މަޖިލީހުގައި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވާހަކަ ދައްކަވަނީ.
19 އޯގަސްޓް 2025 - 12:19
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅިގެން، އެ ބިލް ދިރާސާ ކުރާ ކޮމިޓީ މަރުހަލާގައި ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހައި، އެންމެން އެއްބަސްވެވޭ ހައްލެއް ގެނެވޭނެ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވި ގޮތުގައި މީގެ ކުރިން ހަންނާނު ހުށަހެޅުއްވި ބިލު ބޭރުކޮށްލުމުން، އާ ބިލުގެ މަސައްކަތުގައި އޭނާ ވެސް ބައިވެރިވެވަޑައިގެން އެހީތެރިކަން ފޯރުކޮށްދެއްވި އެވެ.
މީޑިއާގެ ބައެއް ބޭފުޅުންނާ ވާހަކަ ދައްކަވައި، "ހިޔާލުތައް އެއްގަނޑަކަށް" ގެނެވޭތޯ މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ ފަހުން މަޖިލިހަށް ހުށަހެޅުއްވީ ބައިނަލްއަގްވާމީ ވަރަށް ގިނަ މިންގަނޑުތަކާ އެކު އެކުލަވައިލި ބިލެއް ކަމަށެވެ.
އެހެންވެ، ނާޒިމް ވިދާޅުވީ މިހާރުގެ ބިލު ބަލައިގަނެ، ކޮމިޓީ މަރުހަލާގައި އެއާ ގުޅޭ ކަންބޮޑުވުމެއް އޮތް ނަމަ އެންމެންނަށް އެއްބަސްވެވޭ ހައްލެއް ގެނެވޭނެ ކަމަށާއި މިއީ އަމިއްލަ މެމްބަރަކު ހުށަހެޅުއްވި ބިލަކަށް ވާތީ އެ ފުރުސަތު ވަރަށް ބޮޑަށް ތަނަވަސްވާ ކަމަށެވެ.
ނާޒިމް ތުހުމަތު ކުރެއްވި ގޮތުގައި މީޑިއާތަކުން މިހާރު ފެނިވަޑައިގަންނަވަނީ އެއްވެސް ހިފެހެއްޓުމެއް ނެތި މީހުންގެ އަބުރަށް އަރައިގަންނަ މަންޒަރެވެ. އަދި އާންމު މަސްލަހަތު ގެއްލޭ ގޮތަށް މީޑިއާތަކުން އަމަލު ކުރަމުންދާ ކަމަށް ވިދާޅުވެ އެ އަށް ވުރެ ރަނގަޅު ގޮތެއް އޮތްތޯ ބަލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
މީޑިއާތައް މިހާރު ހިންގަމުން އަންނަ ގޮތަށް ފާޑުވިދާޅުވެ ނާޒިމް ވިދާޅުވީ ހުރިހާ މީޑިއާއަކަށް ވެސް ފައިނޭންސް ކުރަނީ އިޝްތިހާރުތައް ފަދަ އެއްޗެހިން ކަމަށާއި އެހެންވީމާ މީޑިއާއަކީ ވަކި ބައެއްގެ ދަށުވެފައި އޮންނަ އެއްޗަކަށް ވެގެން ނުވާނެ ކަމަށެވެ.
މަޖިލީހަށް އަމިއްލަ މެމްބަރަކު އެ ބިލު ހުށަހެޅުއްވިޔަސް މަޖިލީހުގެ ތަޅުމުގައި ބިލަށް ބަހުސް ކުރެއްވި ހުރިހާ ޕީއެންސީގެ މެމްބަރުން ވެސް ވަނީ މީޑިއާ ކޮންޓްރޯލްކުރާ އެ ބިލަށް ތާއީދު ކުރައްވައިފަ އެވެ.
ބިލުގެ ބަހުސް މިއަދަށް ނިންމާލީ އިތުރަށް ދިރާސާކޮށް، މެމްބަރުންނަށް ބަހުސް ކުރައްވަން ފުރުސަތު ދިނުމުގެ ގޮތުން އަންނަ ދައުރުގައި ވެސް އެ ބިލުގެ ބަހުސް ކުރިއަށް ގެންދާ ގޮތަށެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި އެ ބިލްގެ ފުރަތަމަ ކިޔުން އިއްވައި ބަހުސް ފެށިއިރު، ބިލްގައި ބަޔާންކުރާ ކަންތައްތަކުގެ ކަންބޮޑުވުންތަކާ ގުޅިގެން ބައެއް ނޫސްވެރިން ތިބީ މަޖިލިހުގެ ގެލަރީގަ އެވެ. އެ މީހުން ތިބީ ބިލާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން އަނގަމަތީގައި މަލަން އަޅައިގެންނެވެ.
އެ ބިލުގައި ވަނީ އެމްއެމްސީ އާއި ބްރޯޑްކާސްޓިން ކޮމިޝަނުގެ ޒިންމާތައް އެއްކޮށްލައި، މީޑިއާ ކޮމިޝަނާ ހަވާލުކުރާ ގޮތަށެވެ.
ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޝަނުގައި މަޖިލީހުގެ ރުހުމާ އެކު ތިން މެމްބަރުން ކޮމިޝަނަށް އައްޔަންކުރުމުގެ ބާރު ރައީސަށް އޮތް ނަމަވެސް ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިހާބުކުރާ މެންބަރުންނެވެ. ކޮމިޝަންގެ ރައީސަކު ކަނޑަޅުއްވަނީ ބިލްގައިވާ ގޮތުން ރައީސެވެ.
އެ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކުރުމާ އެކު ރަޖިސްޓްރީ ބާތިލުކުރެވޭނެ ކަމަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ. އަދި ވަކިވަކި ނޫސްވެރިން 5،000-25،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އާ ބިލުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކުޑަދޫ2
19 August 2025
ނާޒިމްއަކީ ތެދުވެރި ނަޒާހަތްތެރިއެއްކަމަށް ގިނަމީހުން ގަބޫލުނުކުރޭ. އަދި އަހަރެންވެސް ނުކުރަން
ގަރުދިޔަ
19 August 2025
މިހާރުވެސް މި ޤައުމު މިއޮތީ ކަރަޕްޝަނުގެ ހާއްޔަކަށްވެފަ. ނޫސްވެރިން އަނގަމަތީ މަލަން އެޅީމަ ދެންތާ ކޮަރަޕްޝަނުގެ ބޮޑުމަސްތަކަށް ހަމަނޭވާލެވޭނީ.
ޓިނު
19 August 2025
މާދަންވެސް ވެރިކަންގެއްލިއްޖެނަމަ ތިގެގެންނަ ހުރިހާ ބަދަލެއް ގޯސްވާނެ
ދިދަ ބަންޑެލި
19 August 2025
ނާޒިމުތަ މިހާރު ބޮޑުމީހާއަކީ... ހާދަސާފު ހުދު ފޮތިކޮޅެކޭ..
ابً٩٥
19 August 2025
ބައެއްފަހަރު އެބަހީވޭ މީނަމީ ޤައުމުގެ ރައީސް މީހާހެން. ކޮންމެވެސް ކަމަކާހެދި ބަދުލުހިފަން އުޅެނީ. ކުރީގަ ކެޔޮކޭވަރެއް ހަނދާނެއްނެއް މިހާރު.
ޑޮކްޓަރ ވާނުވާގެ ކަޒިން
19 August 2025
މާނައެކީ ބ. ތުޅާދޫ ދާއިރާގެ މެމްބަރ ހަންނާނުގެ ދުލުން ހުށައެޅި ބިލެކީ މ. ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމްގެ ހުށައެޅުމެކޭދޮއްތޮ ؟
ޖެނެޓު
19 August 2025
ހައްލަކަށް އެއްބަސްވާކަށް ނުޖެހޭ. ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ފުޅާކޮން އޮންނަންޖެހޭ. ތިހާ ބިރުން އުޅޭ ބަޔަކު ވެރިކަމަށް ނާދެބަލަ. މުޅި ދައުލަތް މުށުތެރެއަށް ލައިގެން މި ދައުލަތުގެ ބައިތުލްމާލު އަމިއްލަ ތަރިކައަށް ހަދައިގެން ފިލެނެ ކަމަށް ހީކުރުމަކީ ކުށްހީއެއް. އަތުލާނަން.
ދޮގު ދޮގު ދޮގު
19 August 2025
ގަބޫލުކުރަންދަތި. އަނިޔާވެރިވެގެން ހާސިލުވާނެކަމެއް ނޮއޮންނާނެ