއްސެވީ އުފަލާ އެކުގައި ކަމަށެވެ.

އެެއީ  ރާއްޖޭގައި ދަރިމައިވުމުގެ ސިއްހަތާގުޅޭ ފަރުވާ ހޯދަމުން އަންނަ އާއިލާތަކަށް ލިބުނު އުއްމީދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"މާތް ﷲގެ މިންވަރުފުޅާއެކު ލިބުނު މި ތާރީހީ ކާމިޔާބީއަކީ ރާއްޖޭގައި ދަރިމައިވުމުގެ ސިއްހަތާގުޅޭ ފަރުވާ ހޯދަމުންދާ އާއިލާތަކަށް ލިބުނު އުއްމީދެއް. މި ފުރުސަތުގައި، މި މަސައްކަތުގައި ޝާމިލްވި މި ހޮސްޕިޓަލުގެ ނޭޝަނަލް ފާޓިލިޓީ ސެންޓަރުގެ ޓީމަށާއި އެޓީމަށް ތަފާތު ގޮތްގޮތުން އެހީތެރިވި އެހެނިހެން ޑިޕާޓްމަންޓުތަކަށް ޝުކުރާއި މަރުހަބާ ދަންނަވަން. އެބޭފުޅުންގެ މިންނެތް މަސައްކަތަށް އަޅުގަނޑުމެން ފަހުރުވެރިވަން، އެކްސްގައި ކުރެއްވި ޕޯސްޓްގައި ހަލީމް ވިދާޅުވި އެވެ.

އައިވީއެފްގެ ހިދުމަތް ހޯދުމަށް ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހުމަކީ، މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ދިވެހި އާއިލާތައް އުފުލަމުންދިޔަ ބޮޑު ތަކުލީފެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަށް ދާއިމީ ހައްލެއް ހޯދަން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، 15 ނޮވެންބަރ 2024 ގައި ރަސްމީކޮށް ހުޅުވި ނެޝަނަލް ފާޓިލިޓީ ސެންޓަރަކީ ދިވެހި އާއިލާތަކަށް ލިބުނު ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.  

މިދިޔަ އަހަރު ރިޔާސީ ބަޔާން އިއްވަވަމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ދަރިމައިނުވުމުގެ މައްސަލައިގައި، ދޭންޖެހޭ ފަރުވާ ރާއްޖެއިން ނުލިބުމަކީ ހިތާމަވެރި މައްސަލައެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ. 

އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ފާޓިލިޓީ ސެންޓަރެއް ގާއިމުކުރުމުގެ އިތުރުން، "އެންޑޯމެޓްރިއޯސިސް" އަދި "ޕީސީއޯއެސް"ގެ ފަރުވާ، އާސަންދަ ސްކީމުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ. 

ނެޝަނަލް ފާޓިލިޓީ ސެންޓަރު ގާއިމްކުރުމުގެ އިތުރުން އައިވީއެފް ހަދަން އެހީތެރިވާން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ވަނީ ފަންޑެއް ވެސް ގާއިމްކޮށްފަ އެވެ. އެ ފަންޑުން ވަނީ މިދިޔަ އަަހަރާއި އޭގެ ކުރީ އަހަރު ވެސް ގިނަ އާއިލާތަކަކަށް އެހީތެެރިކަން ދީފަ އެވެ.