ތުޅާދޫ އެއާޕޯޓު ހަދަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އަދި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޖަމްޝީދު މިއަދު ސޮއިކުރައްވަނީ.---ފޮޓޯ: އެމްޓީސީސީ
11 އޯގަސްޓް 2025 - 17:55
ބ. ތުޅާދޫ އެއާޕޯޓް ހަދަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަވާލުކުރި ކުންފުނީގެ އެއްބަސްވުން އުވާލައި އެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ކުރީގެ ސަރުކާރުން ޖުލައި 2023 ގައި އެ މަސައްކަތް ހަވާލުކުރީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުނިން އެ އަހަރުގެ ސެޕްޓެމްބަރު މަހު އަމަލީ މަސައްކަތް ވެސް ފެށި އެވެ. އެއީ އަމިއްލަ ކުންފުނިތަކުން ފަންޑު ކުރާ ގޮތަށް، ރިސޯޓް ހަދާނެ ރަށެއް ލިބޭ އުސޫލުން އެއާޕޯޓް ހަދަން ނޮވެމްބަރު 22 ގައި އިބޫގެ ސަރުކާރުން ހުޅުވާލި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ.
އެކަމަކު، އެ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އޮގަސްޓް މަހު ތުޅާދު އަށް ވަޑައިގެން މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެހާ ހިސާބަށް ވެސް މަސައްކަތް ކުރިއަށް ނުދާ އެއާޕޯޓް އެ މަނިކުފާނުގެ ވެރިކަމެއްގައި ނިންމާނެ ކަމަށެވެ.
"ކުރަން ނުކުރަން އުޅޭ އެއާޕޯޓްގެ މަސައްކަތް ކޮށް ނިންމާފައި ދައްކާނަން. އަޅުގަނޑުމެންނަކީ ކުރަން ކުރަން އުޅޭ ބައެއް ނޫންކަން އެނގޭނެ. ކުރާނެ ކަމަށް ބުނެފައި އޮތިއްޔާ ކޮށްފައި ދައްކާނަން،" ރައީސް މުއިއްޒު އޭރު ވިދާޅުވެފައި ވެ އެވެ.
"ޝައްކު ނުކުރައްވާ. ރައްޔިތުން އެދޭ ކަންކަމުގައި އަޅުގަނޑުމެން ހުސް ވައުދެއް ނުވާނަން. ފައިނޭންސް ހޯދާނެ ގޮތާއި ކަމުގެ ޓެކްނިކަލް މައުލޫމާތު އަޅުގަނޑުމެން އަތުގައި ހުންނާނެ."
ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނީ، 2023 ގެ އެއްބަސްވުން އުވާލައި ތުޅާދޫ ޑޮމެސްޓިކް އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ދައުލަތުގެ ކުންފުނި އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ މަސައްކަތުގެ އަގަކީ 570,260,350.80ރ. އެވެ. ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކޮށް ނިންމަންޖެހޭ މުއްދަތަކީ 660 ދުވަހެވެ.
ތުޅާދޫ އެއާޕޯޓު ހަދަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އަދި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޖަމްޝީދު މިއަދު ސޮއިކުރެއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: އެމްޓީސީސީ
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނިގޮތުގައި ތުޅާދޫގައި ހަދަނީ 1،800 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ކަމަށެވެ. އަދި އެއީ ކޯޑް 3C ގެ ރަންވޭއެއް ކަމަށް ބުންޏެވެ.
"އަދި މިއަދު ސޮއެކުރެވުނު އެއްބަސްވުމުގެ ދަށުން އެއާޕޯޓު ގާއިމުކުރުމަށްޓަކައި 55.4 ހެކްޓަރުގެ (2،231،740.00 ކޮޑި މީޓަރުގެ ވެލި) ބިން ހިއްކައި، 2،804 މީޓަރުގެ ރޮކް ރިވެޓްމެންޓް އަދި 1،677 މީޓަރުގެ ޖިއޯ ބޭގް ރެވެޓްމެންޓް ޖެހިގެން ދާނެ އެވެ،" މިނިސްޓްރީން ބުންޏެވެ.
ސަރުކާރުން ބުނީ، ތުޅާދޫގައި އެއާޕޯޓެއް އަޅަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއް އަދި ސިނާއީ ސަރަޙައްދަކުން ވިޔަސް އެންމެ ގިނައިރު ވެގެން 30 މިނިޓުން ފޯރާނެ ދުރުމިނެއްގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމްކޮށް، ގައުމީ ޑޮމެސްޓިކް އެއާޕޯޓް ވިއުގާ ފުޅާކުރުމަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝަހުމް އާދަމް
12 August 2025
މީ އަހަރުމެންގެ އެތައް ދުވަސްވީ އުއްމީދެއް. ކުލަޖެހޭތީ ނިކަން އުފާވޭ. މުޅި ތުޅާދޫ ރައްޔިތުން މިތިބީ ނިކަން އުފަލުން.
ބުހާރީ
11 August 2025
ދިވެހިންނަށް ހެޔޮ އެއްގޮތެއްވެސް ނޯންނާނެ، އެއަރޕޯޓް އަޅަނި އެ ސަރަޙައްދު ތަކުގައި ދިރިއުޅޭ ރައްޔިތުން އެކަމަށް އިންހާއަށް އެދޭތީ، ދިވެހިރާއްޖެ ހިންގޭނީ ދިވެހި ރައްޔިތުން އެދޭގޮތަށް
އޮނަރަބްލް އަފީފު ދީދީ
11 August 2025
ރާއްޖެ އެއްފަސްކޮށް 50 ހަކަށް ރަށުގައި މީހުން ދިރިއުޅޭގޮތަށް ހަމަޖެއްސުމުގެ ޤައުމީ ތަރައްޤީގެ ޕްރޮޤްރާމް ފެއްޓުމުގެ ގޮތުން އެކަން ފަށައިގަތުމަށް އެންމެ ރަނގަޅު އަތޮޅަކީ ބ.އަތޮޅު ކަމަށްދެކެން. ރަނގަޅަށް އިންތިޒާމް ކޮށް ރޭވުން ތެރިކަމާއި އެކު އޭދަފުށި ނޫން ބ.އަތޮޅުގެ އެހެން ހުރިހާ ރަށްތަކެއްގެ މީހުން ދަރަވަންދުއާއި ތުޅާދުއަށް ބަދަލު ކުރަން މަސައްކަތް ކޮށްފިނަމަ 2028 ގެ އިންތިޚާބުގެ ކުރިން ބ.އަތޮޅަކީ 3 ރަށުގައި މީހުންދިރިއުޅޭ އަތޮޅަކަށް ހަދާ ލެވޭނެ.
އޮނަރަބްލް އަފީފު ދީދީ
11 August 2025
މަތީގައި ދެންނެވިގޮތަށް 13 ރަށުގައި މީހުން ދިރިއުޅޭ ބ.އަތޮޅުގައި 2028 ގެ ފަހުން މީހުންދިރިއުޅޭނީ ހަމަ އެކަނި އޭދަފުށި، ދަރަވަންދޫ އަދި ތުޅާދޫގައި ކަމަށް ކަޑައަޅައިފި ނަމަ ދުނިޔޭގެ އެންމެ މަޝްހޫރު ލަޤްޒަރީ އެތައް ރިސޯޓް އެއަތޮޅެއްގައި އޮތް ބ.އަތޮޅުގެ ރައްޔިތުންނަކީ ކ.މާލެ ފިޔަވާ އެމީހުންދިރިއުޅޭ ރަށުން އަސާސީ ހުރިހާ ހިދުމަތްތައް ލިބިގެން ރާއްޖޭގައި މީހުންދިރިއުޅޭ އެންމެ ރަނގަޅު 3 ރަށް އޮތް އަތޮޅު ކަމަށް ވެގެން ދާނެ ކަމާއިމެދު ޝައްކެއްނެތް.
އަދިއްޕެ
11 August 2025
ހިސާބު ޖައްސަވާ! އަދަދު ނޯޓުކުރައްވާ، ތާރީހު ހައިލެޓްކޮށްލައްވާ! ތިޔައީ ކައުންސިލް އިންތިހާބަށް ދައްކާލާ ދަޅައެއް. ތިޔަ އެއަރޕޯޓު އަޅާނެ ފައިސާއެއް އެމްޓީސީސީ އަކު އަދި ދިވެހި ސަރުކާރަކު ނުހުންނާނެ. މޮޔައިންކަމަށް ހީކޮށް ދިވެހިރައްޔިތުންނަށް ތިޔަޒާތުގެ މައްލަވަނުކުރޭ. މިއީ 90 ގެ އަހަރުތަކެއްނޫން. އިންތިހާބަށް ދިމާކޮށް ކަޑަޖަހާ ރޯނު އައްސާ ބާރުކޮށް، ރަށްރަށުގައި ބަކަރިކޮށި ހަދައި އުޅުނު ދުވަސް މިއަދު މާޒީވެއްޖެ. މިފަހަރު ތޮއްޑުދަށުން ދާނެ!
ކުޑާދަނު
11 August 2025
މަރުހަބާ!!!!!! ތުޅާދޫ ރައްޔިތުން!!!!!! އެއަރޕޯޓް އެޅީމަ އާދަނުވެސް ތިރަށަށް ޖައްސާލާނަށް
މަސްއޫދު ހާސަން
11 August 2025
ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަކީ އެމްޑީޕީގެ ޕޭޕަރ ކުންފުންޏެއް، އެ ކުންފުނިން ނެގި ހުރިހާ ލާރިއެއް ދިނީ އެމްޑީޕީ ރިޔާސީ ކެމްޕޭނަށް.
ހަމްދާ
11 August 2025
އެއާ ޕޯޓް އެޅުމަކީ މިހާރު ޖޯކަކަށް ވެއްޖެ.
ށޭޑް
11 August 2025
ކ.އަތޮޅުގަ 1 އެއާޕޯޓުން ހުރިހާ ކަމެއް ވެ ، ބ.އަތޮޅުގަ 2 އެއާޕޯޓް. އަޅެފަހެ އަޖައިބެއް!. ތާކުން ތާކު ނުޖެހޭ ކަންކަން ކުރަން ފަށަނީ.!
ބ އަތޮޅު
11 August 2025
ސަރުކާރަށް ޓެކްސް ދައްކަނީ ކ އަތޮޅު މީހުން އެކަނިތަ؟