އައިޖީއެމްއެޗްގެ ލެބޯޓްރީ ގްރައުންޑު ފްލޯއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވެއްޖެ އެވެ.

އޭނާ "މިހާރު"އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އެކި ދުވަސްވަރު އެކި ހިދުމަތްތަކުގެ ލޯޑު ބޮޑުވާ ކަމަށެވެ. އޭގެ ތެރެއިން، ބަންދު ދުވަސްތަކުގައި ލެބޯޓްރީ ޓެސްޓު ހަދަން ސާމްޕަލް ނެގުމަށް ގިނައިރު މަޑުކުރަން ޖެހުމާއި ހުސްބަނޑާ ހުރެ ހަދާ ޓެސްޓުތަކަށް ސާމްޕަލް ނެގުން ލަސްވުމުގެ ޝަކުވާތައް ލިބޭ ކަމަށް ހަލީމް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ އެ ތަނުން ހިދުމަތް ހޯދަނީ ހަމައެކަނި އައިޖީއެމްއެޗުން ފަރުވާ ހޯދާ މީހުން އެކަނި ނޫން ކަމަށާއި އަމިއްލަ ކްލިނިކް/ހޮސްޕިޓަލްތަކުން ފަރުވާ ހޯދާ ގިނަ ބަޔަކު ވެސް ޓެސްޓު ހަދަން އައިޖީއެމްއެޗަށް ދާކަން ފާހަގަކުރެއްވި އެވެ. 

އެ ޓެސްޓުތައް ހަދަން ފުރަތަމަ ފަންގިފިލާއަށް އެރުމަކީ ހިދުމަތް ހޯދާ ގިނަ ބަޔަކަށް އުނދަގޫ ކަމަކަށް ވާތީ ސާމްޕަލް ނެގުން ގްރައުންޑު ފްލޯއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"...މިހާރު އެބަ މަސައްކަތްކުރަން ލޭ ނަގާ ސަރަހައްދު ގްރައުންޑަށް ބަދަލުކުރަން،" އޭނާ ވިދާޅުވި އެވެ. 

ސާމްޕަލް ނެގުން ބަދަލުކުރަން ހަމަޖައްސާފައިވަނީ ޑެންޓަލް ޑިޕާޓްމަންޓު ކުރިން ހިންގި ތަނަށެވެ. އެއީ، ޖާގަ ތަނަވަސް ތަނަކަށް ވުމުން ހިދުމަތް ދިނުމުގައި ފަސޭހަވާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

ސިޑިން އަރަން އުނދަގޫ މީހުންނަށް ނާސިން ސްޓޭޝަނުން ސާމްޕަލް ނެގޭނެ ގޮތް އައިޖީއެމްއެޗްގައި މިހާރު ވެސް ހަމަޖައްސާފައި ހުރެ އެވެ. އެކަމަކު، އެ ނޫން ހާލަތްތަކުގައި ވެސް އިރުއިރުކޮޅަކާ ސިޑިން އަރައި ފޭބުމަކީ ފަސޭހަކަމަށް ނުވާތީ ބަދަލުތަކެއް ގެންނަން ނިންމީ ކަމަށް، މިދިޔަ އާދިއްތަ ދުވަހު ދެއްވި އިންޓަވިއުގައި ހަލީމް ވިދާޅުވި އެވެ.